ޔަމަނުގެ ރައީސް އަބްދުﷲ ޞާލިހުގެ ސަރުކާރާ އިދިކޮޅު އެތެއް ސަތޭކަ ޒުވާނުންނެއް މުޒާހަރާއެއް ކޮށްފިއެވެ.
މި މުޒާހަރައިގެ ބައިވެރިން ޓްރާންސިޝަނަލް ކައުންސިލެއް ހެދުމަށް ސަރުކާރަށް ގޮވާލައިފައިވެއެވެ. މީގެ ކުރިންވެސް މުޒާހަރައިގެ ބައިވެރިން ވަނީ ޓްރާންސިޝަނަލް ކައުންސިލެއް ހަދާނެކަމަށް ބުނެފައެވެ. އަދި ޓްރާންސިޝަނަލް ކައުންސިލެއް ހެދުމަށް ނައިބް ރައީސް އަބްދު ރައްބޫ މަންސޫރަށް ވަނީ 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ 24 ގަޑިއިރު ތެރޭގައި ނައިބް ރައީސްގެ ޒިންމާ ނުނަގައިފީމުން މުޒާހަރައިގެ ބައިވެރިން ސިޔާސީ އެހެން ޕާޓީތަކާ ގުޅިގެން އަދި އަސްކަރިއްޔާއާ ގުޅިގެން ކައުންސިލެއް ހަދާނެކަމަށާއި އަދި ސިޔާސީ ޕާޓީތަކުން މިކަމަށް ތާއިދު ނުކޮށްފިނަމަ ޒުވާނުން ކައުންސިލެއް ހަދާނެކަމަށް މުޒާހަރައިގެ އިސްފަރާތެއް މީގެކުރިން ހާމަކޮށްފައިވާކަމަށް ހަބަރުތައް ބުނެއެވެ..
ހަބަރުތައް ބުނާގޮތުން ޖޫން 3 ވަނަ ދުވަހު ޞާލިހު ހުންނަވާ ގަނޑުވަރަށް ދިން ރޮކެޓް ހަމަލައިގައި ލިބުނު ގެއްލުންތަކަށް ފަރުވާހޯދުމަށް ޞާލިހު މިހާރު ހުރީ ސައުދީ އަރަބިޔާގައެވެ. އެ ހަމަލައިގައި ޞާލިހު ހަށިގަނޑުގެ 40 ޕާސެންޓް ފިހިފައިވާކަމަށް ހަބަރުތައް ބުނެއެވެ. ސައުދީގެ އިސް އޮފިސަލަކު ޞާލިހު އެނބުރި ޔަމަނަށް ނުދާނެކަމަށް އޭއެފްޕީ އަށް މައުލޫތު ދީފައިވާކަމަށް ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް ޔަމަނުގެ ސަރުކާރުންވަނީ ޞާލިހު ވަރަށް އަވަހަށް ގައުމަށް އެނބުރި އަންނާނެކަމަށް ބުނެފައެވެ.
މިދިޔަ ބުދަދުވަހު މުޒާހަރާ ކުރާ ޒުވާނުންގެ ބަޔަކު ނައިބް ރައީސް އަބްދު ރައްބޫ މަންސޫރަށް ބައްދަލުކޮށް، ޓްރާންސިޝަނަލް ކައުންސިލެއް ހެދުމާ ދޭތެރޭ ނިންމަވާ ގޮތެއް ހާމަކުރުމަށް ދެ ހަފްތާގެ މުހުލަތެއްދީފައިވާކަމަށް ހަބަރުތައް ބުނެއެވެ.
މިދިޔަ ޖެނުއަރީ މަހުންފެށިގެން ޔަމަނުގައި އަންނަނީ ރައީސް ޞާލިޙުގެ ސަރުކާރައި އިދިކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. މުޒާހަރައިގެ ބައިވެރިން ކޮރަޕްޝަން ނިމުމަކަށް ގެނެއުމަށާއި ވަޒީފާ ނެތް މީހުންގެ ނިސްބަތް މަދު ކުރުމަށް ގޮވަމުންދެއެވެ. މީގެ އިތުރުން 1978 ވަނަ އަހަރުން ފެށިގެން ވެރިކުރަން ކުރަމުން އަންނަ ޞާލިހު ވެރިކަމުން ދުރުވުމަށް ގޮވާލައި އަޑު އުފުލަމުންދެއެވެ.
ފޮޓޯ: ޕްރެސް ޓީވީ

ކޮމެންޓް (0)
ލޯޑް ކުރަމުން...