ފަލަސްޠީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނާގޮތުން، 1967 ވަނަ އަހަރު ޔަހޫދީން ފަލަސްޠީނުގެ ބިންތައް ފޭރިގަތް ފަހުން މިއަދާ ހަމައަށް 750,000 މީހުން ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި، 10,000 އަންހެނުންނާއި، އެތައް ހާސް ކުޑަކުދިންނެއް ވެސް ހިމެނޭކަމަށް މި ބަޔާނުގައި ވެއެވެ.
ތަފާސް ހިސާބުތަކާ ބެހޭ ބިއުރޯއިން މި ނެރުނު ބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ފަލަސްޠީނުގެ ދެވަނަ އިންތިފާޟާގައި ޔަހޫދީން މަރާފައިވާ، ފަލަސްޠީނުގެ ބައެއް މީހުންގެ ހަށިތަކާއި، އޭގެ ފަހުން އެކި ދުވަސް ވަރު ތަކުގައި މަރާފައިވާ ފަލަސްޠީނުގެ އެތަކެއް ބައެއްގެ ހަށިތައް ޔަހޫދީން ރައްކާކޮށްފައި ވެއެވެ.
ހިސާބުތައް ދައްކާ ގޮތުން، 2000 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ފެށުނު ދެވަނަ އިންތިފާޟާގެ ފަހުން 70,000 މީހުން ޔަހޫދީން ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި 8,000 ކުޑަކުދިންނާއި، ޕާލަމެންޓު މެންބަރުންގެ އިތުރުން، ކުރީގެ މިނިސްޓަރުންނާއި، 800 އަންހެނުން ވެސް ހިމެނެއެވެ. އަދި 4 އަންހެނަކު ޖަލުތަކުގައި ބަންދުކޮށްފައި ވަނިކޮށް ވިހާފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުން، އިޒްރޭލުގެ ޖަލުތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ 136 މީހަކު ތިބި އިރު، 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވާންދެން ޖަލުގައި ހޭދަކުރާ 4 މީހުން އެބަ ތިއްބެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...