ގައްޒާފީ ހައްޔުރުކުރުމަށް ނެރުނު ކޯޓު އަމުރު ބަލައިނުގަންނަކަމަށް ލީބިއާ އިން ހާމަކޮށްފިއެވެ. ލީބިއާއިން މިކަން ހާމަކޮށްފައިވަނީ އިންޓާނޭޝަނަލް ކްރިމިނަލް ކޯޓުން އިންސާނިއްޔަތާ ޚިލާފު އެތަކެއް ޖަރީމާތަކެއް ހިންގައިފައިވާކަމަށް ތުހުމަތުކޮށް ގައްޒާފީ ބަންދުކުރުމުގެ ކޯޓު އަމުރު ނެރުމާ ގުޅިގެންނެވެ.
ގައްޒާފީގެ އިތުރުން އޭނާގެ ދަރިފުޅު ސައިފް އަލް އިސްލާމަށާއި ޖާސޫސީ އިދާރާއިގެ ވެރިޔާ އަބްދުﷲ އައް ސަނޫސީ ހައްޔަރުކުރުމަށްވެސް ކޯޓު އަމުރު ނެރަފައިވެއެވެ.
ކޯޓު އަމުރު އައިސްފައިވަނީ އިންޓާނޭޝަނަލް ކްރިިމިނަލް ކޯޓުގެ ޗީފް ޕްރޮސިކުޓާ ލުއިސް މޮރީނިއޯ އޮކަމްޕޯ ކޯޓުން ގައްޒާފީ ހައްޔަރުކުރުމުގެ އަމުރު ނެރުމަށް ގޮވާލުމަށް ފަހުގައެވެ. މީގެ އިތުރުން ލީބިއާގައި ހިނގަމުންދާ ހަނގުރާމަ، ގައްޒާފީ ހައްޔަރުނުކޮށް ނުހުއްޓުވޭނެކަމަށް ޕްރޮސިކުޓާ ލުއިސް މޮރީނިއޯ އޮކަމްޕޯ ބުނެފައިވާކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ ހުޅަނގުގެ ގައުމުތަކުން ތިން ވަނަ ދުނިޔޭގެ ގައުމު ތަކުގެ ލީޑަރުންގެ މައްޗަށް ކުށުގެ ތުހުމަތުކޮށް އެމީހުންގެ މައްޗަށް ގަނޫނީ ފިޔަވަޅު އެޅުމަށް ބޭނުން ކުރާ ޓޫލެއް ކަމަށް ލީބިއާގެ ޖަސްޓިސް މިނިސްޓަރ މުހައްމަދު އަލް ގަމޫދީ ހާމަކޮށްފައިވެއެވެ.
ޓިއުނީޝިޔާއާއި މިސްރުން ހިތްވަރު ލިބިގަނެގެން ލީބިޔާގެ 41 އަހަރުވީ ދިގު ވެރިކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...