މިހާރު އެމެރިކާގެ އިޤްތިޞާދު އޮތް ހާލަތައް ރިއާޔަތްކޮށް އިޤްތިޞާދު ރަނގަޅުވާން ދުވަސް ނަގާނެކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހާމަކޮށްފިއެވެ.
އޮބާމާ މިހެން މި ހާމަކޮށްފައިވަނީ ގިނަ ބަޔަކު އޮބާމާގެ އިޤްތިޞާދީ ތަސައްވަރާމެދު އެތައް ސުވާލުތަކެއް އުފައްދަމުން ދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް ހާމަކުރިގޮތުގައިޤްތިޞާދީ ހީނަރުކަންވެސް އަންނަނީ އެންމެ ދުވަހުން ދެދުވަހަކުން ނޫންކަމަށާއި އެހެންކަމުން އިޤްތިޞާދު ރަނގަޅުވާންވެސް ދުވަސް ނަގާނެކަމަށެވެ. އަދި ރައްޔިތުން ކެއްތެރިކަމާއެކު ތިބުމަށް އޮބާމާ އެދިލައްވާފައިވެއެވެ.
ދާދިފަހުން ވޮޝިންޓަން ޕޯސްޓް އަދި އޭ.ބީ.ސީ ނިއުސް އިން ނެގި ޕޯލަކުން ދައްކާގޮތުގައި 59 އިންސަންތަ މީހުން އޮބާމާގެ އިޤްތިޞާދީ ސިޔާސަތު ކަމުނުދާކަމަށް ދެކެއެވެ. ގައުމުގެ ވަޒީފާގެ ފުރުސަތު މޭ މަހުގެ ތެރޭގައިވަނީ ވަރަށް ބޮޑަށް ދަށައް ގޮއްސައެވެ. މީގެ އިތުރުން ވަޒީފާ ނެތް މީހުންގެ ނިސްބަތް 9.1 އިންސައްތައަށް މައްޗަށް ގޮސްފައިވެއެވެ. މިހާރު އޮބާމާ މި ދައްކަވާ ވާހަކަތަކަކީ އޭނަގެ އިޤްތިޞާދީ ސިޔާސަތާ ގިނަ ބަޔަކު ނުރުހުން ފާޅުކުރާތީ ދައްކަވާ ވާހަކަތަކެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މިވާހަކަތައް ދެއްކެވުމުގެ ބޭނުމަކީ އޮބާމާ ދެވަނަ ދައުރަކަށް އިންތިހާބު ވުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ، ވަޒީފާ ނެތް މީހުންގެ ނިސަބަތް 7.2 އިންސަންތައަށް ވުރެ ބޮޑުވެފައިވަނިކޮށް އެމެރިކާގެ އެއްވެސް ރައީސަކު ދެވަނަ ދައުރަކަށް އިންތިހާބު ވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. ދިރާސާ ކުރާ ގިނަ ފަރާތްތަކުން ދެކޭގޮތުގައި މިހާރު އެމެރިކާގެ އިޤްތިޞާދު ކުރިއަރަމުން އަންނަ ލަސްމިނުގެ ސަބަބުން 2012ގެ އިންތިހާބު އޮބާމާ ކާމިޔާބުކުރުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެއެވެ.
ފަހަކަށް އައިސް އޮބާމާގެ ތާއިދު އަންނަނީ އެމެރިކާގެ ރައްޔިތުންގެ މެދުގައި ދައްވަމުންނެވެ. އަދި އިޤްތިޞާދީ ސިޔާސަތަކާއެކީ ވެރިކަމަށް ވަޑައިގެން އޮބާމާގެ އިޤްތިޞާދީ ސިޔާސަތާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...