ފެންނަ ގޮތުގައި މާތް މީހެކެވެ. ވާހަކާގައި ވަނީ ބަލާޣާތްތެރިކަމާ ފަސާޙާތްތެރި ކަމެވެ. މާތް ﷲ އާއި، އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު ގިނަގިނައިން ޛިކުރު ކުރެއެވެ. އެހެންނަމަވެސް ދައްކަނީ ޢަޖައިބު ކުރަނިވި ވާހަކަތަކެކެވެ. މި ޢަޖައިބު ކުރަނިވި ވާހަކަތަކުގެ ތަފްސީލަކަށް އަޅުގަނޑު ޖެހިލާނަމެވެ.
މަރުވުމަށްފަހު އަޅުގަނޑުމެން ބައްދަލު ކުރަނީ އުޚްރަވީ ޙަޔާތާއެވެ. އެ ހަޔާތުގައި ބާއްޖަވެރިންގެ ގޮވައްޗަކީ ސުވަރުގެއެވެ. އަބާއްޖަވެރިންގެ ގޮވައްޗަކީ ނަރަކައެވެ. އެޙަޔާތުގެ ބާއްޖަވެރިޔަކީ މިދުނިޔޭގެ ޙަޔާތުގައި އޭނާގެ ދީނަކީ އިސްލާމް ދީން ކަމުގައި ހަދައިފި މީހެކެވެ. ބާއްޖަވެރިންގެ ގޮވަތި ސުވަރުގެ ޙައްޤުވެގެންވަނީ ތައުޙީދުގެ މަތީގައި ޘާބިތުވެ ހުރެ މިދުނިޔެއާ ވަކިވެދާ މީހާއަށެވެ. ބުޑިސްޓުންނާއި، ހިންދޫން، ނުވަތަ ޔަހޫދީންނާއި ނަޞާރާއިންނަކަށް ނޫނެވެ. މިއީ އަޅުގަނޑުމެންގެތެރެއިން އެންމެ އާދައިގެ މުސްލިމް މީހާވެސް ދަންނަ ޙަޤީޤަތެކެވެ. މި ޙަޤީޤަތާ ދިމާ އިދިކޮޅަށް، ބުޑިސްޓުންނާއި، ހިންދޫން މަރުވުމުން އެއުރެންނަށް މާތް ﷲ ސުވަރުގެ މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރުމީ ކިހާ ޢަޖައިބު ކުރުވަނިވި ކަމެއްތޯއެވެ؟
ޒިނޭ ކުރުމާއި، ޒިނޭގެ ދަރިން ހޯދުމަކީ އިސްލާމްދީން އެންމެ މަތީ ދަރަޖާގައި މަނާކުރައްވާފައިވާ ބޮޑު ފާފައެކެވެ. މި ޙަޤީޤަތް ބަޔާން ކުރުމާއެކު، ތަހުޒީބު މުޖުތަމަޢުތަކުގައި އެއީ މައްސަލައެއް ނޫންކަމަށް ދޭހަވާގޮތަށް ވާހަކަދެއްކުމީ، އިސްލާމްދީނަކީ ނާތަހުޒީބު ދީނެކޭ، އިސްލާމީ މުޖުތަމަޢު ތަކަކީ ނާތަހުޒީބު މުޖުތަމަޢު ތަކެކޭ ބުނުން ނޫންތޯއެވެ؟ ދީނުގެ ލިބާހުން ފަރުދާވެތިބެ މިބާވަތުގެ ވާހަކަ ދެއްކުމަކީ ކިހައި ޢަޖައިބު ކުރުވަނިވި ކަމެއްތޯއެވެ؟
ކޮންމެ ކަމެއް ކުރިޔަސް، މުސްލިމުން އެކަމެއް ކުރަން ޖެހޭނީ ދީނުގެ ހުދޫދުގެ ތެރޭގައި ތިބެގެންނެވެ. ޢައުރަ ނިވާ ކުރުމަށް މީހަކަށް ނަސޭޙަތްތެރިވާނީ ބަރަހަނާ ފޮޓޯ ދައްކައިގެނެއް ނޫނެވެ. އަދި އައުރަ ނިވާ ނުވާ ޒާތުގެ ހެދުން އިޝްތިހާރުކޮށް އެ "ޕްރޮމޯޓް" ވާގޮތަށް ވާހަކަ ދައްކައިގެނެއްވެސް ނޫނެވެ. އޮރިޔާން ކާޑު އިޝްތިހާރުކޮށްފައި، އައުރަ ނިވާ ނުވާވަރުގެ ހެދުން ލައިގެން ހުރި މީހަކަށް މީހުންގެ ސަމާލުކަން ލިބުނު ވާހަކަ ކިޔައިދިނުމަށްފަހު، މިއީ އައުރަ ނިވާ ކުރުމަށް ނަސޭހަތްތެރިވަނީ އޭބުނުމީ ކިހައި ޢަޖައިބު ކަމެއްތޯއެވެ؟
މަތީގައިވާ މިސާލުތަކާ އެއްގޮތަށް ކަންކުރާ މީހުން އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި މަދުންނަމަވެސް އުޅެއެވެ. އެފަދަ މީހުން ދީނަށް ލޯބިކުރާ، އިސްލާމްދީން ޢިއްޒަތްތެރި ކުރާ މީހުންގެ ގޮތުގައި ޢާންމުންނަށް ދެއްކިގެންތިބެ ފަރުދާގެ ފުރަގަހުން ހިންގަނީ އަޅުގަނޑުމެން ހޭވެރިވާންޖެހޭ ވަރުގެ ބޮޑު ޖަރީމާއެކެވެ. އެއީ އިސްލާމްދީނާއި މެދު މީހުންގެ ހިތުގައިވާ ޣީރަތްތެރިކަން ކަނޑުވާލުމެވެ. މީހުންގެ ފިކުރާ ކުޅެލައި، ދީނުގެ ތެރެއިން އައު ފިރުޤާތައް އުފަން ކުރުމެވެ. އިސްލާމީ އުއްމަތް ބައިބައި ކޮށްލައި މުސްލިމުން ބަލިކަށި ކޮށްލުމެވެ. މިފަދަ މީހުން އެމީހުންގެ އައު ފިރުޤާ ފެތުރުމަށް ރީތި ނަންނަމުގައި ވެބްސައިޓް ތަކާއި ބްލޮގްތައް ހަދައިގެން ހިންގައެވެ. އަދި މީހުންގެ ސަމާލުކަން ލިބޭފަދަ އާދަޔާ ޚިލާފު ސުރުޙީތަކާއި، ލިޔުންތައް ޝާއިއު ކުރެއެވެ. މިފަދަ ލިޔުންތަކާއި، މީހުންގެ ކެހިވެރިމަޅިން ތިޔަބޭފުޅުން ސަލާމަތްވެތިބެ، ސަމާލުވެ ލައްވާށެވެ!
ބަހުރު ވެބްސައިޓްގައި ތިޔަ ދެންނެވި ފަދަ މުޑުދާރު ލިޔުންތަކެއް ޝާއިއުކުރަމުންދާތީ އެސައިޓް ބަންދުކުރުމަށް އަޅުގަނޑު ގޮވާލަން!