މިއަދުގެ ވަގުތެއްގައި ތާލިބާނުން ދިން ވަރުގަދަ ބޮމުގެ ހަމަލާއެއްގައި އެމެރިކާ ސިފައިންގެ 27 މީހުން މަރުވެ އިތުރު 34 މީހުން ޒަހަމް ވެއްޖެއެވެ.
ތާލިބާނުން މި ހަމަލާ ދީފައި ވަނީ، އެތައް ސަތޭކަ ކިލޯއެއްގެ ގޮވާ ތަކެތި، އަޅާފައިވާ ޓްރަކެއް ގާޑެޒް ސިޓީގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭހެއްކައިރިއަށް ގޮސް ގޮއްވާލައިގެންނެވެ. މަންޒަރު ދުށް ފަރާތްތަކުން ހާމަކުރާ ގޮތުގައި، އެ ގޮވުމުގެ ސަބަބުން ހެލިކޮޕްޓަރެއްވެސް ވަނީ ސުންނާފަތިވެގެން ގޮސްފައެވެ.
މި މަހުގެ 6 ވަނަ ދުވަހުވެސް ތާލިބާނުން ދިން ވަރުގަދަ ހަމަލާއެއްގައި، އެމެރިކާ ސިފައިންގެ 31 މީހުން ވަނީ މަރާލާފައެވެ. އެ ހަމަލާ ވެގެން ގޮސްފައި ވަނީ، 2001 ވަނަ އަހަރު އެމެރިކާއިން އަފްގާނިސްތާނަށް ވެރިވެގެންފަހުން އެއް ހަމަލާއެއްގައި އެންމެ ގިނައިން ސިފައިން މަރުވެފައިވާ ހާދިސާއަށެވެ.
އެމެރިކާއިން 2001 ވަނަ އަހަރު އަފްގާނިސްތާނަށް ވެރިވެގަތީ، އަފްގާނިސްތާނަށް ހަމަ ޖެހުން ގެނައުމުގެ ނަމުގައެވެ. އެހެން ނަމަވެސް، ފާޑު ކިޔާ ފަރާތްތަކުން ބުނަމުން ދާ ގޮތުގައި، އެމެރިކާއިން އަފްގާނިސްތާނަށް ވެރިވެގަތް ފަހުން އެ ޤައުމުގައި ހަމަ ނެޖެހުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...