ދިއިސްލާމް ޖިހާދާއި ހަނގުރާމަ އަށް ކުދިން ނުފޮނުވަން ރައީސް ނަޝީދު އެދިއްޖެ

ޖިހާދާއި ހަނގުރާމަ އަށް ކުދިން ނުފޮނުވަން ރައީސް ނަޝީދު އެދިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ސިފައިން ރާއްޖެއިން ބޭރުގައި ތަމްރީނެއްގައި - ފޮޓޯ : އެމްއެންޑީއެފް

ޖިހާދާއި ހަނގުރާމަ އަށް ކުދިން ރާއްޖެއިން ބޭރަށް ނުފޮނުވުމަށް ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެދިއްޖެއެވެ.

އިއްޔެ ޏ.ފުވައްމުލަކުގައި "ފުވައްމުލަކުގެ ތަރައްޤީގައި ސާކުގެ ޙިއްޞާ" މިނަމުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތިމާގެ އަމިއްލަ ދަރިފުޅު ރާއްޖެއިން ބޭރަށް ފޮނުވަނީ، ތަޢުލީމު ލިބޭނެ ކަމުގެ އުންމީދުގައި ކަމަށްވިޔަސް، އެކުދިން ވެއްދޭ މަދްރަސާއެއްގެ ސަބަބުން ފެނިގެންދަނީ، ތަޢުލީމެއް ހޯދަން އުޅޭ ކުދިންގެ ގޮތުގައި ނޫން ކަމަށާއި، ޖިހާދަކަށް، ހަނގުރާމައަކަށް ތައްޔާރުވާ ކުދިންގެ ގޮތުގައި ކަމަށެވެ. އަދި ތަޢްލީމު ޙާޞިލް ކުރުމަށް ކުދިން ފޮނުއްވުމުގައި، ވަރަށް ބޮޑަށް ބެއްލެވުމަށް އެދިވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އެކުދިންނަށް ރަނގަޅު ތަޢްލީމެއް ދެވޭނެ ކަމަށާއި، އެކަމަށް ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކުގެ ޒުވާނަކު ޕާކިސްތާނަށް ޖިހާދު ކުރުމަށް ގޮސް ގެއްލިފައިވާ ކަމަށާއި، އެއީ އަލަށް ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި ހަނގުރާމައަށާއި ޖިހާދަށް ދިވެހިން ދަރިން ފޮނުވުމުގެ ދީނީ ވިސްނުން އެމަނިކުފާނަށް ސާފުވެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންގެ ގާތުން ވަރަށް ބޮޑަށް މިކަން އޮޅުން ފިލުވައިފިން އެ ބޭފުޅުންނަކަށް ވެސް ސާފެއްނުވޭ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖިހާދު ކުރާނަމަ ރާއްޖޭގައި ކުރާން ހުރި ޖިހާދު މާ ގިނަ ކަމަށާއި ނުނިމި ހުރި، ކުރާން ހުރި ކަންކަމާއި މަސައްކަތްތައް ބައިވަރު އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ދިވެހިން އަފްޣާނިސްތާނުގެ ބޯޑަރު މައްޗަށް ގޮސް ކަންދަހާރުގައި ޖިހާދު ކުރާންވީ ސަބަބަބެއް އެމަނިކުފާނަށް އޮޅުމެއް ނުފިލާ ކަމަށެވެ.

ރާއްޖޭގެ ސަރުކާރުން ވަނީ އދ. ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށް ނިންމާފައެވެ. އަދި އެ ނިންމުމަށް މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީން ވަނީ ތާޢީދުކޮށްފައެވެ.

 

ޓެގް

ރައީސް ނަޝީދު ހަނގުރާމަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.