ދީން ރޯދައިގެ ކުރިން ރޯދައަށް ބަލާލުމެއް 2

ރޯދައިގެ ކުރިން ރޯދައަށް ބަލާލުމެއް 2

ރޯދައިގެ ކުރިން ރޯދައަށް ބަލާލުމެއް 2

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ހަތަރުވަނަ: ރޯދަ ވާޖިބުވަނީ ކޮން ބައެއްގެ މައްޗަށް؟

ރޯދަ ވާޖިބުވެގެންވާ މީހުންގެ ޝަރުޠުތައް:

1-    މުސްލިމެއް ކަމުގައިވުން

2-    މުކައްލަފެއް ކަމުގައިވުން

3-    ރޯދަހިފުމުގެ ކުޅަދާނަކަން ހުރި މީހެއްކަމުގައިވުން

4-    މުޤީމެއްކަމުގައިވުން (ދަތުރުވެރިއެއްކަމުގައި ނުވުން)

5-    ރޯދަ ހިފުން މަނާކުރާ ކަމެއް ކުރިމަތިވެފައި ނެތުން

މި 5 ޝަރުޠު އެމީހެއްގެ ކިބައިގައި ޖަމާވެއްޖެ މީހަކު، ރަމަޟާންމަސް ޖެހުމުން ރޯދަ ހިފުން ވާޖިބުވެގެންވެއެވެ. އެހެންކަމުން، މުޚްތަޞަރު ކުރުގޮތަކަށް މި 5 ޝަރުތާ ބެހޭގޮތުން ބަލައިލާނަމެވެ.

1-    މުސްލިމެއް ކަމުގައިވުން:

މިއީ ޝަހާދަތުގެ ދެކަލިމަ ހިތުން ތެދުކޮށް ދުލުން ކިޔައިގެން ހުރި ކޮންމެ މުސްލިމެކެވެ. އެހެންކަމުން، ކާފަރެއްގެ މައްޗަށް ރޯދަ ވާޖިބުވެގެނެއް ނުވެއެވެ. އޭނާ އިސްލާމްވެއްޖެއުމަށް ދާންދެނެވެ. އަދި އޭނާ އިސްލާމްވީ ރަމަޟާންމަސް ތެރޭގައި ކަމަށްވާނަ، އެ މަހުގައި ފާއިތުވި ރޯދަ ޤަޟާކުރުމެއްވެސް އޭނާގެ މައްޗަކަށް ނުވެއެވެ.

2-    މުކައްލަފެއް ކަމުގައިވުން:

މިއީ ބުއްދި ސަލާމަތުން ހުރި ބާލިޣުވެފައިވާ ކޮންމެ މީހެކެވެ. އެއީ އަންހެނަކަށްވިޔަސް އަދި ފިރިހެނަކަށްވިޔަސް ވެހެވެ. އަދި އެއީ އަޅަކަށް ވިޔަސް އަދި މިނިވަނަކަށް ވިޔަސް ވެހެވެ.

ބުއްދި ސަލާމަތުން ހުރި މީހަކީ، ކަންކަމާމެދު ވިސްނާ ފިކުރުކުރާ އަދި ފެންނަ އެއްޗެހި ދަންނަން އެނގޭ އަދި ފަހުމުވާ މީހާއެވެ. ކުރުކޮށް ދަންނަވާނަމަ، ބުއްދިފިލާ ގޮސްފައިވާ މޮޔަ ނޫން ކޮންމެ މީހެކެވެ. އަދި މުސްކުޅިވުމުގެ ސަބަބުން ބުއްދި ގޯސްވެފައިވާ ނުވަތަ ބުއްދިއަށް އަސަރުކޮށްފައިވާ ނުވާ ކޮންމެ މީހެކެވެ. އެފަދައިން ބުއްދި ފިލާފައިވާ ނުވަތަ ބުއްދިއަށް އަސަރުކޮށްފައިވާ މީހުންގެ މައްޗަށް ރޯދަ ވާޖިބުވެގެނެއް ނުވެއެވެ. އެފަދަ މީހަކު ރޯދަ ހިފިއެއްކަމަކު، އެ ރޯދަ ޞައްޙައެއް ނުވާނެއެވެ.

ބާލިޣުވެފައިވާ މީހަކީ، ބާލިޣުވެފައިވާ ކަމުގެ ޢަލާމާތެއް ފައުޅުވެއްޖެ ކޮންމެ މީހެކެވެ. އެ ޢަލާމާތްތަކަކީ، ކުރިމަތި ފަރާތުގައި އިސްތަށި ފެޅުން، ނުވަތަ އުމުރުން 15 އަހަރުފުރުން، ނުވަތަ މަނި ބޭރުވުން، އަދި އަންހެނެއްކަމުގައިވާ ނަމަ އެއް ޢަލާމާތް އިތުރުވެއެވެ. އެއީ ޙައިޟުވާން ފެށުން، މިއެވެ.

އެހެންކަމުން، ބާލިޣުނުވާ ކުޑަ ކުދިން ރޯދަ ހިފުމަކީ އަމުރުކުރެވިގެންވާ ކަމެއް ނޫނެވެ. ނަމަވެސް، އެކަމަށް ޢާދަކުރުވުމުގެ ގޮތުން އެ ކުއްޖަކަށް ކުޅަދާނަވީ މިންވަރަކުން ރޯދަ ހިފުވުމަކީ މައިންބަފައިންގެ މައްޗަށް އެންމެ އެކަށީގެންވާ ކަމެކެވެ. އެކުދިން ހިފާ ރޯދަ ޞައްޙަވާނެއެވެ. އޭގެ ޘަވާބާއި ދަރުމަ ލިބޭނީ މައިންބަފައިންނަށެވެ.

3-    ރޯދަ ހިފުމުގެ ކުޅަދާނަކަން ހުރި މީހެއްކަމުގައިވުން:

ރޯދަ ހިފުމަށް ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހަކީ ރޯދަ ހިފުން ވާޖިބުވެގެންވާ މީހެކެވެ.

ރޯދަހިފުމަށް ނުކުޅެދޭ މީހުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ:

ހ. ދެމިގެންދާ ގޮތަށް ރޯދަ ހިފުމަށް ނުކުޅެދޭކަމެއް މެދުވެރިވުން: މިސާލަކަށް، މުސްކުޅިވުމުގެ ސަބަބުން ރޯދަ ނުހިފޭ ހިސާބަށް ދިއުން، ނުވަތަ ފަސޭހަ ވުމުގެ އުއްމީދު ނެތް ބޮޑު ބައްޔެއް ޖެހުމުގެ ސަބަބުން ރޯދަ ހިފުމަށް ނުކުޅެދުން.

މިބައިމީހުންގެ މައްޗަށް އޮތް ޙުކުމަކީ ރަމަޟާންމަހުގެ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދިނުމެވެ. ރޯދަ ހިފުމެއް މިބައިމީހުންގެ މައްޗަކަށް ނުވެއެވެ.

ށ. ވަޤުތީ ގޮތުން ރޯދަ ހިފުމަށް ނުކުޅެދޭ ކަމެއް މެދުވެރިވުން: މިސާލަކަށް، ފަސޭހަ ވުމުގެ އުއްމީދު އޮތް ބައްޔެއްގެ ސަބަބުން ރޯދަ ހިފުމުގެ ކުޅަދާނަކަން ނެތް މީހާ.

މިބައިމީހުންގެ މައްޗަށް އޮތީ ބަލި ފަސޭހަވަންދެން ރޯދަ ނުހިފާ މަޑުކުރުމެވެ. އަދި ބަލި ފަސޭހަވުމުން ފާއިތުވި ރޯދަތައް ޤަޟާކުރުމެވެ. (ބަދަލުގައި މިސްކީނުންނަށް  ކާން ދިނުމަކީ މިބައިމީހުންގެ މައްޗަށްވާ ކަމެއް ނޫނެވެ.)

4-    މުޤީމެއްކަމުގައިވުން:

މުޤީމަކީ ދަތުވެރިއެއްގެ ޙުކުމުން ކެނޑިފައިވާ ކޮންމެ މީހެކެވެ. އެހެންކަމުން، ދަތުރުވެރިއެއްގެ ޙުކުމުގައި ވާހާ ހިނދަކު، ދަތުރުވެރިޔާގެ މައްޗަށް ރޯދަ ހިފުން ވާޖިބު ވެގެނެއްނުވެއެވެ. ބޭނުންނަމަ ހިފިދާނެއެވެ. ރޯދަ ޞައްޙަވާނެއެވެ. އަދި ބޭނުންނަމަ ނުހިފާ ދޫކޮށްލެވިދާނެއެވެ. ނަމަވެސް، ދަތުރުވެރިއެއްގެ ޙުކުމުން ފިލައިދިއުމުން، ފާއިތުވި ރޯދަތައް ޤާޟާކުރުމަކީ މިބައިމީހުންގެ މައްޗަށްވާ ވާޖިބެކެވެ.

5-    ރޯދަ ހިފުން މަނާ ކުރާ ކަމެއް މެދުވެރިވެފައި ނެތުން:

ކުރިން ދެންނެވި ހުރިހާ ޝަރުތެއް ފުރިހަމަ ވެފައި ހުރި މީހާ (މުސްލިމް މުކައްލަފް ކުޅަދާނަކަން ލިބިގެންވާ މުޤީމު މީހާ) ނަމަވެސް، ރޯދަ ހިފުން މަނާކުރާ ކަމެއް މެދުވެރިވެފައި ހުއްޓާ ރޯދަ ހިފިޔަސް، އެ ރޯދައެއް ޞައްޙައެއް ނުވާނެއެވެ.

ރޯދަ މަނާ ކުރާ ކަންކަމަކީ، ޙައިޟު ނިފާސް ފަދަ ކަންކަމެވެ. އެހެންކަމުން، ޙައިޟު ނިފާސް ވެރިންގެ މައްޗަށް، އެޚާލަތުގައި އިނދެ، ރޯދަ ހިފުމަކީ މުޅިން ޙަރާމްކަމެކެވެ. އެއީ ނަމާދު ކުރުންވެސް އެޚާލަތުގައި އެކަނބަލުންގެ މައްޗަށް ޙަރާމްވެފައިވާ ފަދައިންނެވެ. ނަމަވެސް، ހަމައެކަނި ތަފާތަކީ، ނަމާދު ފަހުން ޤަޟާކުރަން ނުޖެހުމެވެ. އެއާ ޚިލާފަށް، އެކަނބަލުން މި ޚާލަތުން ވީއްލުމާއެކު ރޯދަ ޤަޟާކުރުން ވާޖިބުވެގެންވެއެވެ.

ފަސްވަނަ: ރޯދަމަސް ވަދެއްޖެކަން ޘާބިތުކުރާނީ ކިހިނެއް؟

ރޯދަމަސް ވަދެއްޖެކަން ޘާބިތުކުރެވޭނީ ދެގޮތަކަށެވެ.

ހ. ރަމަޟާންމަހުގެ ހަނދުފެނުން.

ށ. (ރަމަޟާންމަހުގެ ހަނދު ޘާބިތު ނުވެއްޖެނަމަ) ޝަޢުބާން މަހުގެ ތިރީސްދުވަސް ހަމަކުރުން.

މިކަމަށް ޢިޝާރާތްކުރައްވާ މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވެއެވެ. ” إذا رأيتم الهلال فصوموا، وإذا رأيتموه فأفطروه، فان غم عليكم فاقدروا له” (ބުޚާރީ އަދި މުސްލިމް) މާނައީ: ” (ރަމަޟާންމަހުގެ) ހަނދު ފެނިއްޖެނަމަ ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހަނދު ފެނުމުން ރޯދަ ހިފުން ހުއްޓާލާށެވެ. ފަހެ، ވިލާތައް ބޯވެ، ހަނދު ފެންނަވަރު ނުވެއްޖެނަމަ، ޢަދަދުން (ޝަޢުބާންމަހުގެ 30 ދުވަސް) ހަމަކުރާށެވެ.”

ހަވަނަ: ނިޔަތް ގަތުމާ ބެހޭގޮތުން

މާތް ﷲ އަށް އަދާކުރަންޖެހޭ ހުރިހައި އަޅުކަމަކީވެސް ނިޔަތުގެ މައްޗަށް ބިނާވާންޖެހޭ އަޅުކަންތަކެކެވެ. މާތް ﷲ އަށް އެ އަޅުކަމެއް ޚާލިޞްކުރަން ޖެހޭނެއެވެ. އެހެންނޫންނަމަ، އެ އަޅުކަމެއްގެ ޘަވާބާއި ދަރުމައިން އެމީހަކު މަޙްރޫމުވާނެއެވެ.

އެހެނީ، އުއްމަތުގެ މާތް ނަބިއްޔާ މުޙަންމަދު صلى الله عليه وسلم ޙަދީޘްފުޅުކުރައްވަނީ މިފަދައިންނެވެ. ” إنما الأعمال بالنيات، وإنما لكل امرئ ما نوى” (رواه البخاري ومسلم) މާނައީ: ” ހަމަކަށަވަރުން، ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ހަމައެފަދައިން، ކޮންމެ މީހަކަށްވެސް އޮތީ އެމީހަކު ނިޔަތްގަތް ކަމެކެވެ.” އެބަހީ، ޘަވާބާއި ދަރުމަ ލިބޭނީ، މާތް ﷲ ގެ ވަޖުހުފުޅަށް އެދިގެން އެ ޢަމަލެއްކޮށްފިނަމައެވެ. ދުނިޔެވީ އެދުމަކަށް އެދިހުރެކޮށްފިނަމަ، އެމީހަކަށް އޮތީ އެކަމެކެވެ. އާޚިރަތުގެ ޘަވާބާއި ދަރުމައިން މަޙްރޫމުވާނެއެވެ.

އެހެންކަމުން، އެހެން ހުރިހައި އަޅުކަންތަކަށް ނިޔަތް ލާޒިމުވެގެންވާ ފަދައިން، ރަމަޟާންމަހުގެ ރޯދަ ހިފުމަށްވެސް ނިޔަތް ގަންނަން ޖެހޭނެއެވެ. ވުމާއިއެކު، ފަޖުރުއްސާދިޤުގެ އަލިވިލުމުގެ ކުރިން ފަރުޟު ރޯދަ ހިފުމަށް ނިޔަތް ގަތުމަކީ ވާޖިބެކެވެ. އެހެނީ މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވަނީ މިފަދައިންނެވެ. ” من لم يبيت الصيام من الليل ، فلا صيام له” (صحيح النسائي) މާނައީ: ” ރޯދަހިފުމަށްޓަކައި ރޭގަނޑު ނިޔަތް ނުގަނެފި މީހަކަށް ރޯދައެއް ނުވެއެވެ.”

އަދި ހަމައެފަދައިން، ކަނޑައެޅިފައި ހުންނަ ސުންނަތް ރޯދަތައްވެސް (ސުންނަތުން ވާރިދުވެފައި ހުންނަ ރޯދަތައް، މިސާލަކަށް، ޢަރަފާތް ދުވަހުގެ ރޯދަ، ޢާޝޫރާ ރޯދަ، އައްޔާމުލް ބީދު ފަދަ ރޯދަތައް) ހިފަން ނިޔަތް ގަންނަން ޖެހޭނީ ރޭގަނޑު، އެދުވަހެއްގެ ފަޖުރުއްސާދިޤުގެ އަލިވިލުމުގެ ކުރީންނެވެ. ނަމަވެސް، ކަނޑައެޅިފައި ނުވާ ސުންނަތް ރޯދައެއްނަމަ، ދުވާލު ގަޑީގައިވެސް ނިޔަތް ގަނެވިދާނެއެވެ. ނަމަވެސް، ޝަރުޠަކީ ފަޖުރުވުމަށްފަހު ރޯދަ ގެއްލޭފަދަ އެއްވެސް ކަމެއް އެދުވަހުގެ އެ ހިސާބަށް އޭނާ ކޮށްފައިނުވުމެވެ.

ސާމަލުވާންޖެހޭ ނުކުތާއެއް:

ދަންނައެވެ. ނިޔަތުގެ މަޤާމަކީ ހިތެވެ. ރޯދައިގަނަމަ، އެއީ ރޯދަހިފަން ހިތަށް އެރުވުމެވެ. އެހެނީ ހުރިހާ އަޅުކަމެއްގައިވެސް ނިޔަތުގެ މަޤާމަކީ ނުވަތަ މަޙައްލަކީ ހިތެވެ. ދުލުން ނިޔަތް ކިޔުމަކީ ވާރިދުވެފައިވާ ގޮތެއް ނޫނެވެ. އެހެންކަމުން، ގިނަ ދަންނަބޭކަލުން އަރިހުގައި، ދުލުން ނިޔަތް ކިޔުން، އެއީ ދީނުގައި އަލަށް އުފެދިފައިވާ ބިދުޢައެކެވެ. ވުމާއިއެކު، މިކަމަށް ސަމާލުވުން ހުއްޓެވެ.

ހަތްވަނަ: ރޯދައިގެ ވަޤުތު

ކީރިތިވަންތަ މާތް ﷲ ވަނީ، އަޅުގަނޑުމެން ރޯދައަށް ތިބެންވީ ވަޤުތު، ވަރަށް ފުރިހަމައަށް ބާޔާންކޮށްދެއްވާފައެވެ. އެގޮތުން މާތް ﷲ ސުބާޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ މިފަދައިންނެވެ. (وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ) ބަޤަރާ: 187، މާނައީ:” އަދި ތިޔަބައިމީހުން ކައިބޮއި ހަދާށެވެ. ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ.”

އެހެންކަމުން، މުސްލިމުން ރޯދަހިފުމަށް މާތް ﷲ ކަނޑައަޅުއްވާ ބަޔާންކުރައްވާފައިވާ ވަޤުތަކީ ފަޖުރުއްޞާދިޤުގެ އަލިފާޅުވީއްސުރެން ފެށިގެން އިރު އޮއްސެންދެނެވެ.

(ނުނިމޭ)

  • ނޯޓް: މި ލިޔުމުގެ މަރްޖިޢުތަކަކީ، އައްޝޭޚު  މުޙަންމަދު އިންބު ޞާލިހު އަލްޢުޘެއިމީންގެ “މުޛައްކިރަތު ފިޤްހި” އާއި އައްޝޭޚު ޞާލިޙު އަލްފައުޒާންގެ ” އަލްމުލައްޙަޞުލް ފިޤްހީ” އެވެ.

 

ޓެގް

ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.