ވާހަކަ ވާހަކަ: ވަގުތު

ވާހަކަ: ވަގުތު

ވާހަކަ: ވަގުތު

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ﻗﺮﺁﻦ ކިޔެވުން ' އަހަރެންގެ ރައްޓެއްސަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހެކެވެ. ހަވީރު އޮފީސް ނިންމާލާފައި އޭނާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައިމެވެ. އަހަރެމެންނަށް ދެވުނު އިރު އެތާނގައި ( ހޮސްޕިޓަލުގައި ) ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކާން އައިސް ތިއްބެވެ. ހީވާގޮތުން އަހަރެމެން ޖެހޭނީ ގަޑިއެއްހާ އިރު ފަހުންނެވެ. އެހެންވެ އަވަހަށް ނަންބަރެއް ނަގައި ގޮނޑި ބަރީގައި އަވަހަށް އިށީދެއްޖައީމެވެ. އެތާނގައި ތަފާތު މީހުން ތިއްބެވެ. ޅަކުދިންނާއި ޒުވާނުންނެވެ. ހަރު މީހުންނާއި މުސްކުޅިންނެވެ. އެކަމަކު އެންމެން ތިބީ ހަނު ހިމޭނުންނެވެ. އެއްބަޔަކު ކިޔަން ބަހައްޓާފައި ހުރި ލީފްލެޓްތައް ކިޔައެވެ. އެއްބަޔަކު ލޯމަރާލައިގެން ތިބި އިރު އަނެއްބަޔަކު ވަށައިގެން ހޯދަނީއެވެ. ގިނަ އިރުވާތީ ފޫހިވެފައެވެ.

ހިމޭންކަން ފޫއަޅުވާލަނީ ސުމާރު ނަންބަރުން ނަރުސް ކުއްޖާ ގޮވާލާ އަޑަށެވެ. ނަންބަރު ޖެހުމުން އެމީހެއްގެ މޫނު މައްޗަށް އުފާވެރިކަން ގެނުވައެވެ. އަދި އަވަހަށް އެތެރެއަށް ދެއެވެ. މިހެން އިންދާ އެތާ އިން ޒުވާނަކަށް މަގޭ ނަޒަރު ހުއްޓުނެވެ. އޭނާ އިނީ ޖީބަށްލެވޭ ވަރުގެ ކުޑަ ޙަތިމެއް ނަގައިގެން އިސްއުފުލާ ނުލާ ކިޔަވާށެވެ. ފުރަތަމަ އެޒުވާނާ ފެނުމުން ސަމާލުކަމެއް ނުދެވުނެވެ. އެކަމަކު، އިރުގަޑެއް ފަހުން އެޒުވާނާއާއި ދޭތެރޭ ވިސްނަން އަހރެންގެ ހިތް މަޖުބޫރު ކުރުވިއެވެ. އޭނަގެ އުޅުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާތަން ފެނިއެވެ. ހަޔާތުގެ އެއްގަޑިއިރު ގެއްލި ދިޔައީތަ!؟! އެތާނގައި އެހޭދަވި ވަގުތުގެ ބޭނުން ނުހިފުނު ތާނގައި އެވީ ފޫހި ކުރުވަނިވި ވަގުތުތަކަށެވެ!؟! ދެން ބަންގީގެ އަޑަށް ހޮސްޕިޓަލުގައި އިން މިސްކިތަކަށް އަހަރެމެން ދިޔައިމެވެ. އަހަންނަށް ހުރެވުނީ ﻗﺮﺁﻦ ކިޔަވަން އިން ޒުވާނާގެ ގާތުގައެވެ. ނަމާދުން ފައިބައިގެން ދިޔައީ އަހަރެމެން އެކުގައެވެ. އޭނާގެ ކަންތަކާއި އަހަރެން އުފާވި (ޝައުގުވެރިވި ) ވާހަކަ އޭނާ ގާތުގައި ބުނީމެވެ. އަދި ވަގުތުގެ ބޭނުން ހިފާގޮތް ރަގަޅު ކަމުގައިވެސް ބުނީމެވެ. އޭނަ ބުންޏެވެ. ' އެއްވެސް ފައިދާ އެއް ނެތްގޮތުގައި އަހަރެމެންގެ ގިނަ ވަގުތުތައް ބޭކާރު ވެގެން ދޭ '. މިދުވަސް ތަކަކީ އެއާއި މެދު ސަމާލުކަމެއް ނުދެވި އަހަރެމެންގެ ހަޔާތުން ދޫކުރެވޭ ދުވަސްތަކެކެވެ. ބޭކާރުވެގެންދާ އެއްޗެއްކަން ގަބޫލް ނުކުރެވިއެވެ. އޭނާ އިތުރަށް ކިޔައިދިނެވެ. 'އަހަރެންގެ ރައްޓެއްސަކު ވަގުތުގެ ބޭނުން ރަގަޅު ގޮތުގައި ހިފާނެ ގޮތް ކިޔައިދިން ދުވަހުން ފެށިގެން އަހަރެން ކުޑަ ހަތިމެއް (ޖީބަށް ލެވޭ ވަރުގެ ކުޑަ މުސްހަފެއް) ގެންގުޅެން '. އަދި އެޒުވާނާ ބުނި 'އެހެންމީހުން ބޭކާރުކޮށް ދޫކޮށްލާ ކަހަލަ ވަގުތު އަހަރެން ހޭދަ ކުރަނީ ގުރުއާން ކިޔެވުމާއިގެން، ގޭގައިވެސް ކިޔަވަން، މިސްކިތުގައި ވެސް ކިޔަވަން  ' އޭނާ ކިޔައިދިން ގޮތުގައި ﻗﺮﺁﻦ ކިޔެވުމުން އޭގެއިން ގިނަ ގުނަ ފައިދާތަކެއް ލިބިގެން ވެއެވެ. މިއާދައިގެ ސަބަބުން އޭނާ ފޫހިވުމާއި ބޭކާރު ވިސްނުންތަކުން ދުރުކޮށްދެއެވެ. އަދި ހަމަ އެހެންމެ، މިހާރު އޭނާ މިތާނގައި ވެސް ދޮޅު ގަޑިއެއްހާއިރު ކިޔެވުމުގައި ހޭދަ ކުރެވިއްޖެއެވެ. ދެން އޭނާ އަހާލިއެވެ. 'ދޮޅު ގަޑިއިރު ﻗﺮﺁﻦ ކިޔެވުމުގައި ހޭދަ ކުރާނީ ކޮން އިރަކުހޭ ؟ ' އަހަންނަށް ވިސްނުނެވެ. ކިހާވަގުތެއް އަހަރެމެން މި ބޭކާރުގޮތުގައި ހޭދަ ކޮށްލަނީ؟! ހަޔާތުގައި ބޭނުމެއް ނެތް ގޮތުގައި މިހޭދަވެގެންދާ ހިނދުކޮޅުތައް، ކޮންއިރަކު ކޮންގޮތަކުން ވަޒަން ކުރެވޭނީ؟! ތެދަށް ބުނާ ކަމުގައި ވާނަމަ ﻗﺮﺁﻦ ކިޔެވުމާއި ނުލައި ކިތައް މަސސްދުވަސް މިހޭދަ ކޮށްލެވެނީ؟! އަހަންނަށް އެޒުވާނާއާއި ދޭތެރޭ ހާއްސާ ގަދަރެއް ދެވުނެވެ.

އަހަންނަށް އެނގުނެވެ. އަހަންނާއި އެކުގައި ވަގުތު ނުވާ ކަން އަހަންނަށް ވަޒަން ނުކުރެވިވާ ކަމެވެ. ކޮންކަމަކާތަ އަހަރެން މި މަޑުކުރަނީ؟! އަހަރެންގެ މިވިސްނުންތަކަށް ހުރަސްއެޅީ ނަރުސް ކުއްޖާ އަހަރެންގެ ނަންބަރު ގޮވާލުމުންނެވެ. އަވަހަށް ޑޮކްޓަރ ކައިރިޔަށް ދިޔައިމެވެ. އެކަމަކު މިހާރު އަހަރެން ވާސިލްވާން ބޭނުންވާ އެހެން ކަމެއް އެބަ އޮތެވެ. އަހަރެން ހޮސްޕިޓަލުން ނުކުތުމަށް ފަހު ދިޔައީ ފޮތް ފިހާރައަކަށް ކުޑަ ހަތިމެއް ގަންނާށެވެ. ގެއްލިގެންދާ ވަގުތުގެ ބޭނުން ހިފާނެ ގޮތާއި މެދު އަހަރެން ވިސްނީމެވެ. '

މި ކުރު ވާހަކައަކީ ތިޔަ ފަރާތަށް މުހިންމު އެއްޗެއް ކަމަށް ވެއްޖެ ނަމަ، މިވާހަކަ ރައްޓެހިންނާއި ތިމާގެ މީހުންނާއި އެކު ހިއްސާކުރާށެވެ. ﻣﺤﻣﺩ (z) ﺤﺩﺙ ކުރައްވާފައި ' ރަގަޅު ކަމަކަށް މަގުދައްކާމީހާ ނުވަތަ ރަގަޅުކަމެއް ކުރަން ބުނާ މީހާއަށް އެކަން ކުރާމީހާއަށް ލިބޭ ﺪﺮﺝ ލިބޭނެ ' އެހެން ﺤﺩﺙ އެއްގައި ވެއެވެ ' އެކަލޭގެ ފާނުންގެ ކިބައިން ލިބިފައިވާ ﻋﻠﻡ ތައް އެހެން މީހުންނާއި ހަމަޔަށް ފޯރުކޮށްދޭށެވެ. އެހީ އެންމެ އަކުރެއްވިޔަށް ހެވެވެ. ' މާތް ﷲ އަހަރެމެންނަށް ﺮﺤﻣﺔ ލައްވާށި. ﺁﻣﻳﻦ

ޓެގް

ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.