އެހީ! ކުޑަ ކުޑަ ރައިނާ އެހީތެރި ކަމަށް ބޭނުންވެފައި !

ކުޑަ ކުޑަ ރައިނާ އެހީތެރި ކަމަށް ބޭނުންވެފައި !

ކުޑަ ކުޑަ ރައިނާ އެހީތެރި ކަމަށް ބޭނުންވެފައި !

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އައިޖީއެމް ހޮސްޕިޓަލުން؛ އައިޝާ މޮނާ އަދި އައިޝަތު އަލީ / ދިއިސްލާމް

ދުނިޔެ މަތީގައި އެއްބަޔަކު ފުރިހަމަ ޞިއްހަތެއްގައި ދިރިއުޅެމުންދާއިރު ތަފާތު ބަލިބަލީގައި ވޭންދެނިވި ޙަޔާތެއް ވޭތުކުރަމުން ދަނީ ކިތައް ކިތައް މީހުންތޯއެވެ؟ ކިތައް ކިތައް ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތައް ވޭނީ ބަލިބަލިތަކުގެ ސަބަބުން ހިތްދަތި ދުވަސްތައް ގުނަމުން ދޭ ހެއްޔެވެ؟

އދ. ދަނގެތި އަށް އުފަން އުމުރުން އެންމެ 3 އަހަރުގެ ފާޠިމަތު ރައިނާ އަކީ މިފަދަ ސީރިއަސްކަން ބޮޑު ބައްޔެއް ތަޙައްމަލުކުރަމުންދާ މަޢުސޫމް ކުޑަ ކުއްޖެކެވެ. ރައިނާގެ ބައްޔަކީ ލޭގެ ކެންސަރެވެ. އިނގިރޭސި ބަހުން ނަމަ 'ލިއުކިމިއާ' އެވެ. ދިއިސްލާމްއިން މިފަދަ ފަރާތްތަކާއި އެހީތެރިވުމުގެ ގޮތުން ހިންގާ މީޑިއާ ކެމްޕޭންގެ ދަށުން އަޅުގަނޑުމެން އައިޖީއެމް ހޮސްޕިޓަލަށް ޒިޔާރަތް ކުރީ އެކުޑަކުޑަ ކުއްޖާ ހާލަތު މާބޮޑަށް ނޭނގޭ ހާލުގައެވެ. ރައިނާ މިހާރު އައި.ޖީ.އެމް ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި އޮންނަތާ 2 މަސް ވެއްޖެއެވެ. އެ ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމް ނަންބަރ 47  ގައި ރައިނާގެ ބައްޕަ، އދ.ދަނގެތި / ކަންމަތީގެ، މުޙައްމަދު ރަމްޒީ އާއި ވާހަކަދައްކާލީމެވެ.

އަޅުގަނޑުމެން ކޮޓަރި ތެރެއަށް ވަދެންގެން ދިޔައިރު ކުޑަކުޑަ ރައިނާ އޭނަގެ މަންމަގެ އުނގުގައި ބޮނޑިވެލައިގެން އިނެވެ. މަޢުސޫމް ލޮލުގައި އެތައް ހުވެފެން ތަކެއް ވެއެވެ. ބަލީގެ ސަބަބުން ހަށިގަނޑު ވަނީ ނިކަމެތިވެ އަނަރޫފަވެފައެވެ. ރައިނާގެ މިބަލި ހުރިކަން ފާހަގަ ކުރެވިފައި ވަނީ މީގެ ދޮޅު އަހަރު ކުރިން ކަމަށް ތުއްތު ކުއްޖާގެ ބައްޕަ ބުންޏެވެ. އެކުޑަކުޑަ ކުއްޖާއަށް ގޮވާލަން ވަންނަ ކޮންމެ މީހަކުވެސް އެތަނަށް ވަންނަން ޖެހެނީ މޫނުމަތީ މާސްކް އަޅައިގެންނެވެ. އެއްވެސް މީހެއްގެ މޫނުގެ ހަރަކާތެއް އެކުޑަކުޑަ ރައިނާއަކަށް ނުފެންނާނެއެވެ. އެގޮތުން އަޅުގަނޑުމެންވެސް ރައިނާ އެދުމަތި ކޮށްފައިވާ ކޮޓަރިއަށް ވަނީ މޫނުމަތީ މާސްކު އަޅައިގެންނެވެ.
"ރައިނާ އަށް ފުރަތަމަ ވާން ފެށި ގޮތަކީ ހުންއައިސް ކަކުލު ހުޅުގައި ރިއްސާވަރުން ރޮނީ" ރައިނާގެ ހާލަތު ބަޔާން ކޮށްދިނުމުގެ ގޮތުން ރައިނާގެ ބައްޕަ އަސަރާއި އެކު ބުންޏެވެ. އަދި ރަށުގައި ޑޮކްޓަރަށް ދެއްކުމުން މާލެ ދިއުމަށް އެންގުމުން ފުރައިގެން މާލެ އައިސް އައި.ޖީ.އެމް ހޮސްޕިޓަލަށް ދެއްކުމުން ކަކުލު ހުޅު ތެރެއިން ލޭދަމާފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ޓެސްޓްތައް ހަދާ ލޭގައި އިންފެކްޝަން ހުރި ކަމަށާއި ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާ ދެއްވިއެވެ. ވުމާއެކު ރައިނާ އަށް ބޭސްފަރުވާ ކުރުމަށްޓަކައި ޢާއިލާ މީހުން އިންޑިޔާ އަށް ދިޔައެވެ.
އިންޑިޔާގެ މަޝްހޫރު ކިމްސް ހޮސްޕިޓަލަށް ދެއްކުމުން ފުރަތަމަ ޑޮކްޓަރު ބައްލަވާފައި މައްސަލައެއް ނެތް ކަމަށް ވިދާޅުވުމުން ދެވަނަ ޑޮކްޓަރެއްގެ ލަފަޔަށް ދެއްކުމުން ލެޔަށް ކެންސަރު ޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި 11 މަސްވަންދެން މި ދެމަފިރިން އެމީހުންގެ ކުޑަދަރިފުޅު ގޮވައިގެން ހޮސްޕިޓަލުގައި ދުވަސްތައް ހޭދަކޮށްފައިވަނީ ވަރަށް ދަތި ޙާލަތެއްގައެވެ.

ރައިނާގެ ފަރުވާއަކީ 'ބޯންމެރޯ ހެދުން' ނުވަތަ 'ސްޓެމް ޓަރާންސްޕްލާންޓް' ހެދުމެވެ. މިކަމަކީ އިންޑިޔާގެ 5-2 މިލިއަން ރުޕީސް ޚަރަދުވާނެ ކަމެކެވެ. ސަބަބަކީ މިއޮޕަރޭޝަން ކުރެވެނީ އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ ވެއްލޫރުގެ މިކަމަށް ޚާއްޞަ ހޮސްޕިޓަލަކުން ކަމަށް ވާތީއެވެ.

ޢާއިލާގެ މާލީ ޙާލަތު ހުރިގޮތުން އިންޑިޔާ އަށް ރައިނާގެ ފަރުވާ އަށްޓަކައި ކުރި ދަތުރު ނިންމާލާފައި އެނބުރި މާލެ އައެވެ. އިންޑިޔާއިން އައިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ރައިނާގެ މާބޮޑަށް ބަލިވާން ފެށިއެވެ. ވުމާއެކު ރައިނާ އައި.ޖީ.އެމް ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރުން އިރުޝާދު ދީފައިވަނީ ވީއެންމެ އަވަހަކަށް ރައިނާ ގޮވައިގެން ރާއްޖޭން ބޭރަށް ދިޔުމަށެވެ. ރައިނާ މިހާރު ވަނީ އައި.ޖީ.އެމް ހޮސްޕިޓަލްގައި އެނދުމަތި ކޮށްފައެވެ. "ރައިނާގެ ހަށިގަނޑު އަނަރޫފަ ވެފައިވަނީ ނުކެވޭތީ ކަމަށާއި އަދި ބައެއް ފަހަރު ހޮޑުލާއިރު ލޭ އަންނަ ކަމަށާއި ކާން ފެށުމުން އަނގަ ފުރާ ހިރުގަނޑު ތެރެއިން ލޭ އާދޭ." ރައިނާގެ ހާލަތު ބަޔާން ކޮށްދިނުމުގެ ގޮތުން އިތުރަށް ރައިނާގެ ބައްޕަ ކިޔައދިނެވެ.

ހޮސްޕިޓަލްގެ ނަރުހުން ބުނި ގޮތުގައި ރައިނާގެ ގަޔަށް މިވީ ދެމަސް ދުވަސްތެރޭގައި 7 ފަހަރަށް ލޭ އަޅާފައިވާ ކަމަށާއި، 23 ފަހަރު ޕްލޭޓްލެޓްސް ދީފައިވާ ކަމަށެވެ.
ރައިނާގެ ޢާއިލާގެ މާލީ ޙާލަތު ތަން ނުދޭތީ އިތުރު ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަނީ ފުރޭގޮތް ނުވެފައެވެ. ރަމްޒީ އަކީ ރިސޯޓްތަކުގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރާމީހެކެވެ. އޭނަ އަށް މި ދަރިފުޅު ބަލިވީއްސުރެން ވަޒީފާގެ މަސައްކަތަށް ނުކުމެވޭ ގޮތް ނުވެއެވެ.  އެ ޢާއިލާ މިހާރު އުޅެމުން ދަނީ އެކި އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކުގައެވެ.

ރަމްޒީގެ އިތުރު އެހެން ދަރިފުޅެއް ހުރެއެވެ. އެއީވެސް ޚާއްޞަ އެހީ އަށް ބޭނުންވާ ސިކުނޑީގައި އުނިކަމެއް ހުންނަ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެކެވެ. މިހާރު މިކުއްޖާ ބެލުމަށް ޙަވާލުކޮށްފައި ވަނީ ރަށުގައި ހުރި ރަމްޒީގެ އަންހެނުންގެ މަންމަ އާއެވެ.

ރައިނާގެ ބަލި ވަނީ ނުރައްކާތެރި ޙާލަތަކަށް ގޮސް އަވަސް ފަރުވާއަކަށް ބޭނުންވެފައެވެ. އެހެނަސް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަކީ 'ފައިސާ'އެވެ. ކުރިން އެތައް ހަރަދެއް ކޮށްފައިވާ ވުމާއި ކުރިއަށް އެތައް ޚަރަދެއް ކުރަން ޖެހޭއިރު އެއާއިލާއަށް އަޅުގަނޑުމެންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. އަދި ހާއްސަކޮށް ކުޑަކުޑަ ރައިނާގެ މުސްތަގުބަލަށްޓަކައި ދީލަތި އަތެއްގެ އެހީއަށް ބަލިއެނދުގައި ހަމަހިމޭން ވެފައި އިން ރައިނާ 'އާދޭސް' ކުރާ ކަހަލައެވެ. އެންމެ ފައިސާ ފޮއްޗަކީ އެކުޑަކުޑަ 'ރައިނާ'އަށް މިއަދު 'ރަން' ފަދަ މުހިންމު އެއްޗެކެވެ.

މަދަނައިގެ އެހީ ލިބެނީ ހަމަ އެކަނި ޓްރިވެންޑަރަމްގެ 3 ހޮސްޕިޓަލް އިންކަމަށާއި ރައިނާގެ އޮޕަރޭޝަނަށް ދާން ޖެހޭ ވެއްލޫރަށް މަދަނަ ނުލިބޭކަމަށްވެސް އާއިލާއިން ހާމަކުރެއެވެ. އަދި މީގެ އިތުރުން އައިޖީއެމްއެޗްގައި ހުންނަވައިގެން ރައިނާގެ ބައްޕަ ބުނިގޮތުގައި "ބޭނުން ވަނީ ސްޓެމް ސެލް ޓާންސުޕްލާޓޭސަން ހަދަން. ބޭނުން ވާ ފައިސާގެ އަދަދަކީ 1.6މިލިޔަން ދިވެހި ރުފިޔާ އެއީ ހުރިހާ ކަމަކަށް. އެކަމަކު 6 ލައްކަ ރުފިޔާ ލިބުނަސް ފަށައި ގަނެވޭވަރު ވާނެ." މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ރައިނާގެ ބައްޕަ ރަމްޒީ ވަރަށް އަސަރާއި އެކު ބުނޏެވެ.

ރައިނާގެ ބޯންމެރޯ ހެދުމަށްޓަކައި އައި.ޖީ.އެމް.އެޗް ގެ ނަރުހުންގެ ފަރާތުން ވަނީ 24,000.00 ރުފިޔާ އެ ޢާއިލާ އަށް ހަދިޔާކޮށްފައިވާކަމަށާއި އަދި އިސްލާމިކް މިނިސްޓްރީން 30,000.00 ރުފިޔާ ގެ އެހީއެއް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައިވާކަމަށް އާއިލާއިން ހާމަކުރެއެވެ.

އެހެންކަމުން މިކުޑަ ކުޑަ މައުސޫމް ކުއްޖާއަށް އެހީތެރިވެ ދެއްވުމަށް ބޭނުންވާ ފަރާތްތަކުން ރައިނާގެ ބައްޕަ މުޙައްމަދު ރަމްޒީ ގެ ނަންބަރު 7460851 ފޯނާއި ގުޅުއްވާށެވެ. ނޫނީ މުޙައްމަދު ރަމްޒީގެ ނަންމަތީގައިވާ ނަންބަރ 001-139043-7703 އެކައުންޓަށް އެހީގެ ގޮތުގައި ފައިސާ ޖަމާކޮށް ދެއްވާށެވެ.

ﷲ ގެ މަގުގައި ކިތަންމެ ކުޑަ މިންވަރެއް ހޭދަކުރިކަމުގައިވިޔަސް އޭގެ ބަދަލުގައި އެއަށްވުރެ ފުރިހަމައަށް އެކަލާނގެ ދެއްވާނެއެވެ. ލަސްނުކޮށް މިކުޑަ ކުއްޖާ އަށް އެހީތެރިވެ ދެއްވާށެވެ. އެހެން މީހުންގެ އެހީތެރިކަމަށް  ތިބޭފުޅާއަށް އެދެންޖެހިދާނެކަމައި މެދު ވިސްނަވާށެވެ.

ޓެގް

އެހީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.