ރިޕޯޓް ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާލަމާތޯއެވެ؟......

ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާލަމާތޯއެވެ؟......

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޖުމާ

ވިސްނާލަންވީ ކޮންކަމަކާއި ހެއްޔެވެ؟ ވިސްނާލަންވީ ތިމާގެ އަމިއްލަ ނަފްސާއިމެދުގައެވެ. ތިމާއަކީ އަބަދުގެ ދާއިމަށް މިދުނިޔެމަތީގައި ޣާފިލްކަންމަތީ އުޅެވޭނެ މީހެއްނޫންކަން ވިސްނާލާށެވެ. އަމިއްލަ ނަފްސު އިސްލާހު ކުރަން އަވަސް ވެގަނެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއްނޫން ކަން ދަންނާށެވެ. މި ކުޑަ ކުޑަ ވަގުތުކޮޅުގެ ބެނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަވަސްވެގަންނާށެވެ. ތިރީގައި މިވާ ކަންތައްތައް ފަރުވާތެރިކަމާއި އެކު ކިޔާލާށެވެ. އެއިގެ ފަހުން އަމިއްލަ ނަފްސާއި ސުވާލުކޮށް މިއިން ކަމެއްކުރެވޭނަމަ ދުރުވެގަތުމަށް އަވަސްވެގަންނާށެވެ.

1.  މާތްﷲ ޞުބުހާނަހޫ ވަތަޢާލާއަށް ކިޔަމަންނުވާ ނަފްސެއް ނުވަތަ އަޅެއް.

2.  ޢިލްމް ލިބިގަތުމަށް މަސައްކަތްނުކުރުން.

3.  ދެއްކުންތެރިކަމުގެ ގޮތުން އަޅުކަންކުރުން. (އެއީ ތިމާ މީހާގެ އެއްވެސް އީމާންތެރިކަމެއް ނުވާ ހާލް އެހެން މީހުންގެ ކުރިމަތީގައި ޞޯލިހު މީހެއްކަމަށް ހެދެންވެގެން ކުރެވޭ އަޅުކަންތަކެވެ)

4.  ދަހިވެތިކަމުގެ ވިސްނުން އިސްކޮށް މިދުނިޔެ މަތީގައި އޭނާއަށް ލިބިފައިވާ މުދަލާއި ފައިސާ ޚަޒާނާކުރުން (މިއީ ޒަކާތް ނެރުމެއް ނެތި އޭނަގެ އަމިއްލައެދުމަށްޓަކައި ދަހިވެތިކަމުން ރައްކާކުރާ މުދަލުގެ ވާހަކައެވެ).

5.  މާތްﷲ ޞުބުހާނަހޫ ވަތަޢާލާ ދައްކަވާފައިވާ މަގަށް ޝައުޤުވެރިކަމެއް، ލޯބިވުމެއްނެތި  އެންގެވުން ތަކަށް ހުރުމަތްތެރިކޮށް ހިތުމެއްނުވާ ހާލު އެކަލާނގެ ވާގިއަށް އެދުން.

6.  ހަމައެކަނި ދުނިޔޭގެ އުފަލާއި އަރާމް ހޯދުމަށް ﷲ ޞުބުހާނަހޫ ވަތަޢާލާ ދެކެ ލޯބިވުން.

7.  ކުރެވިފައިވާ ފާފަތަކާއި މެދު ހިތާމަކޮށް ރޮއެ ތަޢުބާ އަށް ދެއަތް އުފުލާނެ ވަގުތެއްނެތި އޭނާގެ ޢަމަލްތައްމަތީ ދެމިހުރުން.

8.  ބޭކާރު ޚިޔާލުތަކުގައި ވަގުތު ހޭދަކުރުން (ފާހިޝް ޢަމަލްތައް ކުރުމުގައާއި އެފަދަ މަންޒަރުތައް އެކުލެވޭ ފިލްމް ބެލުމާއި ފޮތްފަދަ ތަކެތި ކިޔާ އެކަންތަކާއިމެދު ބޭގަރާރުވެފައި ހުރުން).

9.  ތިމާ ހެޔޮމަގުން އެއްކިބާވެވޭ ހިނދު މަގުފުރެދުމުން ސަލާމަތްކޮށް ދިނުމަށް އެހީތެރިނުވާ މީހުންނާއި އެކު އެބައިމީހުންގެ ޚިދުމަތުގައި އުޅުން.

10.  ﷲ ޞުބުހާނަހޫ ވަތަޢާލާ އަށް ބިރުވެތިވުމެއްނެތި އެއްވެސް އާރެއް ބާރެއް ނުވާ އެކަލާނގެ ނިކަމެތި އަޅުންދެކެ ބިރުން އުޅުން.

މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ތަކާއިމެދު ވިސްނާލާށެވެ. މިކަންތައް މަތީ ދެމިހުރުމަކީ ﷲ ޞުބުހާނަހޫ ވަތަޢާލާގެ ލޯބިން މަހްރޫމްވެ ވަގުތު ބޭކާރުކުރުން ނޫން ކަމުގައި ނުވެނުދާ ހުއްޓެވެ. ހެޔޮޢަމަލުތައްކުރުމާއި ދުރަށްދެވެނީ އާޚިރަތްމަތިން ހަނދާން ނައްތާލެވި ދުނިޔަވީ ހަޔާތަށް އިސްކަން ދެވުމުންނެވެ. މި ކުޑަ ކުޑަ ވަގުތީ ގޮވަތީގައި ހަމައެކަނި ދުނިޔަވީ ހަޔާތަށް އުއްމީދު ކުރުމުގައި ވަގުތު ހޭދަކުރެވޭތީއެވެ. ހަމަކަށަވަރުންވެސް ހެޔޮ ރަޙްމަތާއި އާފިޔަތު އޮތީ ހެޔޮކަންތައް ޤަބޫލްކޮށް ސާބިތު ކަންމަތީ ދެމިތިބޭ އަޅުތަކުންނަށެވެ.

މާތް ﷲ ޞުބުހާނަހޫވަތަޢާލާގެ ނިކަމެތި އަޅަކު، ދުނިޔަވީ އެދުމަށް ގޮސް ހުސްވެފައިވާ ހާލް ދުނިޔެއާއި އަލްވަދާޢް ކިޔުމުގެ ބަދަލުގައި އަމިއްލަނަފްސުގެ ނިކަމެތިކަން ހިތަށް ތަސައްވަރުކޮށް، ހިތްޠޯހިރު ކޮށް ދެއްވައި  މަރުގެންނެވުމުގެ ކުރިން ޣާފިލްކަމާއި ޖާހިލްކަމުގެ އަނދިރިން ސަލާމަތް ކޮށްދެއްވައި ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމަށް އެދި  ދެއަތް އުފުލައި ދުޢާކުރުމަށް އަވަސްވެގަންނާށެވެ. ކުރެވިފައިވާ ފާފަތަކާއިމެދު ވިސްނާ އެއިގެން ދުރުހެލިވުމަށް އަވަސްވެގަންނާށެވެ. ހަމަޔަޤީނުންވެސް ޣާފިލްކަންމަތީ ވާމީހާގެ ހިތްވަނީ މަރުވެފައެވެ. އޭނަ ފުރިހަމަ ތަޢުބާއަކުން ތަޢުބާ ނުވާހާ ހިނދަކުއެވެ. މާތްﷲ ޞުބުހާނަހޫވަތަޢާލާ އަޅަމެނަށް ހެޔޮވިސްނުން ދެއްވައި އެކަލާނގެ ޞޯލިހް އަޅުތަކުގެ ތެރެއިން އަޅަމެން ލައްވައިފާދޭވެ. އާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.