އަރަބިދުނިޔެ "ސީރިޔާގެ މީހުން ކުރިމަތިލަމުންދަނީ އައު ހޯލާކޯ އަކާ"ޢާއިޟުލް ޤަރުނީ

"ސީރިޔާގެ މީހުން ކުރިމަތިލަމުންދަނީ އައު ހޯލާކޯ އަކާ"ޢާއިޟުލް ޤަރުނީ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ރިޟާ

ސަޢޫދި ޢަރަބިޔާގެ މަޝްހޫރު ދާޢިޔާ އައްޝައިޚް ޢާއިޟުލްޤަރްނީ ސީރިޔާގެ ރައްޔިތުން މިހާރު ކުރިމަތިލަމުން އެގެންދަނީ 13 ވަނަ ޤަރުނުގައި އިސްލާމީ ދައުލަތުގެ މުސްލިމު ރައްޔިތުން ކުރިމަތިލި ފަދަ އަނިޔާވެރި ނުބައިކަން ބޮޑު ހޯލާކޯ ފަދަ ލީޑަރަކާ ކަމުގައި ވިދާޅުވެއްޖެއެވެ.

އަލްޤަރުނީ ހާމަކުރެއްވި ގޮތުގައި ސޫރިޔާގެ ރައްޔިތުންގެފަރާތުން ބައްޝާރުގެ ވެރިކަމާދެކޮޅަށް ހަރަކާތްތެރިވާ އިންތިފާޟާއަކީ  ރައްޔިތުންގެ ފަރާތުން އެފަދަ ޙަރަކާތެއް އަތުވެދާނެ ކަމުގެ ނިޝާނެއް ކުރިން ލިބިފައިނުވާ އިންތިފާޟާއެކެވެ. މި އިންތިފާޟާއާ ކުރިމަތި ލުމުގައި ބައްޝާރު ޢަމަލުކުރަމުން އެގެންދާ ޢަމަލުތަކަކީ 13 ވަނަޤަރުނުގައި އިސްލާމީ ޤައުމުތަކަށް އަރައިގެން މަންގޯލީންގެ ވެރިޔާ ހޯލާކޯގެ ވަޙުޝީ އަނިޔާވެރިކަމަށްވުރެ ވަކިން ދަށްފެންވަރުގެ ޢަމަލުތަކެއް ނޫންކަމުގައި ޝައިޚު އަލްޤަރްނީ ޞިފަކުރެއްވިއެވެ. މިގޮތަށް ސިފަކުރައްވާފައިވަނީ މިދިޔަ ހޯމަދުވަހު (8/8/2011) ގައި ދެއްވި ބަޔާނެއްގައެވެ. ވިދާޅުވިއެވެ. "މި އަނިޔާވެރިޔާގެ ޢަމަލުތަކަށް ޙައްދެއް ކަނޑައެޅުން ވާޖިބުވެއްޖެވެ. އެހެނީ އޭނާގެ ސަރުކާރުގެ އިންތިޡާމިއްޔާއިން ކުރަމުން އެގެންދާ ވަޙުޝީ ޢަމަލުތައް – ކުޑަކުދިން މެރުމާއި މާބަޑު އަންހެނުންގެ ބަޑުފެޅުމާއި ޝައިޚުންނާއި މުޡައްޤަފު ސްކޮލަރުންގެ ހަށިތަކުގެ މަތީންދުއްވާ ޗިސްކުރުން ފަދަ ޢަމަލުތައް- ހުއްޓުވުމަށެވެ. އެ އަނިޔާވެރިޔާ މިއަމަލުތައް ހިންގާއިރު ޖަވްލާން އެވަނީ ޒައިނިސްޓް ޔަހޫދީންގެ ބާރުގެ ދަށުގައެވެ. މިއަނިޔާވެރިޔާ  އޭނާގެ ބިން އިސްތިޢުމާރު ކުރެވިފައިވާ އިރު އެތާނގެ މިނިވަން އަދި އަމާން ރައްތަކުގެ ހަތަރުފަރާތުން އެރަށްތަކަށް ބަރުހަތިޔާރުތަކާއި ޓޭންކްތަކާއެކުވަދެ އިންސާނީ ޤަބުރުސްތާނަކަށް ހަދާކަށް ލަދެއް ފަހެ ނުގަނޭހެއްޔެވެ؟" މިފަދައިންނެވެ.

ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ތުރުކީވިލާތުގެ ބޮޑުވަޒީރު ރަޖަބް ޠައްޔިބް އަރްދުޣާން ވިދާޅުވި ބަސްފުޅަށް އިޝާރަތް ކުރައްވާ ވިދާޅުވިއެވެ. "ދަރިފުޅު އެ ފަށްކުރަނީ ބައްޕަގެ ސީރަތެވެ." އެހެނީ އޭނާގެ ބައްޕަ ޙާފިޡުލް އަސަދުވަނީ ވޭތުވި ޤަރުނުގައި 1980 ގެ އަހަރުތަކުގެ ތެރޭގައި ޤަތުލު ޢާއްމު ހިންގާ ލޭގެކޯރުތައް ޙަމާތު ހިންގާފައެވެ.

ޝައިޚް އަލްޤަރްނީ ސުވާލުކުރައްވަމުން ސޫރިޔާގެ ސިފައިންނާއި ފުލުހުންނާއި މުޚާޠަބުވަމުން ވިދާޅުވިއެވެ. "ތިޔަބައިމީހުން އިންސާނީވަންތަކަށް ފަހެ ކޮބައިހެއްޔެވެ؟ އަދި ތިޔަބައިމީހުން ޢަރަބި ޤައުމިއްޔަތާއި ނިސްބަތްވާ އިސްލާމްދީން ކޮބައިހެއްޔެވެ؟ ތިޔަބައިމީހުންގެ ރައްޔިތުން ނައްތާލަނީހެއްޔެވެ؟ އަންހެނުން --- ކުޑަކުދިން------- މަރަމުންގެންދާއިރު ހަދާންކުރާށެވެ. ތިޔަކަންތައް ތިޔަބައި މީހުންނުހުއްޓައިފިނަމަ ކުރިމަގުގައި ތިޔަބައިމީހުންނަށް އެއްވެސް އިޙުތިރާމެއް އޯގާތެރިކަމެއް ހިތްތަކުގައި ނުވާނެވެ."

އެމަނިކުފާނު އިސްލާމީ އުންމަތުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވީ ސޫރިޔާގެ އަޚުންނާއި އުޚުތުންގެ މަތިން އެބައިމީހުންގެ ދުޢާތަކުގައި ހަނދާން ބެހެއްޓުމަށެވެ. އަދި ކީރިތި ރަސޫލާގެ މަތިވެރި މި ޙަދީޘްފުޅު ހަދާނަށް ގެނުވައި ނަސޭހަތްތެރިވެލެއްވިއެވެ. دعوةالمظلوم، يرفعها الله تعالى فوق الغمام، و تفتح لها أبواب السماء، و يقول الرب تبارك و تعالى :
و عزتي لأنصرنك و لو بعد حين  (1) މާނައީ "އަނިޔާލިބިގެންވާ މީހާގެ ދުޢާ އެކަލާނގެ ވިލާތަކުގެ މައްޗަށް އުފުއްލަވައެވެ. އަދި އެދުޢާއަށްޓަކައި އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އެކަލާނގެ ވަޙީކުރައްވާނެވެ. ތިމަންރަސްކަލާނގެ ޢިއްޒަތްފުޅާއި ޖަލާލުވަންތަކަން ގަންދެމެވެ. މުއްދަތަކަށް ފަހުން ނަމަވެސް ތިބާއަށް ނަޞްރުދެއްނާހުށީމެވެ."  އަދި ހަމައެހެންމެ އެންމެ ސީނިޔަރު މުސްލިމު ޢިލްމުވެރިންގެ ކައުންސިލުން ނަމާދުގައި ޤުނޫތު ނާޒިލާ ކިޔުމަށާއި ޚުޠުބާގައި ދުޢާކުރުމަށް މުސްލިމުންގެ ކިބައިން  އެދިވަޑައިގަންނަވާނެ ވަގުތަށް އަވަދިނެތި އިންތިޒާރުކުރައްވާކަންވެސް ހާމަކުރެއްވިއެވެ. އެހެނީ މިފަދަ ކަންތަކަކީ ސޫރިޔާގައި އަދި އެހެންވެސް ތަންތާގައި ތިބި އަނިޔާލިބެމުންދާ ފަރާތްތަކަށް ލިބޭނެ ހިތްވަރެކެވެ. އެމީހުންނަށް ދެވޭ އެއްބާރުލުމެއްމެއެވެ.

ނޯޓް:

[1]  މިއީ އަލްޖާމިޢު އައްޞަޣީރުގައި އަބޫހުރައިރާގެ ސަނަދުން އަލްއިމާމުއްސުޔޫޠީ ރިވާކުރައްވާފައިވާ ޙަދީޘެއްކަމުގައި ވެއެވެ. އަދި އިލްމުވެރިން މިޙަދީޘަކީ އަލްޙަސަން ދަރަޖައިގެ ޙަދީޘްކަމަށް ޙުކުމް ކުރައްވާފައިވެސްވެއެވެ.

ސޫރިޔާގެ ރައްޔިތުންނަށް ޝައިޚް ގޮވާލެއްވީ އުންމީދު ނުކެޑުމަށެވެ. ނައްޞުރު ލިބޭނެ ކަމުގެ އުންމީދުކުރުމަށެވެ. ނަޞްރަށް އުންމީދުކޮށް އެކަމުގެ ހުވަފެން ދެކުމީ އެކަމަށް އަމަލުކުރުމަށް ބާރުލިބި ނަޞްރުގާތްވެގެންދާނެ ކަމެކެވެ. ކައިރި މުސްތަޤުބަލެއްގައި އަސަދުގެ ވަކިތަކުން ސޫރިޔާ މިނިވަން ވެގެން ދިއުމަށެވެ. މިވެގެންދާނީ ސޫރިޔާގެ ދެވަނަ މިނިވަންކަމަށެވެ. ފުރަތަމަ މިނިވަންކަމަކީ ފަރަންސޭސިވިލާތުގެ އަޅުވެތިކަމުން މިނިވަންވި މިނިވަންވުމެވެ.

މީގެ ކުރިން އައްޝައިޚް ޢާއިޟު އަލްޤަރްނީ ސޫރިޔާގެ ރައްޔިތުން ސިފަކޮށްފައިވަނީ ޢަރަބިންގެ ތެރެއިން އެންމެ ކެރޭ ހިއްވަރުގަދަ ރައްޔިތުންކަމުގައެވެ. އެއީ އެރަށުގައި ޤާއިމުވެފައިވާ އަނިޔާވެރި ސިފައިންގެ ވެރިކަމާ ދެކޮޅަށް ތެދުވެ ދެމިހުރުމުންނެވެ. އިޒްރޭލްގެ ސިފައިން ކަތިލާފައިވާ ވަރަށްވުރެ އިތުރުވާ މިންވަރަކަށް ސޫރިޔާގެ އިންތިޒާމިއްޔާއިން އެތާގެ ރައްޔިތުން މަރާފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

އެމް ބީ ސީ އިން ހިންގާ ޕްރޮގުރާމެއް ކަމުގައިވާ ނަބްޟުލް ކަލާމް - ވާހަކައިގެ ވިއްދު – 2/8/2011 ގައި ފޮނުވި މިޕްރޮގުރާމުގައި ޝައިޚާކުރެވުނު ސުވާލަކަށް ޖަވާބުދެއްވުމުގެ ތެރޭގައި ވިދާޅުވިއެވެ. "ސޫރިޔާގެ މަތިވެރި ރައްޔިތުންނަކީ ފުތޫޙާތާއި ކާމިޔާބުތަކުގެ ވެރި ބަޔެކެވެ. އެބައިމީހުންގެ ލައިގެން ޤުރްބާނީދޭ ބަޔެކެވެ. މިފަދަ ރައްޔިތަކު މުޅި ދުނިޔޭގެ ކުރިމަތީގައި ބިރުވެތި ކުރުވައި ޢުޤޫބާތް ދިނުން ޙައްޤުވެގެންވޭ ހެއްޔެވެ؟ ކުދިން ޒަބަޙަކުރެވެނީއެވެ. މުސްކުޅިން ކަތިލެވި ސްކޮލަރުންނާއި ޝައިޚުން ނައްތާލެވެނީއެވެ. ހަތިމުތައް އަންދާލެވެނީއެވެ. މިއާއެކުވެސް މުޅިދުނިޔެ ބިރުވެގެން ތިބެއެވެ. ޔޫރަޕާއި ސެކިއުރިޓީ ކައުންސިލް އަދި މިނޫންވެސް ބައިނަލް އަޤްވާމީ ދައުރުގެ ހަރުދަނާ ފިޔަވަޅެއް އެ އަނިޔާވެރިކަން ހުއްޓުވުމަށް ހަރަކާތެއް ނުވއެވެ. މިފަދަ ޖަމާއަތްތަކުގެ އިޙުސާސެއް ނެތަސް އިސްލާމީ އުންމަތަށް ތެދުވެރިކަމާއެކު ބައްޝާރި ބަރުބަރިއްޔަތާ ދެކޮޅަށް ތެދުވުން ވާޖިބުވެގެންވެއެވެ. އޭ މުސްލިނުންނޭވެ! ތިޔަބައިމީހުން އަނިޔާލިބެމުން ދާމީހުންނާއި ކުޑަކުދިންތައް ސަލާމަތްކުރާށެވެ!

މިވާހަކަތައް އައިސްފައިވަނީ ސޫރިޔާގެ ލަޝްކަރުތައް އެ ޤައުމުގެ ރައްތަކަށް މިދިޔަ މާޗްމަހުގެ މެދުތެރޭގައި ވަދެ ހިންގި ޤަތުލު ޢާއްމުގައި 2000 އިންސާނުން މަރާ އެތައް ޢުމުރާނީ އަދި އިޖްތިމާޢީ ގެއްލުންތަކެއް ދިނުމުގެ ޙާދިޘާއި ގުޅުވައިގެންނެވެ.

-------

މަސްދަރު: އޮން އިސްލާމް ނެޓުން (ޢަރަބި)

ޓެގް

ސީރިއާ ޢަރަބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.