ދިއިސްލާމް ލަންޑަނުގައި މުޒާހަރާކުރަމުންދާ މީހުން ބޭންކުތަކާ ދެކޮޅުކަން ހާމަކުރުމަށް ކޭމްޕްކޮށްފި

ލަންޑަނުގައި މުޒާހަރާކުރަމުންދާ މީހުން ބޭންކުތަކާ ދެކޮޅުކަން ހާމަކުރުމަށް ކޭމްޕްކޮށްފި

ލަންޑަނުގައި މުޒާހަރާކުރަމުންދާ މީހުން ބޭންކުތަކާ ދެކޮޅުކަން ހާމަކުރުމަށް ކޭމްޕްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މުޒާހަރާ ކުރަމުންދާ ގާތްގަނޑަކަށް 250 ހެއްހާ މީހުން ލަންޑަނުގެ ސެންޓް ޕޯލް ފައްޅީގެ ބޭރުގައި މިދިޔަ އާދީއްތަ ދުވަހު ކޭމްޕްކޮށްފި އެވެ.

މި މީހުން ބުނަމުން ދަނީ ބައިނަލް އަގްވާމީ އިގްތިސާދީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން އެމީހުންގެ ހިތްތަކުގައި ބޭންކުތަކާއި ސިޔާސީ ފަރާތްތަކާ މެދު އުފެދިފައިވާ ރުޅިވެރިކަން ހާމަކުރުމުގެ ގޮތުން ވަކި މުއްދަތެއްނެތް ގޮތަށް އެސަރަހައްދު އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި ބާއްވާނެ ކަމުގައެވެ.

އޮކިއުޕައި ވޯލް ސްޓްރީޓް ހަރަކާތުން ހިއްވަރު ލިބިގެން ދަހިވެތި މުއްސަނދިންނާއި އިގްތިސާދީ މަންފާ ހިއްސާކުރުމުގައި ގެންގުޅެމުންދާ ބޭއިންސާފު ގޮތްތަކާ ދެކޮޅަށް ފެށި މި ހަރަކާތް ފެށިފައިވަނީ ހޮނިހިރު ދުވަހު އެތައް ހާސް ބަޔަކު ލަންޑަން ސްޓޮކް އެކްސްޗޭންޖު ކައިރިއަށް އެއްވެ އެތަން އެމީހުންގެ ބާރުގެ ދަށަށް ގެންނަން މަސައްކަތް ފެށި ހިސާބުންނެވެ.

ލަންޑަން ސްޓޮކް އެކްސްޗޭންޖު ކައިރިއަށް އެއްވުމުން ފުލުހުންގެ ސަފުތައް އެމީހުންނަށް ހުރަސްއަޅަން ފެށުމުން ދެން މިސްރާބުޖެހީ ލަންޑަން ސްޓޮކް އެކްސްޗޭންޖާ ޖެހިގެން ހުރި ފައްޅިއާ ދިމާލަށެވެ. ފައްޅި ކައިރީގައި 70 އެއްހާ ފޭލިގެ ޖެހުމަށްފަހު އެތާނގައި ރެއާ ދުވާލު ތިބުމަށް ވަނީ ނިންމާފައެވެ.

އެތާނގައި ތިބެވެން އޮތް އެންމެ ދިގު މުއްދަތަކަށް ތިބޭނެކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

"މިހާރު ކަންތައް މާ މައްޗަށް ގޮސްފިކަމަށް އެތައް ރައްޔިތުންނެއް އެދަނީ ބުނަމުން. އަހަރުމެން ބޭނުމީ ހަގީގީ ޑިމޮކްރަސީ. ބޮޑެތި ކުންފުނިތަކާއި ބޭންކުތަކުގެ މަސްލަހަތަށް މަސައްކަތް ކުރާ ޑިމޮކްރަސީ އެއް ނޫން." ، މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ޖޭން މެކިންޓައަރ ބުންޏެވެ.

ލަންޑަނުގައި ހިނގަމުންދާ މުޒާހަރާއަކީ ހޮނިހިރު ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި މިފަދަ އެތައް މުޒާހަރާތަކުގެ ތެރެއިން އެއް މުޒާހަރާއެވެ. މީގެ ތެރެއިން އެންމެ ބޮޑު މުޒާހަރާ ބާއްވާފައިވަނީ އިޓަލީގެ ވެރިރަށް ރޯމްގަ އެވެ. އެމުޒާހަރާގައި ހެޔޮ ބަދަލަށް ފެންބޮވައިގެންފައި ތިބި ހަރަކާތްތެރިންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި ހަމަނުޖެހުން އުފެދިފައި ވެއެވެ.

މުޒާހަރާގެ ބައިވެރިންގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ހާމަކުރާ ގޮތުގައި ފައްޅީގެ އިސްފާދިރީއެއްގެ އެދުމުގެ މަތިން ލަންޑަނުގެ ފުލުހުންވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މަދުކޮށްފައެވެ. މި ނިންމުން ނިންމާފައިވަނީ ފުލުހުން ހޮނިހިރު ދުވަހު ހަރުކަށިކަމާއެކު ހަރަކާތްތެރިވެފައިވާ ކަމުގެ ތުހުމަތު ކުރެވެމުން ދަނިކޮށެެވެ.

މުޒާހަރާ ފެށިގެން އައި ގޮތުގެ ތަހުގީގެއް ކުރާނެކަމުގައި ފުލުހުން ބުނެއެވެ. ނަމަވެސް މުޒާހަރާގެ ކޭމްޕުތައް ރޫޅާލާނެތޯ ކުރެވޭ ސުވާލަށް ވަކި ޖަވާބެއް ދިނުމަށް އިންކާރުކޮށްފައި ވެއެވެ.

މީޑިޔާގެ ސަމާލުކަން ނުހަނު މަތީ ދަރަޖައަކަށް ލިބުނު ނަމަވެސް "އޮކިޔުޕައި ލަންޑަން" މުޒާހަރާ، މިފަހަކަށް އައިސް ލަންޑަންގައި ބޭއްވުނު އެހެން މުޒާހަރާތަކާ އަޅާބަލާއިރު ކުޑަކަމަށް ފާހަގަ ކުރެވެއެވެ.

މިދިޔަ މާޗް މަހު މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުން އިންތިޒާމްކޮށްގެން އިނގިރޭސި ކޯލިޝަން ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި އެތައް ހާސް ބަޔަކު ބައިވެރިވެފައި ވެއެވެ. އަދި ޔުނިވާސިޓީ ޓިއުޝަން ފީ ބޮޑުކުރަން މަސައްކަތްކުރުމާ ދެކޮޅަށް އެތައް ހާސް ދަރިވަރުންނެއް މިދިޔަ އަހަރު މުޒާހަރާ ކޮށްފައި ވެއެވެ. އެއިން ކޮންމެ ހަރަކާތެއްވެސް ނިމިފައިވަނީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވުމަށް ފަހު އެވެ.

މަސްދަރު: އަރަބްނިއުސް

ޓެގް

މާލީ ނިޒާމް ލަންޑަން ސްޓޮކް އެކްސްޗޭންޖް މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.