ރިޕޯޓް ހެރޮއިންއަށް ދެވިހިފުމަކީ ބަލިމަޑުކަމެއްބާ؟ (1 ވަނަ ބައި)

ހެރޮއިންއަށް ދެވިހިފުމަކީ ބަލިމަޑުކަމެއްބާ؟ (1 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްނު އަހުމަދު

މަސްތުވާތަކެއްޗަށް ދެވިހިފުމަކީ ކުށެއްނޫންކަމަށާއި އެއީ ސިއްހީ މައްސަލައެއްކަމުގައި ބުނާ އަޑުތައް މިހާރު މުޅި ދުނިޔޭގައި ވެސް ވަނީ ވަރަށް ގަދަވެފައެވެ. ނުސީދާގޮތެއްގައި މުޅި ދުނިޔޭގެ ވެރިކަން ކުރަމުން އަންނަ އ.ދގެ އެންމެ މަތީ ވެރިޔާ (ސެކެޓްރީ ޖެނެރަލް)  ބާންކީ މޫން މިމަހުގެ 26 ވަނަ ދުވަހު ވިދާޅުވެފައި ވަނީ ޑްރަގަށް ދެވިހިފުމަކީ ކުށެއް ނޫން ކަމަށާއި އެއީ ބައްޔެއް ކަމަށެވެ.

އެމެރިކާއާއި އިނގިރޭސީންގެ މަގުސަދުތަކެއް ހާސިލް ކުރުމަށްޓަކައި އެދެގައުމުން އިސްނަގައިގެން އުފެއްދި އަދި އެދެގައުމު އެދޭ ގޮތެއްގައި ދެމި އޮންނަ އ.ދން މިފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ އަދި ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ހިތާމައަކީ އެމީހުންގެ ވާހަކަތަކަށް ހެއްލި ، ރާއްޖެ ފަދަ އިސްލާމީ ގައުމުތަކުގެ ވެރިންގެ ވާހަކަފުޅުތައް ވެސް އެގޮތަށް ބަދަލުވުމެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސަރުކާރުތަކުން މަސްތުވުމަކީ ބައްޔެއް ކަމަށް ހަދައިގެން އުޅުނަސް އެކަން އޮތީ އެހެން ނޫންކަމަށް ފާޅުގައި ބުނަމުންދާ ޑޮކްޓަރުން އެފަދަ ގައުމުތަކުގައި ވެސް އެބަ ތިއްބެވެ.

އިނގިރޭސިވިލާތުގެ ޖަލުތަކުގައި ޖަލު ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ޑޮކްޓަރު އެންތަނީ އޭއެމް ޑެނިއަލްސްއަކީ މަސްތުވާތަކެއްޗަށް ދެވިހިފުން އެއީ ބައްޔެއް ނޫންކަމަށް އެންމެ ފާޅުގައި ވާހަކަ ދައްކަވާ އެއް ޑޮކްޓަރެވެ.

2005 ވަނަ އަހަރުން ވަޒީފާއިން މުސްކުޅި ކުރައްވާފައިވާ އެންތަނީ 2007 ވަނަ އަހަރު އިނގިރޭސިވިލާތުގެ މަޝްހޫރު ޓެބްލޮއިޑް ނޫހެއް ކަމަށްވާ ޑެއިލީ  މެއިލްއަށް ލިއުއްވާފައިވާ ލިއުއްވުމެއްގެ ސުރުޚީއަކަށް ޖައްސަވާފައިވަނީ   " ހެރޮއިން އެޑިކްޝަން އިޒް ނޮޓް އޭން އިލްނަސް، ވީ ޝުލްޑް ސްޓޮޕް ސްޕެންޑިންގ މިލިއަންސް ޓްރީޓިންގ އިޓް" މި އިބާރާތެވެ. މާނައަކީ ، " ހެރޮއިންއަށް އެޑިކްޓް ވުމަކީ ބަލިމަޑުކަމެއްނޫނެވެ. އެކަމަށް ފަރުވާކުރުމަށް މިލިޔަނުން ހަރަދު ކުރުން އަހަރެމެން ހުއްޓާލަން ޖެހޭނެއެވެ.
ޑރ. ތިއޯޑޯ ޑެލްރިމްޕަލްގެ ނަމުގައި އެންތަނީ ލިއުއްވާފައިވާ އެލިއުމުގައި ވެއެވެ.

"ފާއިތުވި 14 އަހަރު އަހަރެން މަސައްކަތް ކުރީ ދިރިއުޅުން ދަތި  ހިސާބުގަނޑެއްގައި ހުންނަ ޖެނެރަލް ހޮސްޕިޓަލެއްގައެވެ. އަދި އެހޮސްޕިޓަލާއި ޖެހިގެން ހުންނަ ޖަލަކީ (އިނގިރޭސިވިލާތުގެ) ބޮޑެތި ޖަލުތަކުގެ ތެރެއިން ޖަލެކެވެ.

އެތަނުގައި އަހަރެން މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު ހެރޮއިންއަށް އެޑިކްޓް ވުމުގެ މައްސަލަ، ވަރަށް މަދުން ނޫނީ ކުރިމަތި ނުވާ މައްސަލައަކުން ފެށިގެން  ގޮސް ގޮތް ނޭނގޭ ބޮޑު މައްސަލައަކަށް ބަދަލުވެގެން ދިޔައެވެ.

މަސްތުވާތަކެތީގެ މައްސަލަ  ބޮޑުވެގެން ދިޔަ ވަރުން ހަފްތާއަކު އެއްފަހަރު ހުސްކުރާ ގޮތަށް ބަހައްޓާފައި ހުންނަ ރަބިޝްބިންތަކަށް ތިނޯހާއި ސިލިންޖް ފަދަ ތަކެތި ނޭޅުމަށް ސިޓީ ކައުންސިލުން ރައްޔިތުންނަށް އެންގިއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ އާލާތްތައް ހެނދުނު ވާއިރު ސިޑިމަތީގައި ނުހުންނަ ގެއެއް ނުހުންނަ ހިސާބަށް ކަންތައް ދިޔައެވެ. އެއާ އެކު ޑްރަގަށް ދެވިހިފުމަށް ފަރުވާ ކުރުމުގެ މަސައްކަތްވެސް ފުޅާވެ ކުރިއަރައިގެން ދިޔައެވެ.

އެތައް އަހަރެއް ވަންދެން ފަތުރާފައިވާ ޕްރޮޕަގެންޑާ އަކީ މަސްތުވާތަކެއްޗަށް ދެވިހިފުމަކީ ބައްޔެއް ކަމަށް ބުނުމެވެ. މިކަމުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެމީހުންނަށް ފަރުވާ ދޭމީހުންގެ ވެސް މަސްލަހަތު އެބައޮތެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ބޭނުމަކީ އެމީހުން ކުރަމުންދާ ކަންތަކުގައި ދެމި ތިބުމެވެ. އަދި އެއީ ކަށީގައި ހިފާފައިވާ ބައްޔެއް ފަދަ ކަމެއް ކަމުގައި ބުނެ ކުށުން ބަރީއަވުމެވެ. އަދި އެމީހުންނަށް ފަރުވާކުރުމަށް މަސައްކަތްކުރާ މީހުންގެ ބޭނުމަކީ ދާއިމީ ގޮތެއްގައި އެމީހުންގެ މަސައްކަތް ދެމެހެއްޓުމާއި އެދާއިރާއިން ވަޒީފާތައް އިތުރުކުރުމެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފުމަކީ ސިއްހީ މައްސަލައެއްކަމަށް ބެލުމުން އެކަމަށް ބޭސްފަރުވާގެ ތެރެއިން ހައްލެއް އޮންނަން ޖެހޭނެއެވެ.

ދެން އެކަމަށް ހުށައަޅާ އެކި އެކި ބޭސްފަރުވާގެ ހައްލުތައް ނާކާމިޔާބު ވުމުން އެކަމުގެ ޒިންމާ މަސްތުވާތަކެތި ބޭނުންކުރާ މީހުން އަޅުވަނީ އެފަރުވާ އުފެއްދި ބައެއްގެ ބޮލުގައެވެ. އެމީހުންގެ ނުބައި އާދަ ދޫނުކުރުމުގެ ޒިންމާ އެމީހުންގެ އަމިއްލަ ބޮލުގައެއް ނާޅައެވެ.

ފަރުވާދޭމީހުންނަށް ނާކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް އޮތް ކަމަކަށް ނުވެއެވެ. އެހެނީ  މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ކުރުމަށް ކުރާ މަސައްކަތުން އެއްވެސް ނަތީޖާއެއް ނުކުންނަ ކަމުގެ އެއްވެސް ހެއްކެއް ފެންނަމުން ނުދާއިރުވެސް އިނގިރޭސި ސަރުކާރުން އެކަމަށް އަހަރަކު ބިލިޔަނެއްގެ ހަތަރުބައި ކުޅައެއްބައި ޕައުންޑް ހަރަދުކުރެއެވެ.

މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ކުރާ ކްލިނިކެއް އަހަރެން ދުވަސްކޮޅަކު ހިންގީމެވެ. އެދުވަސްވަރު މަސްތުވާ ތަކެއްޗަށް ދެވިހިފުމާ މެދު އަހަރެންނަށް އެނގި ގަބޫލުކުރަމުން އައި ކަންތައްތަކާ މެދު މިހާރު އަހަރެން ދެކެނީ އެއީ ޚުރާފާތްތަކެއް ކަމަށެވެ.

އެދުވަސްވަރު އަހަރެންނަށް ފަރުވާކުރަން މީހަކު ލިބޭ ކޮންމެ އެފަދަ 20 މައްސަލަ ޖަލުގައި އަހަރެން ބަލަމެވެ. އަދި އެފަދަ މީހުންނާ މެދު  ސިއްހީ ނަޒަރިއްޔާއަކުން ވިސްނައި ، ބޭސްފަރުވާ ކުރުމުގެ މުހިއްމުކަން އަހަރެންގެ ކުރިމަތީގައި ކުޑަވަމުން ކުޑަވަމުން ދިޔައެވެ. (ނުނިމޭ)

ޓެގް

މަސްތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.