މިދިޔަމަހު 17 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ދީނީއެއްބައިވަންތަކަމުގެ ޤަވާއިދު އޮތް ގޮތުން އިސްލާމްދީންނޫން އެހެން ދީންތައް ފެތުރުމަށް ފުރުސަތުދޭކަމަށް ޢަދާލަތު ޕާޓީގެ ރައީސް ޢައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ ކަލާފާނު ސްކޫލުގައި ޢަދާލަތު ޕާޓީން ބޭއްވި ޖަލުސާގައި ވާހަކަފުޅުދައްކަވަމުން ޝައިހް އިމްރާން ވިދާޅުވީ މިހާރު ފާސްކޮށްފައިވާ ދީނީ އެއްބައިވަންތަކަމުގެ ޤަވާއިދުގެ ސަބަބުން އިސްލާމްދީން ނޫން އެހެން ދީންތައް ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ހަނިގޮތަކަށް ނަމަވެސް އެހެން ދީންތައް ފެތުރުމުގެ ފުރުސަތުދޭކަމަށެވެ. އަދި އިސްލާމްދީން ދިވެހިންގެތެރޭގައި ކުރިއެރުވުމަށް މަސައްކަތްކުރާފަތްތަކަށް އަނިޔާކޮށް އުނދަގޫކުރާ މަންޒަރު ވަރަށް އަވަހަށް ފެނިގެން ހިނގައިދާނެކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ޢަދާލަތު ޕާޓީގެ މެމްބަރުންގެ ވިސްނުމާ އެއްގޮތަށް ސާބިތުކަމާއެކު ޢަދާލަތު ޕާޓީން އަމަލުކުރަންޖެހޭނެކަމަށާއި އެގޮތުގައި ކުރިއަށްދިޔުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް ދާދިފަހުން ޕާޓީގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޝައިހް އިމްރާން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަދާލަތު ޕާޓީގެ އިލްމްވެރިން މަޖިލީހުގެ ނާއިބް ރައީސް އައްޝައިހް އިލްޔާސް ޙުސައިން ވިދާޅުވީ ތައުލީމީ ދާއިރާގެތެރެއިން ދިވެހި ޒުވާނުންގެ އަޤީދާ ބަލިކަށިކޮށްލުމަށްޓަކައި އަދުގެ ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށާއި ނަތިޖާއެއްގެ ގޮތުން ބައެއް ޒުވާނުންގެ ކިޔަމަންތެރިކަން ގެއްލިފައިވާކަމަށެވެ.
ޢަދާލަތު ޕާޓީގެ އެހެން ބައެއް އިސްވެރިންވެސް މިޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...