މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޝައިޚް އިލްޔާސް ތައުލީމީ ނިޒާމާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅު ކުއްވެރި ކުރައްވާ ނެރުނު ނޫސްބަޔާން، އަދާލަތް ޕާޓީއިން ފަށްފަށުން ކުއްވެރި ކޮށްފިއެވެ.
" ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމް ކޮށްގެން 22 އެޕްރީލް 2011 ވަނަ ދުވަހުގެރޭ ބޭއްވި ދީނީ ނަޞޭޙަތް ދިނުމުގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިހުގެ ނައިބުރައީސް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން، ތަޢުލީމީ ދާއިރާގައި ތިއްބެވި ބޭފުޅުންގެ އަބުރާއި ކަރާމަތަށް އަރާގަނެ، ތަޢުލީމީ ދާއިރާގެ އިސްބޭފުޅުންނަކީ އިސްލާމީ އުޞޫލުތައް ޤަބޫލް ނުކުރައްވާ ބޭފުޅުންކަމަށް، ވިދާޅުވެފައިވާކަމަށް ދޭހަވާގޮތަށް، ވިދާޅުވެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކަން ކުށްވެރިކުރާކަމަށް ވިދާޅުވެ، 25 އެޕްރީލް 2011 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލެޓަރހެޑުގައި ލިއުއްވައި ކޮންބޭފުޅެއްކަން ނޭގޭގޮތަށް ސޮއިކުރައްވާފައި ނެރުއްވި ނޫސްބަޔާންނަކީ، ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ނެރުއްވާފައިވާ ނޫސްބަޔާނެއް ކަމުގައި މިޕާޓީން ދެކެމެވެ." އަދާލަތުގެ ނޫސްބަޔާނުގައި ވެއެވެ.
އަދާލަތު ޕާޓީއިން ތުހުމަތު ކުރައްވާ ގޮތުގައި އެޑިޔުކޭޝަނުން ނެރުނު ނޫސްބަޔާން އަކީ ދަރުސްގެ މަޤްޞަދާއި، ޤައުމުގެ ހާލަތާއި، ކަމުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުން އަރާގޮތަށް ނެރެފައިވާ ނޫސްބަޔާނެކެވެ. އަދި މީގެ އިތުރުން އެއީ ސިޔާސީ މަޤްސަދެއް ޙާޞިލް ކުރެއްވުމުގެ ގޮތުން ނެރުނު ނޫސްބަޔާނެއް ކަމަށްވެސް އަދާލަތު ޕާޓީއިން ތުހުމަތު ކުރައްވައެވެ.
"މިނިސްޓްރީ އޮފް އެޑިއުކޭޝަނަކީ ޤައުމުގެ ދަރިންތައް ތަރުބިޔަތުކޮށް ހާނުވައި، އެކުދިންގެ ސުލޫކު ބަދަލުކޮށް މަތިވެރި ތަޢުލީމެއްގެ މަތީ އެކުދިންގެ ސިކުނޑި ހާނުވަން ދައުލަތާއި ރައްޔިތުން ޙަވާލުކޮށްފައިވާ ރަސްމީ އިދާރާ ކަމުގައިވާއިރު، މިއަދު ޤައުމުގެ މަލަމަތިން ފެނިގެންމިދާ ޒުވާނުންގެ ހިތާމަވެރި ސުލޫކުތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ތިމާމެންގެ އަތުން ފޭހަމުންއައި ކަށި ތިމާމެންގެ އަމިއްލަ ލޮލަށް މެހިގެން އުޅޭކަމެއް ކަމުގައި އަދިވެސް އެޑިއުކޭޝަންގެ ދާރިއުރާތަކުގައި އިސްވެ ޙަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް އިޙްސާސުވެ ވަޑައިނުގަންނަވާތީ އަޅުގަނޑުމެން ޙައިރާންވެ އަންތަރީސް ވަމެވެ." އަދާލަތުގެ ނޫސްބަޔާނުގައި ވެއެވެ.
ޤައުމަށް ވެފައި މިއޮތީ ކިހިނެއްތޯއޭ ބުނުމުގެ ބަދަލުގައ،ި ރާއްޖޭގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ވެފައި މިއޮތީ ކިހިނެއްތޯ އަދާލަތު ޕާޓީއިން ސުވާލު ކުރައްވައެވެ.
ހަމަ އެހެންމެ މިއީ ސައްތައިންސައްތަ އިސްލާމީ ޤައުމެކޭ އަޅުގަނޑުމެން ކޮންމެ މީހެއްގެ ދުލުން ބުނަމުން ދިއުމުގެ ބަދަލުގައި ތިމާމެން ކުރަމުން އައި މަސައްކަތުގައި ފޭލިވެފައިވާކަން ޤަބޫލުކޮށް އެފަދަ އިސްލާމީ ވެއްޓެއް ޤާއިމުވެފައި އޮންނަ، ރިވެތި ސުލޫކެއްގެ މަތީ ބިނާވެފައި އޮންނަ ކުޑަކުޑަ ޤައުމެއް ބިނާކުރުމަށް މަސައްކަތް ކުރަންވެއްޖެ ކަމަށް ނޫސްބަޔާނުގައި ވެއެވެ.
އަދާލަތުގެ ނޫސްބަޔާން ނިންމާލައިފައިވަނީ މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ޤައުމުގެ ތަޢުލީމީ ފަލްސަފާގެ ނަތީޖާ ހޯދުމަށްޓަކައި ކުރިމަސައްކަތުގެ ވަރަށް ބޮޑުބައެއް ނާކާމިޔާބު ވެފައިވާކަމަށާއި، ޤައުމު ސަލާމަތާއި ހަމައަށް ގެންދެވޭނީ މިކަން އެބޭފުޅުނަށް އިހްސާސްވި ދުވަހަކުން ކަމުގައި އަދާލަތުން ދެކޭކަމަށް ވިދާޅުވަމުންނެވެ.
ހަމައެހެންމެ ތަނެއްގައި އިޞްލާޙެއް ގެންނަން ނިޔަތް ގަނެވޭނީވެސް، އަދި މަސައްކަތެއް ކުރަން ފަށައިގެނެވޭނީވެސް، އިޞްލާޙެއްކުރަން އެބަޖެހޭކަން އެބަޔަކަށް ވިސްނިގެން ކަމަށް އަދާލަތުގެ ނޫސްބަޔާނުގައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...