މި މަހުގެ ފަހުކޮޅު "ފްރީޑަމް ފްލޮޓިއްލާ 2" ގެ ނަމުގައި ގައްޒާއަށް އެހީގެ ސާމާނާއެކު ދަތުރުކުރަން ހަމަ ޖެހިފައިވާ އުޅަނދުތައް ހިފަހައްޓާނެ ކަމަށް އިޒްރޭލުން ހާމަކޮށްފިއެވެ.
އިޒްރޭލުގެ ފަރާތުން މިހެން ހާމަކޮށްފައިވަނީ، ނޭވީ ހެޑް ވައިޒް އެޑްމިރެލް އެލިޒާ މެރޮމް، އިޒްރޭލުގެ ނޭވީން ބޭއްވި ތަމުރީނުތަކެއްގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުންނެވެ. އެއްވެސް "ފައިދާއެއް ނުކުރާނެ" އެ ދަތުރަށް އުޅަނދުތަކަށް ނުފުރޭނެ ގޮތް ހަދައިދިނުމަށް މެރޮމް ވަނީ ބައިނަލް އަޤްވާމީ ދުނިޔެއަށް ގޮވާލައިފައެވެ. އަދި ފްރީޑަމް ފްލޮޓިއްލާ 2 ހުއްޓުވުމަށް އިޒްރޭލުގެ ނޭވީން ތައްޔާރުވަމުން ދާކަމަށް މެރޮމް ހާމަކުރިއެވެ. މެރޮމް އިތުރަށް ހާމަކުރި ގޮތުގައި އެ ދަތުރުގެ ބައިވެރިންގެ މަޤްޞަދަކީ އިޒްރޭލުގެ ސިފައިންނާ ކުރިމަތިލުމަކަށް ދިއުމެވެ.
މި މަހުގެ ފަހުކޮޅު ގައްޒާއަށް ކުރަން ހަމަޖެހިފައިވާ މި ދަތުރުގައި ގާތްގަނޑަކަށް 1500 އެކްޓިވިސްޓުން ބައިވެރިވާނެކަމަށް ފްރީޑަމް ފްލޮޓިއްލާ 2 އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ. މި އުޅަނދުތަކުގެ މަޤްޞަދު ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނަމުން ދަނީ، އިޒްރޭލުން ގައްޒާ ކަނޑުމަގުން ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ގައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދިނުމެވެ.
މިދިޔަ އަހަރު މެއި މަހުގެ 31 ވަނަ ދުވަހު، ފްރީޑަމް ފްލޮޓިއްލާ، ގައްޒާއަށް ދަތުރުކުރަނިކޮށް އިޒްރޭލުން ދިން ހަމަލާގައި، 9 އެކްޓިވިސްޓަކު ވަނީ މަރުވެފައެވެ. އަދި ފަންސާހަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. މީގެ އިތުރުން އެ ދަތުރުގައި ބައިވެރިވި 700 އެކްޓިވިސްޓުން އިޒްރޭލުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން މި އެންމެންވެސް ވަނީ މިނިވަންކޮށްފައެވެ.
2007 ވަނަ އަހަރު ހަމާސް އަށް ވެރިކަން ލިބުމާ އެކު އިޒްރޭލުން ވަނީ ގައްޒާ، ކަނޑާއި، އެއްގަމާއި، ވައިގެ މަގުން ބަންދުކޮށް، "ޖަލަކަށް" ގައްޒާ ބަދަލު ކޮށްލާފައެވެ. ގައްޒާގައި ދިރިއުޅެމުންދާ 1.5 މިލިއަން މީހުންގެ އަސާސީ ހައްޤުތައްވެސް ވަނީ ނިގުޅައިގަނެވިފައެވެ. ގައްޒާގެ ރައްޔިތުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ މިހާރުވެސް ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުން ދާ މީހުންކަމަށް ތަފާސް ހިސާބުތަކުން ދައްކެވެ.

















ޚިޔާލު