ރާއްޖޭގެ ޚަބަރު

ދަރުސްތަކުގައި އަންހެނުންނާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ އަންހެނުންގެ ޙައްޤުތަކަށް ނޭދެވޭ އަސަރުކުރާ ކުރާކަމެއްކަމުގައި، ރައިސް ވިދާޅުވެއްޖެ

ލިޔުނީ ޙުސައިން

ދީނީ ދަރުސްތަކުގައި އަންހެނުންނާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ އަންހެނުންގެ ޙައްޤުތަކަށް ނޭދެވޭ އަސަރުކުރާ ކުރާކަމެއްކަމުގައި، ރައިސްލުޖުމުހުރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެއަޑު މެދުވެރިކުރައްވާ މިއަދު ދެއްވި ހަފުތާގެ ރޭޑިޔޯ ޙިޠާބުގައެވެ. 41 ވަނަ ރޭޑިޔޯ ޙިޠާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ "ބައެއް ބާވަތުގެ ތަޤްރީރުތަކުގައި، ޚާއްޞަކޮށް ދީނީ ތަޤްރީރުތައް ކަމަށް ވިދާޅުވެ، މިސާލަކަށް [ސުވަރުގެ] ބަޔާންކުރާއިރުގައި ނުވަތަ [ނަރަކަ] ސިފަކޮށްދޭއިރުގައި، އަންހެން ބޭފުޅުންނާ ގުޅޭގޮތުން އެ ދެކެވޭހާ ވާހަކަތައް އެއީ، އެބޭފުޅުން ހިތްހަމަޖެހޭ ކަމެއް ނޫނޭ. އަދި އެބޭފުޅުންގެ ޙައްޤުތަކަށްވެސް އަދި އެބޭފުޅުން ކަންކަމާ ދެކޭގޮތަށްވެސް ވަރަށްބޮޑު ނޭދެވޭ އަސަރުތަކެއް ފޯރާ ކަމެކޭ." މިމޭރުމުން ވާހަކަ ދައްކަވަމުން ރައިސްލުޖުމުހުރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ވަރަށްގިނަ އަންހެން ބޭފުޅުންނާއި، އަދި ވަރަށް ގިނަ ފިރިހެންބޭފުޅުންގެ ފަރާތުންވެސް އެމަނިކުފާނަށް މިކަމާއި ގުޅިގެން ޝަކުވާލިބެމެދާކަމަށެވެ.

ޒުވާން އަންހެންބޭފުޅުންނާއި  ފިރިހެން ބޭފުޅުން އެދިވަޑައިގަންނަވަމުން ގެންދަވަނީ މިފަދަ ކަންކަމަށް ސަރުކާރުން ކަނޑައެޅި ހުރަސްއަޅުއްވައި ދެއްވުމަށްކަމަށް ރައިސް ވިދާޅުވިއެވެ. "ވަރަށްގިނަ ޢަދަދެއްގެ ޒުވާން އަންހެން ބޭފުޅުން، އަދި ޒުވާން ފިރިހެން ބޭފުޅުންވެސް، އަޅުގަނޑުގެ ގާތުން އެދެމުން އަންނަނީ، އެބާވަތުގެ ކަންކަން ހިނގިޔަ ނުދިނުމަށް، ހިންގިޔަ ނުދިނުމަށް ސަރުކާރުން ކަނޑައެޅިގެން ހުރަސްއަޅައިދޭށޭ." ކަމަށް ރައިސްލު ޖުމުހުރިއްޔާ ވިދާޅުވިއެވެ.

ރައިސްލުޖުމުހުރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާއިރުގައި، އެއްބާވަތެއްގެ ޚިޔާލާތެއް އެއްބަޔަކު ފާހަގަކުރެއްވީމާ، އެކަމާ ނުރުހޭ ކަމަށްވަނީނަމަ، އެމަނިކުފާނުގެ ނަޒަރުގައި، އެ އަނެއް ޚިޔާލާތަށްވެސް، ދެވަނަ ގޮތްވެސް ނުވަތަ އެހެން ވިސްނުމެއްވެސް އަނެއްކާ އަލުން އަނބުރާ އެހެން ބަޔަކު ހާމަކުރުން ކަމުގައި ރައިސްވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާ ވާހަކައަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާއިރުގައި، އެއްބާވަތެއްގެ ޚިޔާލާތެއް އެއްބަޔަކު ފާހަގަކުރެއްވީމާ، އެކަމާ ނުރުހޭ ކަމަށްވަނީނަމަ، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެންމެ ބުއްދިވެރި ގޮތަކަށްވާނީ، އެ އަނެއް ޚިޔާލާތަށްވެސް، ދެވަނަ ގޮތްވެސް ނުވަތަ އެހެން ވިސްނުމެއްވެސް އަނެއްކާ އަލުން އަނބުރާ އެހެން ބަޔަކު ހާމަކުރުމޭ" ރައިސްވިދާޅުވިއެވެ.

އަދި ރައިސްލުޖުމުހުރިއްޔާ ވިދާޅުވެފައިވަނީ، ރޭޑިޔޯއާއި ޓީވީއިންނާއި މީޑިޔާއާއިން ހުރިހާބާވަތެއްގެ ވާހަކަވެސް އިވިގެންދާނެކަމަށާއި، އެޣެތެރެއިން ރައްޔިތުން ޤަބޫލުކުރާ ގޮތުގެ މަތިން ،އޭގެތެރެއިން ރައްޔިތުން ގަބޫލުކުރާ، ރައްޔިތުން ޚިޔާރުކުރަން ބޭނުން މަގަކަށް ރައްޔިތުން ދިރިއުޅެމުން މަސައްކަތް ކުރަމުން ގެންދާންވީ ކަމުގައި ރައިސްލުޖުމުހުރިއްޔާ ވިދާޅުވިއެވެ.  "ރޭޑިޔޯއާއި ޓީ.ވީ އާއި މީޑިއާގެ ޒަރީޢާއިން ހުރިހާ ވާހަކައެއްވެސް، ރާއްޖޭގެ ހުރިހާ ގެއަކަށްވެސް، ހުރިހާ ރައްޔިތުންނަކަށްވެސް އިވެމުންދާނެ. އޭގެތެރެއިން ރައްޔިތުން ގަބޫލުކުރާ، ރައްޔިތުން ޚިޔާރުކުރަން ބޭނުން މަގަކަށް ރައްޔިތުން ދިރިއުޅެމުން މަސައްކަތް ކުރަމުން ގެންދާނީ" ރައިސްލު ޖުމުހުރިއްޔާ ވިދާޅުވިއެވެ.

އަދި ރައިސްލުޖުމުހުރިއްޔާވަނީ އެއްވެސް ބިރުދެއްކުމެއްނެތި ދީނީ ދަރުސްކުރިއަށްގެންދެވުމަށް ގޮވާލައްވާފައެވެ. ،  "އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ހުރިހާ ބޭފުޅުންވެސް ޞުލްހަވެރިކަމާއި އަދި ބިރުދެއްކުމެއްނެތި އެއްވެސް ޙާލެއްގައި އަނިޔާގެ މަގަށް ނުވަތަ ހަމަނުޖެހުމުގެ މަގަށް ކަންތައް ގެންދާނެ ކަމުގެ ވާހަކަތަކާއި ނުވަތަ ޚިޔާލާތާނުލައި ސާފުކޮށް ޚިޔާލުފާޅުކުރަމުން އަދި އެބަޔަކު ދެކޭގޮތް ވަރަށް ޞަރީޙަކޮށް ބަޔާންކުރަމުން ގެންދާނެ ކަމަށް." ރައިސްލުޖުމުހުރިއްޔާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ޤާނޫނީ ވަކީލަކު، ވިދާޅުވީ ރައިސްލުޖުމުހުރިއްޔާގެ މިވާހަކަ ތަކަކީ ޤާނޫނޫއަސާސީއާއި ޙިލާފަށް ދެއްކާފައިވާ ވާހަކައެއް ކަމުގައެވެ

މިފަހަކަށް އައިސް ރައިސްލުޖުމުހުރިއްޔާވަނީ، އެމަނިކުފާނުގެ ރޭޑިޔޯ ޙިޠާބުގައި ނުސީދާގޮތުން ރާއްޖޭގައެ ދީނީ ޢީޅުމުވެރިންނަށް އިންޒާރުކުރައްވާފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އޭ މިތިބަ ބައެއް ޒުވާނުންނޭ! ސުވަރުގެއާ ބެހޭގޮތުން މައުލޫމާތު ނޭންގިހުރެ ނުވަތަ އެވާހަކަ ނުދައްކާ ސުވަރުގެއަށް ވަދެވޭނެތަ.‫​ އަދި ނަރަކައާ ބެހޭގޮތުން މައުލޫމާތު ނޭންގިހުރެ ނުވަތަ އެވާހަކަ ނުދައްކާ އެނަރަކައިން ސަލާމަތްވާން މަސައްކަތްކުރެވޭނެތަ.‫​ އަޅުގަޑުމެން ދުވާލާ ރޭގަޑުގެ ހަތަރުދަމު މިމަސައްކަތްމިކުރަނީ ސުވަރުގެހޯދުމުގައެވެ.‫​ އަދި ނަރަކައިން ސަލާމަތްވުމަށެވެ.‫​

Your email address will not be published. Required fields are marked *