ރިޕޯޓް

ޑރ. ޒާކިރު ނައިކް އަށްވެސް ރާއްޖޭގައި ތަޤްރީރުކުރުމުގެ ހުއްދަ ދޭންވާނީ ޤަވައިދަށް ބަލާފައެވެ.

ޑރ. ޒާކިރު ނައިކް އަކީ މިހާރު ދުނިޔޭގައި ތިއްބެވި އެންމެ ފުސްނާބުއުސް ޢިލްމުވެރިންގެ ތެރެއިން ބޭފުޅެއް ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މެޑިކަލް ދާއިރާއިން ތަޢުލީމު ހާސިލް ކުރެއްވުމަށްފަހު، ޝެއިޚް އަޙްމަދު ދީދާތުގެ އަރިހުން ދަރިވަރުވެ ދީނީ ތަޢުލީމު އުގެނިވަޑައިގެން، ދީނަށްޓަކައި ނުކުތް ޑރ. ޒާކިރު ވަނީ އިސްލާމު ދީނަށްޓަކައި މިޒަމާނުގައި އެހެން ފަރާތަކުން ނުކުރާފަދަ ފާހަގަ ކޮއްލެވޭ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. އިސްލާމިކް ރިސާޗް ފައުންޑޭޝަނާއި، އިސްލާމިކް ޗެނަލް ޕީސްޓީވީއާއި އަދި އިންޓަނޭޝަނަލް އިސްލާމިކް ސްކޫލް އެކަނިވެސް މިކަމަށް ހެކިދެއެވެ.

އެހެންކަމުން އަންނަމަހު 31 އިން ޖޫން 6 އަށް ޑރ ޒާކިރު ނައިކް ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާކަން ރަސްމީކޮށް ހާމަކުރުމާއި އެކު ވަރަށް ގިނަބަޔަކު ވަނީ އެކަމަށް މަރުހަބާ ކިޔައި އެކަމާ އުފާކޮށްފައެވެ. އަނެއްކޮޅުން ދީނުގެ އަދާވާތްތެރިންނަށް މިކަން ވެގެން ދިޔައީ އެމީހުންގެ ހިތަށް ހެރުނު ތޫނު ތީރެއް ކަމުގައެވެ. ހަމައެއާއިއެކު ތަނެއް ދޮރެއް ނުދަނެތިބެ، ތެދެއް ދޮގެއް ބެލުމެއް ނެތި، ސިޔާސީ ބޭނުމަކަށްޓަކައި ކަމުގެ ޙަޤީގަތް އޮޅުވާލައި ފިތަނަފަސާދަ އުފެއްދުމަށް ލިޔާލިޔުންތެރިންވެސް އުޅޭކަން ފާހަނގަކޮށްލަން ޖެހެނީ ހިތާމައާއި އެކުގައެވެ.

އެގޮތުން ރާއްޖޭގައި އިސްލާމު ދީން ކުރިއަރުވަން މަސައްކަތް ކުރައްވާ ޖަމްއިއްޔާތަކާއި އިސްލާމިކް މިނިސްޓަރީއާއި ދެމެދު އިތުރަށް ރުޅިވެރިކަން އުފެދޭގޮތަށް ބައެއް މީހުން ލިޔަމުން އެބަދެއެވެ. މި އިވެންޓާއި ގުޅުވައިގެން އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި ދެކޮޅުވެރި ކަމުގެ ރޫޙެއް އުފެއްދުމަށެވެ. މަޤްސަދަކީ އާންމުން މި އިވެންޓަށް ނަފްރަތު ކުރުވުމެވެ. މިއިވެންޓްގެ ސަބަބުން އާންމުންނަށް ލިބިގެންދާނޭ ފައިދާއާއި މަންފާ ކުޑަކުރުމަށެވެ.

މިގޮތުން ދައްކަމުންދާ އެއްވާހަކައަކީ ޝެއިޚް އަބްދުއްރަޙީމް ގްރީން ގެނައުމަށް ޖަމިއްޔަތުއް ސަލަފުން އެދުމުން އޭރުގައި އެހުއްދަ ނުދެއްވާފައި ޑރ. ޒާކިރު ނައިކް އެއްވެސް ހުއްދައަކާއި ނުލާ ގެނައުމަށް އުޅޭވާހަކައެވެ. މިއީ ވަރަށް ބޮޑު އޮޅުވާލުމެކެވެ. ޙަޤީޤަތަކީ ޖަމިއްޔަތުއްސަލަފުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރެއްވި ޝެއިޚް އަބްދުއްރަޙީމް ގްރީން ގެނައުމުގެ ހުއްދަ ވަނީ ދެއްވާފައެވެ. އަދި އެބޭފުޅުން ޝެއިޚް ގެނައުމަށް ޝެޑިއުލް ކޮއްފައިވައިވާ ތާރީޚަށް ޝެއިޚް ގެނައުމުގެ ތައްޔާރިތައް ދަނީވަމުންނެވެ. އެހެން ކަމުން ޑރ ޒާކިރު ނައިކްއަށްވެސް ރާއްޖޭގައި ތަޤްރީރު ކުރުމުގެ ހުއްދަ ދެއްވާފައިވަނީ ޝެއިޚް އަބްދުއްރަޙީމް ގްރީންއަށްވެސް ހުއްދަ ދެއްވި ޤަވާއިދުގެ ދަށުން ކަމުގައި ބެލެވެއެވެ.

އަދި މިކަމާގުޅުވާފައި ދެއްކޭ ޙަޤީގަތެއް ނެތް އަނެއް ވާހަކައަކީ، ޝެއިޚް އަބްދުއް ރަޙީމް ގްރީންއަށް ތަޤްރީރު ކުރުމުގެ ހުއްދަ ނުދެއްވައި، ޑރ ޒާކިރު ނައިކްގެ އަނބިކަބަލުންނަށާއި ދަރިކަލުންނަށްވެސް ތަޤްރީރު ކުރުމުގެ ހުއްދަ ދެއްވި ވާހަކައެވެ. މިކަމުގައި ވެސް އެންމެ ފުރަތަމަ އަޅުގަނޑުމެން ހަނދާން ކުރަންވީ ނުކުތާއަކީ ޝެއިޚް އަބްދުއްރަޙީމް ގްރީންއަށް ތަޤްރީރު ކުރުމުގެ ހުއްދަ ނުދޭވާހަކައަކީ ދޮގުވާހަކައެއް ކަމެވެ. ވީމާ އެކަމާއި މިކަމާއި ގުޅުވުމަކީ އޮޅުވާލުމެކެވެ.

ދެންއޮތީ ޑރ. ޒާކިރު ނައިކްގެ އަނބިކަބަލުންނާއި ދަރިކަލުންގެ ވާހަކައެވެ. އިސްލާމް ދީނުގެ ޢިލްމު ވެރިޔަކަށް ވެވެނީ ހަމަ އެކަނި ސެޓްފިކެޓެއް ހާސިލް ކޮށްގެނެއް ނޫނެވެ. އަދި ކިއެއް ސެޓްފިކެޓަކީ ހަމައެކަނި މީހާ ޢިލްމުވެރިޔަކަށްވާ ސަބަބެއްވެސް ނޫނެވެ. އިސްލާމު ދީނުގައި ޢިލްމުވެރިޔަކަށް ވުމަށް ދީނީ ތަޢުލީމު ހާސިލް ކުރެވޭ މައިގަނޑު 2 ގޮތެއް އޮވެއެވެ. އެއްގޮތަކީ ކުރީޒަމާނުގައި މީހުން ދީނީ ތަޢުލީމު ހާސިލް ކުރެއްވި ގޮތަށް ޢިލްމުވެރިންގެ އަރިހުން ދީނީ ތަޢުލީމު އުގެނުމެވެ. ދެވަނަ ގޮތަކީ މިޒަމާނުގައި ގިނަމީހުން ތަޢުލީމު ހާސިލްކުރާ ފަދައިން ޔުނިވާސިޓީ ފަދަ ތަނަކުން ތައުލީމު ހާސިލް ކުރުމެވެ.

މިގޮތުންބަލާއިރު ޑރ ޒާކިރު ނައިކްގެ އަނބިކަބަލުންނަކީ މި 2 އުސޫލުންވެސް ތަޢުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭކަނބަލެކެވެ. އަދި މިއަދު ދުނިޔޭގައި ހިންގޭ އެންމެ ފާހަގަ ކޮއްލެވޭ އެއް އިންޓަނޭޝަނަލް އިސްލާމިކް ސްކޫލްގެ ސުޕަވައިޒަރުވެސް މެއެވެ. އަނެއްކޮޅުން ދަރިކަލުން ފާރިޤް ނައިކް އަކީވެސް މަތީގައި ބަޔާން ކުރެވުނު ދެގޮތުންވެސް ތަޢުލީމު ޙާސިލްކޮށްގެން އަދި ކުރައްވަމުން ގެންދަވާ ޒުވާނެކެވެ. މިހެން މިކަން އޮތްއިރު ޢަބްދުއްރަހީމް ގްރީން އަށް ހުއްދަ ނުދިނޭ އެކަމަކު ޑރ ޒާކިރުގެ އަނބިކަބަލުންނަށާއި ދަރިކަލުންނަށްވެސް ހުއްދަ ދިނީއޭ ކިޔުމުގެ ޖާގައެއް ނެތެވެ. އަދި ކިއެއް އެފަރާތްތަކަށްވެސް ހުއްދަ ދެވިފައިވަނީ އުސޫލުތަކާއި ހަމަތަކުގެ މަތިން، ޑރ. ޒާކިރު ނައިކައާއި އެކުގައި މަސައްކަތް ކުރައްވާ ޝެއިޚް އަބްދުއްރަޙީމް ގްރީންއަށްވެސް ހުއްދަ ދެއްވިފަދައިންނެވެ.

އެހެންކަމުން މިފަދަ ފިތުނަވެރި ވާހަކަތަކީ އަޅުގަނޑުމެން މުސްލިމުން މިކަމަށް ވަރަށް ސަމާލުވެ ތިބެންޖެހޭ ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. މުސްލިމުންގެ ތެރޭގައި އުޅޭ އެއްބަޔަކު އަނެއްބަޔަކު ފިތުނަވެރި ކުރުވައި އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި ރުޅިވެރިކަން އުފައްދަން، އިސްލާމު ދީނުގެ އަދުއްވުން މަސައްކަތް ކުރަމުންދާކަން މިފަދަ ދަޑިވަޅުތަކުގައި އަޅުގަނޑުމެން ދަންނަން ޖެހެއެވެ. އެބައިމީހުންގެ ބޭނުމަކީ މުސްލިމުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމެވެ. އިސްލާމު ދީން ބަލިކަށިކޮށްލުމެވެ. ދީނީ ދައުވަތު ފެތުރިގެން ދިއުމަށް ހުރަސް އެޅުމެވެ. ވީމާ މިކަމަށް ހޭއަރައި މުސްލިމުން އެކަތިގަނޑަކަށްވެ ތިބުމަށް ގޮވާލަމެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ޝެއިހް ދީދާތު ވިދާޅުވަނީ ޑރ ޒާކިރު އަކީ ‘ދީދާތު ޕްލަސް’ ކަމަށެވެ.

  2. this is good :)

  3. Jazakallah Khair. Allah ekalaange deenuge aduvvun nikamethi kuravvaashi

  4. alhamhdulillahi

Your email address will not be published. Required fields are marked *

More in ރިޕޯޓް