ރާއްޖޭގެ ޚަބަރު ހަށިވިއްކާ ތަންތަން ހިންގުމުގެ ފަހަތުގައި "ބާރުގަދަ ފަރާތްތަކެއް" ތިބުމުގެ ސަބަބުން ހެލްތް މިނިސްޓްރީ އަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް އެމިނިސްޓްރީން ފާހަގަ ކުރޭ: ޢަދާލަތު

ހަށިވިއްކާ ތަންތަން ހިންގުމުގެ ފަހަތުގައި "ބާރުގަދަ ފަރާތްތަކެއް" ތިބުމުގެ ސަބަބުން ހެލްތް މިނިސްޓްރީ އަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް އެމިނިސްޓްރީން ފާހަގަ ކުރޭ: ޢަދާލަތު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީ ގަމުގައި ބިއުޓީ ސެލޫނެއްގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް : ދާދިފަހުން ފުލުހުން ވަނީ މިތަނުގައި އެނުބައި ޢަމަލު ހިންގުމުގައި ޝާމިލްވާ މީހުންނާއި ތަނުގެ ވެރިފަރާތް ހައްޔަރުކޮށްފައި / ލިޔުނީ : ޙަސަން ޝިޔާޒް

ހަށިވިއްކާ ތަންތަން ހިންގުމުގެ ފަހަތުގައި "ބާރުގަދަ ފަރާތްތަކެއް" ތިބުމުގެ ސަބަބުން ހެލްތް މިނިސްޓްރީ އަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް އެމިނިސްޓްރީން ފާހަގަ ކުރާ ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

ޢަދާލަތުން މިހެން ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރބަލް މެޑިސިންއާއި އޯލްޓަރނޭޓިވް މެޑިސިން އާއި މެޑިކަލް އެހެނިހެން ނަންނަން ބޭނުންކޮށްގެން ހިންގާ ތަންތަނުގައި ހަށިވިއްކުމުގެ ފާޙިޝްކަން ބޮޑުވެގެންވާ ޢަމަލު ހިންގަމުންގެންދާތީ، އެކަން ހުއްޓުވުމަށްޓަކައި ދާއިމީ ޙައްލެއް ހޯދުމަށް އެޕާޓީން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިދިޔަ ބުދަ ދުވަހު މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްފަހު އިއްޔެ ޢާއްމު ކުރި ލިޔުމެއްގައެވެ.

"މި ބައްދަލުވުމުގައި ވަރަށް އެކުވެރި މާޙައުލެއްގައި ވަރަށް ބިނާކުރެނިވި މަޝްވަރާތަކެއް ކުރެވުނެވެ. ހެލްތު މިނިސްޓްރީ އިން ފާހަނގަކުރެއްވި ގޮތުގައި ވަރަށް "ބާރުގަދަ ފަރާތްތަކެއް" މިފަދަ ތަންތަން ހިންގުމުގެ ފަހަތުގައި ތިބުމުގެ ސަބަބުން މިނިސްޓްރީ އަށް މި މައްސަލައިގައި ވަރަށްބޮޑެތި ގޮންޖެހުންތަކާއި ވަނީ ކުރިމަތިވެފައެވެ. އަދި އެކަންކަމަށް ޙައްލެއް ހޯދުމަށް ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުން ކަމަށާއި ޢަދާލަތު ޕާޓީއާއި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ބޭނުންވާކަމުގައި ވިދާޅުވިއެވެ." ޢަދާލަތުގެ ލިޔުމުގައި ވެއެވެ.

ޢަދާލަތުން ބުނީ މިމައްސަލައިގައި ކަންބޮޑުވުން ފާޅުކުރާ ސަބަބުތަކާއި މިކަން ޙައްލުކުރަން ކުރެވިދާނެ ކަންކަމާއި މިހާރުން މިހާރަށްވެސް އިސްލާޙުކުރަން ހުރި ކަންކަމުގެ ވާހަކަ އެޕާޓީގެ ފަރާތުން ޙިއްސާކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ޢަދާލަތުން ދީނާއި ޤައުމުގެ ޙައްޤުގައި ދެވެން އޮތް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް ޢަދާލަތުން ބުންޏެވެ.

"މިނިސްޓްރީއިން ފާހަނގަކުރެއްވި ގޮތުގައި މިނިސްޓްރީއިން ހުއްދަދެނީ "ޕްރެކްޓިޝަނަރ" އެއް އެފަދަ ތަންތާނގައި މަސައްކަތް ކުރުމަށްކަމަށާއި އެ ތަންތާނގައި މަސްކަތްކުރުމަށް ގެނެސްފައި ތިބޭ އެހެނިހެން މީހުންނަކީ ހެލްތު މިނިސްޓްރީގެ ހުއްދައެއް ހޯދައިގެން ގެނެސްފައިތިބޭ ބައެއްނޫންކަމަށާއި، ނުބައި ފާޙިޝްކަން ބޮޑު އަމަލުތައް ހިންގަނީ މި މީހުން މެދުވެރިކޮށްކަން ފާހަނގަކުރެވޭކަމަށް ވިދާޅުވިއެވެ." ޢަދާލަތުން ބުންޏެވެ.

ހެލްތު މިނިސްޓަރ އާއި ޙަވާލާދީ ޢަދާލަތުން ބުނީ ހެލްތުން އެންމެ ކަންބޮޑުވާ އެއްމައްސަލައަކީ މިފަދަ ތަންތަނުގެ ޒަރީޢާއިން އެޗް.އައި.ވީ (އެއިޑްސް) ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމުން ކަމަށެވެ.

ހެލްތު މިނިސްޓްރީން މިފަދަ ތަންތަން ރެގިއުލޭޓުކުރާނޭ ގޮތުގެ ޤަވާޢިދެއް އެކުލަވާލުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާއެކު ބައްދަލުވުންތަކެއް 2010 ވަނަ އަހަރު ބޭއްވުނުކަމަށާއި ނަމަވެސް ތަފާތު ސަބަބުތަކާއި ހުރެ އެ މަސައްކަތް ނިންމާލެވޭގޮތް ވެފައިނުވާކަން އެމިނިސްޓްރީން ފާހަނަގަކޮށްފައިވާ ކަމަށް ޢަދާލަތުން ބުންޏެވެ.

ޢަދާލަތުން މަޢުލޫމާތު ދޭގޮތުގައި މިނިސްޓްރީ އޮފް ހެލްތުގައި އޮތް އެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ޑރ. އައިމިނަތު ޖަމީލުގެ އިތުރުން އެ މިނިސްޓްރީގެ އެންމެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޢަދާލަތުގެ ފަރާތުން ޕާޓީގެ ރައީސް ކަމަށް ހޮވިވަޑައިގެންފައިވާ އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ދެވަނަ ދައުރުގެ ނައިބު ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ޑރ. މަޢުރޫފް ޙުސައިންނާއި ބައެއް އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓެގް

ހެލްތު މިނިސްޓްރީ ހަށިވިއްކުން ޢަދާލަތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.