ރިޕޯޓް

ޑާރވިންގެ ނަޡަރިއްޔާތުގައި އިންސާނާ އުފަންވިގޮތާއި އަދި އެފިކުރުގައި ހުރި ބައެއް އުނިސިފަތައް

ލިޔުނީ: ޢަބްދުލްމާނިޢު ޙުސައިން / އަންބަރީގެ ހއ. އިހަވަންދޫ

އިންސާނާ އުފަންވުމާމެދު ނުވަތަ ފުރަތަމަ އިންސާނާއާއި މެދު މާއްދީ އަހުލުވެރިން ގެންގުޅެނީ ޚިޔާލީ ތިޔަރީތަކެކެވެ. މިފަދަ ޚިޔާލީ ތިޔަރީތައް ހަދާފައިވަނީ އިންސާނާގެ ޒަމާންވީ ކަށްބޮލާއި އިންސާނާ އިހުޒަމާނުގައި ގެންގުޅުނު ހިފާގެންގުޅޭ  ސާމާނާއި އަދި އިންސާނާގެ ދިރިއުޅުން ދައްކުވާދޭ ކިއްލާތަކުގެ ދިރާސާއިން ކަމުގައިވެއެވެ.

މިފަދަ ތިއަރީތަކުގެ ތެރެއިން އެންމެ މަޝްހޫރު ތިއަރީއަކީ ޑާވިންގްސް އިވެލިޔުޝަން ތިޔަރީއެވެ. މަޝްހޫރު ނެޗުރެލެޖިސްޓް ޗާރލްސް ޑާރވިންގެ ތިއަރީގެ މައްޗަށް ތަފްސީލީ ނަޒަރަކުން ބަލާލަމާ ހިނގާށެވެ.

ޗާރލްސް ޑާރވިންއަކީ ކާކު؟

ޑާރވިން އުފަންވީ 1809 ގައި އިނގިރޭސި ވިލާތުގެ ޝުރޫސްބެރީ އަށެވެ. މަރުވީ 1882 ގައެވެ. އޭނާ ފުރަތަމަ ކުރިމަސައްކަތަކީ ޖަނަވާރާއި ގަހާއި ސޫފިފަދަ އެއްޗެހި އެއްކޮށް ތަޙްލީލުކުރުމެވެ. ޒަމާންތަކަކަށް ފަހު 1931 ގައި އޭނާ ރިޔަލުދޯންޏެއްގައި ބުރެއްޖެހިއެވެ. މިދަތުރުގައި ދުނިޔޭގެ ޗާޓު ދެނެގަތުމުގެ ސާވޭއެއް ކުރިއެވެ. އަދި ދުނިޔޭގެ ތަފާތު އައްސޭރި ތަކުގައި މަޑުކޮށް އެތަންތަން ދިރާސާކޮށް މީހުންގެ އަސްލާމެދު ފިކުރުކުރިއެވެ. މިދަތުރުގައި އޭނާ 5 އަހަރު ހޭދަކުރިއެވެ.

އިވޮލިޔުޝަންގެ ނަޡަރިއްޔާ ކުރުގޮތަކަށް

(ހ) ސައިމެންޓިސްޓުން ޤަބޫލުކުރާގޮތުގައި ކާއިނާތު ވުޖޫދައް އައީ ގޭހާއި، ހިރަފުސް އެކުލެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިތަކެތި ގޮވައިގެން އެނބުރި ހުންނަ މާއްދީ ހަށިތަކަކަށްވެ އަދި އެތަކެތި ގެލެކްސީތަކަކަށްވީއެވެ. އަދި އަޅުގަނޑުމެން ދުނިޔެވެސް ހިމެނޭގޮތުން ގެލެކްސީތަކުގެ ތެރޭގައި ތަރިތަކާއި ޕުލެނެޓްތައް ވިހެއީއެވެ.

(ށ) ދުނިޔެ އުފެދުމުގެ ތެރޭގައި ނުވަތަ އެއިގެ ފަހުން ކެމިކަލްއާއި، ކަރަންޓުގެ ބާރުތައް އެކުލެވިގެން ފާޑެއްގެ "ޕުރައިމަލް ސޫޕް" (ފުރަތަމަ ސުރުވާ) އެއް އުފެދުނީއެވެ. މީގެ އެތެރޭގައި ޙަޔާތް އަމިއްލައަށް ވުޖޫދަށް އައިސް ދިރޭ ވައްތަރުތައް ތަބީޢީގޮތުން ފޯދުނީއެވެ.

(ނ) މިދިރޭވައްތަރުތައް އެއްސެލްއިން އެކުލެވޭ "މައިކްރޯ އޯރގަނިޒަމް" (ކުޑަ ދިރުން) އިންގުނަ ސެލްއިން އެކުލެވޭ ސޫތްޕަށް ވަނީއެވެ.

(ރ) މީގެތެރެއިން ބައެއް ގުނަސެލްއިން އެކުލެވޭ ސޫފި ރިޕްޓައިލްގެ ގޮތުގައި ބައްރުގައި އުޅެން ކަނޑުން އެރިއެވެ. އަނެއްބައި ތަކެތި ވައިގެ ތެރެއަށް އަރާ ދޫންޏަށްވީއެވެ. މިހެންވީ ޖީންތަކަކަށް އައި އަމިއްލަ ބަދަލުތަކެއްގެ ސަބަބުންނެވެ. މިހެންކަމުން ދިރިތިބުމަށް ނުއެކަށޭނަ އެއްޗެތި ނެތިވެ މަރުވެދިޔައީއެވެ. އަނެއްކޮޅުން އެ ތަކެތީގެ ވެއްޓަށް އާދެވި އަދި އެކަށީގެންވާ އެއްޗެތި ގިނަ ދުވަހު ދުނިޔޭގައި އުޅެ އެ ވައްތަރުގެ ގިނަ އަމިއްލަ ވަންހަތަކަކަށް ބައިވެ، އެއް ވަންހައެއްގެ ތަފާތު ވައްތަރުތައްވެސް އުފަންވީއެވެ.

(ބ) މާ ފަހުން ދުނިޔެއަށް އައި ބައެއްގެ ގޮތުގައި މެމަލްސް ނުޝޫއުވީ (އުފެދުނީ) ރިޕްޓައިލުންނެވެ. މެމަލްސްގެ ތެރޭގައި ގަސްގަހުގައި އުޅުނު އޭޕު (މަކުނުގެ ވައްތަރެއް) އާއި ވައްތަރު ސޫއްޕެއް އުޅުނެވެ. ކޮންމެވެސް މަރުޙަލާއެއްގައި މީތި ގަސްގަހާގެހި ދޫކޮށް ބިމަށް ފޭބިއެވެ. އަދި ހިނގުމަށްޓަކައި އަތް ބޭނުންކުރުމުގެ ބަދަލުގައި ފައިމައްޗަށް ކޮޅަށް ތެދުވެ އެހެނިހެން ކަންތައް ކުރުމަށްޓަކައި އަތްމިނިވަން ކުރިއެވެ.

(ޅ) އަތް މިނިވަންކުރުމުގެ ސަބަބުން އާޚިރުގައި ޙައިވާނުން އާލާތްތައް ތަޖުރިބާކުރަން މެދުވެރިވިއެވެ. މީގެ ސަބަބުން އޭގެ ސިކުނޑި އުފެދި ވަގުތާއި އެކުވިސްނާ، ސިފަތަކަކާއި އެކުގައެވެ. އެތައް މިލިއަން އަހަރެއްގެ ދައުރުވުމާއި އެކު ބޯދާ އިންސާނާގެ ސިކުނޑިބޮޑުވެ، ކުޅަދާނަކަން އިތުރުވެ، އޭގައި ހުރި މަކުނު ވައްތަރުގެ ސިފަތައް ނެތިވެދިޔައީއެވެ. އޭނާ ސްޓޯން އޭޖް (ގަލުގެ ޒަމާން) ފަހަނަ އަޅައި އައިސް މަޢުދަނުގެ މަސައްކަތް ކުރުމުގެ ޢިލްމީ ފައްތަރާއި ހަމައަށް އައީއެވެ. އަދި މިޞްރާއި މެސޮޕޮތޭމިޔާ (އަލްޖަޒީރާ) ގެ މަތިވެރި ތަހުޒީބު ތަކުގެ ބިންގާ އެޅިއެވެ.

މަތީގައި ބުނެވި އެދިޔައީ އިވޮލިޔުޝަން ތިޔަރީ ބުނާގޮތުން ދުނިޔެ ވުޖޫދުވެ، އިންސާނާ އުފަންވެގެން ތަރައްޤީ ވެގެން އައިގޮތެވެ. ޑާރވިންގެ ނަޡައްރިއްޔާގައި ބުނާ އިންސާނާ ތަރައްޤީވުން ( ރާމާމަކުނު ވައްތަރު އެއްޗަކުން އާދެ، އޭޕަކުން އިންސާނާ ތަޠައްވުރުވުން) ބިނާ ކޮށްފައިވަނީ ހަތަރު ޤާނޫނެއްގެ މައްޗަށެވެ.

1- ދެމިހުރުމުގެ ޤާނޫނު

ޑާރވިން ދެކޭގޮތުގައި ކާއިނާތުގެ ހުރިހާ ދިރުން ހުރިއެއްޗެއްވަނީ އެކަތި އަނެކައްޗަށް ވުރެ ގަދެވެގަތުމުގެ ހަނގުރާމައެއް ކުރުމުގައެވެ. މި ހަނގުރާމައިގައި ބަލިއެތިފަނާވެ ގަދަ ފަދަ އެއްޗެއް ދެމިހުރެއެވެ.

2- ޠަބީޢީ ގޮތުން ހޮވުމުގެ ޤާނޫނު

ޑާރވިން މާނަކުރާ ގޮތުގައި ޠަބީޢަތް، މިކާއިނާތުގައިވާ އެންމެ ބާރުގަދަ އެއްޗެއް ހޮވައި ބަލިއެއްޗެއް ނައްތާލައެވެ.

3- އެއްގޮތް ވުމުގެ ޤާނޫނު

އެއީ ބޭނުމެއް ނެތް ގުނަވަންތައް ގިނަދުވަހަކަށް ފަހު ނެތި އޭގެ ބަދަލުގައި ބޭނުން ހުރި ގުނަވަންތައް އުފެދުމެވެ.

4- ވާރުތަކުރުމުގެ ޤާނޫނު

ޑާރވިން މާނަ ކުރާގޮތުގައި މައިންބަފައިންގެ ގައިގައި ހުންނަ ޢާރިޟީ ސިފަތަކެކެވެ. ޒަމާންތައް މާޟީ ވުމާއެކު މިސިފަތައް ތަފާތުވަމުން ގޮސް މިއީ އުފެދުމުގައިވެސް ހުރި ތަފާތު ތަކެއްކަމުގައި، ބަލާމީހަކަށް ހީވާނެއެވެ. އެހެންކަމުން ޑާރވިންދެކޭ ގޮތުގައި ހިމާރާއި އަހަކީ އެއްވަތަރެއްގެ ދެޖަނަވާރެވެ. މިދެޖަނަވާރު ތަފާތު ވެފައިވާ ތަފާތަކީ ގިނަދުވަސް ވުމުން އުފެދުނު ތަފާތެކެވެ.

ހަޔާތް ފެށުނުގޮތް ދިރާސާކުރުމަށް ސައިންސްވެރިން މީގެ 1.8 މިލިޔަން އަހަރުގެ އިންސާނާގެ ކަށްބޯ ހޯދައި ދިރާސާކޮށްފައިވެއެވެ. މިގޮތުން 150 މިލިޔަން އަހަރުވީ ގަހެއްގެ (fossil) ރިކޯރޑްސްތައް ސައިންސްވެރިން އަތުގައި އެބަހުރިކަމަށްވެއެވެ. ޖަނަވާރުތައް މޫދުން އެއްގަމަށް އެރިކަން ސާބިތުކުރުމަށް 380 މިލިޔަން އަހަރުގެ (fossil)  ރިކޯޑު ސައިންސުވެރިން އަތުގައި ހުރިކަމަށްވެއެވެ. އަދި ޖަނަވާރުތައް އެއްގަމަށް އަރައި އެޖަނަވާރުތައް އިވެލިޔުޓުވެގެން އުދުހެން ފެށީކަން ސާބިތުކުރުމަށް 150 މިލިޔަން އަހަރުވީ (fossil) ރިކޯޑުސްތައް ހުރިކަމުގައިވެއެވެ.

އިންސާނާގެ ވިސްނުން ތަރައްޤީވެ މިޒަމާނުގެ އިންސާނެއްގެ ސިފައަށް އިންސާނާގެ ވިސްނުމައި އުޅުން ބަދަލުވުމަށް 3 ޒަމާނެއް ކަޑައްތުކުރި ކަމަށް ޑާރވިންގެ ނަޡަރިއްޔާއަށް ތާއީދު ކުރައްވާ ބޭފުޅުން ލިޔުއްވާފައެވެ. އެ ޒަމާންތަކަކީ ގަނޑުފެނުގެ ޒަމާން (އައިސް އޭޖް) އާއި، ގަލުގެ ޒަމާން (ސްޓޯން އޭޖް) އާއި އަދި މައުދަނުގެ ޒަމާން (ބްރޯންޒް އޭޖް) އެވެ.

ގަނޑުފެނުގެ ޒަމާން (އައިސް އޭޖް)

ދުނިޔެއަށް ތަފާތު ދުވަސްވަރު ތަފާތު އައިސް އޭޖުތައް އައިސްފައިވެއެވެ. ނަމަވެސް ދުނިޔޭގެ ބޮޑުބައެއް ކަވަރުވެގެން ދިޔަ އައިސް އޭޖަކީ މި އައިސް އޭޖެވެ. މި އައިސް އޭޖު އައިސްފައިވާކަމަށް ސައިންސުވެރިން ބުނަނީ މީގެ 2.5 މިލިޔަން އަހަރު ކުރިންނެވެ. މި އައިސް އޭޖު 500000 އަހަރާއި 25000 ދެމެދަށް ދިގު ދެމިގެން ދިޔަކަމުގައި ބުނެވެއެވެ. މި ޒަމާނަކީ ދުނިޔޭގެ ގިނަ ބައްރުތައް ގަނޑުވެފައި އޮތް ޒަމާނެކެވެ. ދުނިޔޭގެ ބައްރުތައް ގަނޑުވުމަށް ދިމާވި ސަބަބަކީ ދުނިޔޭގެ މޫސުމަށް އައި ބޮޑުބަދަލަކާއި ގުޅިގެން ގިނަދުވަހު ވިއްސާރަވެހި ސުނޯ ފޭބުމުގެ ސަބަބުންނެވެ. މިޒަމާނަކީ އިވޮލިޔުޝަންގެ އަހުލުވެރިން ދެކޭގޮތުން އޭޕު، އިންސާނާއަށް ބަދަލުވަމުން އައި ޒަމާނެވެ.

ގަލުގެ ޒަމާން (ސުޓޯން އޭޖު)

މިޒަމާނަކީ ގަނޑުފެނުގެ ޒަމާން ނިމިގޮސް ދެންއައި ޒަމާނެވެ. މިޒަމާން ފެށުނީ އިންސާނާ ތަސައްރަފު ފުދެމުން އައި ޒަމާނުގައެވެ. އަދި މިޒަމާނަކީ އިންސާނާ ތަރައްޤީވެ ކުރިއަރަން ފެށިޒަމާނެވެ. މި ޒަމާނުގައި އިންސާނާ ބޭނުންވާތަކެތި ގަލުން އުފައްދަން ފެށިއެވެ. މިޒަމާނަކީ އިންސާނާގެ ޘަޤާފަތް ފެށުނު ޒަމާނެވެ. މިޒަމާން ގާތްގަނޑަކަށް 6 ލައްކަ އަހަރާއި 7 ލައްކަ އަހަރަށް ދެމިގެންދިޔައެވެ. މިޒަމާނުގައި މީހުން ޢާއްމު ގޮތެއްގައި ކައިބޮއި އުޅުނީ ދޫނި ސޫފާސޫތްޕާއި ޖަނަވާރުފަދަ އެއްޗިއްސެވެ. މިޒަމާނުގައި އުޅުނު މީހުން އެމީހުންގެ ބޭނުތަކަށް ބޭނުންވާ ވަޞީލަތްތައް އުފައްދަމުން ދިޔައެވެ. އިސާހިތަކު އިނަސާނާ ތަހުޒީބުވެ ކުރިއަރައިގެން ދިޔައެވެ. ޢިލްމުވެރިން ގަލުގެ ޒަމާން 3 ދައުރަކަށް ބަހާލައެވެ. އެދައުރު ތަކަކީ ޕެލިއޮލިތިކް ޕީރެޑް، މެސޮލެތިކު ޕީރެޑު، ނިއޮލިތިކު ޕީރެޑް އެވެ.

މައުދަނުގެ ޒަމާން (ބުރޯންޒު އޭޖު)

މައުދަނުގެ ޒަމާނަކީ ގަލުގެ ޒަމާން ނިމިގޮސް އައި ޒަމާނެވެ. މި ޒަމާނަކީ އިންސާނާ އިތުރައް ވިސްނައި ތަމައްދުންވެ ތަހުޒީބު ވުމުގެ ނަތީޖާއެއްގެ ގޮތުން އީސާގެ ފާނުގެ 3000 އަހަރުކުރިން އައި ޒަމާނަކަށް ކިޔާ ނަމެކެވެ. މިޒަމާނުގައި އިންސާނާ ދަނޑުވެރިކަން ކުރަން ގެންގުޅޭ ސާމާނުތައް މައުދަނުން ހެދިއެވެ. އަދި މިޒަމާނުގައި އިންސާނާ ލިޔަންކިޔަން ދަސްކުރިއެވެ. މިޒަމާނިގައި އަދުގެ ދުނިޔޭގެ އިންސާނުންގެ ކުލަވަރު އިންސާނާގެ ގައިގައި ޖެހެންފެށިއެވެ. މިޒަމާނުގައި އިންސާނުންގެ ވަލުޖަނަވާރުގެ ގޮތްގަނޑު ކެނޑި އިންސާނީ ސިފައައީކަމަށް އިވެލިޔުޝަންގެ އަހުލުވެރިން ބުނެއެވެ.

ޑާރވިންގެ ނަޡަރިއްޔާތުގައި ހުރި ބައެއް އުނި ސިފަތައް

މާއްދީ އަހުލުވެރިންގެ މަޝްހޫރު ނަޒަރިއްޔާ ކަމުގައިވާ އިވޮލިޔުޝަން ތިޔަރީގެ ބާނީ ޗާލްސް ޑާރވިން ވެސް ހުދު އޭނާގެ ނަޒަރިއްޔާ ޤަބޫލެއްނުކުރެއެވެ.

ޑާރވިން އަމިއްލައަށް އޭނާ ހެއްދެވި ފަރާތެއްވާކަމަށް އިޢުތިރާފު ވެއެވެ. ނަމަވެސް އެފަރާތް އޭނާ އިންކާރު ކުރީ ދުނިޔޭގައި އޭނާއާއި ކުރިމަތިވި ދަތިތަކާއި އުނދަގޫތަކަށްޓަކައެވެ. ޑާރވިން ބުނެފައި ވެއެވެ. "ޙަޔާތަކީ ނޭނގުމުގެ ތެރޭގައިވާ އަރަތެކެވެ. އިލާހީ އިނާޔާތްތެރިކަމާއި މެދު އަހަރެން އިންކާރު ކުރަން ޖެހުނީ ދުނިޔޭގައިވާ އުނދަގޫ ތަކެއްގެ ސަބަބުންނެވެ." ވީމާ ޑާރވިންގެ ނަޡަރިއްޔާ ކުށްކަމަށް ހުދު އޭނާގެ އިޢުތިރާފުން ސާބިތުވެއެވެ.

ފުރަތަމަ ސުރުވާ އުފެދުމަށް މެދުވެރިވި މާއްދާއާއި ހަކަތައިގެ އަޞްލަކީ ކޮބާ؟ ނުވަތަ އެ ސުރުވާގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

އެމީހުން ބުނާގޮތުން އެ ފުރަތަމަ ކެމިކަލް ރިއެކްޝަނަކަށް ބޭރުގެ އެއްވެސް ސަބަބެއް ނުވަތަ މަޤުޞަދެއް ނެތެވެ. ކަނޑުގައިވާ މަސްމަހާ މެއްސާއި، ވައިގެ ތެރޭގައިވާ ދޫނި ސޫފާ ސޫތްޕާއި، މާމެލާ މެއްޔާއި، ގަސްގަހާ ގެއްސާއި، ވިނަތަކާއި، ދުވާލާއި ރޭގަނޑުގެ ސޫފިތަކާއި އަދި ހުދު އޭނާ އަމިއްލަ ނަފްސައް (އެހުރިހާ އެއްޗަކަށް ނަންދީ އޭނާގެ ބޭނުމަށް އެ ހުރިހާއެއްޗެއް ހުށަހަޅާފައިވާ އިންސާނާ) ބެލުމަށް ފަހު، އެހުރިހާ އެއްޗެއް އުފަންކުރުވި، އޭގެ ނަތީޖާތައް އެހާމަތިވެރިވެފައި އާދަޔާ ޚިލާފު މިހާދިޘާ އެއްވެސް ސަބަބެއް އަދި މަޤުޞަދެއް ނުވާކަމަށް ބުނާ އިންސާނާ އަކީ ކިހާ ނުސިޔާނު މީހެއްހެއްޔެވެ؟

މި ނިންމުމަށް ކީރިތި ޤުރުއާނުގައި ވަނީ ވަރުގަދައަށް އިންކާރު ކުރައްވާފައެވެ. މާތްﷲ ގެ ވަޙީކުރައްވަނީ:"إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآَيَاتٍ لِأُولِي الْأَلْبَابِ (190) الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ (191)"

"ހަމަކަށަވަރުން އުޑުތަކާއި ބިންހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައި ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންވާ ހެކިތަކެއް ވެއެވެ. އެބައި މީހުންނަކީ ކޮޅަށް ތިބެގެންނާއި އިށީއިނދެ ތިބެގެންނާއި އޮށޯއޮވެ ތިބެގެން ﷲ ހަދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާއިމެދު ފިކުރުކޮށް އުޅޭމިހުންނެވެ. (އެބައިމީހުން ދަންނަވާނެއެވެ.) އަޅަމެންގެ ވެރި ރަސްކަލާކޮ؟ އިބަރަސް ކަލާނގެ މިތަކެތި ހައްދަވާފައިވަނީ ބާތިލް ގޮތެއްގައެއް ނޫނެވެ."

ޑަރވިންގެ ޚިޔާލާއި މެދު ޔޫރަޕުގެ ބައެއް ޢިލްމުވެރިންވެސް އިދިކޮޅުހަދާފައިވެއެވެ.

މޭފާޓު ބުނާގޮތުން ޑާރވިންގެ ނަޡަރިއްޔާއަކީ އެއަށް ތާއީދު ނުކުރެވޭ ކުޑަކުދިންގެ ޚިޔާލެކެވެ. ހަކުސްލީއަކީ ޑާވިންގެ ވަރަށް ގާތް ރައްޓެއްސެކެވެ. ނަމަވެސް ޑާރވިންގެ މި ނަޡަރިއްޔާއަކީ ރަނގަޅު ނަޡަރިއްޔާއެއް ކަމުގައި އޭނާއެއްވެސް ޤަބޫލެއް ނުކުރެއެވެ. އޭނާ ބުނާގޮތުގައި އެއްވެސް ގަހެއް ހެދި ޙައިވާނެއް ޠަބިޢީ ހޮވުމަކުން ހޮވައިފާ ނުވާކަން ކިތަންމެ ހެކިތަކަކުންވެސް ސާބިތުވެއެވެ. އިޓަލީވިލާތުގެ ސައިންޓިސްޓެއް ކަމަށްވާ ރޫޒާ ވިދާޅުވާ ގޮތުގައި ވޭތުވެ ދިޔަ ފަސްދޮޅަސް އަހަރުދުވަހުގެ ތެރޭގައި އިންސާނާގެ ތަޖުރިބާއިން އަމިއްލައަށް އުފައްދާ އިމްތިހާނު ތަކަކީ، ޑާރވިންގެ ނަޡަރިއްޔާ، ދޮގުކަން ހާމަކޮށްދޭ ދަލީލެކެވެ.

އަންނަނިވި ކަންތައްތަކަކީ ޑާރވިންގެ ނަޡަރިއްޔާތާއި މެދުކުރެވޭ ޝަކުވާތަކެކެވެ.

1- ބިމުގައިވާ ދިރުންހުރި އެއްޗެއް އެތައް އަހަރަކުން ސުރެ ތަރައްޤީވަމުންދާ ތަނެއް ނުފެނެއެވެ.

2- ތަރައްޤީވުން ލަޒިމުވާ ބާވަތްތަކުން ބާވަތެއްގެ މެދުގައިވާ އެއްޗެއްގެ ސިފަ ނޭގެން. މިސާލަކަށް ރާމާ މަކުނަށްވުރެ އެއް ދަރަޖަމަތީ، އިންސާނުންނަށްވުރެ އެއްދަރަޖަ ދެރަ ޙައިވާނެއް ފެންނާކަށް ނެތެވެ.

3- ދިރުން ހުރި އެއްޗެހިތައް ތަރައްޤީވުމަށް ބޭނުންވާ ދިގުމުއްދަތު، ކާއިނާތުން މިފެންނަ ފާޑުފާޑުގެ ގިނަ އެއްޗެހިތައް އެކަތި އަނެކައްޗަށް ބަދަލުވުމަށްޓަކައި އެމީހުންބުނާ ގޮތުގައި ދުނިޔޭގެ އުމުރު ފުދިގެން ނުވެއެވެ.

4- ހިމާރެއް އަހަކަށް، ރާމާމަކުނެއް އިންސާނަކަށް ބަދަލުވިނަމަ މިފަދަ ކަމެއް ހިނގައިފައިވާކަން އެންމެން ދަންނަ ހަޤީޤީކަމެއްގެ ގޮތުގައި ހުރިހާ ޒަނާނެއް ގައިވެސް ވާހަކަދެކެވޭނެ ނޫންހެއްޔެވެ؟

ދުނިޔޭގައިވާ ދިރުންތަކަށް ދެއްވާފައިވާ ނިޢުމަތްތަކާއި ބާރުތަކަކީ ޠަބީޢީ ގޮތުން ލިބިފައިވާ ބަރުތައް ހެއްޔެވެ؟

ފަހަތައް އެނބުރިދިއުމުގެ އަވަސް ދުވެލި އެންތަޕޯލަށް ލިބިގެންވެއެވެ. އައްޑަނައެއް ނުވަތަ ބޮމުގެ ހިޔާވައްސެއް ކަހަނބައް ލިބިގެން ވެއެވެ. ކޭމްފުލާޒްއެއް ކެމީލިޔަންއަށް ލިބިގެންވެއެވެ. ކަނޑިތަކެއް ނުވަތަ ތިލަތަކެއް ޕޯރކިޔުޕައިން އަށް ލިބިގެވެއެވެ. ހޯނުގައިވާ ތެޅޭ ނަމަވެސް ދިރުމެއް ނުވާ ނަގުލުގެ ސަބަބުން އޮޅުވާލުމުގެ ހުނަރު ހޯނަށް ލިބިގެންވެއެވެ. ވިހަވަޅިއެއް ހަރުފައަށް ލިބިގެންވެއެވެ. ކަރުނަގޭސް ނުވަތަ ވިހަ ގޭހެއް ސްކަންކް އަށް ލިބިގެންވާއިރު ދުމުގެ ފަދާއެއް ބޯވައަށް ލިބިގެންވެއެވެ. ހަމައެގޮތައް ވާލައް ރާޑަރއެއް ލިބިގެންވާއިރު އިލެކްޓުރިކް ވެންއަށް އިލެކޮޓުރިކް ޝޮކްދިނުމުގެ ބާރު ލިބިގެން ވެއެވެ.

ޝައްކެއްވެސް ނެތެވެ. އެއްވެސް ބުއްދިއެއް ނުވާ ޖަނަވާރުތައް މިހަތިޔާރުތަކާއި ކެމިކަލްތައް ހޯދައި ނުވަތަ އުފައްދައި އެކަންތައްތައް އެއެއްޗެތީގެ ހަށީގައި އަށަގެންނެވީ ނެތުމުގެތެރެއިން އިއްތިފާޤަކުން ކަމަށް ބުނުމީ، މާ ބޮޑުވަރު ޤަބޫލުކުރުމަށް އެދުމެވެ.

ދިރޭ އެއްޗެތީގެ ވަކި ހަމައެއްގެ މަތީގައިވާ ދިރިއުޅުމުގެ ޙަޔާތަކީ އިއްތިފާޤެއް ހެއްޔެވެ؟

ކޮވެލި އޭތި އަމިއްލައަށް ހާއްޔެއް ނަހަދައި އެހެން ދޫޏެއްގެ ހައްޔަށް ބިސްއަޅަނީ އިއްތިފާޤަކުން ހެއްޔެވެ. އަމިއްލައަށް ހާޔެއް ހަދައި ބިސްއެޅުން މަނާ ކުރީ ކޮން ކަމެއްހެއްޔެވެ. ފެނުމެއް ނުވާ ހިންޏައް އެހާ ރޭވުންތެރިކަމާއި އެކު މަސައްކަތް ކުރުމުގެ ޤާބިލުކަން ދެއްވީ ކޮންފަރާތަކުން ހެއްޔެވެ؟ ކުޅަދުރުގެ ރޭވުންތެރި ދިރިއުޅުމާއި މެދު ވިސްނާލަބަލާށެވެ. ވެލާ ކަނހަބު އެއްގަމަށް އަރައި ބިސްއަޅަނީ ކާކު ބުނެގެން ހެއްޔެވެ؟ މިފަދަ ކޮންމެ ޖަނަވާރަކާއި ދޫޏަކާއި ސޫތްޕަކީ ކޮންމެސް ހަމައެއްގެ މަތީގައިވާ އެއްޗެހި ތަކެކެވެ. މިހަމަތައް އެއެއްޗިއްސައް ދެއްވީ އިވޮލިޔުޝަން ހެއްޔެވެ؟

އިންސާނާ ހަމައެކަނި އޭޕު އިން އުފެދެންވީ ކީއްވެ ހެޔެވެ؟

ކޮންމެ ވަންހައެއްގައިވެސް ބަދަލުވުމުގެ ސިފަހުންނަނީ ވަކި މިންވަރަކަށެވެ. މިހެންނޫންނަމަ ގޮރިއްލާއާއި، ޗިމްޕަންޗީ އަދި އެހެނިހެން މަކުނުވެސް އިންސާނުންނަށް ބަދަލުވުމުގެ މަގުން އައުން އެއްކިބާ ކުރީ ކޮންކަމެއްހެއްޔެވެ؟ ބަދަލުވުމަށްޓަކައި އެއެއްޗިއްސައް އެތައް އަހަރެއް ލިބުނެވެ. ނަމަވެސް ބަދަލެއް ނުވެއެވެ. މީގެ މާނައަކީ ހީކުރެވިފައިވާ އިވޮލިޔުޗަންގެ ޤާނޫނަކީ ދާއިމީގޮތެއްގައި އަދި އުމޫމިއްޔަ ގޮތެއްގައި ޢަމަލުކުރެވޭ އެއްޗެއްކަން ހެއްޔެވެ؟ އެއާއި ޚިލާފަށް މިއިންދައްކުވާ ދެނީ ފުރަތަމައިނުން ހުރިހާ ވަންހަތަކެއް އުފެއްދެވި ކަމެއް ނޫންހެއްޔެވެ؟ އަދި ބައެއް ސިފަތައް އެއީ އެއެއްޗިއްސަށް ދެއްވާފައިވާ ސިފަތަކެއްނޫން ހެއްޔެވެ؟ މިސާލަކަށް ކަހަނބުގެ ހަރު ތޮށިގަނޑާއި، ޕޯރކިއުޕައިންގެ ކަށިތަކުގެ ތޫނު ކަމާއި، އިންސާނާގެ ބުއްދިވެރިކަމާއި މިކަންތައްތަކަކީ ފަހުން ދިރިދެމި ތިބެގެންނާއި ވިއްސައި ބެލެހެއްޓުމުގެ ތެރެއިން އިތުރުކޮށް ވަރުގަދަ ކުރެވިދާނެ ކަންތައް ތަކެވެ. ނަމަވެސް އަސާސީ ގޮތެއްގައި އެކަންތައްތަކެއް ބަދަލެއްނުކޮށް ލެވޭނެއެވެ.

އިންސާނާއަށް އެކަނި އަމިއްލައަށް އުޅެންވީގޮތް ދެނެގަންނަންވީ ކީއްވެ ހެއްޔެވެ؟

ކާއިނާތް ހިނގަމުންދަނީ ކަނޑައެޅިފައިވާ ވަކިތަރުތީބަކުން ވަކިހަމައެއްގެ މަތިންނެވެ. މިކައުނުގައިވާ ކޮންމެ އެއްޗަކީވެސް އޭގެ ޒާތުގައި ވަކި ޤަވާޢިދެއްގެ މަތީގައިވާ އެއްޗެކެވެ. އެތަކެތި ޢަމަލުކުރަންވާ ހަމަ ދެނެގަތީ މާޒީގެ ޒަމާންތަކަކުންނެއް ނޫނެވެ. މި ދުނިޔެ ބުރުޖަހަނީ ނުވަތަ ދުވާލާއި ރޭގަނޑު ތަކުރާރު ވަނީ ނުވަތަ ހަނދުއަރަނީ ނުވަތަ ވިއްސާރަ ވެހުމަށް ވަކިހަމަތަކެއް ލައްވައި އެ ހަމަތަކުގެ މަތީގައި އެހުރިހައި ދައުރުވުންތަކެއް ލެއްވިއިރުގައި އިންސާނުންފަދަ މާތްބަޔަކަށް ދުނިޔެއަށް އައިއިރު އުޅެންވާނެ ގޮތެއް ތަބަޢަވާނެ ހަމައެއް ނޭނގޭކަމަށް ވާނަމަ ދުނިޔޭގެ މިކާއިނާތުގެ ތެރޭގައި ވަކިތަރުތީބަކުން ވަމުންދާ ހުރިހާ ކަމެއްއެއީ ޒަމާންތަކެއްގެ ތަޖުރިބާއާއި އެކު އެއެއްޗިހި އަމިއްލައަށް ދަސްކޮށްފައިވާ ކަމެއް ނޫންބާއެވެ. ބުޅާ ދުވާލު ނިދަނީވެސް އެފަދަ ތަޖުރިބާއަކުންތާއެވެ. އަނެއްކާ ދުވާލު ނިދުމަށް އާދަވެފައިވާ އިންސާނުންނަކީ ބުޅާއާއިލާގެ ބައެއްބާއެވެ.

ވިސްނާލަމާހެއްޔެވެ؟

ޒަމާނުގެ ސައިންސުވެރިން ދައްކާވާހަކަތައް އަޑުނޭހެމަކަށް މުސްލިމުންނަށް މާތް ﷲ  ޢަމުރެއް ނުކުރައްވައެވެ. ގަނޑު ފެނުގެ ޒަމާނަކަށް އިސްލާމްދީން ދެކޮޅެއް ނަހަދައެވެ. ފަހަރުގައި އިހުޒަމާނުގައި ގަނޑުފެނުގެ ޒަމާނެއް އަތުވެފައި ވެދާވެ އެވެ. ނަމަވެސް އެޒަމާނަކީ ކޮންމެހެން އިންސާނާ އުފެދުނު މަރުޙަލާއަށްވުން ކޮންމެހެން ލާޒިމެއް ނޫނެވެ. އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ ކަމަކާއި އިދިކޮޅަށް ސައިންސުވެރިން ފަތުވާދީފި ނަމަ މުސްލިމުންގެ މައްޗަށް ވާޖިބުވެގެން ވަނީ ކަމާއިބެހޭ ޤުރުއާނުގެ އާޔަތުގެ މާނަ ތިމާއަށް ނޭނގެނީކަމަށް ޤަބޫލުކުރުން ނުވަތަ ކަމާއިބެހޭ ސައިންޓިފިކު ނަޡަރިއްޔާ ގޯސްކަމަށް ނިންމުން ނުވަތަ އެނަޡަރިއްޔާއެއް ކަމުގެ މުޅި ހަޤީޤަތާއި ހަމައަށް ނުދެވެނީކަމަށް ޤަބޫލުކުރުމެވެ.

އާދެ! މުސްލިމުން ދެކޭ ގޮތަކީ ފުރަތަމަ އިންސާނާއަކީ އާދަމް ޢަލައިއް ސަލާމް ކަމަށެވެ. އާދަމް ހެއްދެވީ މަށިންނެވެ. މަށިންހައްދަވައި ފުރާނަ އަޅުއްވައި އެކަލޭގެފާނު ސުވަރުގެ ވެއްދެވިއެވެ. ދެން އެކަލޭގެފާނުގެ އަރިކަށިން ހައްވާގެފާނު ހެއްދެވިއެވެ. އަދި ދިމާވި ކަމަކާއި ގުޅިގެން ސުވަރުގެއިން އާދަމްގެފާނު ބިމަށް ފޮނުއްވުނީއެވެ. އެހީސާބުން އިންސާނީ ޙަޔާތް ފެށި އެދެކަނބަލުންނަށް ދަރިންލިބި ދުނިޔެ އާރާސްތު ވެގެން ދިޔައީއެވެ. ހުރިހާވެސް މައްސަލައަކީ މައްދީ އަހުލުވެރިންނަށް ކަލަކު ވޮޑިގެންވާކަންއެނގޭ އިރުވެސް އެކަމާ އިންކާރު ކުރާނެ ގޮތެއް ހޯދުމުގެ ނިޔަތުގައި ތާކުން ތަކު ނުޖެހޭ މޮޔަ ތިޔަރީތައް އެކުލަވާލާތީއެވެ. މިފަދަ ތިއަރީތަކުގެ ސަބަބުންވެސް އަގުވެއްޓެނީ އެބައިމީހުންނެވެ. މާތްﷲ އަޅަމެންނަށް ހެޔޮރަޙްމަތް ލާއްވާށިއެވެ. އާމީން!

ގުޅުންހުރި

1 ޚިޔާލު

  1. އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (٣) އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ. (٤) އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ. (٥) އަދި ފަތްޕިލާވެއްޔާއި، ގަސްގަހާގެހި، އެކަލާނގެއަށް ކިޔަމަންވެ، سجدة ކުރެތެވެ. (٦) އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި عدل إنصاف ލެއްވިއެވެ. (٧) މިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށްޓަކައެވެ. (٨) عدل إنصاف ގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ! (٩) އަދި خلق ތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވާފައިވެއެވެ. (١٠) އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ. (١١) އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ. (١٢) އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (١٣) މުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވިއެވެ. (١٤) އަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެކަލާނގެ ޖިންނީން ހެއްދެވިއެވެ. (١٥) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (١٦)
    އިރުއަރާ ދެތަނާއި، އިރުއޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ. (އެބަހީ: ދެ موسم އަށް އިރުއަރާ ދެތަނާއި، އޮއްސޭ ދެތަނުގެ ވެރިރަސްކަލާނގެއެވެ.) (١٧) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (١٨) އެކަލާނގެ ދެކަނޑު (އެބަހީ: ކޯރާއި، ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެތެވެ. (١٩) އެ ދެކަނޑު ދެމެދުގައި، ހުރަހެއްވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއް ކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެތެވެ. (٢٠) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (٢١) އެ ދެކަނޑުން ރަންމުތާއި، مرجان ފައިދާވެ ނުކުމެއެވެ. (٢٢) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (٢٣) އަދި ކަނޑުގައި ދުއްވުމަށް ހަދާފައިވާ އުސްފަރުބަދަތައްފަދަ އުޅަނދުފަހަރު ملك ވެގެންވަނީ، އެކަލާނގެއަށެވެ. (٢٤) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (٢٥) އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. (٢٦) އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذات ފުޅު ދެމިވޮޑިގެންވެއެވެ. (٢٧) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (٢٨) އުޑުތަކާއި، ބިމުގައިވާހާ ބަޔަކު އެކަލާނގެއަށް އެދި ދަންނަވަތެވެ. ކޮންމެ ހިނދުކޮޅެއްގައިމެ، އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ. (އެބަހީ: ބަޔެއް އަޅުތަކުން عزّة ތެރިކުރައްވައި، އަނެއްބައި އަޅުތަކުން ނިކަމެތި ކުރައްވައި، އެއްބަޔަކަށް رزق ދެއްވައި، އަނެއްބަޔަކު محروم ކުރައްވަތެވެ.) (٢٩) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (٣٠) އޭ ޖިންނީންނާއި، އިންސީންނާ ދެބާވަތުގެ މީހުންނޭވެ! ތިޔަ ދެބައިމީހުންގެ މެދުގައި ނިކަންހުރެ، ތިމަންރަސްކަލާނގެ حكم ކުރައްވާ ހުށީމެވެ. (٣١) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (٣٢) އޭ ޖިންނީންނާއި، އިންސީންގެ جماعة ގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެތެވެ. (٣٣) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (٣٤) ތިޔަ ދެބައިމީހުންގެ މައްޗަށް (قيامة ދުވަހުން) އަލިފާނުގެ ހުޅުތަކާއި، ވިރިފައިވާ ލޮއި ފޮނުއްވާނެތެވެ. ފަހެ، ތިޔަބައިމީހުންނަށް نصر އެއް ނުލިބޭނެތެވެ. (٣٥) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (٣٦) ފަހެ، އުޑު ފަޅަފަޅައިގެންދާހިނދު، ރަތްފިނިފެންމަލުގެ ކުލައިގައިވާ ތެޔޮގަނޑެއް ފަދައިން ވެދެއެވެ. (٣٧) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (٣٨) ފަހެ، އެދުވަހުން އެމީހެއްގެ ފާފަޔާމެދު އިންސިއަކާ، އަދި ޖިންނިއަކާވެސް سوال އެއް ނުކުރައްވާނެތެވެ. (އެހެނީ، އެދުވަހުން އެއުރެން ފާހަގަވެ، އެނގޭނެތެވެ.) (٣٩) (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟ (٤٠)

Your email address will not be published. Required fields are marked *

More in ރިޕޯޓް