الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
އެސްފީނާ އަކީ ހަގީގަތެކެވެ. އަރަބި ބަހުގައި ކިޔަނީ: “ العين” (އަލް ޢައިން) އެވެ. އެސްފީނާ ޖެހެނީ ހަސަދައިގެ ސަބަބުން ނެވެ. ހަސަދަވެރިކަމާއި އެކުގައި މީހަކު ނުވަތަ އެއްޗެއް ފެނި އެމީހަކާއި ނުވަތަ އެއެއްޗަކާއި މެދުގައި އަޖައިބުވެ، އެމީހެއްގެ ނުވަތަ އެއެއްޗެއްގެ މައްޗަށް ހަސަދަވެރި ވެވުމުން، ހާސިދުގެ ނަފްސުގައިވާ ހަސަދައިގެ ވިހަ އޭނާގެ ބެލުން މެދުވެރިކޮށް ހަސަދަވެރި ވެވޭ ފަރާތައް ނުވަތަ އެއްޗަކަށް ޖެހެނީއެވެ.
އެސްފީނާ ޖެހެނީ..
ހަސަދަވެރިންގެ ހަސަދައިން މާތް ﷲގެ ރައްކާތެރިކަމަށް އެދި ދެންނެވުމަށް މާތް ﷲ އިތުރުއެކަލޭގެފާނަށް ތަޢުލީމު ދެއްވައި ފަލަޤި ސޫރަތުގައި ވަހީކުރައްވާފައިވެއެވެ. {{ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ }} الفلق 5. މާނައަކީ: “އަދި ހަސަދަވެރިއާގެ ހަސަދައިގެ ނުބައިކަމުން އިބަ އިލާހުގެ ރައްކާތެރިކަން އެދެމެވެ.” ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ހުރެއްޖެ ނަމަ ފަހަރެއްގައި އެ ހަސަދަވެރިއާގެ ހިތުގައިވާ ނުބައިކަން (އެސްފީނާ) ޖެހިދާނެއެވެ. އެއީ ވަކި ކުޑަ ކުދިންނަކަށް ނުވަތަ ވަކި އުމުރެއްގެ ބަޔަކަށް ޖެހޭ ކަމެއް ނޫނެވެ.
އެސްފީނާއަކީ ހަގީގަތެއްކަމުގައި އިސްވެދިޔަ އާޔަތުންނާއި އިތުރުއެކަލޭގެފާނުންގެ އަރިހުން ޞަހައްހަ ހަދީޘުން ސާބިތުވެފައިވެއެވެ. ابن عباس رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. ((الْعَيْنُ حَقٌّ وَلَوْ كَانَ شَيْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ ))مسلم، 11، 175. “އެސްފީނާއަކީ ހަގީގަތެކެވެ. (އެއީ ޔަގީނުންވެސް ވާ ކަމެކެވެ.) ޤަޟާ ޤަދަރަށްވުރެ ކަމެއް އިސްވެ، ކުރިއަރައިދާނެ ނަމަ އެސްފީނާ ކުރިއެރީހެވެ.” (އެކަމު ﷲ ގެ ޤަޟާއަށް ވުރެ އެއްވެސް ކަމެއް ކުރިއެއް ނާރާނެއެވެ. ހުރިހައިކަމެއް ވާނީ އެކަލާނގެ ނިޔާކުރައްވާފައިވާ ގޮތުގެ މަތިންނެވެ.) އަދި ހަމަ މިމާނައިގައި البخاري އާއިمسلم، أبو هريرة رضي الله عنه ގެ އަރިހުންވެސް ރިވާ ކުރައްވާފައި ވެއެވެ.
الإمام أحمد އާއި النسائي އާއި ابن حبان އަދި مالكރިވާކުރައްވާފައިވެއެވެ. سهل بن حنيف ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ.النبي صلى الله عليه وسلم މައްކާއާއި ދިމާއަށް ކުރެއްވި ދަތުރުފުޅެއްގައި އެކަލޭގެފާނާއި އެކުގައި ސަހުލު ބައިވެރިވެ ވަޑައިގެންނެވިއެވެ. އިތުރު އެކަލޭގެފާނުން ޝަޢުބުލް ޚަރާރު ކިޔާ ހިސާބެއްގައި ފައިބައިވަޑައިގެން ވަނިކޮށް ސަހްލު ބުން ޙަނީފް ހުންނެވީ ފެންވަރުއްވާށެވެ. ސަހްލު ބުން ހަނީފަކީ ހަށިގަނޑާއި ހަމުގެ ކުލަ އަލި، ރީތި ބޭފުޅެކެވެ. އެހެން ހުއްޓައި ޢަދިއްޔު ބުން ކަޢުބު ގަބީލާގެ މީހެއްކަމުގައިވާ ޢާމިރު ބުން ރަބީޢާ އަށް ސަހުލު ފެނިގެން ހައިރާންވެ އަންތަރީސްވެގެން ބުންޏެވެ. މިއަދު މިދެކުނު ފަދަ މަންޡަރެއް އަދި އެހާމެ ހަންގަނޑު އަލި، ރީތި މީހަކު ތިމަންނާ ދުވަހަކުވެސް ނުދެކެމެވެ. ހަމަ އެހެން ބުނުމާއި އެކުގައި ސަހްލު ބުން ހަނީފް އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. އަސްހާބުބެއިކަލުން އިތުރު އެކަލޭގެފާނަށް އެޚަބަރު ދެއްވުމުން ހަދީޘްކުރެއްވިއެވެ. އޭނާ އަށް އެކަން ޖެހުމުގައި ތިޔަބައިމީހުނަށް ތުހުމަތު ކުރެވެނީ ކާކާއިމެދުގައި ހެއްޔެވެ؟ (އެބަހީ؛ އެއީ ކާކުގެ އެސްފީނާއެއް ހެއްޔެވެ؟) އެބޭކަލުން ދެންނެވިއެވެ. ޢާމިރު ބުން ރަބީއާ އޭނާއާއި ދިމާއަށް ބެލިއެވެ. ދެން އިތުރުއެކަލޭގެފާނުން އާމިރު ގެންނަވައި އޭނާގެ މައްޗަށް ހަރުކަށި ބަސް ވިދާޅުވިއެވެ. އަދި ހަދީޘްކުރެއްވިއެވެ. ކަލޭމެން ކަލޭމެންގެ އަޚާ ތިޔަ ގަތުލު ކުރަނީ ކޮންކަމަކާއި ހެއްޔެވެ!؟ ކަލޭމެނަށް ރީތި ނުވަތަ އަޖައިބުވާފަދަ މަންޡަރެއް ފެނުމުން އެމީހަކަށްޓަކައި ނުވަތަ އެއެއްޗަކަށް ބަރަކާތް ލެއްވުން އެދި ދުޢާ ނުކުރަނީ ކީއްވެގެން ހެއްޔެވެ؟! ދެން އާމިރު އަށް ހަދީޘް ކުރެއްވިއެވެ. ސަހްލުގެ ގަޔަށް ފެން އެޅުމަށްޓަކައި ފެންވަރާށެވެ! ދެން އޭނާގެ މޫނާއި ދެ އަތާއި އުޅަނބޮށްޓާއި ދެ ކަކުލާއި ފަޔާއި، އަނދެގެން ހުރި އިޒާރާއި އެކުގައި ކަންވާރެއްގެ ތެރެއަށް ދޮވެ، މީހަކު އެފެން ސަހުލުގެ ގަޔަށް އެޅިއެވެ. އޭނާގެ ބޮލާއި ބުރަކަށްޓަށް އަޅަމުން، ވެރެމުން ދިޔަ ފެން ދަށުން ކަންވާރަކަށް ނަގައި އަޅަމުން ގެންދިޔައެވެ. ދެން ސަހުލު ރަނގަޅުވެގެން ތެދުވެއްޖެއެވެ. އޭނާއަށް ކަމެއް ވީހެންވެސް ހީނުވެއެވެ.” މިހަދީޘް ޞައްހަކަމުގައި الألباني، المشكاة ( 4562 ) ގައި ވިދާޅުވެފައިވެއެވެ. އެސްފީނާއަކީ ކީރިތި ރަސޫލާގެ ބަސްފުޅުންނާއި މީހުންގެ ތަޖުރިބާއިން ވެސް ސާބިތުވާ ކަމެކެވެ.
ރައްކާތެރިވުމަށްޓަކައި..
އެސްފީނާ ޖެހުމާއި އެސްފީނާއިން ރައްކާތެރިވުމާއި އެކަމުގެ ޢިލާޖާއި ޝިފާއަކީ އެހެނިހެން ކަންތައްތައް ފަދައިން ﷲގެ އިޛުނަފުޅުން ވާ ކަމެކެވެ. އެއްވެސް މީހެއްގެ ބާރަކުން ވާކަމެއް ނޫނެވެ. ﷲ ގެ ރައްކާތެރިކަމުގައިވާ މީހަކަށް ސިހުރެއް އަދި އެސްފީނާއެއް ނުޖެހޭނެއެވެ. ވީމައި މުސްލިމުން ތިމާމެންގެ ނަފްސު، އިންސީންނާއި ޖިންނީންކުރެ އަނިޔާވެރިންނާއި ހަސަދަވެރިންގެ ކިބައިން ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ އެއްމެ މުހިންމު ކަމަކީ ތިމާމެންގެ އީމާންކަން ވަރުގަދަކޮށް، އެކަލާނގެއަށް ބަރޯސާވެ ވަކީލުކޮށް، އެކަލާނގެ އަށް ދަންނަވައި އެކަލާނގެ ރައްކާތެރިކަމުގައި ވުމެވެ.
އެސްފީނާ ޖެހުމުގެ ކުރިންނާއި ޖެހުމަށް ފަހުގައިވެސް އެކަމުން މިންޖުވުމަށް އޮތް މަގަކީ ކީރިތި މާތް ނަބިއްޔާ ކަންކުރައްވައި ދައްކަވާފައިވާ މަގެވެ. އެއީ ޤުރްއާނާއި ސުންނަތުން ވާރިދުވެފައިވާ ދުޢާއާއި ވިރުދުތައްކޮށް، މާތް ﷲގެ ރައްކާތެރިކަމުގައި ވުމެވެ. އަދި އެކަލާނގެ ޙަޟުރަތުން ޝިފާއަށް އެދުމެވެ. އޭރުން އެކަލާނގެ އިޛުނަފުޅުން ރަނގަޅުވާނެއެވެ. ތިރީގައި މިދަންނަވަނީ އެސްފީނާ ޖެހުމުގެ ކުރިންނާއި ޖެހުމަށް ފަހުގައި އެކަމުން ރައްކާތެރިވުމަށާއި އެކަމުގެ ޢިލާޖު ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން ލިޔުއްވާފައިވާ ގޮތުގެ ވާހަކައެވެ.
އެސްފީނާ ޖެހުމުގެ ކުރިން ރައްކާތެރި ވުމަށްޓަކައި ކުރެވޭ ވިރުދު ތަކުގެ ތެރޭގައި އާންމުކޮށް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ކިޔޭ ދުޢާތައް ހިމެނެއެވެ. އަދި ވަކިން ޚާއްސަކޮށް އިޚްލާޞް ސޫރަތާއި ފަލަގި އަދި ނާސި ސޫރަތާއި އާޔަތުލް ކުރްސީ ގިނަގިނައިން ކިޔަވަން ޖެހޭނެއެވެ. ހަމަ އެފަދައިން އަންނަނިވި ދުޢާ ތައް ވެއެވެ.
1- ((أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ)).
2- ((أَعُوْذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ، وَمِنْ شَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِيْن وَأَنْ يَحْضُرُونَ )).
3- މާތް ﷲ ގެ ބަސްފުޅެވެ. {{حَسْبِيَ اللَّهُ لا إِلَهَ إِلا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ}} التوبة 129 މިއާޔަތާއި އަދިވެސް ބައެއް އާޔަތާއި ދުޢާ ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހެނދުނާއި ހަވީރުގެ ދުޢާތައް ހިމެނެއެވެ.
4- ކުޑަ ކުދިން އެސްފީނާއިން ސަލާމަތް ކުރުމަށްޓަކައި ކިޔާނެ ދުޢާއަކީ: ((أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ)). އިތުރު އެކަލޭގެފާނު އެކަލޭގެފާނުންގެ ދަރިކަނބަލުން ފާޠިމާ رضي الله عنها ގެ ދެދަރިކަލުން الْحَسَن އާއި الْحُسَيْن އާއި ދެކަލުން ﷲގެ ރައްކާތެރިކަމުގައި ލެއްވުންއެދި އެދެކުދިންގެ މައްޗަށް މި ދުޢާ ވިދާޅުވާކަމުގައި ވެއެވެ. އަދި ހަދީޘްކުރައްވާފައި ވެއެވެ. ތިޔަ ދެކުދިންގެ ބައްޕާފުޅު (އެބަހީ؛ އިބްރާހީމު އަލައިހިއް ސަލާމް) އެކަލޭގެފާނުންގެ ދެ ދަރިކަލުން إِسْمَاعِيل އާއި إِسْحَاق ދެބޭކަލުން ރައްކާތެރި ކުރެއްވުމަށްޓަކައި ކުރެއްވި ދުޢާއަކީ މިއެވެ. [صحيح البخاري، 11، 157]. ވީމައި މިދުޢާ ތިބާގެ ދަރިންގެ މައްޗަށް ކިޔައި ﷲ ގެ ރައްކާތެރިކަމުގައި ބޭތިއްބުމަކީ މުހިންމު ކަމެކެވެ.
އެސްފީނާގެ ފަރުވާ..
މީހަކަށް އެސްފީނާ ޖެހިއްޖެ ނަމަ ނުވަތަ އެސްފީނާ ޖެހިއްޖެ ކަމުގައި ޝައްކުވެއްޖެ ނަމަ އެކަމުން ޝިފާއަށް އެދި ކުރުން ސާބިތުވާ ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ ކިޔެވުމާއި މެތުރުމެވެ. އެއީ ޤުރްއާނާއި ސުންނަތުން ސާބިތުވާ ދުއާ ކިޔައި އެސްފީނާ ޖެހިފައިވާ މީހާ، އޭނާގެ ގައި މެތުރުމެވެ. އަދި އެއީ ކުޑަކުއްޖެއް ނަމަ ނުވަތަ އަމިއްލައަށް އެކަން ނުކުރެވޭ ވަރުގެ މީހެއް ނަމަ އެހެން މީހަކު އެކަން ކޮށްދިނުމަކީވެސް އެއްމެ ރަނގަޅު ކަމެކެވެ. އަލްބުޚާރީ އާއި މުސްލިމް عائشة رضي الله عنها ގެ އަރިހުން ރިވާ ކުރައްވާފައި ވެއެވެ. “އެސްފީނާ އަށް މެތުރުމަށް އިތުރު އެކަލޭގެފާނުން ތިމަންކަމަނާއަށް އަންގަވައެވެ.” ހަމަ އެފަދައިން އަސްމާ ބިންތި އުމައިސްގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! “ޖަޢުފަރުގެ އާއިލާއަށް އެސްފީނާ ޖެހުން ގިނައެވެ. ތިމަން ކަމަނާމެން އެމީހުނަށް މަތުރައިދޭން ތޯއެވެ؟ އެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ. “އާނއެކެވެ.” މިހަދީޘް އިމާމު އަހުމަދާއި ތިރްމިޛީ ރިވާކުރައްވާފައި ވެއެވެ. އަދި އެބޭފުޅާ ޞައްހަކަމުގައި ވިދާޅުވެފައިވެއެވެ.
މެތުރުން..
1- ކީރިތި ޤުރްއާނުން މެތުރުމަށްޓަކައި އެއްމެ މުހިންމު އެއް މެތުރުމަކީ ‘އިޚްލާސް ފަލަގި އަދި ނާސި’ މި ތިން ސޫރަތުން މެތުރުމެވެ. އެގޮތަކީ ދުޢާކުރާއިރު ދެއަތްތިލަ އެއް އަތްތިލަ އަނެއް އަތްތިލައާއި ޖައްސާފަދައިން، ދެއަތްތިލަ އެއްކޮށް ޖައްސައި ( قُلْ هُوَ اللَّهُ أَحَدٌ) އާއި ( قُلْ أَعُوذُ بِرَبِّ الْفَلَقِ) އާއި (قُلْ أَعُوذُ بِرَبِّ النَّاسِ) ތިން ސޫރަތް ކިޔަވައި، ދެ އަތްތިލައަށް ފުމެލުމަށްފަހުގައި ބޮލާއި މޫނުން ފަށައިގެން މުޅި ހަށިގަނޑުގައި ދެއަތް ފިރުމުމެވެ. މިގޮތަށް ތިން ފަހަރު ހަދަން ވާނެއެވެ.
2- ޖިބްރީލްގެ ފާނުން އިތުރު އެކަލޭގެފާނުގެ ހަށިކޮޅު މަތުރައިދެއްވިކަމުގައި ރިވާވެގެންވާ ދުޢާއިންވެސް މެތުރިދާނެއެވެ. އެއީ: ((بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ، اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ)). (مسلم، 11، 173) މިފަދައިން ކިޔައި މެތުރުމެވެ. މިދުޢާ ކުޑަކޮށް ތަފާތު އިބާރާތުން ރިވާވެގެން ވެއެވެ.
3- ކީރިތި ޤުރްއާނަކީ ޝިފާއެކެވެ. ވީމައި އިސްވެދިޔަ ސޫރަތްތަށް ނޫން، އެހެން ސޫރަތެއް ނުވަތަ ޝިފާއާއި ގުޅުން ހުރި އާޔަތެއް ފެނަށް ކިޔަވައި އެފެން ބޮއެ، ގައިގައި އުނގުޅައިގެން ވެސް މެތުރިދާނެއެވެ. ބަލިތަކަށް ޝިފާއަށް އެދި ކީރިތި ޤުރްއާން ފެނަށް ކިޔަވައި އެފެން ބޭނުން ކުރުމަކީ ސަލަފުންގެ އަރިހުން ސާބިތުވާ ކަމެކެވެ.
ފެންއެޅުން..
އެސްފީނާ ރަނގަޅުވޭތޯ ފަރުވާ ކުރާނެ އަނެއް ގޮތަކީ؛ އިސްވެދިޔަ ސަހުލުގެ ހާދިޘާގައި އިތުރު އެކަލޭގެފާނުން އާމިރަށް އަމުރު ކުރެއްވި ފަދައިން، އެއީ ކާކުގެ ކިބައިން ޖެހުނު އެސްފީނާއެއްތޯ ބަލައި، އެމީހެއްގެ ނުވަތަ އެސްފީނާޖެހުމުގައި އެމީހަކާއިމެދުގައި ތުހުމަތު ކުރެވޭ މީހާގެ ގާތުގައި އޭނާގެ އަޚާއަށްޓަކައި އޭނާގެ ގުނަވަންތައް ދޮވެ، ވުޟޫ ކޮށްދިނުމަށް އެދޭނީއެވެ. އެކަން ކުރާނެ ގޮތަކީ: ފެން އެއްޗަކަށް އޭނާގެ އަތް ލައި އޭގެ ތެރަށް އަތް ދޮވެ، ކޯދޮވެ، މޫނު ދޮވެ، އަދި ދެފައި ކަކުލާއި އެކުގައި ކަނާއަތު ފަޔާއި ވާއަތު ފައި ދޮވެ، އަނދެގެން ހުރި އެތިވެސް އޭގެ ތެރަށް ދޮވެ، އެފެން އެސްފީނާ ޖެހިފައިވާ މީހާގެ ފުރަގަހުން ބޮލަށް އަޅާނީއެވެ. ﷲގެ އިޛުނަފުޅުން ރަނގަޅުވާނެއެވެ. (ސުޢޫދީގެ ފަތުވާ ކޮމެޓީގެ ފަތުވާގައި ވަނީ މިފަދައިންނެވެ.)
ވީމައި މީހަކަށް ޖެހިފައިވާ އެސްފީނާއެއްގައި، ވަކި މީހެއްގެ ކިބައިން ވީ ކަމެއް ކަމުގައި ހީވެގެން އެސްފީނާ ޖެހިފައިވާ މީހާގެ ފަރުވާއަށްޓަކައި އޭނާގެ ގުނަވަންތައް ދޮވެ ދިނުމަށް އެދެވިއްޖެ ނަމަ އެކަމަށް އިންކާރު ކޮށްގެން ނުވާނެއެވެ. އެސްފީނާ ޖެހުމަކީ އެމީހާގެ އިޚްތިޔާރަކައި ލައިގެން ވާ ކަމެއްކަމެއް ނޫނެވެ. ވީމައި ތިބާގެ މުސްލިމު އަޚާއަށްޓަކައި ވުޟޫކޮށްދިނުމަށް ނުވަތަ ގުނަވަންތައް ދޮވެދިނުމަށް އެދެވިއްޖެ ނަމަ ވަގުތުން އެކަން ކޮށްދިނުމަކީ ކޮންމެ މީހެއްގެ މައްޗަށް ލާޒިމު ކަމެކެވެ. ابن عباس رضي الله عنهما ގެ އަރިހުން އިސްވެދިޔަ ރިވާޔަތުގައި ވެއެވެ. އިތުރުއެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. ((وإِذَا اسْتُغْسِلْتُمْ فَاغْسِلُوا )) މާނައަކީ: “ފަހެ ތިޔަބައިމީހުންގެ ގާތުގައި (ތިބާގެ ގުނަވަންތައް) ދޮވެދިނުމަށް އެދެވިއްޖެ ނަމަ ދޮވެދޭށެވެ!” އެބަހީ: އެސްފީނާގައި ވަކި މީހަކާއިމެދުގައި ތުހުމަތު ކުރެވޭ މީހާގެ ގާތުގައި އެދެވިއްޖެ ނަމައެވެ.
ތިބާގެ އެސްފީނާއިން މީހުން ސަލާމަތް ކުރުމަށް..
ތިބާގެ ކިބައިން ތިބާގެ މުސްލިމު އަޚަކަށް އެސްފީނާ ޖެހިދާނެކަމަށްޓަކައި މާތް ﷲ އަށް ބިރުވެތިވާށެވެ! ތިބާގެ މުސްލިމުން އަޚުންނަށްޓަކައި ތިބާއަކީ ވިހަ މީހެއްކަމުގައި ނުވާށެވެ! އަދިކިޔެއް، އެހެން މީހުނަށްޓަކައި އަމާންކަމާއި ސަލާމަތްކަން ހުރި، ހެޔޮ މީހެއްކަމުގައި ވާށެވެ! އެކަމަށްޓަކައި ސަމާލުކަންދޭންވީ ކަންތައްތަކަކީ:
1- ހަސަދަވެރި ދުރުހެލިވުން.. އެހެން މީހުނަށް ލިބިފައިވާ ނިޢުމަތްތަކުގެ މައްޗަށް ހަސަދަވެރި ވުމުން ރައްކާތެރި ވާށެވެ! ޙަސަދައަކީ އަނެކާގެ އަތުގައިވާ ނިޢުމަތުގެ މައްޗަށް ހިތްހަމަ ނުޖެހި، ހިތުގައި ނުރުހުން އުފެދި، އެނިޢުމަތް ގެއްލި ދިޔުމުގެ އެދުން ހިތުގައި ހުރުމެވެ. އެއީ ޝައިޠާނީ ކަމެކެވެ. އެއީ ތިބާގެ ހެޔޮ ޢަމަލުތައް ގެއްލިދާ ކަމެއްކަމުގައި އިތުރުއެކަލޭގެފާނުން ވަނީ އަންގަވައިފައެވެ.
2- ތިބާގެ މުސްލިމު އަޚެއްގެ އަތުގައި ނިޢުމަތެއް ވާ ތަން ފެންނަ ހިނދު ނުވަތަ އަނެކާއަށް މޮޅުކަމެއް ލިބިފައިވާތަން ފެންނަ ހިނދު އަދި ތިބާ ހައިރާންވާފަދަ ކަމެއް ފެނިއްޖެ ނަމަ “ހާދަހައި ރީއްޗޭ!” ނުވަތަ “ހާދަހައި މޮޅޭ!” “މިވަރު ކަމެއް މަށެއްވާ ނުދެކެމޭ!” މިފަދަ ބަސްތައް ނުބުނާށެވެ! އިތުރުއެކަލޭގެފާނުން ވަނީ އެކަން މަނާކުރައްވާފައެވެ. އަދިކިޔެއް، އެފަދަ އެއްޗެއް ބުނުމުގެ ބަދަލުގައި ” ما شاءَ اللهُ ” (މާތް ﷲ އިރާދަކުރެއްވި ގޮތެވެ.) ނުވަތަ “بارَكَ اللهُ فِيْكَ” (މާތް ﷲ ތިބާއަށް ބަރަކާތް ލައްވާށި!) މިފަދަ ހެޔޮ ދުޢާއެއް ކުރުމަށް އާދަ ކުރާށެވެ! ތިބާގެ އަޚާއަށް ހެޔޮ އެދިގެން ހެޔޮ ދުޢާއެއް ކުރުމަކީ ތިބާގެ އަތުން އެއްޗެއް އުނިވާކަމެއް ނޫނެވެ. އަދިކިޔެއް، ތިބާގެ މުސްލިމު އަޚާއަށްޓަކައި ހެޔޮ ދުޢާއެއް ކޮށްފި މީހަކަށް އެފަދަ ހެޔޮކަމެއް ދެއްވުން އެދި މަލާއިކަތުން ދުޢާކުރައްވާނެ ކަމުގައި އިތުރުއެކަލޭގެފާނުންގެ އަރިހުން ޞައްހަވެގެން ވެއެވެ. އިސްވެދިޔަ ސަހުލުގެ ހާދިޘާގައި އިތުރު އެކަލޭގެފާނު މިގޮތަށް އިރުޝާދު ދެއްވާފައި ވެއެވެ.
ދުޢާއަކީ މާތް ﷲ އަޅުގަނޑުމެން އެއްމެންނާއި އަޅުގަނޑުމެންގެ ދަރީން ޖިންނީންނާއި އިންސީންގެ ހަސަދަވެރިކަމާއި ނުބައި ކަމުން ރައްކާތެރި ކުރައްވާށި! އާމީން!
والله أعلم، وبالله التوفيق، وصلى الله على محمد وآله وصحبه وسلم

















ޚިޔާލު