ރިޕޯޓް

މިރަރ މިރަރ އޮން ދަ ވޯލް، އެންމެރީތި ޓެރަރިސްޓަކީ ކާކުހެއްޔެވެ؟

ލިޔުނީ: މުހައްމަދު ސިރުހާން (ސިރޫ)
ސެޕްޓެމްބަރ 11 އަށް ފަހު ޓެރަރިސްޓު މިލަފްޒު އުފުލާ ބަޔަކީ އިސްލާމުން ކަމަށް ހުޅަނގުން ނިންމިއެވެ. މި ނިންމުމާ މުޅިދުނިޔެ އިއްތިފާޤުވެއްޖެހެން މިހާރު ހީވާންފަށައިފިއެވެ. ރޭޑިއޯ ހުޅުވާލިއަސް ޓީވީ ހުޅުވާލިއަސް ނޫހެއްހުޅުވާލިއަސް ފެނި އިވިދަނީ މުޅީންވެސް ޓެރަރިސްޓު ހަމަލާތަކުގެ ޚަބަރުތަކެވެ. މި އެކަނިވެރި ދިވެހިރާއްޖެއަށް ވެސް މިއޮތީ ޓެރަރިސްޓުންގެ ބިރުވެރިކަން ފޯރާފައެވެ. ސްކޫލު ކުދީންނަށް ޓެރަރިޒަމްގެ ހަމަލާތަށް ދެމުން ދާތާ ވަރަށް ގިނަޒަމާންތައް ވެދާނެހެންވެސް ހީވެއެވެ. ޤައުމުގެ ދިފާޢުގައި އުޅޭ ސިފައިން ކޮންމެދުވަހަކު ޓެރަރިސްޓު ހަމަލާތަކަށް ތަމުރީނު ލިބިގަނެއެވެ.
އަހަރެމެން ކުޑައިރު ހާދަ އަމާން އޮމާންކޮން އޮތްތަނެކެވެ. އޮމާންކަމުންގޮސް ހާދައޮމާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދުވަސްވަރު ޓެރަރިސްޓުން އުފަންނުވީ ކީއްވެބާވައެވެ؟ ޓެރަރިސްޓު ހަމަލާތައް އަތުވެދާނެތީ އަހަރެމެން ބިރެއްނުގަނެއެވެ. މާހައުލުގައި އެއްވެސް ގަޑުބަޑުކަމެއް ނެތެވެ. އިސްވެ ބުނި އަމާން އޮމާންކަން މާޒީ އަށް ވަދެ ތާރީޚުފޮތް ތަކުގެ އެތެރޭގައި ފިލައި ބޮނދައިފިއެވެ. މިހާރު މިފެންނަނީ ޓެރަރިސްޓު ހަމަލާތަކަށް ތައްޔާރުވާން ސިފައިން ތައްޔާރުވާ ތަނެވެ. ރާއްޖޭގައި އެފަދަ ސިފައިން ލަނީ ކަޅު ކުލައިގެ ޔުނީފޯމެކެވެ. ދުވަހެއްދުވަހަކަށް ދަނީ މިބުނި ސިފައިންގެ އަދަދު ގިނަވަމުންނެވެ. އެސިފައިން ވަކިކުރަން އަހަރެންނަށް އެގޭގޮތަކީ ބައެއްމީހުން ހުންނަނީ ފުރާންސުގެ ސްޓައިލަކަށެވެ. އަނެއް ބައި މީހުން ހުންނަނީ ވައްހާބީންނޭ މިކިޔޭ މީހުންހުންނަގޮތަށް ތުނބުޅި ދިގުވެސް ކޮށްފައެވެ. ފަހަރެއްގައި އެއީ ޓެރަރިސްޓުންނަށް ފާރަލާ މީހުންނަށްވެސް ވެދާނެއެވެ. ނުވަތަ އެމީހުންނަށް އޮޅުވާލައި ސަލާމަތްކަން ހޯދަންވެސް ވެދާނެއެވެ. ކޮންމެއަކަސް ސިފައިން މިދަނީ އަންނަން މިއުޅޭ ހަމަލާއަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެމީހުންގެ އަދަދުގެ ގިނަވަރަކީ އެއްތަނަށް އެއެންމެން ޖަމާވެއްޖެނަމަ އޭގެން މީހެއްގެ ގައިގާ ނުޖެހޭނެ ގޮތަކަށް އިނގިލިކުރިވެސް ބިންމަތީ ނުޖެއްސޭނެއެވެ.
މީގެ އަނެއް ކޮޅުން ސިފައިން ގަދަކުރާވަރަކަށް ޓެރަރިސްޓުންގެ ޓްރޭނިން ވަރުގަދަކުރެއެވެ. ސިފައިން ބަލިކަށިއިރު ޓެރަރިސްޓުން އެއްވެސް ހަމަލާއަކަށް ތައްޔާރުވާތަނެއް ނުވަތަ ޚަބަރެއްވެސް ނުލިބެއެވެ. ނަމަވެސް މިހާރު އެބައިމީހުންދަނީ ވަރަށް ބޮޑަށް ހަމަލާއަކަށް ތައްޔާރުވަމުންނެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ. ތަފާތުވައްތަރުގެ އޮޓަމެޓިކު ހަތިޔާރާއި އެކިކަހަލަ ކެމިކަލް ނުވަތަ ބައިލޮޖިކަލް ހަތިޔާރުތަކެވެ. ތޫނު ހަތިޔާރުތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ފަހަރެއްގައި ތިބާ ބިރުން މިލިޔުން ނުކިއެނީސް ހޭނެތިގެން ވެއްޓިދާނެއެވެ. ޓެރަރިސްޓުން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަތްގަދަކޮށް ވަކިހިއްޕައި އެބައިމީހުންގެ ކޭމްޕުތައް އަޅަމުންނެވެ. މާލޭގައިވެސް އެބައިމީހުންގެ އައްޑާތައް ހެދިފައި އެބަހުއްޓެވެ. އަރެންވެސް އެފަދައައްޑާތަކަށް ދަމެވެ. އަހަރެން މިވާހަކަބުނުމުން ފަހަރެއްގައި ހައްޔަރުކޮށްފާނެއެވެ. އަހަރެންނަށް ކަނޑައެޅިގެން އެނގޭގޮތުގައި މިކަމަކީ ދިވެހި ސަރުކާރަށް ވަންހަނާވެގެން ހިނގާކަމެއްނޫނެވެ. އެކަމުގެ ހެކި އަހަރެންގެ އަތުގައި އެބަހުއްޓެވެ. މައުމޫނުގެ ސަރުކާރުންވެސް މިކަން ވަރަށް ފުޅާކޮށް ގެންގޮސްފައިވެއެވެ. އަންނީގެ ސަރުކާރުންވެސް ދަނީ މިކަމުގައި ފުރިހަމައަށް ބައިވެރިވަމުންނެވެ. ޓެރަރިސްޓުންގެ ހަތިޔާރުތަށް ރާއްޖެ އެތެރެކުރުމުގައި ބޮޑެތި ވިޔަފާރިވެރީންވެސް ދަނި ބައިވެރިވަމުންނެވެ. މިހިރަމިހިރަ ކަންކަމަކީ އަހަރެންގެ ކުރިމަތީ މިހާރުވެސް ހިނގާ ކަންކަމެވެ. އަހަރެންގެ އަތުގައި ވާ ހެކިތައް ހަރުވެފައި ވަރުގަދައެވެ. އޭގެން ޖަހައިފިނަމަ ޤާޒީންނާއި ޤާނޫނީ ވަކީލުން ނޫނެކޭ ނުބުނެ ހަމަބިމަށް ތިރިވާނެއެވެ.
ޓެރަރިސްޓުންގެ ކަންތައް ގޮސްފައިވާ ހިސާބަކީ އެމީހުންގެ ނެޓްވޯކުތައް މުޅިދުނިޔޭގައިވެސް ވަނީ ފަތުރާފައެވެ. ދުނިޔޭގެ މަޝްހޫރު މުއްސަދީންނާއި ގުޅުންއޮވެއެވެ. އެމީހުންގެ ޚަރަދުގައި ޓެރަރިސްޓުން ތަމްރީނުކޮށްދެއެވެ. ހަތިޔާރުތަށްވެސް ހޯދާދެއެވެ. މިގޮތުން ބޭރުގެ އެކިއެކި ޤައުމުތަކުން ތަމްރީނުވެގެން އައިސްތިބި ދިވެހީންނާއި ބޭރު މީހުން މިހާރުވެސް މިދިވެހިރާއްޖޭގައި ހަރަކާތްތެރި ވަމުން އެބަދެއެވެ. އެބައިމީހުންނަކީ ކޮންބައެއްކަން ދިވެހި ސަރުކާރަށް ވެސް އެނގެއެވެ. އޭގެތެރެއިން ބައެއްމީހުން އެހެން ކުށްކުށުގައި ހޯދާނުފެނިގެން ޓީވީން ދައްކާހަދައެވެ.
ކޮންމެއަކަސް ސިފައިން މިހާރުތިބީ އަތުވެދާނެ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެމީހުންތިބީ ފައިތިލަ ސާބިތުކޮށްގެންނެވެ. ފައިތިލަ ބިމުތެރޭގައި ގަދައަށް ހަރުކޮށްފައެވެ. ނަމަވެސް އާއްމުން ތިބީ ނުތަނަވަސް ވެފައެވެ. އެމީހުން ނުތަނަވަސް ވަނީ ޓެރަރިސްޓުން ހަމަލަދީ ހިފާފާނެތީއެއްނޫނެވެ. އެކަމަކު ސިފައިން ގިނަވާތީއެވެ. އެމީހުން އެބުނާ މިނިވަންކަމާއެކު ރީތިމަންޒަރުތައް ނުފެންނާތީއެވެ. މިނިވަން ކަމާއެކު ގުޅުންތައް ނުހިންގޭތީއެވެ. ޒުވާން އަންހެންކުދީން އަދި ވަކީން ރުޅިގަދަވާހެންހީވެއެވެ. ވާނީވެސް އެހެންތާއެވެ. ރައްޓެހިވެގެން އުޅޭކުއްޖާގައިގައި އޮމާންކަމާއިއެކު ފިރުމާލެވޭކަށްނެތެވެ. ސިފައިން ފުރިބަރާވެފައެވެ. ސެކިއުރިޓީ އެހާ ވަރުގަދައެވެ. ޓެރަރިސްޓަކަށް ވެދާނެތީ ބައްޕަ އެކަމަކު ވަލީއެއްނުދެއެވެ. ޕާޓޭ ރައްޓެހީންތައް ގެއްލި ވަތްނުވަތްތަނެއް ނޭނގެއެވެ. ހީވަނީ ސިފައިންނަށް ފިލަންވެގެންހެންނެވެ. ދިވެހިޖައްވު މުޅިން ބަދަލުވެއްޖެއެވެ.
ދިވެހީން މިހާރު ބޭނުންވެފައިތިބީ ޓެރަރިސްޓުން އެމީހުންގެ މައްޗަށް އަތްގަދަކުރުމަށެވެ.
ޙަސަނަކީ ވެސް ސިފައިންނާއި ވަރަށް ގުޅުންބޮޑު މީހެކެވެ. އޭނާގެ ވަޒީފާއަކީ ކަޅުހެދުންލީ ސިފައިންގެ ޔުނީފޯމް ދޮވުމެވެ. އޭނާ ހަމައެކަނި ޔުނީފޯމް ދޮންނަނީއެއްނޫނެވެ. ދޮވެފަ އިތުރަށް މީރުވަސްވެސް ދުއްވައެވެ. މިކަމުން ސިފައިންގެ އެވަޒީފާ ނުގެއްލި ހިފެހެއްޓެއެވެ. އެކަމަކު ޙަސަނުގެ ވަރަށް ބޮޑުހިތާމައެއް އޮވެއެވެ. އޭނާ އިންނަން އުޅޭ ކުއްޖާ، ފާތުން ޙަސަނު އަދާކުރާ ވަޒީފާ އާ ޤަބޫލެއްނޫނެވެ. އަދި ފާތުންގެ ބައްޕަވެސް އެކަމާ އެހާ ގަޔާއެއްނުވެއެވެ. ޙަސަނަށް ފާތުންނާއި ކައިވެނި ކުރެވެން އޮތީ އެވަޒީފާ ދޫކޮށްލާފައެވެ. ޙަސަނަށް ކޮންމެދުވަހުވެސް ނިދެނީ އެކަމުގެ ފިކުރުގައި އޮއްވައެވެ. ހަސަނު މިހާރު އެއޮތީ އަތްދަށުގައި ބޯ ބާއްވައިގެން ބޮލާއި އަތާއެކު ބާލީހުގައި ފިކުރުން ފުރި ހަދާނެ ގޮތް ހުސްވެފައިވާ ބޯ ބާއްވައިގެންނެވެ. އެޓޮމްއެއްގެ ތެރޭގައި އިލެކްޓްރޯންސް ދަތުރުކުރާހެން ފިކުރުތައް ޙަސަނުގެ ސިކުނޑީގައި ދަތުރުކުރަނީއެވެ. އެހެން އޮއްވާ ދުރުރާސްތާ އެންމެވަރުގަދަ ޓެރަރިސްޓުން ފޮނުވާކަހަލަ މިސައިލެއް ގެ އަޑު ޙަސަނަށް އިވުނުހެން ހީވިއެވެ. ޙަސަނުގެ ބޯނުގޮވީ ކިރިޔާއެވެ. ތެދެކެވެ ޓެރަރިސްޓުންގެ ޙަމަލާތައް ފެށީއެވެ. ޙަސަނަށް ފުރަތަމަވެސް ވިސްނުނީ ފާތުންނަށްވެދާނެ ގޮތަކާ މެދުގައެވެ. ދުވެފައިގޮސް ފާޚާނާއަށް ވަދެ މޫނުބަލާލޯގަނޑުން މޫނުބަލާލިއެވެ. އެވަގުތު ޙަސަނު ހަދާންވީ ޙަސަނު ޓެރަރިސްޓެއްގެއަތުން ގަނެފައި އޮތް ހަތިޔާރެއްގެ މަތީންނެވެ. ދުވެފައިގޮސް ހަތިޔާރުހިފައިގެން ނުކުތީ ބޭރުބަލާލާށެވެ. ބެލްކަންޏަށް ނުކުމެ ފާތުންގެ ގެ ފެންނަހިސާބުގައި ހުއްޓުނެވެ. ޓެރަރިސްޓުންގެ ހަމާލާތަސް ފެށުނީއެވެ. ޖެހޭގަދަވައިގާ ސިފައިންތައް ކަޅުހެދުމުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ޓެރަރިސްޓުން ފުރަތަމަވެސް ޖެހީ ހުދުކުލައިގެ ހުންނަ ފާޑެއްގެ ކެމިކަލްއެކެވެ. ސިފައިން ބަލިކޮށްލާށެވެ. ސިފައިންނަށް އެއިގެން ސަލާމަތް ނުވެވި އުޅެނިކޮން އޮޓޮމެޓިކު ހަތިޔާރަކުން އެ ހުރިހާ ސިފައިން ބިމާ ހަމަކޮށްލައިފިއެވެ. ޙަސަނުގެ މޫނަށް ކޮންމެވެސް ވަރަކަށް ޙަމަލާއެރިއެވެ. ލޭ ފައިބަންފެށުމުން ހަސަނު ކުޑަ ބޭސްމަލަންކޮޅެއް ހިއްޕާލިއެވެ. ޓެރަރިސްޓުން ދެންހެދި ގޮތަކީ ފާޑެއްގެ ދިޔާކެމިކަލެއް ޖެހިއެވެ. ހަސަނަށް އޭގެ އަސަރު ވަރަށް ބޮޑަށްކުރިއެވެ. އެކަމަކު ކުޑައިރުކޮޅަކު ދިލަނަގާލާފައި ހުއްޓިއްޖެއެވެ. ހަސަނު ހިތަށްއެރިއެވެ. ޓެރަރިސްޓުން އެހާވަރުގަދަ ހަތިޔާރުހޯދަނީ ކޮންތާކުންބާވައެވެ؟ ފުރަތަމަ ޙަމަލާގައިވެސް އެމީހުން ކާމިޔާބު ކުރީއެވެ. އެއޮއް ވަރުގަދަ ސިފައިންގެ ލަޝްކަރު ބިމާ ހަމަކޮށްލީއެވެ. މަރުވި ސިފައިން ވަޅުލާނިމިއްޖެއެވެ. ހަސަނު ގެއިން ނުކުތީ ފާތުންގެ ޚަބަރު ބަލާލާށެވެ. އަސްތާ ގޭދަށު އެންމެންވެސް ތިބީއުފަލުންނެވެ. ގާތް ރަހުމަތްތެރީންނާވެސް ބައްދަލުވިއެވެ. އެންމެންވެސް ތިބީ ޓެރަރިސްޓުންނަށް ކާމިޔާބު ލިބުމުން ވަރަށް އުފާވެފައެވެ. ފާތުންވެސް ވަރަށް އުފާވާނެތާއެވެ. ހަސަނު ހިތަށްއެރިއެވެ. ހަސަނު ވަރަށްބާރަށް ގޮސް ސަލާންވެސް ނުގޮވާ ފާތުންމެންގެ ގެއަށް ވަދެއްޖެއެވެ. ފާތުންނަށް ޙަސަނުފެނުމުން ވަރަށް އުފާވިއެވެ. ވާނީވެސް އެހެންތާއެވެ. ލޯބިވާ ޙަސަނު ޓެރަރިސްޓު ޙަމާގައި މަރެއްނުވެއެވެ. ނަމަވެސް ފާތުންނަން އެއްކަލަ ބޭސް މަލަންކޮޅު ފެނުމުން އައިސް ފިރުމާލިއެވެ. އަދި ބުންޏެވެ ހާދަ އޮމާނެވެ. އޭރު ރައީސްގެ ޚިތާބު ޓީވީންގެނެސްދެއެވެ. ސުނާމީ ރާޅު ރަޙުމަތުގެ ރާޅަކަށް ބަދަލުވިގޮތަށް ޓެރަރިސްޓު ޙަމަލާވެސް ދިވެހީން އުފާވާކަހަލަ ޙަމަލައަކަސް ވީއެވެ. ކުރީގެ އަމާން އޮމާން ޖައްވު އަނެއްކާވެސް ފެނުނީއެވެ. އެކަމަކު ދޭތެރެދޭތެރެއިން ސިފައިން ގަދަކޮށްލާއިރަށް ޓެރަރިސްޓު ޙަމަލާތައް އާދެއެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުންދެއެވެ. އެކަން ޢާންމުކަމަކަށްވެ މީހުންހޭނިއްޖެއެވެ. މިހާރު ޓެރަރިސްޓު ޙަމަލާތަކަކީ ބިރުވެރިކަމެއްނޫނެވެ. ފާތުންނާ ޙަސަނުގެ ކައިވެނިވެސް ކުރެވިއްޖެއެވެ. އެގޮތުގައި ދުވަސްތައް ފާއިތުވުމުގެ ތެރޭގައި ސިފައިންގެ ހެދުމުގެ ކުލަ ބަދަލުވާން ފަށައިފިއެވެ. ދުނިޔޭގެ އެހެން ތަންތާގައި ހިނގާ ޤަވައިދުގެ ދަށުންނެވެ. ގިނަދުވަސް ވާ ސިފައިންނަށް މަހުމާތަކާއި ތަރިތައް އަރާފަދައިންނެވެ. ކޮންމެކަމަކަށްވެސް އަލާމާތެއް ވާނެތާއެވެ. ޙަސަނު ހިތަށް އެރިއެވެ. ޙަސަނަށް މިދެން ޓެރަރިސްޓު ޙަމަލާތަކުގެ ނިމުންކަން އެނގިއްޖެއެވެ. ޙަސަނުމެންގެ އުފާވެރި ޙަޔާތް ނިމުމަކަށް އަންނަނީކަން އެނގިންޖެއެވެ. ޙަސަނު މި ޙިޔާލުގައި ހުއްޓާ ފާތުންވެސް އެތަނަށް އައެވެ. ފާތުންނަށްވެސް މިވާނުވާ އެނގިއްޖެކަހަލައެވެ. ޙަސަނު ގޮސް އަލަމާރި ހުޅުވާލާފައި ޙަސަނުގެ ރައްޓެއްސަކު ދީފައިވާ ޙަދީޘްފޮތެއް ނެގިއެވެ. މަރުވުމުގެ ކުރީން މާތްވި އިސްލާމްދީނުގެ މައުލޫމާތު އޮޅުންފިލުވުމުގެ ގޮތުންނެވެ. ޙަޤީޤީ ޓެރަރިސްޓުން އެނގިގަތުމުގެ ޤަސްދުގައެވެ. ޙަސަނު ގަނޑުތައް އުކަމުންދަނިކޮން ފެނުނީ " ތިޔަބައިމީހުންގެ ތުބުޅިތައް ދިގުކުރާށެވެ. އަދި މަތިމަސްތައް ކުރުކުރާށެވެ." ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވަނިކޮށެވެ. ޙަސަނަށް ވިސްނުނީއެވެ. މިއޮއް ހުރިހާދުވަހު އަހަރެންނަށް ޙަމަލާ މިދެވުނީ ޙައްޤާއި ދެކޮޅަށެވެ. އަހަރެންގެ ރީތި ތުބުޅިއާ ދެކޮޅަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ލޯބިކުރައްވާ ގޮތާ ދިމާ އިދިކޮޅަށެވެ. ފިޠުރަތާވެސް ދެކޮޅަށެވެ. މިއޮއް ހުރިހާ ދުވަހު މިއުޅެވުނީ ޓެރަރިސްޓެއްގެ ގޮތުގައެވެ. ޙަސަނުގެ ތުބުޅި މިހާރު ހުރީ ތަންތަން ކޮޅު ހުދުވެފައެވެ. ދެން ތުބުޅިއަށް އެއްވެސް ޙަމަލައެއް ނުދޭން ޙަސަނު ޢަޒުމްކަނޑައެޅިއެވެ. މީހުން ކިތަންމެ އެއްޗިއްސެއް ކީކަމުގައިވިޔަސް މެއެވެ. ފާތުން ވެސް އެގޮތާ ގަޔާވިއެވެ. ޙަސަނުގެ ތުބުޅިބާލާ ހަތިޔާރުތަކުގެ ވަޒީފާ ބަދަލުވީއެވެ. އެހަތިޔާރުތަކުގެ ނަންވެސް ބަދަލުވީއެވެ. ޙަސަނުވެސް ބަދަލުވީއެވެ. ޙަސަނުގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ލޯގަނޑުގެ ތެރޭން ހަސަނުގެ ސޫރައިގެ ފަހަތުގައި ފާތުންގެ ސޫރަވެސް ފެންނަން ހުއްޓެވެ. ޙަސަނު ލޯގަނޑަށް ބަލަން ހުރެ ސުވާލުކުރިއެވެ . އަހަރެން ރީތީ މިހާރުހެއްޔެވެ؟ ނުވަތަ ޓެރަރިސްޓެއްގެ ގޮތުގައިހުރި އިރުހެއްޔެވެ؟ އެތަން ބަލަންހުރި ފާތުން ހުރީ ފެންކަޅިވެފައެވެ. ވާނީވެސް އެހެން ތާއެވެ. ޙަސަނުގެ ރީތިކަން މިފެނުނީ އުމުރުން ދުވަސްވެ ގައިބާރުދެރަވި ފަހުންނެވެ.
ތިބާގެ ތުނބުޅި ބާލަން ތޯއެވެ؟ ތިބާގެ ތުނބުޅި ނުބާލާހުއްޓަސް އުމުރު ނިމޭއިރުވެސް ތިބާގެ ތުނބުޅި މިލިޔުންހާ ދިގެއްނުވާނެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ސިރޫގެ ލިޔުންތައް ހަމަ ހަގީޣަތުގައިވެސް ވ އާރޓިސްޓިކެވެ.‫​.‫​ މިލިޔުންވެސް ސްލީޕިންބިޔުޓީގެ އެ ޑައިލޮގްކޮޅާ މަރގް ކޮށްލާފައި މިވަނީ ވަރަށްވެސް ހިނަމި ހެޔޮކޮށްނެވެ.‫​ މާޝާﷲ! ކީޕްއިޓްއަޕް :)

Your email address will not be published. Required fields are marked *

More in ރިޕޯޓް