ރާއްޖޭގެ ޚަބަރު ރާއްޖޭގެ މަސާޖް ޕާލާތަކުގައި ހިންގާ ފާޙިޝް ޢަމަލްތައް ރިޕޯޓްކުރުމަށް ކަމަށް ބުނެ ސަންގެ ނޫސްވެރިން ކޮށްފައިވާ ކަންތައްތަކުގެ މައްސަލަ ޕީ.ޖީ އަށް ހުށަހަޅަން މީޑިއާ ކައުންސިލުން ނިންމައިފި

ރާއްޖޭގެ މަސާޖް ޕާލާތަކުގައި ހިންގާ ފާޙިޝް ޢަމަލްތައް ރިޕޯޓްކުރުމަށް ކަމަށް ބުނެ ސަންގެ ނޫސްވެރިން ކޮށްފައިވާ ކަންތައްތަކުގެ މައްސަލަ ޕީ.ޖީ އަށް ހުށަހަޅަން މީޑިއާ ކައުންސިލުން ނިންމައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ރާއްޖޭގައި ފޮރުވިގެން ތިބެ މަސާޖް ޕާލާތަކުގައި ހިންގާ ފާޙިޝް ޢަމަލްތައް ރިޕޯޓްކުރުމަށް ކަމަށް ބުނެ ސަންގެ ނޫސްވެރިން ކޮށްފައިވާ ކަންތައްތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީ.ޖީ) އަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.

"އޮޕަރޭޝަން ސަންސެޓް" ގެ ނަމުގައި ނާސިގެތަކުގައި އިސްލާމްދީނާއި ޤާނޫނާއި ޚިލާފް އެތައް ކަމެއްކޮށް އެވާހަކަތައް "ސަޅި" އެއްޗަކަށް ހަދާ އިއްޔެ ސަން އޮންލައިންގައި އަދި ސަން މަޖައްލާގެ އިއްޔެ ނެރުނު ޢަދަދުގައި ޝާއިޢުކުރުމާ ގުޅިގެން މިއަދު ހަވީރު މީޑިއާ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމުގައި މިމައްސަލަ ޕީ.ޖީ އަށް ހުށަހެޅުމަށް ނިންމާފައިވަނީ އެރިޕޯޓްތަކުގައި ފާޙިޝް ކަންތައްތަކެއްގެ ވާހަކަ ވަރަށް ތަފްޞީލްކޮށް ހުރުމާއި ޖިނާޢީ ކުށްތަކެއްގައި ރިޕޯޓަރުން ބައިވެރިވެފައިވާކަން ދޭހަވާތީ އެއީ ކައުންސިލަށް ބެލޭނެ ކަންތައްތަކެއް ނޫން ކަމަށް ވާތީ ކަމަށް އެކައުންސިލުން ބުނެއެވެ.

މީޑިއާ ކައުންސިލުން ބުނި ގޮތުގައި މިމައްސަލަ ޕީޖީ އަށް ހުށަހަޅަން ނިންމާފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި 11 މެމްބަރުންގެ އިއްތިފާޤުންނެވެ. މި ކައުންސިލްގައި 15 މެމްބަރުން ހިމެނެއެވެ.

ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފް ވިދާޅުވީ ސަން އިން ޢާއްމުކޮށްފައިވާ މިރިޕޯޓްތަކަކީ މީޑިއާ ކައުންސިލުން ކަނަޑައަޅާފައިވާ ހަމަތަކާއި އަޚްލާޤީ މިންގަނޑުތަކާއި ޚިލާފް، ނޫސްވެރިކަމުގެ ފަންނުން ބޭރުވެފައިވާ ރިޕޯޓްތަކެއް ކަމަށެވެ. އަދި މިހާރު މިލިޔުންތަކާއި ލިޔުންތައް ހިމެނޭ މަޖައްލާތައް އަނބުރާ ނެގުމަށް ސަން އަށް އަންގާފައިވާ ކަމަށާއި، ސަން އިން އެކަމަށް އެއްބަސްވެފައިވާ ކަމަށް ނަޒީފް ވިދާޅުވިއެވެ.

ހަވީރު ނޫހުގައި ނަޒީފް އާއި ޙަވާލާދީ ބުނެފައިވަނީ މީޑިއާ ކައުންސިލް އުފެދުނު ފަހުން މިގޮތަށް ޝަކުވާ އައި މައްސަލައެއް މިހާތަނަށް ނެތް ކަމަށާއި، ހުއްޓުމެއް ނެތި މިކަމާގުޅިގެން އެބޭފުޅުންނަށް ޝަކުވާތައް އައިސްފައިވާ ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން 31 ޖެނުއަރީ 2011 ގައި ޢާއްމުކޮށްފައިވާ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު" ގައި ބަޔާންކޮށްފައިވާ ގޮތުގައި އިސްލާމީ އުޞޫލްތަކާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފް އެއްޗެއް މީޑިއާގައި ޝައިޢު ނުކުރާނެއެވެ. އަދި ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިޢުކުރުމުންނާއި، ޢާންމު އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭ، ހަޑިހުތުރު ބަސް ބޭނުން ކުރުމުން ދުރުހެލިވާނެއެވެ.

މި މައްސަލައާ ގުޅިގެން ސަން މަޖައްލާގެ އެޑިޓަރ އަދި ސަން އެފްއެމްގެ ސީ.އީ.އޯ ސިނާން އަލީ ޙަވާލާދީ ސަން އޮންލައިން އިން ބުނެފައިވަނީ ޤާނޫނީ ބޮޑީއެއްގެ ނިންމުމަށް އިޙްތިރާމްކުރުމުގެ ގޮތުން މަޖައްލާތައް ބާޒާރުން ނަގާނެ ކަމަށެވެ. އަދި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާވެފައި އޮތް މިންވަރު ހާމަ ކުރުމަށް ސަން ޓީމުން ކުރި މަސައްކަތުގައި ޖިނާޢީ ކުށަކަށް އަރައިގަނެފައި ނުވާނެ ކަމަށާއި، މުޅި އިންވެސްޓިގޭޝަނުގެ މަޤްޞަދަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ނުވަތަ ނާސިގެތައް ފުޅާވެފައިވާ މިންވަރު މުޖުތަމައަށް އަންގައިދިނުން ކަމަށް ސިނާން އާއި ޙަވާލާދީ ސަން އޮންލައިން އިން ބުނެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންނަށްވެސް ޢާއްމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާކަމަށް މިއަދު ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. މިގޮތުން ސަންގެ ރިޕޯޓްތަކަކީ ޒުވާނުންގެ ހިތް ކައްކުވާލަފަދަ ކަމެއް ކަމަށާއި އަދި އެފަދަ ކަންތައްތައް އިތުރަށް ޕްރޮމޯޓްވާ ކަމެއްކަމަށް ޢާއްމުންގެ ފަރާތުން ޝަކުވާ ލިބެމުންދާކަމަށް ފުލުހުން ހާމަކުރެއެވެ.

ޝިޔާމް ވިދާޅުވެފައި ވަނީ ފުލުހުންގެ ފަރާތުން އެކަހަލަ އެއްވެސް ކަމަކަށް ހިތްވަރު ދީފައި ނުވާނެ ކަމަށާއި، ސަން އިން ހިންގާފައިވާ މިކަމަކީ ޒިންމާދާރު ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

އަދި ފުލުހުންގެ ފަރާތުން އެފަދަ ފާޙިޝް ޢަމަލްތައް ހިންގާ އެއް ތަނެއް ދެތަނެއް ބަންދުނުކުރާ މަހެއް ނުވަތަ ދެމަހެއް ނުދާނެ ކަމަށާއި، ފުލުހުން އެފަދަ ޢަމަލްތައް ހިންގާ މީހުން ހޯދާ ފިޔަވަޅު އަޅަމުންވެސް އެބަ ގެންދާ ކަމަށާއި، ބައެއް ތަންތަނާއިމެދު ތަކުރާރުކޮށްވެސް ފިޔަވަޅު އަޅާފައި ވާނެކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.

ޓެގް

ފާޙިޝް ޒިނޭ ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.