މިއުޒިކާއި ލަވައަކީ ޝައިޠާނީ މަގަށް މަގުފަހިކޮށްދޭ އެތައްކަމެއް އެކުލެވިގެންވާ ކަމެއް : ކުރީގެ ލަވަކިއުންތެރިޔާ ޢަބްދުﷲ ވަހީދު

ޙަސަން ޝިޔާޒް

މިއުޒިކާއި ލަވައަކީ ޝައިޠާނީ މަގަށް މަގުފަހިކޮށްދޭ އެތައްކަމެއް އެކުލެވިގެންވާ ކަމެއް ކަމަށް ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަބްދުﷲ ވަހީދު ބުނެފިއެވެ. ޢަބްދުﷲ މިހެން ބުނެފައިވަނީ މިއަދު ބާޒާރަށް ނެރުނު "ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމްގެ ޑީވީޑީ އަށް ދީފައިވާ އިންޓަވިއުގައެވެ.

މިއުޒިކާއި ލަވަކިއުމަކީ ދީނީ ގޮތުން ކޮންކަހަލަކަމެއްތޯ ދީނީ ޢިލްމުވެރިންގެ އަރިހުން އޮޅުންފިލުވާފައިވާ ކަމަށާއި، އެދާއިރާ އާއި އެއްކޮށް ދުރުވީ އެއީ ރަނގަޅު ކަމެއް ނޫންކަން ޤަބޫލްކުރެވިގެން ކަމަށް ޢަބްދުﷲ ބުނެފައިވެއެވެ.

"ޙަޤީޤަތުގައި ޝައިޠާނިއްޔަތުގެ ކަންތައްތަކަށް މަގުފަހިކޮށްދޭ އެތައް ކަމެއް މިކަމުގައި (މިއުޒިކާއި ލަވައިގައި) އެބަ އެކުލެވިގެންވޭ" ކުރިން ދިވެހިރާއްޖޭގެ އަޑުގެ "އެންޓާރިސް" ބޭންޑްގައި މަސައްކަތްކޮށްފައިވާ ޢަބްދުﷲ ބުނެފައިވެއެވެ.

ޢަބްދުﷲ އަކީ ރީތިކޮށް ޤުރްއާން ކިޔަވާ ޤާރީ އެކެވެ. އަދި މިހާރު ޤުރްއާން މުދައްރިސެއް ވެސް މެއެވެ. ޢަބްދުﷲ ބުނެފައިވަނީ ﷲ ޞުބްހާނަހޫވަތައާލާ އޭނާ އަށް ދެއްވާފައިވަނީ ދެމަގެއް ކަމަށާއި، އެއްގޮތަކީ ޝައިޠާނާގެ މަގުން ދިއުން ކަމަށާއި އަނެއްގޮތަކީ ﷲ ތައާލާގެ މަގުން ދިއުން ކަމަށެވެ. "އެހެންވީމަ އަޅުގަނޑު ހިފީ ޤުރްއާނުގައި" ޢަބްދުﷲ ބުނެފައިވެއެވެ.

އިތުރަށް ޢަބްދުﷲ ބުނެފައިވަނީ މިއުޒިކާއި ލަވައަކީ މަސްތުވާތަކެއްޗާއި ގާތްކުރުވާ، ޝަހުވާނީ އެތައް ކަންތައްތަކަށް އަރައިގަތުމަށް މެދުވެރިކުރުވާ ކަމެއް ކަމަށެވެ. އަދި އެކަމަކީ ﷲ އާއި އަޅާ އާއި ދެމެދު އޮންނަ ގުޅުން ދުރުކުރުވާ ކަމެއް ކަމަށެވެ. "އުފަލާއި މަޖަލުގައި ވަޤުތުތައް ދާގޮތެއް އެއްގޮތަކަށްވެސް ނޭނގޭ. އެހެންވީމާ، މިއީ ރަނގަޅު ކަމެއް ނޫނޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ" ޢަބްދުﷲ ބުނެފައިވެއެވެ.

"ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބޮޑު އޯޑިއަންސަކާ އެކު ދަރުބާރުގޭގައި 2011 މާޗް 11 ވަނަ ދުވަހުގެ ރޭގަނޑުއެވެ. "ޓްރިއޯ" ބޭންޑްގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މޫސާ ޝިފާޢު އާއި، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުލް ބާރީ އާއި، ކުރީގެ މަޝްހޫރު "ފްރީޒް" ބޭންޑްގައި ލަވަކިޔަމުން ދިޔަ އިބްރާހީމް ރަމީޒް (އިބޭ) އޯޑިއަންސް ކުރިމަތީގައި ދެން ދުވަހަކުވެސް ލަވަނުކިޔާނެ ކަމަށް އެރޭ ވަނީ އިޢުލާން ކޮށްފައެވެ. "ޢިލްމީ ޚަޒާނާ" ހުށަހަޅައިދެމުންދާ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒް ވެސް ވަނީ އޭނާ ލަވަކިއުމުގެ ދާއިރާ އަށް އެނބުރި ނާންނާނެ ކަމުގެ ޔަޤީންކަން އެރޭ ދީފައެވެ. އެ ޙަފްލާގައި ޢަބްދުﷲ ވަހީދަށް ބައިވެރިވެވޭ ގޮތްވަނީ ނުވެފައެވެ.

ލައިވް ޕްރޮގްރާމްގައި ޝިފާޢު އާއި ބާރީ އަދި އިބޭ ދިން އިންޓަވިއުގެ އިތުރުން ފަހުން ރެކޯޑްކުރެވިފައިވާ ބައިތައް މި ޑީވީޑީ ގައި ވަނީ ހިމަނާފައެވެ.

މިއަދު ބާޒާރަށް ނެރުނު "ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމްގެ ޑީވީޑީ ގެ އަގަކީ 50 ރުފިޔާއެވެ. ސަލަފްލައިން (ހިލާލީމަގު) އިން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ މި ޑީވީޑީ އަބާޔާ (މާވެޔޮމަގު) އަދި ދާރުލްއިސްލާމް (ކޯރުކެނޑިހިނގުން) އިން ލިބެންހުންނާނެއެވެ.

ޖަމްޢިއްޔަތުއްސަލަފާއި ސަން.އެފް.އެމް ގުޅިގެން ގެނެސްދޭ "ޢިލްމީ ޚަޒާނާ" އަކީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ 22:00 ން 23:00 އަށް ސަން.އެފް.އެމް އިން ފޮނުވާ ޢިލްމީ މުހިންމު ޕްރޮގްރާމެކެވެ. "ޢިލްމީ ޚަޒާނާ" ގެ 108 ޕްރޮގްރާމް މިހާތަނަށް ފޮނުވާފައިވާއިރު 100 ވަނަ ޕްރޮގްރާމާއި ހަމައަށް މިހާރު ވަނީ ސީޑީތައް ބާޒާރަށް ނެރެފައެވެ.

"ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމްގެ ޑީވީޑީ ގެ ޓްރެއިލަރ ބައްލަވާލައްވާ !

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.