ކޮންމެ ހާލެއްގައި، ހުރިހައި ވަގުތެއްގައި މާތް ﷲ އަށް ޙަމްދާއި ޝުކުރު ހުއްޓެވެ. އެކަލާނގެއީ ހުރިހައި އެއްޗެއްގެވެރި ރަސްކަލާނގެއެވެ. ހުރިހައިކަމެއް ހިންގަވާ ތަދުބީރު ކުރައްވާ ރަސްކަލާނގެއެވެ.
ހިތާމަވެރި ހާދިޘާތަކާއި މުޞީބާތްތަކުގެ ގިނަކަމާއެވެ! ޚާއްޞަކޮށް ނުރައްކާތެރި މަރުގެ ހާދިޘާތަކެވެ. ބޮޑެތި ވަބާތަކާއި ބަލިމަޑުކަމުގެ މުޞީބާތެވެ. ދެރަ ކަމެއް ވުމުން އަޅުގަނޑުމެން އިންސާނުން ވަރަށް ދެރަވެއެވެ. ނުރައްކާތެރި ކަންތައްތަކާއި މެދުގައި އަޅުގަނޑުމެން އެހާމެ ބިރުގަނެއެވެ. ހަމަ އެހާމެ އަވަހަށް ހަނދާން ނެތެއެވެ. އެނަމާ ބޯޓް އަޑިއަށް ގޮސް އަޅުގަނޑުމެންގެ އެތަކެއް މީހުނެއް މަރުވެދިޔަތާ ޒަމާންތަކެއް ނުވެއެވެ. އެއަށްވުރެ ކުޑަ ނަމަވެސް މިވަގުތު އަޅުގަނޑުމެނަށް ކުރިމަތިވެފައި މިވަނީ ހިތާމަވެރި ހާދިޘާއެކެވެ. މިހިތާމައިގައި ބައިވެރި ވުމަށްޓަކައި އަޅުގަނޑުގެ އަޚުންނާއި އުޚްތުންނާއި ޚާއްޞަކޮށް ހުރައި ހާދިޘާގައި މަރުވި މައްޔިތުންނާއި އެމައްޔިތުންގެ ވާރުތަވެރީންނާއި ހިރިޔާ ސްކޫލް ދަރިވަރުންނަށް ހަނދުމަ ކޮށްލަދޭން ބޭނުންވާ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ:
މުއުމިނުންނަކީ މާތް ﷲ ގެ ޤަޟާ ޤަދަރަށް ރުހިގެން ތިބޭ ބައެކެވެ. އެކަލާނގެ ކޮންމެ ކަމެއްވެސް ކުރައްވަނީ އެކަލާނގެ މަތިވެރި ޢިލްމާއި ޙިކުމަތުންނެވެ. އެހެންވެ ހިތް ނޭދޭ ކަމެއް ވެއްޖެ ނަމަ ކީރިތި ރަސޫލާ صلى الله عليه وسلم “الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ” “ކޮންމެ ހާލެއްގައިވެސް ﷲ އަށް ޝުކުރު ހުއްޓެވެ.” މިފަދައިން ވިދާޅުވެއެވެ. އަދި ހިތާމަ ޖެހިފައިވާ ފަރާތަށް ވިދާޅުވެއެވެ. “إنَّ لِلَّهِ مَا أَخَذَ ، وَلَهُ مَا أَعْطَى ، وَكُلُّ شَيْءٍ عِنْدَهُ إِلَى أَجَلٍ مُسَمًّى ، فَلْتَصْبِرْ وَلْتَحْتَسِبْ” “މާތް ﷲ ގެންދަވައިފި އެއްޗަކީ އެކަލާނގެ މިލްކެކެވެ. އަދި އެކަލާނގެ ދެއްވައިފި އެއްޗަކީވެސް އެކަލާނގެ އަށް ވާ އެއްޗެކެވެ. އަދި ކޮންމެ އެއްޗަކަށްވެސް ކަނޑައެޅިފައިވާ މުއްދަތެއް އެކަލާނގެ ޙަޟުރަތުގައި ވެއެވެ. ފަހެ ކެތްތެރިވާށެވެ! އަދި ޘަވާބާއި ދަރުމަ ލިބުމަށް އެދޭށެވެ!”
ވީމާ މުއުމިނުން މިދުނިޔޭގައި އުޅެންވާނީ ތިމާމެންނަކީ މާތް ﷲގެ އަޅުންކަން ދަނެ، މިދުނިޔެއަކީ ވަގުތީ ތަނެއްކަން ދަނެގެންނެވެ. މުއުމިނުންނަށް މުޞީބާތެއް، ހިތްދަތިކަމެއް ކުރިމަތިވެއްޖެ ނަމަ އެބައިމީހުން މާޔޫސްވެ، ގޮތް ހުސްވެގެން ނުދާނެއެވެ. އަދިކިޔެއް، މާތް ﷲގެ ޙަޟުރަތުން ޘަވާބުގެ އުންމީދުކޮށް، ކެތްތެރިވާނެއެވެ. އެފަދަ ކެތްތެރި މުއުމިނުން ސިފަކުރައްވައި އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ: “އެބައިމީހުނަށް މުޞީބާތެއް ކުރިމަތި ވެއްޖެ ނަމަ އެބައިމީހުން ބުނާނެއެވެ. {{ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ }} البقرة 156 “ހަމަކަށަވަރުން ތިމަންމެންނީ ﷲ ގެ އަޅުންނެވެ. އަދި ތިމަންމެން އެނބުރި ދާހުށީ އެކަލާނގެ ޙަޟުރަތަށެވެ.” އެކަލާނގެ ކުރައްވާ ކޮންމެ ކަމެއްގައި އެކަލާނގެ ޢަދްލުވެރިވެ ވޮޑިގެން ވެއެވެ. ޙިކުމަތްތެރިވެވޮޑިގެން ވެއެވެ.
އަޅުގަނޑުމެނަށް މުޞީބާތާއި ހިތާމަ ޖެހެނީ އަޅުގަނޑުމެންގެ ސަބަބުންނެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދުމުގެ ސަބަބުންނެވެ. އަޅުގަނޑުމެންގެ ފާފައިގެ ސަބަބުންނެވެ. އެކަލާނގެ ވަޙީބަސްފުޅުގައި ވެއެވެ. {{ وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ }} الشورى 30. މާނައަކީ: “ފަހެ ތިޔަބައިމީހުން ކުޅަ ކަންތައްތަކެއްގެ ސަބަބުން މެނުވީ ތިޔަބައިމީހުނަށް އެއްވެސް މުޞީބާތެއް ނުޖެހެއެވެ. އަދި ﷲ ވަރަށް ގިނަ ކަންތައްތަކެއް (އޭގެ ސަޒާ ނުދެއްވައި) ޢަފޫކުރައްވައެވެ.”
ޝައްކެއް ނެތެވެ. އަޅުގނަޑުމެނަށް ވަރަށް ގިނަ ގޯސްތައް ހެދެއެވެ. އަޅުގަނޑުމެންގެ ގިނަ ބަޔަކު ފަރުޟުތަކާއި ވާޖިބުތައް އަޅައެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކާއި މުންކަރާތްތަކަށް އަރައިގަނެއެވެ. އެކަމަކު އަދަބެއް ލިބެނީ ވަރަށް މަދުންނެވެ. މަދު ބަޔަކަށެވެ. މިއަދު ދުނިޔޭގައި އާންމުވަމުން މިދާ ބޮޑެތި ޒަލްޒަލާތަކާއި ބިރުވެރި ތޫފާންތަކާއި ނުރައްކާތެރި ވަބާތަކާއި އެފަދަ ހާދިޘާތައް ގިނަވުމުގެ ސަބަބަކީ އަޅުންގެ އުރެދުންތެރިކަމެވެ. ފިތުނަ ފަސާދައާއި ފާފައެވެ.
{{وَلَنُذِيقَنَّهُمْ مِنَ الْعَذَابِ الأَدْنَى دُونَ الْعَذَابِ الأَكْبَرِ لَعَلَّهُمْ يَرْجِعُونَ}} السجدة 21 މާނައަކީ: “އަދި ތިމަން ﷲ އެބައިމީހުނަށް (އާޚިރަތުގެ) ބޮޑު ޢަޛާބު އައުމުގެ ކުރިން ކުދި ޢަޛާބުގެ (ދުނިޔެވީ މުޞީބާތާއި އިމްތިހާނުގެ) ރަހަ ދައްކަވަމެވެ. އެއީ އެބައިމީހުން (ޙައްޤަށް) ރުޖޫޢަވޭތޯއެވެ.” ވީމައި ފާފައާއި ދުރުހެލިވެ، މުންކަރާތްތައް މަނާކޮށް، ތައުބާވުމަށް އަވަސްވެގަންނަން ޖެހެއެވެ.
މުޞީބާތުގެ ވަގުތުގައި ތައުބާވެ، އިސްތިޣްފާރު ކުރުން ގިނަ ކުރުމަކީ ނަފްސުތަކަށް ހަމަޖެހުން ލިބޭ ކަމެކެވެ. މާތް ﷲގެ ކޯފާ މަޑުވެ، އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ލިބޭ ކަމެކެވެ. އެކަލާނގެ މުއުމިނުންނަށް އަމުރުކުރައްވައި ވަޙީ ކުރައްވާފައި ވެއެވެ. {{وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ}} النور 31 “އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެއްމެން އެކުގައި ﷲ ގެ ޙަޟުރަތަށް ތައުބާ ވާށެވެ! ރުޖޫޢަވާށެވެ! އެއީ ތިޔަބައިމީހުން ކާމިޔާބު ލިބުމަށްޓަކައެވެ.”
މުޞީބާތުގެ ވަގުތުގައި ހަނދާން ބަހައްޓަންވީ މަރުވެ ދިޔަމީހުންގެ މަތިން އެކަންޏެއް ނޫނެވެ. އަދިކިޔެއް، އަޅުގަނޑުމެން ބޮޑަށް ވިސްނަންވީ އަޅުގަނޑުމެން ދިރިތިބި މީހުންނާއި މެދުއެވެ. ތިމާގެ އަމިއްލަ ނަފްސާއި އަނބިދަރީންގެ މަތިންނެވެ. އެއަށްފަހު ގާތްތިމާގެ މީހުންނާއި ރަހުމަތްތެރީންނާއި މެދުގައެވެ. މަރުވެ ދިޔަ މީހުން ދުނިޔޭގައި އުޅުނު އިރުގައި ކޮށްފައިވާ ޢަމަލުތަކައިގެން އެމީހުން މިހާރު އެވަނީ އެމީހުންގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ގޮސްފައެވެ. އެމީހުނާއި މެދުގައި އަޅުގަނޑުމެން މުސްލިމުން ކަންތައް ކުރަންވީ ގޮތަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށާއި އެމީހުންނަށް ފާފަ ފުއްސަވައިތޯ ޞާލިޙު ދުޢާ ކުރުމެވެ. ޣައިރު މުސްލިމުންނާއި ދުނިޔެވީ މީހުން ކަންތައް ކުރާހެން، ފޮނި ބަސް ބުނުމާއި، ރަމްޒީ ގޮތެއްގައި ހިތާމަ ފާޅު ކުރުމަކުން އަޅުގަނޑުމެނަކަށް އަދި އެމައްޔިތުންނަކަށް ކުރާނެ ލާބައެއް އަދި މަންފާއެއް ނުވެއެވެ.
ގިނަ ފަހަރު އަޅުގަނޑުމެނަށް ވާގޮތަކީ ހިތާމަވެރިކަމެއް ކުރިމަތިވާ ވަގުތު ބިރުގަނެ، ކަންބޮޑުވެއެވެ. ނަމަވެސް ދުވަސްކޮޅެއް ވުމުން އެކަން ހަނދާންނެތެއެވެ. އެފަދަ ހިތާމައެއްގެ އޮތީ ކޮން ފައިދާއެއްތޯއެވެ؟! ފައިދާއަކީ އެއިން ޢިބަރަތް ލިބިގަތުމެވެ. ކުރިމަގު އިޞްލާޙު ކުރުމެވެ. އެމީހުން މަރުވީއެވެ. އަޅުގަނޑުމެން ވަކި މަރު ނުވާނެތޯއެވެ؟! ދިރިހުރުމަށްޓަކައި، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ސަބަބުތަކުގައި ހިފަން ވާނެއެވެ. ސަލާމަތީ ފިޔަވަޅު އަޅަން ވާނެއެވެ. ނަމަވެސް އަޅުގަނޑުމެން ކޮންމެ މީހަކުވެސް އާޚިރުގައި ވާނީ މަރެވެ. މަރަކަށް ނުފިލޭނެއެވެ. މަރަކީ ކުއްލިއަކަށް އަންނަ އެއްޗެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {{ قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ }} الجمعة 8 މާނައަކީ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން އެއެއްޗަކަށް ފިލަން ދުވާ މަރު، ފަހެ ހަމަކަށަވަރުން ތިޔަބައިމީހުނާއި ބައްދަލު ކުރާނެއެވެ. ދެން ސިއްރާއި ފައުޅު ދެނެވޮޑިގަންނަވާ އިލާހުގެ ޙަޟުރަތަށް ތިޔަބައިމީހުން ރައްދުކުރެވޭނެއެވެ. ފަހެ ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޚަބަރު އެކަލާނގެ ތިޔަބައިމީހުނަށް ދެއްވާނެއެވެ.” އަޅުގަނޑުމެން އެއްމެންގެ އަޖަލު ވަނީ ކަނޑައެޅި، ލިޔެވި ނިމިފައިކަން ހަނދުމަ ބަހައްޓަން ޖެހެއެވެ. އަޅުގަނޑުމެން އެކަކަށްވެސް ތިބާ ނިމިދާނީ ކޮންތާކު، ކޮންގޮތަކަށް ކަމެއް ނޭނގެއެވެ.
މާތް ﷲ ޚަބަރުދެއްވާފައި ވެއެވެ. {{وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ}} لقمان 34. “ތިބާ މަރުވެދާނީ ކޮންތަނެއްގައި ކޮން ބިމެއްގައިކަމެއް އެއްވެސް ނަފްސަކަށް ނޭންގެއެވެ.”
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ބެލެނިވެރިންނާއި ދަރިވަރުންނޭވެ! މަރުގެ ހަގީގަތަކީ މިއެވެ. އެދުވަހަކަށް ކަނޑައެޅިފައިވާ ބަޔަކު އެދުވަހަކު ދާނެއެވެ. އިއްޔެ މަރުވެދިޔަ މީހުންނަކީ އެމީހުންގެ އަޖަލު މާތް ﷲ އެގޮތުގައި، އެވަގުތުގައި ކަނޑައަޅުއްވާފައިވާ މީހުންނެވެ. މާދަމައި އޮތީ އަޅުގަނޑުމެން ދިރިތިބި މީހުންގެ އަޖަލެވެ. އެއަޖަލު ކަނޑައެޅިފައިވާ ވަގުތުގައި ކަނޑައެޅިފައިވާ ތަނުގައި އަޅުގަނޑުމެންގެ ގާތަށް އަންނާނެއެވެ. އެކަން ލަސްކުރެވޭނެ، ނުވަތަ އެއަށް ފިލޭނެ އެއްވެސް ގޮތެއް ނުވެއެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {{ وَلَنْ يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ }} المنافقون 11 “އަދި އެއްވެސް ނަފްސެއްގެ އަޖަލު އަންނަހިނދު ހަމަހިލައި މާތް ﷲ އެކަން ލަސް ނުކުރައްވާނެއެވެ. ﷲ އީ ތިޔަބައިމީހުން ކުރާ ކަންތައްތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
އަޅުގަނޑުމެނަށް ކުރެވޭނެ ކަމަކީ މަރަށް ތައްޔާރުވުމެވެ. އެކަމުން ޣާފިލު ނުވުމެވެ. މަރުގެ ސަކަރާތާއި ފިތުނައިން މިންޖުކުރައްވައިތީ ޞާލިޙު ޢަމަލު ގިނަ ކުރުމެވެ. މާތް ﷲ އާއި އެކަލާނގެ ބާވައިލެއްވި ތަކެއްޗަށް ހެޔޮގޮތުގައި އީމާންވެ، އެކަލާނގެ ވަޢުދުފުޅާއިމެދުގައި ޔަގީން ކުރުމެވެ. ކީރިތި ޤުރްއާނާއި މޫރިތި ސުންނަތަށް ބޯލަނބައި ކިޔަމަންތެރި، ރަނގަޅު މުސްލިމެއްކަމުގައި ވުމެވެ.
އެކަލާނގެ ވަޞިއްޔަތް ކުރައްވާފައި ވެއެވެ. {{ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلا وَأَنْتُمْ مُسْلِمُونَ }} آل عمران 102 “އޭ އީމާންވީ މީސްތަކުންނޭވެ! މާތް ﷲ އަށް ބިރުވެތިވުން ހައްގުގޮތުގައި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި ބޯލަނބައި ކިޔަމަންގަނެގެންވާ ހާލުގައި (ރަނގަޅު މުސްލިމުންކަމުގައި) މެނުވީ ތިޔަބައިމީހުން މަރު ނުވާށެވެ!”
މާތް ﷲ މަރުވެދިޔަ މީހުނަށް ރަޙުމަތްލައްވައި ދިރިތިބި މީހުނަށް ތެދުމަގު ދައްކަވާށި! އާމީން!
_________

















ޚިޔާލު