الحمد لله الذي بنعمته تتم الصالحات، والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين، وبعد:
ހެޔޮކަމެއް ކުރެވުމުން އަޅުގަނޑުމެން ވަރަށް އުފާވެއެވެ. ޙަޤީޤަތުގައިވެސް، ﷲ އެންގެވި ކަމެއް އެކަލާނގެ ނަބިއްޔާ ދެއްކެވި ގޮތަށް ކުރެވިއްޖެ ނަމަ މުއުމިނުންގެ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {{ قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا..}} يونس 58 “ކަލޭގެފާނު ވިދާޅުވާށެވެ! (މިމާތް ހިދާޔަތާއި ތެދުމަގަކީ) މާތް ﷲގެ ފަޟްލުވަންތަވެރިކަމާއި އެކަލާނގެ ރަޙުމަތެވެ. އެކަމުގެ މައްޗަށް ތިޔަބައިމީހުން އުފާކުރާށެވެ!”
ހަނދާނުގައި ބަހަށްޓަންވީ ކަމަކީ: ހެޔޮ ކަމެއް، ރަނގަޅު ގޮތުގައި ކުރެވުމާއި ނުބައިކަމަކުން ސަލާމަތް ވުމާއި ހުރިހައި ކަމަކީ ވެސް މާތް ﷲގެ ޙައުލާއި ޤުއްވަތުން ލިބޭ ކަމެއްކަމެވެ. އެކަލާނގެ މަދަދާއި ވާގިފުޅުން ކަމެވެ. ތިބާގެ މޮޅުކަމާއި މާތްކަމުން ނޫން ކަމެވެ. އެކަލާނގެ މަދަދު ނުވާނަމަ އަޅުގަނޑުމެން ވީހީ އެހެންވެސް ވަރަށް ގިނަ މީހުން ފަދައިން ފުރެދި، ގެއްލިފައިވާ ބައެއް ކަމުގައެވެ.
ބަރަކާތްތެރި ރަމްޟާން މަހާއި ފިޠުރު ޢީދުގެ އުފާ ނިމުނީއެވެ. އެއީ ކޮންމެ އަހަރަކުވެސް ވަމުންދާ ކަމެކެވެ. އާދަކާދައިގެ މަތިން މުސްލިމުންކަމުގައި އަޅުގަނޑުމެން ވީތީ، ރޯދަހިފައި ޢީދުކޮށް، އެކަންތަކުގެ މައްޗަށް އުފާ ކުރެއެވެ. ނަމަވެސް ވަރަށް ގިނަބައެއްގެ ހަނދާނުން ކައްސާލައިގެންދާ މުހިންމު ކަންތައްތަކެއް ވެއެވެ. އޭގެތެރެއިން އެއްކަމަކީ އިސްވެދިޔަ ނުކުތާއެވެ. އެއީ ތިބާއަށް ހެޔޮގޮތުގައި އަޅުކަން އަދާކުރެވުނީ މާތް ﷲ ގެ ވާގިފުޅުން ކަމެވެ.
އަނެއް މުހިންމު ކަމަކީ : އަޅުގަނޑުމެނަށް އަޅުކަމެއް އަދާ ކުރެވޭހިނދު ބިރުގަތުމެވެ. ކުށަށް އިޢުތިރާފުވުމެވެ. ކޮން ބިރެއްތޯއެވެ؟! ކޮން ކުށެއްގެ އިޢުތިރާފެއްތޯއެވެ!؟ އަޅުކަން އަދާކުރެވުނީ އެއްމެ ފުރިހަމަކޮށް ނޫންކަމާއި އެކަން އަދާކުރުމުގައި ފުރިހަމަ ސަމާލުކަމާއި ފަރުވާތެރިކަން ނުދެވުނު ކަމުގެ އިޢުތިރާފެވެ. އަނެއްކާ ތިމަންނާ މިކުރި ހެޔޮކަން މާތް ﷲ ގެ ޙަޟުރަތަށް އުފުއްލެވޭނެބާއެވެ؟! އެކަލާނގެ ޤަބޫލު ނުކުރައްވައިފާނެ ކަމުގެ ބިރެވެ. މާތް ﷲ އަށް އީމާންވެ، ޞާލިޙު ޢަމަލުކުރާ މުއުމިނުންގެ ތަޢުރީފު ކުރައްވައި އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. {{ وَالَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَى رَبِّهِمْ رَاجِعُونَ }} المؤمنون 60 “އަދި އެބައިމީހުންނީ ޚައިރާތާއި ހެޔޮ ޢަމަލުކޮށް، އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތަށް އެނބުރިދާންޖެހޭ ދުވަހު (އެ ޢަމަލުތައް ޤަބޫލު ނުވެދާނެ ކަމަށް) އެމީހުންގެ ހިތްތައް ބިރުވެތިވެފައިވާ މީހުންނެވެ.”
އެއީ މާތް ﷲ ގެ އޯގާވަންތަކަމާއި އެކަލާނގެ ވަޢުދާއި މެދުގައި ޝައްކުވުމެއް ނޫނެވެ. އަދިކިޔެއް، އެއީ އެކަލާނގެ އަމުރު ކުރައްވާފައިވާ ފަދައިން ފުރިހަމަކަމާއި އިޚްލާޞްތެރިކަމާއި އެކުގައި އެކަލާނގެ ނަބިއްޔާ ދައްކަވާފައިވާ ގޮތަށް، ފުރިހަމައަށް އަދާ ކުރެވިފައި ނުވެދާނެތީވެ، މާތް ﷲގެ ގަދަކީރިތިވަންތަކަމުގެ ބޮޑުކަމާއި ހިސާބު ކިތާބުގެ ބިރުވެރިކަމުގެ މައްޗަށް ގަންނަ ބިރެވެ. އެފަދަ ބިރަކީ އީމާންކަމާއި ތަޤުވާވެރިކަމުގެ ޢަލާމާތެކެވެ.
އިސްވެދިޔަ އާޔަތް އިވިވަޑައިގަތުމުން أم المؤمنين عائشةَ رضي الله عنها ރަސޫލު ﷲ r އަށް ދެންނެވިއެވެ. “(ހެޔޮ ޢަމަލު ކުރުމާއި އެކުގައި ބިރުގަންނަ މީހުންނޭ އެވަނީ) އެއީ ރާ ބޮއެ، ވައްކަންކޮށް ހަދާ މީހުންތޯއެވެ؟” ((أَهُمْ الَّذِينَ يَشْرَبُونَ الْخَمْرَ وَيَسْرِقُونَ)) އިތުރު އެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ. އޭ ޞިއްދީޤުގެ ދަރިކަނބަލުންނޭ، ނޫނެކެވެ. “އަދިކިޔެއް، އެބައިމީހުންނީ ރޯދަ ހިފައި ނަމާދު ކޮށް، ޞަދަޤާތްކުރާ މީހުންނެވެ. އެއާއި އެކުގައި އެމީހުންގެ އެ ޢަމަލުތައް ޤަބޫލު ނުވެދާނެ ކަމުގައި އެމީހުން ބިރުވެތިވާނެވެ. އެބައިމީހުންނީ ހެޔޮކަންކަމުގައި ވާދަކޮށް، ކުރިއަރައިދާ މީހުންނެވެ.” (( وَلَكِنَّهُمْ الَّذِينَ يَصُومُونَ وَيُصَلُّونَ وَيَتَصَدَّقُونَ وَهُمْ يَخَافُونَ أَنْ لَا يُقْبَلَ مِنْهُمْ أُولَئِكَ الَّذِينَ يُسَارِعُونَ فِي الْخَيْرَاتِ)) الترمذي وابن ماجه.
އަޅުގަނޑުމެންގެ މިނިމިދިޔަ ރަމްޟާންމަހުގެ އަޅުކަން؛ ރޯދައާއި ރޭއަޅުކަން، ދުޢާ އާއި ދެންނެވުންތައް.. އިޚްލާޞްތެރިކަމާ، އަންގަވާފައިވާ ފަދައިން ކުރެވިފައިވާނަމަ މާތް ﷲ ޤަބޫލު ކުރައްވާނެކަން ކަށަވަރެވެ. އެކަމަކު ޚިޔާލުތަކާއި ވަސްވާސްތައް ހިތަށް އަރައިފައި ވެއެވެ. ޢަމަލުތަކުގައި ފަރުވާ ކުޑަކުރެވިފައި ވެއެވެ. ވީމައި ބިރުގަންނަން ޖެހެއެވެ. ހެޔޮޢަމަލަށްފަހުގައި އިސްތިޣްފާރުކޮށް، މާތް ﷲ ގެ ތަސްބީޙަ ކިޔައި ހަދަން ޖެހެއެވެ. އެއަޅުކަމާއި ޢަމަލު ޤަބޫލު ކުރައްވައިތޯ ދަންނަވަން ޖެހޭނެއެވެ. ފަޚުރުވެރިކަމާއި ފޮނިކަމުން ރައްކާތެރިވާން ޖެހެއެވެ. މިއުންމަތުގެ ސަލަފުއްޞާލިޙުންގެ ހާލު ވަނީ މިފަދައިންނެވެ. އެބޭފުޅުން ރަމްޟާން މަހާއި ބައްދަލުވުމަށް އެދި ދަންނަވާފަދައިން އެމައްސަރުގެ އަޅުކަން ޤަބޫލު ކުރައްވައިތޯ ދަންނަވާކަމުގައި ވެއެވެ. ވީމައި ޢަމަލު ގިނަކުރާ ފަދައިން ނުވަތަ އެއަށްވުރެ ބޮޑަށް ޢަމަލު ޤަބޫލު ކުރައްވައިތޯ، އެއީ ފައިދާހުރި ޢަމަލެއްކަމުގައިވޭތޯ އެދެން ޖެހޭނެއެވެ.
ޢަޅުގަނޑުމެންގެ ޢަމަލު ޤަބޫލުވިބާ؟! ދުވާލުގެ ރޯދަ، ރޭގަނޑުގެ ތަރާވީޙާއި ތަހައްޖުދު؟! ވަރަށް ގިނަ މީހުންގެ ކިބައިން ޤަބޫލުވިހެން ހިޔެއް ނުވޭ!؟ އެމީހުން ރޯދަމަހު ފަރުޟު ނަމާދު ކުރި ނަމަވެސް ރޯދަމަހަށް ފަހުގައި ފަރުޟު ފަސް ނަމާދަށް ރައްކާތެރިއެއް ނުވޭ، އެމީހުން ރޯދައަށް ތިބި އިރު ދޮގުހެދުމާއި ޣީބަ ބުނުމާއި ވަރަށްގިނަ ނުބައި ކަންކަމުން ދުރުހެލިވި، ނަމަވެސް ރޯދަމަސް ނިމުމުން ނުބައި ޢަމަލުތަކަށް އެނބުރިދޭ، އެމީހުން އެ ކުރި ޢަމަލުތަކުގައި އިޚްލާޞްތެރިކަން އޮތް ނަމަ، ވާޖިބުތަކަށް ރައްކާތެރިވުމާއި ޙަރާމް ކަންތައްތަކުން ދުރުހެލިވުމުގައި ދެމިތިބީހެވެ. އެހެންކަމުގައި ވާނަމަ މާތް ﷲ ތައުފީޤު ދެއްވީސްކަން ޔަޤީނެވެ. އެބައިމީހުންގެ މިސާލަކީ ދުވާލުގެ އެއްވޭލާގައި ރޯނު ފޯއްޔެއް ވަށައި އަނެއްވޭލާގައި އެ ވެށި ރޯނު ފޯލި ނިއުޅުވާލައި ހަލާކު ކުރި މީހެއްގެ މިސާލެވެ. އަމިއްލަ އަތުން ހެދި އެތި އަމިއްލަ އަތުން ހަލާކު ކުރި މީހެއްފަދަ މީހެކެވެ. {{وَلا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا }} النحل 92 މާނައަކީ: “ތިޔަބައިމީހުން އެ އަންހެނާފަދައިން ނުވާށެވެ! އޭނާ ވަށައި ނުވަތަ ވިޔެފައިވާ ވާފަށް ގަދަކޮށް، ފުރިހަމަކުރުމަށް ފަހުގައި ނިއުޅުވައިލައެވެ.”
އަޅުގަނޑުމެންގެ ޢަމަލުތައް ކުރެވިފައިވަނީ ރަނގަޅަށްކަމުގައި ވާނަމަ، އަދި އެޢަމަލުތައް ﷲގެ ޙަޟުރަތުގައި ޤަބޫލު ވެއްޖެ ނަމަ އަޅުގަނޑުމެންގެ ނަފްސަށް އެކަން އިހުސާސްވެ، އަޅުގަނޑުމެންގެ ރޯދަމަހުގެ ފަހުގެ ދުވަސްތަކުގައި އެކަން ފެނުނީހެވެ. ރޯދަމަހެކޭ އެއްފަދައިން އެހެން ހުރިހައި މަސްތަކާއި ދުވަސްތަކެއްގައިވެސް މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެމަތިން ހަނދުމަކޮށް، އެކަލާނގެ ފަރުޟުކުރައްވާފައިވާ އެއްމެހައި ވާޖިބުތަކަށް ރައްކާތެރިވެ، އެކަލާނގެ ނުރުއްސަވާ އެއްމެހައި ޢަމަލުތަކުން ދުރުހުލިވެ ތިބުމަށް ގަދައަޅައި މަސައްކަތް ކުރީހެވެ. އަދި އަޅުކަމާއި ހެޔޮ ޢަމަލުތައް ކުރާހިތްވެ، އެފަދަ ފުރުޞަތުގެ މައްޗަށް އުފާކޮށް، ނުބައި ކަމެއް ކުރެވިއްޖެ ނަމަ އެކަމުގެ މައްޗަށް ދެރަވެ، ކަންބޮޑު ވާނެއެވެ. ތިބާ ރޯދަމަހުގައި އިސްލާހުކޮށް ރަނގަޅުކުރި ކަންތައްތަކުގެ މަތީގައި ސާބިތުވުމަށް މަސައްކަތް ކުރާނެއެވެ. މިކަންކަމަކީ ޢަމަލު ޤަބޫލު ކުރެއްވުނުކަމުގެ ޢަލާމާތްކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ކަންކަމެވެ.
ރަމްޟާން މަހާއި އެއްފަދައިން ހުރިހައި ކަމެއް އެހެން މޫސުން ތަކުގައި ކުރަން ޖެހޭނެއެކޭ ނޫނެވެ. ނަމަވެސް، ރަމްޟާން މަހުގައި ނޫނަސް ރޭއަޅުކަން ވެއެވެ. ޚާއްޞަކޮށް ވިތުރިއެވެ. އެއްވެސް ހާލެއްގައި ދޫނުކުރުމަށް އިތުރު އެކަލޭގެފާނުން ވަޞިއްޔަތް ކުރައްވާފައިވާ ކަމެކެވެ. ކޮންމެ ހޯމަ ބުރާސްފައްޗަކާއި މަހަކު ތިން ރޯދަ އަކީވެސް ސުންނަތްވެގެންވާ އަޅުކަމެކެވެ. ކީރިތި ޤުރްއާން ކިޔެވުމާއި އިސްތިޣްފާރު ކުރުމާއި ތަސްބީޙައާއި ތަޙުމީދާއި ތަކުބީރާއި ތަހުލީލު ފަދަ ޛިކުރުތައް ގިނަގިނައިން ކުރުމަކީ އަބަދާއި އަބަދަށް ކަނޑައެޅިފައިވާ މަތިވެރި އަޅުކަންތަކެވެ.
މާތް ﷲ އަޅަމެން އެއްމެނަށް ފުއްސަވައި އަޅަމެންގެ އުނި އަދި މަދު ޢަމަލުކޮޅު ޤަބޫލު ކުރައްވާށި! އާމީން!
رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ

















ބައެއް މަޒުމޫނުތަކާއި ދަރުސްތަކުގައި އަޅުގަނޑު ޚިޔާލު އެހެން ގޮތަކަށް ދިމާވާ ރައުޔުތައް އެކުލެވިފައި ވީ ނަމަވެސް، ޝައިޚް ޝަމީމްގެ ދަރުސްތަކާއި މަޒުމޫނުތަކަކީ ހަމަ ވަރަށް ކިޔާ ހިތުން ކިޔާލެވޭ، އަހާހިތުން އަހާލެވޭ އެހާމެ އޮމާން މަޒުމޫނުތަކަކާއި ދަރުސްތަކެކެވެ. ޝައިޚް ޝަމީމް ގެ ޢިލްމު ގިނަކުރައްވާ ބަރަކާތްލައްވާށިއެވެ! އާމީން.
ދަރުސު އެއް ގޮތައް ރޭޑިޔޯ އެޓޯލް އިން އަޑު އިވޭނޭ ކަމަށް އުންމީދުކުރަން