ދީން ބަލިމީހުން ނޭވާލެއްވުމަށް ގުޅާފައި ހުންނަ މެޝިން ނައްޓާލުން!

ބަލިމީހުން ނޭވާލެއްވުމަށް ގުޅާފައި ހުންނަ މެޝިން ނައްޓާލުން!

ބަލިމީހުން ނޭވާލެއްވުމަށް ގުޅާފައި ހުންނަ މެޝިން ނައްޓާލުން!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

15 ސެޕްޓެމްބަރ 2011 ވަނަ ދުވަހުގެ ހަވީރު ނޫސް ކިޔާލުމުން ވަރަށް ހައިރާން ކުރުވަނިވި ޚަބަރެއް ލިބިގެން ދިޔައެވެ. އެއީ ބަލިމީހަކު ނޭވާލެއްވުމަށް ގުޅާފައި ހުރި މެޝިން ނައްޓާލުމެވެ. ވީމާ، މިކަމުގައި ދީނީ ގޮތުން މިކަން އޮތް ގޮތަކީ ކޮބައިތޯ ބަލައިލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ދަށުން ހިންގާ މަޖްމަޢުލް ފިގްހީގެ ދިހަވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ގަރާރެއްގައި ވެއެވެ.
"ނޭވާލައްވާ މެޝިނާ ގުޅާފައިވާ ބަލިމީހާގެ ހަށިގަނޑުން ހޮޅިތައް ނައްޓާލަންވާނީ ނުވަތަ މެޝިން ކަނޑާލަންވާނީ އޭނާގެ ހުރިހާ ގުނަވަނެއް މަރުވެއްޖެކަމާއި އޭނާ އަނބުރާ ނާންނާނެކަމުގެ ފުރިހަމަ ޔަގީންކަން ޑޮކްޓަރުންނަށް ލިބިގެންނެވެ. އަދި މިކަމުގައި ކަމުގެ ފަންނުވެރި ޑޮކްޓަރުންގެ ތިން ޑޮކްޓަރުން އިއްތިފާގުވާން ޖެހޭނެއެވެ. މެޝިނުގެ އެހީގައިނަމަވެސް ކިރިޔާވެސް ނޭވާލާ ކަމަށްވަނީނަމަ އޭނާގެ ހަށިގަނޑުން މެޝިން ނައްޓާލުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ.
މުނައްޡަމަތުލް މުއްތަމަރުލް އިސްލާމީގެ ދަށުގައިވާ މަޖްމަޢުލް ފިގްހިލް އިސްލާމީގެ ފަރާތުން 1407 ވަނަ އަހަރުގެ ޞަފަރު މަހުގެ 8 އިން 13 އަށް އުރުދުންގެ ވެރިރަށް ޢައްމާނުގައި ބޭއްވި ވޯކްޝޮޕެއްގައި މިމައްސަލާގައި ވަރަށް ތަފްޞީލުކޮށް ބަޙުޘް ކުރެވި، ކަމުގެ ފަންނުވެރި ޑޮކްޓަރުންގެ ވާހަކަތަށް އަޑުއެހުމަށްފަހުގައި ނިންމަވާފައިވެއެވެ."

މީހަކު މަރުވެއްޖެ ކަމުގައި ބެލެވޭނީ އަންނަނިވި ދެކަންތަކުން ކުރެ ކަމެއް ވުމުންނެވެ.

1- ބަލިމީހާގެ ހިތްހުއްޓި ނޭވާލުން އެއްކޮށް ކެނޑިގެން ދިޔުން، އަދި އޭނާ އަނބުރާ ނާންނާނެކަން ޑޮކްޓަރުންގެ ޓީމަކަށް ޔަގީންވުން.

2- ބަލިމީހާގެ ސިކުނޑީގެ މަސައްކަތް އެއްކޮށް ހުއްޓިގެން ދިޔުން. މިޙާލަތުގައި ބަލިމީހާގެ ހިތުގެ މަސައްކަތް ކޮންމެވެސް ވަރަކަށްނަމަވެސް ހުރެއްޖެނަމަ، ނޭވާލައްވާ މެޝިނާއި ގުޅައިގެން އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެއެވެ."

މި މައްސަލާގައި ޑޮކްޓަރީ ގޮތުން ކަންއޮތް ގޮތަކީ ކޮބައިތޯ ބަލައިލުމަށް ރާއްޖޭގެ އައި.ޖީ.އެމް.އެޗް ގައި މަސައްކަތް ކުރައްވާ ސީނިއަރ ޑޮކްޓަރަކާ ފޯނުން ގުޅާ މަޢްލޫމާތު ސާފުކުރީމެވެ. އޭނާ ފުރަތަމަވެސް އަޅުގަޑާ ކުރީ ސުވާލެކެވެ. އެސުވާލަކީ ބަލިމީހާ މަރާލަނީ އަޅުގަޑުމެން އަމިއްލައަށްތޯއެވެ؟ އަޅުގަޑު ޖަވާބުގައި ދެންނެވީމެވެ. ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔައީ ފުރާނަ ސަލާމަތް ކުރަންވެގެންނެވެ. ވީމާ، އަމިއްލަ އަށް މަރާލަންވީ ކީއްވެތޯއެވެ؟!

ޑޮކްޓަރ ވިދާޅުވީ މީހާގެ ސިކުނޑި މަރުވިޔަސް ވެސް މީހާ މަރުވީ ކަމުގައި ޑޮކްޓަރީ ގޮތުން ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން، ސިކުނޑި މަރުވީ ކަމުގައިވީނަމަވެސް ބަލިމީހާ އަށް ދެމުން ގެންދިޔަ ސަޕޯޓެއް ނުވަތަ ފަރުވާ އެއް ހުއްޓާ ނުލެވޭނެ ކަމަށެވެ. އެގޮތުން ބަލިމީހާ އަށް ގުޅާފައިވާ މެޝިނަކީ އޭނާ އަށް ބޭނުންވާ އޮކްސިޖަން ލިއްބައިދޭ އެއްޗަކަށްވީތީވެ، އެމެޝިން ކަނޑާލުމަކީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި މިފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ހޮސްޕިޓަލްގެ ކަމާބެހޭ ޑޮކްޓަރުންނާއި މަޝްވަރާ ކުރެވިފައި ނުވާކަންވެސް ފާހަގަ ކުރެއްވިއެވެ.  އެހެންކަމުން، އިހަށްދުވަހު ރާއްޖޭގައި އެމަރުވި ކުއްޖާގެ ސިކުނޑި މަރުވެއްޖެޔޭ ކިޔާފައި ނޭވާލައްވާ މެޝިނުން ވަކިކޮށްލެވުނު ކަމަކީ އެއްވެސް ގޮތަކުން ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލު ހިންގުމަށް ޔޫރަޕުން މީހަކު ގެނެސް، ތަނުގައި މަސައްކަތްކުރައްވާ ސީނިއަރ ޑޮކްޓަރުންނާއި، އަދި ހޮސްޕިޓަލްގެ އެތިކްސް ކޮމިޓީ އާއި ހެލްތް މިނިސްޓްރީ އާއިވެސް މަޝްވަރާ ކުރުމެއްނެތި، މިފަދަ ބޮޑެތި ނިންމުންތައް ނިންމަމުން ގެންދާ ކަމީ ބިރުވެރި ކަމެކެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ކޮންމެ ގޮތަކުންނަމަވެސް އެކަން އެއޮތީ ނިމިގޮސްފައެވެ. ކުރިޔަށް އޮތް މުސްތަގްބަލް ގައި މިފަދަ ކަންތައްތައް ތަކްރާރު ނުކޮށްވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. ވީމާ، މިފަދަ ކަންކަމާއި މެދުގައި އަޅުގަނޑުމެން އެންމެން ސަމާލުވެ ހޭލުންތެރިވުމަށް ގޮވާލަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.