ޔަމަނުގެ ރައީސް އަލީ އަބްދުﷲ ޞާލިޙްގެ ގަނޑުވަރަށް ދިން ރޮކެޓް ނުވަތަ ބޮމުގެ ހަމަލައިގައި ޞާލިޙަށް ލިބުނު ޒަހަމުތަކުގެ ސަބަބުން ޞާލިހުގެ ހާލުކޮޅު ގޯސްކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ. އެ ހަމަލާ ދިންފަހުން އެއް ހަފްތާވެފައިވާއިރު، ޞާލިޙަށް ލިބިފައިވަނީ ކުޑަ ޒަހަމްތަކެއްކަމަށް ދައުލަތުގެ ވެބްސައިޓްގައި ވަނީ ހާމަކޮށްފައިވެއެވެ.
ޞާލިޙު ސައުދިއަރަބިއްޔާއަށް ގޮސްފައިވަނީ ޖޫން 4 ވަނަ ދުވަހު، ޞާލިހު ހުންނަވާ ގަނޑުވަރަށް ދިން ބޮމުގެ ހަމަލާއަށްފަހު، ލިބުނު ޒަހަމްތަކަށް ފަރުވާހޯދުމަށެވެ. އަލީ އަބްދުﷲ ޞާލިޙްގެ ގަނޑުވަރަށް ދިން ރޮކެޓް ނުވަތަ ބޮމުގެ ހަމަލައިގައި ޞާލިޙު ހަށިގަނޑުގެ 40 ޕާސެންޓް ފިހިފަވާކަމަށް އެމެރިކާއިން އަދި ޔަމަނުގެ އޮފިސަލުން ހާމަކުރެއެވެ.
ސައުދީއަރަބިޔާގެ ވެރިރަށް ރިޔާޛުގެ ހަބަރު ފަތުރާ ވަސީލަތްތަކާ ހަވާލާދީ ހަބަރު ފަތުރާ ވަސީލަތްތަކުން ޞާލިޙުގެ މެއަށާއި ނޭވާލާ ނިޒާމަށް ގެއްލުން ލިބިފައިވާކަމަށް ހާމަކުރެއެވެ.
ޞާލިޙު އެނބުރި ޔަމަނަށް ވަރަށް އަވަހަށް އަންނާނެކަމަށް ޙަބަރު ފެތުރުމުން މިދިޔަ ހުކުރު ދުވަހު ޔަމަނުގެ ވެރިރަށް ސައްނާޢުގެ މަގުތަކަށް އެތައްހާސް ބަޔަކު އެއްވެ ޞާލިޙުގެ ވެރިކަމާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ 33 އަހަރުވި ޞާލިޙުގެ ވެރިކަމަށް ނިމުމެއްގެނެސް އާ ވެރިކަމަށް ޤާއިމުކުރުމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ޔަމަނުގެ އޮތޯރިޓީން މިހާރު މަސައްކަތްކުރަމުންދަނީ ޞާލިޙުގެ އާއިލާ މީހުން ސައްނާޢިން ޔުނައިޓެޑް އަރަބި އެމިރޭޓުގެ އަބޫ ދާބީއަށް ގެންދިޔުމުގެ މަސައްކަތެވެ.
ޔަމަނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 69 އަހަރު ޞާލިހްގެ ވެރިކަން ވައްޓާލުމަށް މުޒާހަރާކުރަން ފަށައިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުންފެށިގެންނެވެ. އަދި ޔަމަނުގައި އަންނަނީ ޞާލިޙްގެ ވެރިކަމާދެކޮޅަށް ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. މީގެއިތުރުން ވެރިކަން ވައްޓާލާނެކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...