الحمد لله، والصلاة والسلام على رسول الله، أما بعد:
ހެޔޮކަމެއް އެނގިއްޖެ ނަމަ އެއްމެ ފުރަތަމަ ތިމާ އެކަމަށް އަމަލު ކުރާށެވެ! އެއަށް ފަހުގައި އެ ހެޔޮކަން އެހެން މީހުނާއި ހަމައަށް ފޯރުކޮށްދޭށެވެ! އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ކުޅަދާނަވީ މިންވަރަކުން ކުރުން ވާޖިބު ކަމެކެވެ. رسول الله صلى الله عليه وسم ގެ އަރިހުން ޞައްހަވެގެން ވެއެވެ. އެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. (( بَلِّغُوا عَنِّي وَلَوْ آيَةً )) [صحيح البخاري، عن عَبْدِ اللَّهِ بْنِ عَمْرٍو، ج 11، ص 277]. “ތިމަން ރަސޫލާގެ އަރިހުން އެންމެ އާޔަތެއް (ބަސްފުޅެއް) ނަމަވެސް ފޯރުކޮށްދޭށެވެ!”
ވީމާ އިސްލާމްދީނުގެ ދަޢުވަތު، ﷲގެ ބަސްފުޅުތަކާއި އެކަލާނގެ ރަސޫލާގެ ގޮތްކޮޅު އުނގެނި، އަމަލު ކުރުމާއި އެކުގައި މީސްތަކުންނާއި ހަމައަށް ފޯރު ކޮށްދިނުމާއި ފެތުރުމަށް މަސައްކަތް ކުރުމަކީ ހުރިހައި މުސްލިމުންގެ މައްޗަށް ވާ ކަމެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޢިލްމު ހުރި މިންވަރަކަށެވެ. ކުޅަދާނަކަން ހުރި ވަރަކުންނެވެ. މިއަދުގެ ދުނިޔޭގައި ދީނީ މައުލޫމާތު އެކަކު އަނެކަކަށް ފޯރުކޮށްދިނުމަކީ ވަރަށް ގިނަ މީހުނަށް ވަރަށް ކުޑަ ޚަރަދަކާއި ވަރަށް ކުޑަ މަސައްކަތަކުން ކުރެވޭނެ ކަމެކެވެ. އެސްއެމްއެސް އާއި އީ އިންޓަރނެޓްގެ ޒަރިއްޔާއިންނެވެ. ކަންނެއް ކަމުން ނުވަތަ ދީނީ ކަންތައްތަކާއި އަޅައި ނުލުމުގެ ގޮތުން މިވަރުވެސް ނުކުރުމަކީ މުސްލިމަކަށް އެކަށީގެންވާ ކަމެއް ނޫނެވެ.
ވީމާ އިތުބާރު ހިފޭ ރަނގަޅު ޢިލްމުވެރިންނާއި އެފަދަ ބޭފުޅުންގެ ވެބްސައިޓާއި ބްލޮގް އަދި ޢިލްމީ ދަރުސްތަކާއި ވަޢުޡު ނަސޭހަތް މުސްލިމުންގެ އިސްލާޙަށްޓަކައި ފޯވާރޑް ކޮށް ފެތުރުމަކީ ހެޔޮވެގެންވާ ޞަދަގާތެކެވެ. ދަރުމަ ގިނަގުނަވެގެންވާނެ ކަމެކެވެ. އިތުރު އެކަލޭގެފާނު ހަދީޘްކުރައްވާފައި ވެއެވެ. ((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) [صحيح مسلم، ج 9، ص 486] މާނައަކީ: ” ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭ ފަދަ އަޖުރާއި ޘަވާބު ހުއްޓެވެ.”
ނަމަވެސް ހިތާމައަކީ، އިސްވެ ނަންގަނެވުނު ފަދަ ހެޔޮކަންތައްތައް ހާސިލު ކުރަން ބޭނުންވާ ވަރަށް ގިނަ މީހުނަށް ހެޔޮ ކަމުގެ ބަދަލުގައި ކުރެވެނީ ނުބައި ކަމެކެވެ. ޘަވާބުގެ ބަދަލުގައި ހާސިލުވަނީ ފާފައެވެ. އެއީ ތިބާއަށް ލިބޭހައި އެއްޗެއް އެހެން މީހުނަށް ފޯވާރޑް ކުރުމެވެ. ޕާސް ކުރުމަށް މީހުން އެދޭ ހުރިހައި އެއްޗެއް ޕާސް ކުރާތީއެވެ. މިގޮތަށް ފޮނުވޭ ވަރަށް ގިނަ މެއިލް ތަކަކީ އިތުބާރު ހުރި އެއްޗިއްސެއް ނޫނެވެ. ރަނގަޅު އިލްމުވެރިންގެ އެއްޗިއްސެއް ނޫނެވެ.
އަދި ކިއެއް ޢިލްމީ ތަހުގީގުތަކާއި ޚިލާފަށް ދީނުގެ ނަމުގައި ހަދައިފައިވާ ބޮޑެތި ދޮގުތައްވެސް މިފަދަ ބައެއް އެއްޗިހީގައި ހިމެނެއެވެ. މިފަދަ އެއްޗެއް ޕާސް ކޮށްގެން ލިބޭނީ ކޮން ސަވާބެއް ތޯއެވެ. އަދިކިޔެއް އެކަމުން ލިބޭނީ ފާފައެވެ. އަދި އޭގެ އިތުރުން އިސްލާމީ ޢާޤީދާ އާއި ސަލަފުއް ޞާލިހުންގެ މަންހަޖާއި ޚިލާފު އެތަކެއް ގަބޫލުކުރުންތަކާއި ނުބައި ވިސްނުންތައް މިފަދަ ގިނަ މެއިލް ތަކުގައި އެކުލެވިގެން ވެއެވެ. އެފަދަ ގިނަ މެއިލް ތަކުގައި: "މި މެއިލް މިތައް މީހުނަކަށް ޕާސް ނުކޮށްފި ނަމަ އެވެނި މިވެނި ގެއްލުމެއް ލިބޭނެއެވެ." މިފަދަ ހަގީގަތާއި ޚިލާފު ބަސްތައް ހިމެނެއެވެ.
އީމާންކަން ބަލިކަށި ވަރަށް ގިނަ މީހުން މިފަދަ ކަންކަން ގަބޫލު ކޮށް އެހެން މީހުންނަށް އެ ފޯވާރޑް ކުރެއެވެ. މިގޮތުން އިސްލާމްދީނުގެ ޞައްހަ މައުލޫމާތު ފިޔަވައި ދީނުގެ އަސްލު އުސޫލުތަކާއި ޚިލާފު ތަކެތި ދީނުގެ ނަމުގައި ފެތުރެއެވެ. މީ ނުބައިވެންވާ ކަމެކެވެ. މިފަދަ ކަމަކަށް ވާގިވެރިވާ މީހަކު ފާފަވެރި ނުވާނީ ކިހިނަކުންތޯއެވެ. އިތުރު އެކަލޭގެފާނުންގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ((وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ )). [صحيح مسلم، ج 5، ص 198]. މާނައަކީ: “އިސްލާމްދީނުގައި ނުބައި ކަމެއް ފަށައިފި މީހަކަށް އެކަން ކުރުމުގެ ފާފައާއި އެކަން ކުރާ މީހުންގެ ފާފަ އެމީހުނަށް އުނިވުމަކާއި ނުލައި ލިބޭނެއެވެ.” ހެޔޮ ކަމަކަށް މަގުދެއްކުމުން ޘަވާބު ގިނަގުނަ ވާފަދައިން ނުބައި ކަމަކަށް މަގުދައްކައި އެހީވުމުން ފާފަވެސް އިތުރުވެއެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ތިބާގެ އިންބޮކްސް އަށް އަންނަ މެއިލްތައް ބަލައި ތަހުގީގުކޮށްފައި ހެޔޮ، ރަނގަޅު އެއްޗެއް މެނުވީ ތިބާގެ އަޚާއަށް ނުފޮނުވާށެވެ! އަދި ހަގީގަތް ނޭންގޭ ތަކެތި ގަބޫލުވެސް ނުކުރާށެވެ! އެހެން ނޫންނަމަ އެއީ ތިބާގެ ނުބައި އަމަލުގެ ފަތް ބަރު ކުރުމަށްޓަކައި އެއަށް އިތުރު ކުރެވޭ ނުބައި ވައިރަހެކެވެ.
ﷲ ސުބްހާނަހޫ އަޅުގަނޑަށާއި އެއްމެހައި މުސްލިމުންނަށް އެކަލާނގެ ރުއްސަވާ ފަދަ ހެޔޮ އަމަލު ކުރުމުގެ ތައުފީޤު ދެއްވައި އެކަލާނގެ ނުރުއްސަވާ އެއްމެހައި އަމަލުތަކުން ރައްކާތެރި ކުރައްވާށި! އާމީން!
والله أعلم وصلى الله على محمد وآله وسلم
ރަނގަޅު މެސެޖެއް ލިބުނީމަ އެ މެސެޖުގަ ވާގޮތަށް ޢަމަލުނުކޮށް ފޯވާޑުކުރުން އެއީ ކޮންކަހަލަ ކަމެއްތޯ؟