ޢަރަބި ދުނިޔޭގައި ޝަރީޢަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޝޫރާއާއި ދީމުގުރާތީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އިޞްލާޙީީ ތަސައްވުރެއް އެކުލެވޭ ކަރުދާހެއް އެކަށައެޅުމުގެ މަސައްކަތް ކުރަމުން ދާކަމުގައި އިސްލާމީ އެންމެ ދުވަސްވީ ޢިލްމީ މުއައްސަސާކަމުގައިވާ މިސްރުގެ ޖާމިޢަތުލްއަޒްހަރް އިން މިއަދު ހާމަކޮށްފިއެވެ. މި ކަރުދާހުގައި އިޖްތިމާޢީ ޢަދާލަތު ޤާއިމުކުރުމާއި، މުދަލާއި އެހެނިހެންވެސް ވަސީލަތްތައް އެންމެންގެ މެދުގައި ހަމަހަމައަށް ބެހިގެންދާނެ އިންތިޒާމު ކަށަރަވުކުރުން ފަދަ މުހިންމު އިސްލާމީ އަސާސްތަކަށް އިސްކަން ދީފައިވާނެކަމަށް އަޒްހަރުން ހާމަކުރައްވައެވެ.
އަޒްހަރުން އިތުރަށް ހާމަކުރައްވާ ގޮތުގައި ޢަރަބި މުޖްތަޢު އިޞްލާޙުކުރުމުގައި ދިމާވެފައިވާ ހުރަސްތަކާއި އިޖްތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް ކުރިމަތިވެފައިވާ ހުރަސްތައް މިކަރުދާހުގައި ދިރާސާކޮށް އެކަށޭނަ ޙައްލުތައްވެސް ހުށަހަޅާނެއެވެ. އަދި އިންސާނީ ޙައްޤުތަކާއި ކަރާމާތް ޤާއިމުކޮށް ދަމަހައްޓާ ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ޝަރީޢަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރަހައްދުގެ އިޤްތިޞާދީ ހާލަތު ހަރުދަނާކުރެވޭނެ ފަހި މަގުތައް މިކަރުދާހުގައި ހުށަހަޅާނެއެވެ.
މިކަރުދާސް ތައްޔާރުކުރުމުގެ މައިގަނޑު ބޭނުމަކީ ޢަރަބި ދުނިޔޭގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ސަލާމަތްކަން ރައްކާތެރިކޮށް ޚާއްސަކޮށް ޢަރަބިން އަދި އާންމުކޮށް އިސްލާމީ އުންމަތް ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހެެދުމަށްޓަކައި، ޒަމާންވީ ތާރީޚީ ޢިލްމީ ބިޔަ މުއައްސަސާއެއްގެ ގޮތުން އަޒްހަރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފޯރުކޮށްދިނުމެވެ. އަދި ބަދަލުވަމުން ކުރިއަރަމުން ދާ ޢަރަބި ދުނިޔެއަށް ވަށާޖެހިފައިވާ ޢަދަލުވެރި އިސްލާމީ ޙައްލު ހުށަހެޅުމެވެ.
އަޒްހަރުން ހާމަކުރައްވާ ގޮތުގައި މިކަރުދާހަށް ޢަރަބި ދުނިޔޭގެ ހަތަރު ބިތުގައި ކުރިއަރަމުންދާ އިޞްލާޙީީ އިންޤިލާބީ ހަރަކާތުގެ އެއްބާރުލުމާއި ބާރުއެޅުން ވަނީ ލިބިފައެވެ. އަދި މި ކަރުދާހުގެ ބޭނުމަކީ ޤައުމުތަކުގެ ސިޔާދަތަށް ބުރޫއެރުވުންނޫންކަމާއި ނަމަވެސް އާންމުގޮތެއްގައި ޢަރަބި ދުނިޔޭގެ ޙާލަތު ރަނގަޅުކުރެވޭނެ ގޮތްތަކާމެދު ފިކުރު ހިންގުން ކަމަށެވެ.
މިކަރުދާސް ޢަރަބި ޤައުމު ތަކާ ޙިއްސާކުރާނެ ވަކި ތާރީޚެއް އަދި ކަނޑަނާޅާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުގެ ޢިލްމުވެރިންނާ މުފައްކިރުންގެ ބެއްލެވުމަށްފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޝައިޚުލްއަޒްހަރު ޑރ. އަޙްމަދު ޠައްޔިބުއަށް ފާސްކުރެއްވުމަށް ހުށަހެޅޭވަރުވާނެ ކަމަށްވެސް އަޒްހަރުން ހާމަކުރައްވައެވެ.
އަޒްހަރުން ހާމަކުރައްވާގޮތުގައި މިއީ މީގެ މަހެއްހާދުވަސް ކުރިން އެ މުއައްސަސާގެ ފަރާތުން އެޤައުމުގެ ސިޔާސީ މަސްރަޙަށް އަމާޒުކޮށް ތައްޔާރުކުރެއްވި ފަދަ ކަރުދާހެކެވެ. މިއީ މިއަހަރު މިސްރު ރައްޔިތުން ގެނައި "ޖެނުވަރީ 25" އިންޤިލާބަށްފަހު އެޤައުމު މަދަނީ ދައުލަތެއްގެ ގޮތުގައި ކުރިއެރުމަށް ޓަކައި ބޭނުންވާނެ ދާއިރާތަކަށް އަލިއަޅުއްވާލައްވައިގެން ޝައިޚުލްއަޒްހަރު ޑރ. އަޙްމަދު ޠައްޔިބު، އެކި ދާރިރާތަކުގެ ފަންނީ ތަޖުރިބާކާރުންގެ ހިއްސާއާއެކު ހުށަހަޅާފައިވާ ކަރުދާހެކެވެ. މި ކަރުދާހަށްވަނީ މިސްރުގެ ސިޔާސީ މަސްރަޙުގެ އިސްލާމީ އަދި ޢަލްމާނީ މައިގަނޑު ބޮޑެތި ހުރިހާ ޖަމާޢަތެއްގެ އާބަސްވެސް ލިބިފައެވެ. އަދި އިންޤިލާބަށްފަހު ގިނަބަޔަކު އުވާލުމަށް ގޮވާލަމުންދާ މިސްރުގެ މިހާރުގެ ޤާނޫނު އަސާސީގެ ބަދަލުގައި އަންނަ ރައްޔިތުންގެ މަޖިލީހަކުން އާޤާނޫނު އަސާސީއެއް އެކުލްވާލަންދެން މި ކަރުދާސް ވަގުތީ ޤާނޫނު އަސާސީ އެއްގެ ގޮތުގައި ބޭނުން ކުރުމަށްވެސް ގިނަ ފަރާތްތަކަކުން ތާއީދު ކުރިއެވެ.
މަސްދަރު: އަލްމަޞްރީ އަލްޔައުމް

















އާނ، އެބަކަމުދޭ، މިއީ މިޒަމާންކަން ދަނެގެން މި ކަން ވާނީ، ކަށްވަޅުން ފަތުވާ ނެރެގެން މި ކަމެއް ނުވާނެ.