ށ. ފޭދޫ އަދި ށ. ބިލެއްފަހީގައި ޝައިޚް ނިމާލް މުޙައްމަދު އާއި ޝައިޚް އަޙްމަދު ސަމީރުގެ ދަރުސެއް އިއްޔެ ހަވީރު އަދި ރޭ ބާއްވައިފިއެވެ.
މިދަރުސްތަކަކީ މުސްލިމުންގެ ގުޅުމާއި ޖަމްޢިއްޔަތުއްސަލަފް ގުޅިގެން ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްރަށުގައި މިމަހު 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ދީނީ ދަރުސްދިނުމުގެ ޕްރޮގްރާމްގެ ދަށުން ބޭއްވުނު ދަރުސްތަކެކެވެ. އިއްޔެ އަސްރު ނަމާދަށް ފަހު ށ. ފޭދޫގައި އޮތް ދަރުސްގައި ޝައިޚް ނިމާލް އަދި ޝައިޚް ސަމީރު ވެސް ބޮޑަށް ވާހަކަފުޅު ދެއްކެވީ ރަމަޟާން މަހުގެ މާތްކަމާއި އެމައްސަރު ހެޔޮގޮތުގައި ހޭދަކުރުމާ ބެހޭ ގޮތުންނެވެ.
ށ. ބިލެއްފަހީގައި ޝައިޚް ނިމާލް އާއި ޝައިޚް ސަމީރު ދަރުސް ދެއްވީ ރޭގައެވެ. އެރަށުގައި ޝައިޚް ނިމާލް ދެއްވި ދަރުސްގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ ފާފަތަކުން މުޖްތަމަޢަށް ކުރާ ނުބައި އަސަރުތަކާއި ބެހޭ ގޮތުންނެވެ. ޝައިޚް ސަމީރުގެ ދަރުސްގައި އިސްލާމްދީން އައުމުގެ ކުރިން ކަންތައްތައް ހިނގަމުން ދިޔަ ގޮތާއި އިސްލާމްދީން އައުމަށްފަހު އައިސްފައިވާ ބަދަލުތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މިދަތުރުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ހދ. ހިރިމަރަދޫގައި އަދި އެރޭ ހދ. ނޮޅިވަރަމްފަރުގައި ޝައިޚް ނިމާލްގެ ދަރުސެއް ބާއްވާފައިވެއެވެ. އަދި އެރޭ ކުޅުދުއްފުށީގައި ޝައިޚް ސަމީރުގެ ދަރުސެއް އަންހެނުންނަށް ޚާއްޞަކޮށްގެން ބާއްވާފައިވާއިރު، ހަމަ އެދުވަހު ހެނދުނު ކުޅުދުއްފުށީ އަފީފުއްދީނު ސްކޫލުގެ ކުދިންނަށާއި ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުދިންނަށް ޚާއްޞަކޮށްގެން ޝައިޚް ސަމީރުގެ ދަރުސެއް ބާއްވާފައިވެއެވެ. އަދި އެދުވަހު ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސެއް ބާއްވާފައިވެއެވެ.
މީގެ އިތުރުން މިދިޔަ އަންގާރަ ދުވަހުގެ ރޭ އެރަށު އަފީފުއްދީން ސްކޫލްގައި ޝައިޚް ޢަލީ ޒާހިރު ދަރުސެއް ދެއްވާފައިވާއިރު ހަމައެގަޑީގައި ޖަލާލުއްދީނު ސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން އެސްކޫލުގައި ޝައިޚް ސަމީރު ވަނީ ދަރުސެއް ދެއްވާފައެވެ. ދަރުސް ދިނުމަށްޓަކައި ޙަރަކާތްތެރިވާ ޓީމް މިދިޔަ އަންގާރަ އަދި ބުދަ ދުވަހު މަރުކަޒް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީގައެވެ. އަދި އިއްޔެ އާއި މިއަދު މަރުކަޒް ކުރަމުން ދަނީ ށ. ފޯކައިދޫގައެވެ.
މިދަތުރުގައި އިސްކޮށް ޙަރަކާތްތެރިވާ ސަލަފްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދަރުސްތައް ދިނުމަށް ދާ ރަށްރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުންދެއެވެ. އަދި މިދަތުރުގައި ތަފާތު ގޮތްތޮތުން އެހީތެރިވެފައިވާ ހުރިހާ ފަރާތްތަކަށް މުސްލިމުންގެ ގުޅުމާއި ސަލަފްގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...