ދީން ޒަކާތް ދީގެން ރައްކާތެރިކަން ޙާޞިލުކުރަމާތޯ

ޒަކާތް ދީގެން ރައްކާތެރިކަން ޙާޞިލުކުރަމާތޯ

ޒަކާތް ދީގެން ރައްކާތެރިކަން ޙާޞިލުކުރަމާތޯ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޒަކާތުގެ މާނަ

ޒަކާތުގެ ދެބައެއްވެއެވެ. އެއްބާވަތުގެ ޒަކާތަކީ މުއްސަދިންގެ މައްޗަށް ފަރުޟުކުރައްވާފައިވާ މުދަލުޒަކާތެވެ. އަނެއްބާވަތަކީ ރަމަޟާން މަހާއި ގުޅިގެން ފަރުޟުކުރައްވާފައިވާ ފިތުރު ޒަކާތެވެ. މުދަލު ޒަކާތަކީ ރަންރިއްސާއި އަދި މިނޫންވެސް ޒަކާތްވާޖިބު ވެގެންވާ މުދަލުގެ ބާވަތްތަކުގެ ތެރެއިން ބާވަތެއް ތިމާގެ އަތުގައި ހުރެ ހިޖުރީ އަހަރެއް ފުރިހަމަވުމުން އޭގެ ސާޅީސްބައިކުޅައެއްބައި ދިނުމަށް އަންގަވާފައިވާ  ޒަކާތެވެ.

ފިޠުރު ޒަކާތް ނެރެންވީ ވަގުތު

ފިތުރުޒަކާތް ވާޖިބުވަނީ ޢީދުވިލޭރެއަށް އިރުއޮއްސުމުންނެވެ. ބައެއްބޭކަލުން ދެކެވަޑައިގަންނަވާގޮތުގައި ޢީދުވިލޭރޭގެ ފަޖުރުލުމުންނެވެ. ކީރިތިރަސޫލުﷲ (ޞޢޥ) ޙަދީޘުކުރައްވާފައިވަނީ ޢީދުނަމާދަށް ދިއުމުގެ ކުރިން އެޒަކާތް ދިނުމަށެވެ. ޢީދުނަމާދަށް ފަހުގައި އެޒަކާތްދީފިނަމަ  އެވެގެންދާނީ ޞަދަޤާތަކަށެވެ. ޢީދުނަމާދުގެ ކުރިން ނުދެވުނުމީހާވެސް އެޒަކާތް ދޭންޖެހެއެވެ.

ފިޠުރު ޒަކާތް ނެރެންޖެހޭ މީހުން

ތިމާއެބައަކަށް ޚަރަދުދޭ އެންމެނގެ މަތިން ޢީދުދުވަހާއި ޢީދުވިލޭރޭގެ ޚަރަދަށްވުރެ އިތުރަށް ހުރިއެއްޗަކުން ފިތުރު ޒަކާތްދޭންޖެހެއެވެ. ފަޤީރުންނަށް އަންގަވަނީ ޒަކާތްދީފައި އެބަހާއިރު ލިބިގަތުމަށެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނާއި  މުސްކުޅިންގެ މަތިންވެސް ދޭންޖެހެއެވެ. ތިމާއެބައެއްގެ ކެއިންބުއިމުގެ ޚަރަދު ދެމުންގެންދާ އެންމެންގެ މަތިން ދޭންޖެހޭނެއެވެ. ފިތުރުޒަކާތަށް ދިނުން ވާޖިބުވެގެންވަނީ ރަމަޟާ މަހުގައި ޢާނމުގޮތެއްގައި ތިމާ ކައިބޮއެއުޅުނު ގޮވާމުގެ ބާވަތަކުންނެވެ. އެހެނަސް  ތިމާއެދޭގޮވާމުގެ ބާވަތެއްގެ އަގުދިނަސް ފުދޭނޭކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ފިޠުރު ޒަކާތުގެ ޙިކްމަތް

ފިޠުރުޒަކާތް ވާޖިބުކުރެއްވި ޙިކުމަތް ކީރިތިރަސޫލުﷲ (ޞޢޥ) ބަޔާންކުރައްވައި ޙަދީޘުކުރައްވައިފާވެއެވެ. ރޯދަވެރިޔާއަށް ރޯދައިގެ އަދަބުތަކާއި ޚިލާފުވުމުން ރޯދައަށް ލިބުނު ކިލަބުކަން ފިތުރު ޒަކާތް ދިނުމުން ކީރިތިﷲ ފުރިހަމަކޮށް ދެއްވައެވެ. އަދި ޢީދު ދުވަހަކީ މުއްސަދިން ކައިބޮއެ އުފާކުރާފަދައިން ފަޤީރުންވެސް ކައިބޮއެ އުފާކުރާދުވަހެއް ކަމުގައިވުމެވެ. މިޙިކުމަތުގެ މައްޗަށް ބައްލަވާ ބައެއް ޢިލްމުވެރިން ފައިސާއިން ދިނުން ޙުއްދަކުރެއްވިއެވެ. ފަގީރުންނަށް ބޭނުންވާނީ ހަމައެކަނި ކާޑުކޮޅެއްނޫނެވެ. އެގޮތުން ފައިސާއިން ދެއްކުން ހުއްދަކުރެއްވި ބޭކަލުން ހުއްދަކުރެއްވީ އެވެ.

ކީރިތި ﷲ މުދަލު ޒަކާތް  ފަރުޟުކުރައްވައި އޭގެ ބެހެނިވެރިންވެސް އެންގެވިއެވެ. ރަސޫލުﷲ (ޞޢޥ) ގެބަސްފުޅެއްގެ މާނައިގައި ވެއެވެ. ކީރިތިﷲ ޒަކާތްފަރުޟުކުރައްވައި އޭގެ ބެހެނިވެރިން އަންގަވައި  އެއްވެސް ފަރާތެއްގެ ދަހިވެތިކަމަށް އެކަން ދޫކޮށްނުލައްވައެވެ. "إِنَّمَا الصَّدَقَاتُ لِلْفُقَرَاءُ" މިއާޔަތުގައި ޒަކާތުން ބައިލިބޭ 8 ބާވަތުގެ މީހުން އެންގެވިއެވެ. މިނޫންބަޔަކަށް ނުދެވޭނޭކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައި ވެއެވެ.

ޙަޤީގަތުގައި މުދަލުގެ ވެރިޔާއަށް ތިމާގެ މުދަލުން ލިބެނީ ﷲގެ ޙަޝްރަތުން ޘަވާބަށް އެދި ތިމާގެ ހެޔޮޙާލުގައި އެކަލާނގެ ރުހިވޮޑިގެންވާ ކަންކަމުގައި ކުރިހޭދައަކުންނެވެ. ޒަކާތަކީ ތިމާގެ މުދަލުގައި ކީރިތިﷲ ލައްވާފައިވާ ފަގީރުންގެ ޙައްގެކެވެ. އަދި އެއީ ތިމާއަށް ފަހަށް ރައްކާކުރެވޭ ޚަޒާނާއެކެވެ. ޒަކާތުގެ ނިޞާބުގެ މިންވަރު ތިމާގެއަތުގައި ޖަމާވެ އެއަށްވުރެ މަދުނުވެ ހުރެ އަހަރުވުމުން އަހަރަކު އެއްފަހަރު އޭގެސާޅީސް ބައިކުޅައެއްބައި ނެރެންޖެހެއެވެ.

ފިޠުރު ޒަކާތުގެ ފައިދާތައް

މުދަލުގެ ވެރިޔާއަށް ގިނަގުނަވެގެންވާ ފައިދާ ޒަކާތުން ކުރެއެވެ. އޭގެތެރޭގައި:

  • މުދަލަށް ދިރުން ލިބުމާއި ތިމާމުދަލަށް ދަހިވެތިވެ މުށްބާރުކުރުމުން ރައްކާތެރިވެއެވެ.
  • އަދި ތިމާއަށް އެޅިފައިވާ ކަތިފިޔަވަޅުތަކަށް ފުއްސެވުމެއްކަމުގައިވެއެވެ.
  • މަޙުޝަރުގެ ހެޔޮނަޞީބުވެރިންގެ ތެރެއިން ހިމެނެއެވެ.
  • ތިމާމެންގެ މުދަލުގައި ކީރިތިﷲ ވާޖިބުކުރައްވާފައިވާ ޒަކާތްނުދީ ޖަމާކޮށް ޚަޒާނާކުރާ މީހުނަށް އެމުދާ ހެޔޮވެގެންނުވާކަން އަންގަވައި ތަވްބާ ސޫރަތުގެ 34ވަނަ އާޔަތުގައި ކީރިތިﷲ މިފަދައިން ވަޙީކުރައްވާފައިވިއެވެ. "އަދި ރަނާއި ރިހި ޚަޒާނާކޮށް ،ﷲގެމަގުގައި އެތަކެތި ހޭދަނުކޮށް ތިބޭމީހުން (ދަންނާށެވެ!)ފަހެ، ވޭންދެނެވި ޢަޒާބު ހުރިކަމުގެ ޚަބަރު އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ!"
  • އަދި ތަވްބާ ސޫރަތުގެ 35ވަނަ އާޔަތުގައި މިފަދައިން ވަޙީކުރެއްވިއެވެ."(އެގޮތުގެ މަތިން އެމީހުން އެއްކުޅަ ރަންރިހީގެ ޚަޒާނާ) އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން އެއުރެންގެ ނިއްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، ފާހަގަލައްވަމުން ގެންދަވާނެތެވެ.(އަދި އަންގަވާނެތެވެ.) މިހިރީ، ތިއަބައިމީހުންގެ އަމިއްލަނަފުސުތަކަށްޓަކައި ، ތިއަބައިމީހުން އެއްކޮށް ޚަޒާނާކުޅަތަކެއްޗެވެ. ފަހެ ތިއަބައިމީހުން ޚަޒާނާކޮށް އުޅުނުތަކެތީގެ ރަހަ ދެކޭށެވެ!"

ކީރިތިﷲގެ މަގުގައި ހޭދަކުރާމީހުންނަށް ހުރި ޘަވާބު ބަޔާންކުރައްވައި ސޫރަތުލް ބަގަރާގެ 261ވަނަ އާޔަތުގެ މާނައިގާ މިފަދައިން ވެއެވެ. "ކީރިތިﷲގެ މަގުގައި އެއުރެންގެ މުދާހޭދަކުރާ މީހުންގެ މިޘާލަކީ (ދަނޑުވެރިޔަކު ބިމުގައި) އިންދާ އޮށެއްގެ މިޘާލެވެ. (އެއޮށުން ގަސްފަޅައި ގަހުންގަސްޖަހާ ޙަތްކުރިނުކުމެ) ހަތްކުރާގަނޑު އުފެއްދިއެވެ. ކޮންމެކުރާގަޑެއްގައި ސަތޭކަ އޮށްޓަރުވިއެވެ. އަދި ކީރިތިﷲ އެދިވޮޑިގަންނަވާ މީހަކަށް ޘަވާބު އެއަށްވުރެވެސް ގިނަގުނަ ކުރައްވައެވެ. އަދި ކީރިތިﷲއީ މޮޅަށް ދެނެވޮޑިގެންވާ ތަނަވަސްވެގެންވާ ރަސްކަލާނގެއެވެ." ޞަދަޤާތް ކުރުމުގައި އެންމެ އިތުރުވެގެންވަނީ ކަނާތުންދޭ ޞަދަޤާތް ވާތަށްވެސް ނޭގޭގޮތުގައި ދޭޞަދަގާތެވެ. ކަންއެހެން ހުރުމުން މަޚްޝަރުގައި ޢަރުޝީގެ ހިޔާލިބޭ ޙަތްމީހުންކުރެ އެކަކީ މިމީހާކަން އަންގަވާފައިވެއެވެ. ލޮބުވެތި ކިއުންތެރިންނޭވެ! ފަޤީރުންނަށް ފާޅުގައިވެސް ޞަދަޤާތް ދެވިދާނެއެވެ. އެކަންވެސް ކީރިތިﷲ ބަޤަރާޞޫރަތުގައި އަންގަވާފައިވެއެވެ.

29 ސެޕްޓެމްބަރު 2010

ޓެގް

ޒަކާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.