ދިއިސްލާމް އެމެރިކާ އޮތީ އަމިއްލަ އަތުގައި ދަތްއަޅައިގެން: އަފްޣާނިސްތާންގެ އިސްލާމީ ޢިމާރާތް

އެމެރިކާ އޮތީ އަމިއްލަ އަތުގައި ދަތްއަޅައިގެން: އަފްޣާނިސްތާންގެ އިސްލާމީ ޢިމާރާތް

އެމެރިކާ އޮތީ އަމިއްލަ އަތުގައި ދަތްއަޅައިގެން: އަފްޣާނިސްތާންގެ އިސްލާމީ ޢިމާރާތް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަފްޣާނިސްތާނުގެ އިސްލާމީ ޢިމާރާތުގެ ފަރާތުން ނެރުނު 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބު ރިޕޯރޓުގައިވާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުތެރޭގައި އެމެރިކާގެ 902 މީހަކާއި ނޭޓޯ ލަޝްކަރުގެ 85 މީހަކު އަދި އެމެރިކާ އިސްވެ އޮންނަ އެއްބައިވެފައިވާ ލަޝްކަރުތަކުގެ 53 މީހަކު މުޖާހިދުންގެ ހަމަލާތަކުގައި މަރާލާފައިވެ އެވެ.

އެކިއެކި ޤައުމުތަކުން އަފްޣާނިސްތާނަށް ވެރިވެފައިވާ ލަޝްކަރުތަކުގެ ސިފައިންގެ ތެރެއިން މަރާލެވިފައިވާ މީހުންގެ ޢަދަދު ޖުމްލަ 1150 އަށް އަރާފައިވާކަމަށްވެސް މި ރިޕޯރޓްގައި ހާމަކޮށްފައިވެ އެވެ. މި ރިޕޯރޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު މަހުގައި ޝަހީދުވެފައިވަނީ މުޖާހިދުންގެ ތެރެއިން 84 މުޖާހިދަކެވެ.

ސެޕްޓެމްބަރު މަހު ތެރޭގައި އަފްޣާނިސްތާނުގެ 35 ޕްރޮވިންސެއްގައި އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް 831 ޖިހާދީ އޮޕަރޭޝަން ހިންގިފައިވާކަމަށް ފާހަގަކޮށްފައިވާއިރު، އިސްތިޢުމާރީ ބާރުތަކާ އެކު 53 ކުރިމަތިލުމެއް ހިނގާފައިވާކަމަށްވެސް މި ރިޕޯރޓްގައި ބަޔާންކޮށްފައިވެ އެވެ.

މި ރިޕޯރޓްގައި އެމެރިކާއާއި ނޭޓޯގެ ލަޝްކަރުތަކުން ހިންގާފައިވާ ބައެއް ލާއިންސާނީ ޢަމަލުތަކާ ބެހޭ ތަފާސް ހިސާބުވެސް ގެނެސްދީފައިވެ އެވެ. އެގޮތުން އެމެރިކާއާއި އިސްތިޢުމާރީ އެހެނިހެން ބާރުތަކުން އަފްޣާނިސްތާނުގެ 64 މަދަނީއަކު ޝަހީދުކޮށްލާފައިވާކަމަށް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ 3 މުޖާހިދުންނެވެ. ދެން ތިބީ ހަނގުރާމައާ ބެހުމެއް ނެތް ކުށެއް ނެތް ޢާއްމު ރައްޔިތުންނެވެ.

8 ޞަފްޙާގެ މި ރިޕޯރޓާއެކު ސެޕްޓެމްބަރު 10 ވަނަ ދުވަހު އަފްޣާނިސްތާނުގެ އިސްލާމީ ޢިމާރާތުގެ ފަރާތުން ޢާއްމު ކުރި "9/11އަށް 10 އަހަރު ވުމާ ގުޅިގެން ނެރުނު ބަޔާން"ވެސް ޝާޢިޢުކޮށްފައިވެ އެވެ.

ބިސްމިއަށް ފަހު މި ބަޔާން ފައްޓާފައިވަނީ އަންނަނިވި ޖުމްލަތަކުންނެވެ.

"ކޮންމެ އަހަރެއްގެ 9/11 އިންވެސް އަފްޣާނީންނަށް ހަނދާންކޮށްދެނީ އެއްވެސް ގޮތަކުން އެމީހުންގެ ރޯލެއް ނުވާ ހާދިޘާއެއްގެ މަތިންނެވެ. އެހެނަސް، މި (9/11ގެ ޙާދިޘާ) ބަހަނާއަކަށް އަދި ނުފޫޒަކަށް ދައްކައިގެން އެމެރިކާގެ އިސްތިޢުމާރު އެތައް ދިހަހާސް ކުށެއްނެތް ނިކަމެތި އަފްޣާނީންގެ ލޭ އޮހޮރުވި އެވެ. އަދިވެސް މި އަނިޔާވެރިކަން ދަނީ ކުރިއަށެވެ."

މި ރިޕޯރޓްގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު 11 ގެ މައްސަލަ ތަޙުޤީޤްކުރުމަށް އަފްޣާނިސްތާނުގައި އޭރުއޮތް އިސްލާމީ ވެރިކަމުގެ ފަރާތުން ގޮވާލަމުން ދަނިކޮށްވެސް، އެމެރިކާއާއި އެމެރިކާއާ އެކު ކޯލިޝަން ހަދާފައިވާ ބާރުތަކުން އެގޮވާލުމަށް އިޖާބަނުދީ، އަފްޣާނިސްތާނަށް ފޮނުވަމުން ދިޔައީ ކްރޫޒް މިސައިލްތަކާއި ފައްކާކޮށްފައިވާ ވިހަ ޔުރޭނިއަމް އަޅާފައިވާ ހަތިޔާރުތަކެވެ.

މީގެ އިތުރުންވެސް އެމެރިކާއިން ހިންގާފައިވާ ތަފާތު ލާއިންސާނީ ޢަމަލުތަކަށް އަލިއަޅުވާލުމަށް ފަހު މިބާޔާނުގައި ފާހަގަކުރައްވާފައިވަނީ އެފަދަ "އިންސާނިއްޔަތާ ޚިލާފް މި ހުރިހާ ޖަރީމާއެއް ހިންގާފައިވަނީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް ދުނިޔޭގައި ފަތުރާކަމަށް ދަޢުވާކުރުމުގައި އެންމެ ކުރީގައި އުޅޭ މީހުންނެވެ." އެމެރިކާގެ މި އަނިޔާވެރިކަމާ ދެކޮޅަށް މުޖާހިދުން ކުރަމުންދާ ހިތްވަރުގެ ސަބަބުން އެމެރިކާ މިހާރުވަނީ "ދެރައާއި ހާސްކަމާއެކު އަމިއްލަ އަތުގެ އިނގިލިތަކުގައި ދަތްއެޅިފައި" ކަމަށް މި ބަޔާނުގައި ސިފަކޮށްފައިވެ އެވެ.

މި ބަޔާން ނިންމާލައްވަމުން ބައިނަލް އަޤްވާމީ ދުނިޔެއަށް ގޮވާލައްވާފައިވަނީ "ހަނގުރާމަ ފަތުރަމުންދާ އެމެރިކާ އަހަރެމެންގެ ޤައުމާއި ޤުދުރަތީ ވަޞީލަތްތައް ކައި ހުސްކުރުމުގެ ކުރިން" އެކަން ހުއްޓުވުމަށް އެމެރިކާއަށް ޕްރެޝަރ ކޮށްދިނުމަށެވެ. މިފަދައިން މިކަން ނުވެއްޖެނަމަ، އަފްޣާނީންގައި ދެމިގެންވާ ވަރުގަދަ ހަނގުރާމައެއް ކުރުމުގެ ހިތްވަރު ހުރިކަމަށް އެބަޔާނުގައި ހާމަކުރައްވާފައިވާއިރު ބަޔާން ނިންމާލައްވާފައިވަނީ، "މީގެ ކުރިންވެސް އަފްޣާނިސްތާނަށް އަރާފައިވާ ދުނިޔޭގެ ބާރުތައް ބޭރުކޮށްލި ފަދައިން، ﷲ ގެ އިރާދަފުޅާއެކު، އެމެރިކާވެސް ތާރީޚްގެ ޑަސްބިނަށް ފޮނުވާލަން ޖެހިދާނެ" ކަމުގެ އިންޒާރު އެމެރިކާއަށް ދެމުންނެވެ.

ޓެގް

އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.