
ވަޒީފާ ނެތިފައި ތިބި އެމެރިކާގެ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްތައް ކުރަމުން ދާކަމަށް އެމެރިކާއިން ބުނަމުން ދާ ނަމަވެސް، ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަށްނުވާކަމަށް އެމެރިކާގެ ބިޔުރޯ އޮފް ލޭބާ ސްޓެޓިސްޓިކްސް އުން ނެރުނު ރިޕޯޓަކުން ދައްކައިފިއެވެ.
ހިސާބުތައް ދައްކާގޮތުން މިހާރުވެއް އެމެރިކާގައި، ވަޒީފާއެއް ނެތިފައި 14 މިލިއަނަށްވުރެއް ގިނަ މީހުން އެބަތިިއްބެވެ. އަދި މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ވަޒީފާ ނެތް މީހުންގެ އަދަދަށް މާ ބޮޑު ބަދަލުތަކެއް އައިސްފައި ނުވާކަމަށް ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.
ލޭބާ ޑިޕާޓްމެންޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެމެރިކާގައި ފަހުގެ ތާރީހެއްގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އެންމެ މަށްޗަށް ގޮސްފައިވަނީ، 1982 ވަނަ އަހަރުގެ ނޮވެންބަރ މަހު އެވެ. އެ ފަހަރު ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ %10.8 ގައެވެ. އަދި މި ނިސްބަތް އެންމެ ދަށްވެފައި ވަނީ 1953 ވަނަ އަހަރުގެ މޭ މަހާއި ޖޫން މަހުއެވެ. އެފަހަރު ވަޒީފާ ނެތް މީހުންގެ ނިސްބަތް %2.5 އަށް ވަނީ ދަށަށް ގޮސްފައެވެ.
އެމެރިކާގެ އިޤްތިޞާދީ ސިޔާސަތުތަކާ މެދު ހިންހަމަ ނުޖެހިގެން 'އޮކިއުޕައި ވޯލް ސްޓްރީޓް" ގެ ނަމުގައި ބޮޑެތި މުޒާހަރާތަކެއް އެމެރިކާގައި ކުރިޔަށް ދާ މިދަނޑިވަޅުގައި، އެމެރިކާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަށް ނުކުރެވުމަކީ ސަރުކާރަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...