ލީބިޔާގެ ރައީސް މުއައްމަރުލް ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނެއުމަށް ނޭޓޯ އާއި އިދިކޮޅު ހަނގުރާމަވެރިން ފެށި ހަނގުރާމަ މިހާރު ގާތްގަނޑަކަށްވަނީ ނިމުމަކާ ގާތްވެފައެވެ. އަދި ގައްޒާފީ ދަނީ އޭނާގެ ވެރިކަމުގެ " ފަހު ސިކުންތު ކޮޅު" ގުނަމުންނެވެ.
ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި އިދިކޮޅު ހަނގުރާމަވެރިން ރޭ ވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ ބޮޑު ސަރަހެއްދެއް ހިފައިފައެވެ. އަދި ގައްޒާފީއަށް ވާގިވެރިވާ ހަނގުރާމަވެރިންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ.
މީގެއިތުރުން ލީބިޔާގެ ހަނގުރާމަވެރިންގެ ސްޕޯކްޕާރސަން މުހައްމަދު އަބްދުލް ރަޙްމާން ހާމަކުރާގޮތުގައި ގައްޒާފީގެ މައި މަރުކަޒު ބާބު އަލް އަޒީޒިއްޔާ އަށް ހަނގުރާމަވެރިން ވަންނަން މަސައްކަތްކުރުމުން ވަނީ ވަރުގަދަ ކުރި މަތިލުން ތަކެއް ހިނގާފައެވެ. ގައްޒާފީގެ މި މަރުކަޒަށް އެތަށް ފަހަރަކު ނޭޓޯއިން ވަނީ އެތަށް ހަމަލާތަކެއް ދީފައެވެ.
ބައެއް ޚަބަރުތަށް ބުނާގޮތުން މިހާރު ވަނީ ގައްޒާފީގެ 3 ދަރިންވެސް ހައްޔަރުކޮށްފައެވެ. އޭގެތެރެއިން ގައްޒާފީގެ ދަރިކަމަށްވާ ސައިފް އަލް އިސްލާމްވެސް ވަނީ އިދިކޮޅު ފަރާތްތަކުން ހައްޔަރުކޮށްފައެވެ. މީގެކުރިން ސައިފް އަލް އިސްލާމް ވަނީ މިހާރު ލީބިޔާގައި ހިނގަމުންއަންނަ ހަމަނުޖެހުންތައް ނިމުމަކަށް އަންނާނީ އިންތިޚާބެއް ބޭއްވުމުން ކަމަށް ހާމަކޮށްފައެވެ.
ގައްޒީފީ މިހާރު އުޅެމުންދަނީ ކޮންތަނެއްގައި ކަމެއް އެއްވެސް ޚަބަރަކުން ހާމަކޮށްފައިއެއް ނުވެއެވެ. އެހެންނަމަވެސް ދާދި ފަހުން ގައްޒާފީގެ ތިން އޯޑިއޯ މެސެޖް ވަނީ އާއްމުވެފައެވެ. އެ މެސެޖްތަކުގައި އޭނަގެ ސަޕޯޓަރުންނަށްވަނީ މަގުތަކަށް ނުކުމެ އިދިކޮޅު ހަނގުރާމަވެރިންނާ ކުރިމަތިލުމަށް ގޮވާލައިފައެވެ.
ވެރި ރަށް ޓްރިޕޮލީ އަށް އިދިކޮޅު ހަނގުރާމަ ވެރިންނަށް ވަދެވުމާއެކު ގިނަ ބަޔަކު ދަނީ ލީބިޔާގެ މަގުތަކަށް ނުކުމެ އުފާ ފާޅުކުރަމުންނެވެ.
42 އަހަރުވަންދެން ވެރިކަން ކުރަމުން އަންނަ ގައްޒާފީ ކުރިން ބުނެފައިވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ހަނގުރާމަ ކުރާނެކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...