ރިޕޯޓް

ހޯހޯ އެވެ. ފުދިއްޖެއެވެ. ދެންވަރިހަމައެވެ.

ލިޔުނީ: މުޙައްމަދު ވިޝާހު

އެއް އަންބަށްވުރެ ގިނަ އަނބިންނާ ކައިވެނި ކުރުމަކީ މައްސަލައެއް ހެއްޔެވެ؟ އާދޭހެވެ. އިސްލާމް ދީނާމެދު މީސްތަކުންގެ ހިތްތަކުގައި ނަފްރަތްތެރިކަން ފަތުރަން މަސައްކަތްކުރާ އެއްކަލަ މިޝަނަރީންނަށް ވަރަށް ބޮޑު މައްސަލައެކެވެ. ސަބަބަކީ ތޯއެވެ.  އިސްލާމްދީނާ މެދު މީސްތަކުންގެ ހިތްތަކުގައި ނަފްރަތްތެރިކަން އިތުރުކޮށް އެދީނާ ދުރުކުރުމެވެ. އިތުރު ސަބަބެއްނެތެވެ. އެކަން ސާބިތުކުރުމަށްޓަކައި އެބައިމީހުންނަށް ފީނުނު ތަނަކަށް ފީނައިގެން އަތުޖެހުނު އެއްޗެއް ބޭނުން ކުރަމުން އެބަދެއެވެ.

ކޮންމެއަކަސް މި ފަދަ ލިޔުމެއްގެ މަޤްސަދަކީ އެބައިމީހުން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަ ތަކުގެ ލިސްޓެއް ލިޔުމެއް ނޫނެވެ. އެހެނީ ބޮޑެތި ޢިލްމުވެރި ޢާލިމުންވަނީ މުސްތަޝްރިގުންގެ ތާކުންތާކު ނުޖެހޭ ވާހަކަތައް ފުނޑުފުނޑުވެ ބިމާ ހަމަވެގެންދާނޭ ފަދައަކުން ރައްދު ދެއްވަވާފައެވެ. މާތް ﷲ އެ އެންމެހައި ބޭކަލުންގެ އުމުރު ދިގުކުރައްވާ ނަސްރު ދެއްވާށިއެވެ.

އާދެ، މި ކުރު ލިޔުމުގެ މަޤްސަދުތޯއެވެ. އެއީ އިސްލާމްދީނާމެދު ކޮށްހީ އުފެއްދުމަށްޓަކައި އެއްކަލަ ބައިމީހުން އަލުން ބަލުން މި މައުލޫގައި ތިބާއާ ވާހަކަ ދައްކަން ފަށައިފިނަމަ އެބައިމީހުންނާ ކޮށްލާނެ އިތުރު ސުވާލެއް  ބަޔާންކޮށް ލުމަށްޓަކައެވެ.

ދަންނަވަންތޯއެވެ. ދިވެހިރާއްޖޭގެ ޕްލޭނިންގް މިނިސްޓްރީއިން ޝާއިއުކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށް ބަލާއިރު ދިވެހިން އާންމުގޮތެއްގައި ކައިވެނިކޮށް އުޅޭ އުމުރުފުރައަކީ 20 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރު ފުރައެވެ. 2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބު ކިތާބުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގައި އުޅެނީ މި އުމުރުފުރައިގެ 98199 ޒުވާނުންނެވެ. މީގެ ތެރެއިން 50549 މީހުންނަކީ އަންހެނުން ކަމުގައި ވީއިރު 47650 މީހުންނަކީ ޒުވާން ފިރިހެނުންނެވެ. މާނައަކީ، ރާއްޖޭގައި އާންމު ގޮތެއްގައި އެންމެ ގިނައިން ކައިވެނިކޮށްއުޅޭ އުމުރުފުރައިގައި ފިރިހެނުންނަށްވުރެ އަންހެނުން ގިނައެވެ. އާދެ 2006 ވަނަ އަހަރު ކޮންމެ 100 ޒުވާން އަންހެން ކުއްޖަކަށް ތިބީ އެންމެ 94 ޒުވާން ފިރިހެނުންނެވެ. މީގެ ތަންކޮޅެއްކުރިއަށް ޖެހިލާ 2000 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާތަކަށް ބަލާއިރު، ކޮންމެ 100 ޒުވާން އަންހެން ކުއްޖަކަށް އެއިރު 97 ޒުވާން ފިރިހެން ކުދިން ތިއްބެވެ.

މިސާލަކަށް 2006 ވަނަ އަހަރު ދިވެހިރާއްޖޭގެ މި އުމުރުފުރާގެ ހުރިހާ ފިރިހެނުން މި އުމުރުފުރާގެ އަންހެނަކާ ކައިވެނިކޮށްފިނަމަ ކޮންމެ 100 އަންހެނުންގެ ތެރެއިން 6 އަންހެނުން ބާކީވާނެއެވެ. ސުވާލަކީ އެކަނބަލުންގެ ކައިވެނި ކުރުމުގެ ޙައްޤުކޮބައިތޯއެވެ. ފިރިއެއްގެ ލޯބި ލިބުމުގެ ޙައްޤު ކޮބައިތޯއެވެ. މުޖްތަމައުގައި އެކަނބަލުން ލަދުވެތިވެދާނެފަދަ އަމަލެއްކުރުމުން އެއްކިބާވެ ހުރެ ދަރިއެއް ހޯދުމުގެ ހައްޤުކޮބައިތޯއެވެ. ދަރިއެއްގެ ލޯބި ލިބުމުގެ ޙައްޤު ކޮބައިތޯއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އެފަދަ އަންހެނުންގެ ޙައްޤާމެދު އިޙްމާލުވަނީ ކީއްވެގެންތޯއެވެ. އަދި މިހުރިހާ ކަމެއްގެވެސް އިތުރުން މުސްތަޝްރިޤުން މި ޙައްޤުތައް ހޯދައިދިނުމަށް ވަކާލާތު ނުކުރަނީ ކީއްވެގެންތޯއެވެ.

ނޫނެކެވެ. ވަކާލާތު ކުރެއެވެ. ވާހަކަ ދައްކައެވެ. އެބައިމީހުން ބުނާ ގޮތުން އޭގެ ޙައްލަކީ އެއްޖިންސުން  ގުޅުން ހިންގުމެވެ. އަދި ކައިވެނިން ބޭރުގައި ޖިންސީ މަސްތީ އުފާ ހާސިލް ކުރުމެވެ. أعوذ بالله

ހޯހޯ އެވެ. ފުދިއްޖެއެވެ. ދެންވަރިހަމައެވެ. ތިޔަ އުޅެނީ އިސްލާމީ ޤައުމެއް ނައްތާލުމަށްޓަކައި މި ޤައުމުގައި ވައިރަހެއް ފަތުރާށެވެ. އާއެކެވެ. ހަމަރަނގަޅަށްވެސް އެއީ ބަލިމަޑުކަމެކެވެ. ހަމަނުޖެހުން ތަކެކެވެ. ފިތުނަ ތަކެކެވެ. ޖަރީމާތައް އިތުރުވެގެން ދާކަމެކެވެ. މި ކުޑަކުޑަ ދިވެހި މުޖްތަމައު އެއީ އެކަމުގެ ލާމަސީލު މިސާލެއް ނޫންތޯއެވެ. މި ފުރުސަތުގައި އެފަދައިން ހިނގާފައިވާ ކަންތައްތަކުގެ ވާހަކަތައް ލިޔުމަށް ލަދުވެތިވާހާލު އެވާހަކަތައް ލިޔުމުން އެއްކިބާ ވަމެވެ.

ވީމާ ދެން ޙައްލަކީ ކޮބައިތޯއެވެ؟

" يتيم ންނާމެދު، عدل ވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ يتيم އަންހެން ކުދިންނާ ކާވެނިކުރުމުގައި، عدل ވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، عدل ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ." ސޫރަތުއް ނިސާ، 3 ވަނަ އާޔަތް.

ނޯޓް :

Age / Gender Male Female Number of Males per 100 females
20 - 24 11620 11894 97.696
25 - 29 9805 10285 95.333
30 - 34 8890 9271 95.890
35 -  39 7828 7871 99.454
Total 38143 39321
Number of Males per 100 females 97.004
Source : POPULATION BY AGE AND SEX, CENSUS 2000
Age / Gender Male Female Number of Males per 100 females
20 - 24 16933 17876 94.725
25 - 29 11915 12666 94.071
30 - 34 10022 10613 94.431
35 -  39 8780 9394 93.464
Total 47650 50549
Number of Males per 100 females 94.265
Source : POPULATION BY AGE AND SEX, CENSUS 2006

ގުޅުންހުރި

4 ޚިޔާލު

  1. ވަރަށް ފުރިހަމަ ލިޔުމެއް. އާންމުންނަށް ފާހަގަނުކުރެވި ހުންނަ މިފަދަ ހަގީގަތްތައް ބޭނުންކޮށްގެން އިސްލާމްދީނުގެ މަތިވެރިކަން ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް.

  2. ނައިސް ވޯރކް ބްރަދަރ :)

  3. ތިޔަ ދައްކަވައިފާވާ މިންގަޑުތަކުން ޒުވާނުންކަން ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ތިޔަބުނާ ފަދައަކުން ދެއަނބިން ނުވަތަ އެއަށްވުރެ ގިނައިންވެސް ހޯދަމުން ދަނީ ތިޔަ ލިއުމުގައި ބުނެފައިވާ އުމުރަށްވުރެ މާދޮށީ މީހުންނެވެ. އަދި އިސްލާމް ދީނުގެ ނަމުގައި ތިޔަފަދަ ލިއުމެއް ލިއުމުން މީސްތަކުންނަށް ކަމުގެ ހަޤީޤީ މާނަ އޮޅި ނޭދެވޭ އަސަރުތަކެއް މުޖުތަމައުގައި ހިނގާފާނެ ކަމުގެ ބިރު އެބައޮތެވެ. މާތް ރަސޫލު ޞައްލައްﷲ އަލައިހި ވަސައްލަމް ކަންކުރައްވާފައިވާގޮތް ވަރަށް ސާފުކޮށް އެކަލޭގެފާނުގެ ސީރަތުން އެނގެއެވެ. އަމިއްލަ އެދުމުން ފޯވެގެންވާހާލު ޖިންސީއެދުމެއް ފުއްދުމަށްޓަކާ ތިބާވަތުގެ ކައިވެނިތަށްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އަދި ތިމާމީހާގެ އެފަދަ ތަނަވަސްކަމެއްނެތިވެސް އެފަދަ ކައިވެނިތަށް ކުރުން ހެޔޮނުވާނެއެވެ. މިލިއުމުގައި ހުސްއެކަނި ވަނީ ކަމުގެ އެއްފަރާތެވެ. ދީނީ ނަޒަރަކުން އެއްޗެއް ލިޔާނަމަ ހުރިހާ ފަރާތަކުން އެކަން އޮންނަގޮއި ބަޔާންކުރަން ޖެހެއެވެ. އެހެންނޫނީ ދީނަށް މީހުންކުރާ ޤަދަރާއި އިޙްތިރާމް ގެއްލި މީހުން ދީންމަތިން ފޫހިވެ އެބައިމީހުންނަށް ދީނާމެދު ޝައްކުވެ ނިޔަތް އަރާރުންވާން ފަށަފާނެއެވެ. ތިޔަ އަޙާ ލިޔެފަވާ ލިއުމަށް އިޙްތިރާމް ކުރަމެވެ. ނަމަވެސް ކަމުގެ ހަޤީްަތް ނޯޅޭގޮތަށް ދީނުގެ ވާހަކަތަށް ގެނެސްދެއްވުމަކީ ނިހާޔަތަށް ތިޔަ އަހާގެ ކިބައިން އެދޭކަމެކެވެ. އިސްލާމް ދީނުގައި ކައިވެނި ކުރުމަކީ ދެފަރާތުންމެ އެކަކު އަނެކަކަށް އަދުލުވެރިވުމާއި ހަމަހަމަ ކޮށް އިންސާފުން ކަންކުރުމެވެ. ވީއިރު ކުޑަ އުޖޫރައަކަށް އުޅޭ މީހަކު ދެއަނބިން ނުވަތަ އެއަށްވުރެ ގިނައިން ކައިވެނި ކުރުމުން އެދުލުވެރިވެ ހަމަހަމަ ވެވިދާނެ ތޯއެވެ؟ ތިޔަ އަޙާއަށް މާތްﷲ ހެއު ރަޙްމަތް ލައްވާށިއެވެ.

  4. ވަރަށް ސަޅި ލިޔުމެއް

Your email address will not be published. Required fields are marked *

More in ރިޕޯޓް