މުސްލިމުންގެ ގުޅުމުގެ ފަރާތުން ރަމަޟާން މަހާ ބެހޭގޮތުން މިރޭ ޚާއްޞަ ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެޖަމްޢިއްޔާގެ ފަރާތުން ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި މިފޯރަމް އޮންނާނީ މިރޭ 20:45 ގައި ސޯޝަލް ސެންޓަރުގެ ސެމިނަރ ހޯލުގައެވެ. މިފޯރަމްގައި ރަމަޟާން މަހާ ބެހޭގޮތުން ދީނީ މަޢުލޫމާތު ދެއްވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި އައްޝައިޚް އަޒްމަތު ޖަމީލް އެވެ. ރަމަޟާން މަހުގައި އިޤްތިޞާދުކުރުމާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވާނީ އިކޮނޮމިކްސް ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ މުޙައްމަދު އިޔާދު އެވެ.
މީގެ އިތުރުން ރޯދައިގެ ޞިއްޚީ ފައިދާތަކާއި ބެހޭގޮތުން ޞިއްޚީ ދާއިރާގެ ބޭފުޅަކު މަޢުލޫމާތު ދެއްވުމުގެ އައިޓަމެއް ވެސް ފޯރަމްގައި ހިމަނަން ގަސްދުކުރެވިފައިވާ ކަމަށާއި ނަމަވެސް މިއައިޓަމް އަދި މުޅިން ކޮންފާރމްނުވާ ކަމަށް ރޭ މުސްލިމުންގެ ގުޅުމުން ބުންޏެވެ.
މިފޯރަމްގައި ޕެނަލްގައި ތިއްބަވާ ބޭފުޅުންގެ ވާހަކަދެއްކުމަށްފަހު ބައިވެރިން ސުވާލު ކުރެއްވުމަށާއި ކޮމެންޓް ކުރެއްވުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މިފޯރަމްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މުސްލިމުންގެ ގުޅުމުން ދަޢުވަތު އަރުވައެވެ.
މުސްލިމުންގެ ގުޅުމުގެ ފަރާތުން މިދިޔަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ވެސް މިފަދަ ފޯރަމެއް ބާއްވާފައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...