ޚުލަފާއުއްރާޝިދޫންގެ ދައުރަށް ފަހު އެކި ދަރިފަސްކޮޅުން އިސްލާމީ ބޮޑު ވެރިކަން ހިންގާފައި ވެއެވެ. އެންމެ ފަހުން އިސްލާމީ ދަތުސްތޫރަށް ޙުކުމް ކުރުމުގެ މުސްލިމުންގެ ވެރިކަން އޮތީ ތުރުކީ ވިލާތުގަ އެވެ. އެއީ ޢުޘްމާނީ ދަރިކޮޅުން ކުޅަ އިސްލާމީ ވެރިކަމެކެވެ. މިވެރިކަމުގެ ފަހުކޮޅުގައި ފެނިގެން ދިޔަ އެންމެ ވަރުގަދަ ރަންތަރި އަކީ އައްސުލްޠާނު ޢަބްދުލްޙަމީދު (ދެވަނަ) އެވެ.
މުސްލިމުންގެ ތާރީޚީ ޝަޚްޞިއްޔަތަކަށް ބަލާއިރު އިސްލާމްދީނާއި މުސްލިމުންގެ ދުޝްމިނުން އެފަރާތެއްގެ ނަން ހުތުރުކޮށް ތާރީޚް އޮޅުވާލައި އަނިޔާވެރިވެފައިވާ އެންމެ ބޮޑު އެއް ޝަޚްޞިއްޔަތު ކަމުގައި އެމަނިކުފާނު ވާނެ އެވެ.
އައްސުލްޠާނު ޢަބްދުލްޙަމީދު (ދެވަނަ) އަކީ ތުރުކީ ވިލާތުގައި މަޝްހޫރުވެގެން ދިޔަ އިސްލާމީ ދަރިފަސްކޮޅެއް ކަމުގައިވާ ޢުޘްމާނީ ދަރިފަސްކޮޅުގެ އަގުހުރި ބަޠަލެކެވެ. އެމަނިކުފާނަކީ ޢުޘްމާނީ ރަސްކަލުންގެ ތެރެއިން، ޢުޘްމާނީ ޚިލާފަތުގައި 34 ވަނަ އަށް ރަސްކަން ކުރެއްވި ޢިއްޒަތްތެރި ވެރިޔާ އެވެ.
ޢުޡްމާނީ ވެރިކަމަކީ އެންމެ ފަހުން މި ބިންމަތީ ތަމްސީލް ވެގެން ދިޔަ އިސްލާމީ ޚިލާފަތެވެ. މުސްލިމުންގެ އެންމެ ބޮޑު ވެރިކަމެވެ. ޢުޘްމާނީން އިސްލާމީ ޚިލާފަތު ނެގެހެއްޓި ޒަމާނަކީ ބައިނަލްއަގުވާމީ ރޭވުންތަކާއި ވެރިކަމަށް ދަހިލަވަމުން އައި އުއްމަތުގެ އަދާވާތްތެރިންގެ ގޮނޑިކޮއްކޮ އިންގެ ޙަސަދަވެރި ކަމާއި އިދިކީލަ ކަމާއި ދެކޮޅުވެރިކަން އެންމެ ބޮޑުވެފައިވާ ދުވަސްވަރޭ ބުނުމަކީ އިސްލާމީ ތާރީޚްގައި އައި އެފަދަ އެހެން ޙާލަތްތަކުގެ އަގުދަށްކުރުމަކަށް ނުވާނެއެވެ.
އައްސުލްޠާނު ޢަބްދުލް ޙަމީދުގެ ޢަދާވާތްތެރިންނަކީ ޙަޤީޤަތުގައި އިސްލާމީ އުއްމަތުގެ ޢަދާވާތްތެރިންނެވެ. އޭތެރޭގައި ޢަރަބިންނާއި އަރުމީނުންނާއި އަދި ތުރުކީ ވިލާތުން އިސްލާމީ ވެރިކަން ނައްތާލާ އަލްމާނީ ވެރިކަމެއް ގެނައުމަށް އެއްބައިވި އިއްތިޙާދުގެ ބައިވެރިންނާއި ޔަހޫދީން ހިމެނިގެން ވެއެވެ. މިއެންމެން ތިބީ އެ ސުލްޠާނުގެ އަގުހުރި ދައުރުގެ ތާރީޚު އޮޅުވާލައި އެހެންމީހުންގެ ހިތުގައި އެމަނިކުފާނާ މެދު ނަފުރަތު އުފައްދައި، އިސްލާމީ އުއްމަތުގެ ދުވަސް ދުއްވާލުމަށްޓަކައި ދޭންޖެހުނު ކޮންމެ ޤުރްބާނީ އެއް ދީގެން ވިޔަސް އެކަން ކުރުމަށް ތައްޔާރުވެގެންނެވެ. އެހެން ނަމަވެސް ޔަހޫދީންގެ ނޭއްގާނީ ކަމާއި އަނިޔާވެރި ބައިނަލްއަޤުވާމީ ރޭވުންތަކުގެ ކުރިމަތީގައި ފަރުބަދައެއްހެން އައްސުލްޠާނު ޢަބްދުލްޙަމީދު ސާބިތުވެ ވަޑައިގެންނެވިއެވެ. މިކަމުގައިވެސް އިސްލާމީ އަބްޠާލުންގެ ލާމަސީލު މިސާލު ދެއްކެވި އެވެ. ނަތީޖާ އަކަށްވީ ނަފުރަތު ކުރާ މީހުންގެ ނަފްރަތާ އެކު، ނުރުހުންތެރިންގެ ނުރުހުމާ އެކުވެސް މި ބަޠަލާ މެދުގައި ތާރީޚް އިންސާފުގެ ބަސް ބުނުމެވެ.
އައްސުލްޠާނު ޢަބްދުލްޙަމީދު (ދެވަނަ) ބޭނުންފުޅުވިނަމަ ރަސްކަމުގައި މުޅި ޢުމުރަށް ދެމިހުންނަވައި ދުނިޔޭގެ ވަގުތީ އުފަލާމަޖާ ލިބިގަނެވެން އޮތެވެ. ނަމަވެސް އެމަނިކުފާނުގެ ކުރިފުޅުމަތީގައި އޭނާގެ އަމިއްލަ ވެރިކަމަށް ވުރެ ޝަޚްޞީ ފައިދާތަކަށް ވުރެ، އިސްލާމީ އުއްމަތާއި އެއުއްމަތުގެ ޝަޚްޞިއްޔަތު މުހިންމުވުމާ އެކު ޔަހޫދީންނާއި ބައިނަލްއަޤުވާމީ އިސްތިޢުމާރުގެ ހުށަހެޅުންތަކަށް ފުރަގަސްދެއްވި އެވެ. އަދި ޢުޘްމާނީ ދައުލަތުގެ ރަސްކަމުން ބާލުވަންދެން ބައިނަލްއަޤުވާމީ ދުނިޔޭގެ ނޭއްގާނީ ކަމުގެ ކުރިމަތީގައި ސާބިތުކަމާއި ކެތްތެރިކަމާ އެކު، އެކަމުގެ މަތިވެރި ދަރުމައަށް ﷲ ގެ ޙަޟުރަތުން އެދޭ ޙާލުގައި ދެމިހުންނެވީއެވެ.
(ނުނިމޭ)
ކޮމެންޓް (0)
ލޯޑް ކުރަމުން...