ރާއްޖޭގެ ޚަބަރު އާމްދަނީއެއް ލިބޭ މަސައްކަތެއް ހަމަނުޖެހި ތިބި ދިވެހިންގެ ނިސްބަތް މިވަނީ ސަތޭކައަކުން ހަތާވީހަށް އަރާފައި - ރައީސް

އާމްދަނީއެއް ލިބޭ މަސައްކަތެއް ހަމަނުޖެހި ތިބި ދިވެހިންގެ ނިސްބަތް މިވަނީ ސަތޭކައަކުން ހަތާވީހަށް އަރާފައި - ރައީސް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މަސައްކަތްތެރި ޢުމުރުފުރާގެ ދެލައްކަ ފަސްހާހަށްވުރެ ގިނަ ދިވެހިން އެބަތިބިކަމަށާއި މީގެތެރެއިން ވަޒީފާއެއް ނުވަތަ އާމްދަނީއެއް ލިބޭ މަސައްކަތެއް ހަމަނުޖެހި ތިބި ދިވެހިންގެ ނިސްބަތް މިވަނީ ސަތޭކައަކުން ހަތާވިސް އިންސައްތައަށް އަރާފައި ކަމުގައި ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ ދިވެހިރާއްޖޭގެ 46 ވަނަ މިނިވަން ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ދިވެހި ޤައުމާ މިޚާތަބު ކުރައްވާ ދެއްވި ޚިޠާބުގައެވެ. މިޚިޠާބުގައި ރައީސްލްޖުމުހޫރިއްޔާ ވިދާޅުވީ މަސައްކަތްތެރި، ޒުވާން ދިވެހި ޖީލެއް އުފެއްދުމުގެ މަސައްކަތުގައި، ތާއަބަދު ވަރުބަލިވާން ވެއްޖެކަން، ހޯދިފައިވާ ތަފާސް ހިސާބުތަކުން އެބަ ދައްކާކަމަށާއި މިކަންކަން މިހެން ހުރިއިރު، މި ރާއްޖޭގެ ސޯޅަސަތޭކަ ކުންފުންޏަކުންނާއި، ދެހާސް އަމިއްލަ ފަރުދުންވެގެން، ހަތްދިހަ އެތައްހާސް ބިދޭސީންނަށް، މުސާރައާއި ޚަރަދުބަރަދު ދީގެން އެބަ ގެންގުޅޭކަމަށެވެ.

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވީ "ވޭތުވެދިޔަ ދިހައަހަރަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިންނަށް ދިވެހިން ވަޒީފާ ދޭ ނިސްބަތް މިވަނީ ތިންގުނަ ބޮޑުވެފައި. ވޭތުވެދިޔަ ދިހައަހަރަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިންނަށް ދިވެހިން ވަޒީފާ ދޭ ނިސްބަތް މިވަނީ ތިންގުނަ ބޮޑުވެފައި" ރައީސްލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

މިދެންނެވި ތަފާސް ހިސާބުތައް، އެގޮތަށް މެދުވެރިކުރުވި ކިތަންމެ ސަބަބުތަކެއް އަޅުގަނޑުމެންނަށްވަނީ ފާހަގަކުރެވިފައި. ވޭތުވެދިޔަ ދިހައަހަރުގެ ތެރޭގައި މަދްރަސާ ނިންމި ފަސްދޮޅަސްހާސް ދަރިވަރުންގެ ތެރެއިން، މަތީ ތަޢުލީމު ހޯދުމަށާއި، ފަންނީ ތަމްރީނެއް ހޯދުމުގައި ބައިވެރިވެފައިވަނީ، އެންމެ ބާރަހާސް ދަރިވަރުން.
އޭގެ މާނައަކީ، މަސައްކަތު ފުރައިގެ އެތަކެއް ދިވެހި ޒުވާނުންނެއް އުޅެމުންދަނީ މަސައްކަތެއް ނުކޮށްކަމާއި، އިތުރު ހުނަރުވެރިކަމާއި، ކުޅަދާނަކަން ޙާޞިލު ކުރުމަށް އެހެން އެއްވެސް ކަމެއް ނުކޮށް، ހަމައެކަނި މައިންބަފައިން ނުވަތަ ޢާއިލާއަށް ބަރޯސާވެގެންކަން. ނޫކަށި ފުރައިގެ ޒުވާނާ އެއީ، އާއިލާއަށް ކުރިމަތިވެފައިވާ ބުރައަކަށްވުމަށް އެދޭނެ އެއްވެސް މަޔަކު، ބަފަޔަކު ނުހުންނާނެކަމަށާއި އެހެނަސް، ހިސާބުތައް އޮތްގޮތް މިދެންނެވީ. މި ސިފައާއި މި އާދަ މިޤައުމުން ބަދަލުކުރުމަކީ، ކުރާންޖެހިފައިވާ ކަމެއްކަމަށް ރައީސް ނަޝީދު ވިދަޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަންނީ މަސައްކަތެއްގެ ހުނަރުވެރިކަމާއި މޮޅުކަން ޙާޞިލުކޮށް، ތަރުތީބުވެފައިވާ އިންތިޒާމެއްގެ ތެރެއިން ކުރިއަރައި ދެވޭނެ މަސައްކަތަކާއި، އިތުރުވަމުންދާނެ އާމްދަނީއެއް ހޯދައި، ތިމާގެ ހަމަ އިސްކޮޅަށް ހިންދެމިލައި، ތިމަންނާއަކީ އަނެކާގެ ނާޖާއިޒު ނުފޫޒުން ސަލާމަތްވެ ހުރި މިނިވަން ދިވެއްސެއްކަމުގެ އިޙްސާސް ލިއްބައިދޭން އެބަޖެހޭކަމަށާއި ކުޅަދާނަ މޭސްތިރިންނާއި މަސައްކަތްތެރިންނަށް ވާން ކެރޭނެ ދިވެހި ޒުވާނުންގެ ރޫޙާއި ޖޯޝް އާލާކޮށް، ފަޚްރުވެރިކަމާއެކު ކުރިއަށް ނުކުތުމުގައި އިޖާބަދިނުމަށް އަޅުގަނޑު ގޮވާލަން.
އާންމުކޮށް ދިވެހިންނަށް ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް ތަޢުލީމާއި ތަމްރީނާ އަދި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމުގައި، ސަރުކާރުގެ އަމާޒާ ވިސްނުންވަނީ އެކަށައެޅި ބަޔާންވެފައި ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްލްޖުމުހޫރިއްޔާ އިތުރަށް ވިދަޅުވީ ސަރުކާރުން މިހާރު ނިންމާފައިމިވަނީ، ފަންނީ ހުނަރުވެރިކަމުގެ ފުރިހަމަ ތަމްރީނު ދެވިފައިވާ އަށްހާސް ފައްސަތޭކަ ދިވެހިން، މަސައްކަތުގެ ބާޒާރަށް ނެރުމަށް. މިއަދު އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވާލަން، މި އަމާޒު ޙާޞިލު ކުރުމަށްޓަކައި ތިންސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާގެ ޤައުމީ މަޝްރޫޢެއް ސަރުކާރުން މިހާރުވަނީ އެކުލަވާލާ ނިމިފައި.

މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި، މައިގަނޑު ހަތަރު ބައެއްވަނީ ފާހަގަކުރެވިފައި. ފުރަތަމަ ބަޔަކީ، ތަމްރީނުތަކާ ގުޅޭ ބައި. މިބައިގެ ދަށުން، ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ގޮތުގެ އޮނިގަނޑެއް ތައްޔާރުކުރެވި، ތަމްރީނު ދޭ ފަރާތްތަކުގެ ޤާބިލްކަން އިތުރުކުރެވޭނެ. ދެވަނަ ބަޔަކީ، މިތަމްރީނުތަކާއި، އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުން. މިބައިގެ ދަށުން، ސްކޫލް ނިންމާ ކުދިންނާއި، ވަޒީފާއެއް ނެތި ތިބި ޒުވާނުންނާއި އަދި ބެލެނިވެރިންނަށް، ތަމްރީނު ޕްރޮގްރާމްތަކާއި އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ގޮތުން މަޢުލޫމާތުދެވޭނެކަމަށާއި މީގައި ހިމެނޭ އެންމެ މުހިންމު އަނެއް ކަމަކީ، ވަޒީފާ ދޭ ފަރާތްތަކުން، ދިވެހި މަސައްކަތްތެރިންނާމެދު ދެކޭ ގޮތް ބަދަލުކުރެވި، ދިވެހި މަސައްކަތްތެރިންނާ ގުޅޭ މުޅިން އާ ތަޞައްވުރެއް އުފެއްދުމަށް މަސައްކަތްކުރުން. ތިންވަނަ ބަޔަކީ، މަސައްކަތެއް ނެތް ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން، ކެރިއަރ ގައިޑެންސް ސެންޓަރުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވި، ހަރުދަނާކުރެވި، އެތަނުން ލިބޭ މަޢުލޫމާތުތަކާއި އަދި ދެވޭ ޚިދުމަތްތައް އިތުރަށް ތަނަވަސްކުރެވިގެންދާނެ. އަދި ހަމައެހެންމެ، ވަޒީފާއާ ގުޅޭ ދަފްތަރު މިހާރަށްވުރެ ބޮޑަށް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހިގެންދާނެކަމަށެވެ.

"މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ހިމެނޭ ހަތަރުވަނަ ބަޔަކީ، ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ޤާބިލްކަން އިތުރުކުރުން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީވެސް، ދެމެހެއްޓެނިވި ކަމަކަށް ވާން އެބަޖެހޭ. އެގޮތުން، މިތަމްރީނުތައް ހަމައެކަނި އެއް އަހަރުގެ މުއްދަތައް ހިންގާފައި ހުއްޓާލުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ޤައުމު ކުރިއަށްދާ ގޮތަށް، މިފަދަ ޕްރޮގްރާމްތައްވެސް ސަރުކާރުން ކުރިއަށް ގެންދާނެކަމަށާއި ފަންނީ ތަމްރީނު ދެވިފައިވާ ހުނަރުވެރި ދިވެހިން އުފައްދައި، މަސައްކަތުގެ ބާޒާރަށް ނެރުމަށް ސަރުކާރުން ހިންގުމަށް ރާވާފައިމިވާ ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކޮންމެހެން ބޭނުންވާ ހުނަރުވެރި ދިވެހިން ތަމްރީނު ކުރެވޭނެ. ޢިމާރާތްކުރުމުގެ ދާއިރާއިން، ވެލްޑަރުންނާއި، މޭސަނުންނާއި އިލެކްޓްރީޝަނުންނާއި އަދި އެނޫންވެސް އެދާއިރާއާ ގުޅުން ހުރި، ހަ ހާސް ނުވަސަތޭކަ ހަތްދިހަ ހަތް ދިވެހިން ތަމްރީނުވެގެން އިރާދަކުރެއްވިއްޔާ މަސައްކަތުގެ މައިދާނަށް ނުކުންނާނެ. ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާކަމުގައިވަނީނަމަ، ކައްކާ މީހުންނާއި، ވެއިޓަރުންނާއި، ހައުސްކީޕަރުންނާއި އަދި ޑައިވިންގ އިންސްޓްރަކްޓަރުންނާއި އަދި އެހެންވެސް، މިދާއިރާއާ ގުޅުން ހުރި މަސައްކަތްތަކަށް ތިންހާސް އަށްސަތޭކަ ދިވެހިން ތަމްރީނުކުރެވޭނެ. އަދި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ހަތްސަތޭކަ ދިވެހިން ތަމްރީނުކުރުމުގެ އިތުރަށް، ނަރުހުންނާއި ފާމަސިސްޓުން އަދި ފަހާ މީހުންނާއި ކުޅިވަރު އިންސްޓްރަކްޓަރުން ފަދަ އިޖްތިމާޢީ ދާއިރާއިން ހަތަރުސަތޭކަ ފަންސާސް ދިވެހިން އިރާދަކުރެއްވިއްޔާ މުޅިން އަލަށް އަޅުގަނޑުމެން އުފައްދާނަން. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އަށްސަތޭކަ ފަސްދޮޅަސް ދިވެހިން އަދި އެކައުންޓްސް ދާއިރާފަދަ އެހެނިހެން މަސައްކަތްތަކަށް ހަތަރުސަތޭކަ ދިވެހިން ތަމްރީނުވެ، މަސައްކަތަށް ނެރެވޭނެ."
ރައީސް ވިދަޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޤައުމުގެ ޒުވާނުންގެ ގިނަ އަދަދެއްގެ ބަޔަކު ވީ ގޮތެއް ވެގެން، ޖެހުނު ހާލެއް ޖެހިގެން، ޖަލުގޭގެ އަނދިރިކަމުގެ ތެރެއަށް ގެއްލި، ދިރިއުޅުން ބަރުބާދުވެ، ހަފުސްވާން ދޫކުރުމަކީވެސް، ތަރައްޤީއާ މިނިވަންކަމަށް އޮތް ހުރަހެއްކަމަށާއި އުފެއްދުންތެރި ބޭނުންތެރި ބައެއްގެ ގޮތުގައި އެމީހުންނަށް މުޖްތަމަޢާ ގުޅިދާނެ ހުރިހާ ފުރުޞަތަކަށް އަބަދުވެސް އަޅުގަނޑު ހުންނާނީ ބަލަބަލާ. އެހިނދަކަށް ގެންނަން ޖެހޭ ބަދަލަކާއި އަދި އަޅަންޖެހޭ ފިޔަވަޅެއް އެޅުމާއެކުވެސް، ޙުކުމް ތަންފީޒުކުރަމުންދާ ގާތްގަނޑަކަށް ހަތަރުސަތޭކަ އާ ގާތްކުރާ ދިވެހި ޒުވާނުންނަށް ސާޅީސް ހަވަނަ މިނިވަންދުވަހުގެ އުފަލުގައި އަޅުގަނޑު ދެވަނަ ފުރުޞަތެއް މިއަދު ދޭނަން. ދެވަނަ ފުރުޞަތެއް ދިނުމަށް ކަނޑައެޅި ޒުވާނުން، ގިންތިކޮށްފައިވަނީ، ކަންތައްތަކަކަށް ބެލުމަށްފަހު. އެގޮތުން، ބޮޑު ބައްޔަކަށް ބޭސްކުރަންޖެހިފައި ތިބި މީހުންނަށާއި، އިތުރު ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީގެން، އެމީހުންގެ ފަރާތުން މުޖްތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކޮށްދެވިދާނެ ފަރާތްތަކަށް އިސްކަންދީގެން. އަދި ހަމައެހެންމެ، ދެވަނަ ފުރުޞަތެއް ދިނުމަށް ކަނޑައެޅި ފަރާތްތަކުގެ ކުށުގެ ރެކޯޑަށާއި އަދިވެސް ވަރަށް ގިނަ ކަންތައްތަކަށް ބެލެވިފައިވާނެ ލަމަށް ރައީސް ވިދާޅުވިއެވެ.

ޓެގް

ރައީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.