ވާހަކަ

ވާހަކަ: ފޮޓޯގްރާފަރ

އަހަރެން ވާނީ މަޝްހޫރު މޮޑެލް ކުރާ މީހަކަށެވެ. އެއީ އަހަރެންގެ ހުވަފެނެކެވެ. ސްކޫލު ދައުރުން ފެށިގެން އަހަރެންގެ އުންމީދެކެވެ. ކިޔެވި ދުވަސްވަރުގައިވެސް އަހަރެން އެންމެ ސަމާލްކަން ދިނީ އެކަމަށެވެ. އަހަރެންގެ ބުރަސޫރަ ރީތިކޮށް ބެހެއްޓުމަށެވެ. އަހަރެން ދާ ކޮންމެ ތަނެއްގައި ތިބޭ ފިރިހެނުންގެ ކަޅިތައް އަހަންނަށް ހުއްޓެންޖެހޭނެއެވެ. އެއީ އަހަރެން އެންމެ އެދޭ ގޮތެވެ. އަހަރެންގެ ހެދިހުރި އިސްކޮޅާއި، ހަމުގެ ކުލައާއި އޮމާންކަމުން ހުރިހާ ފިރިހެނުންވެސް އަހަންނަށް ކަޅި އަޅާކަން އަހަންނަށް އިނގެއެވެ. އަހަރެންގެ ފަން އިސްތަށިގަނޑާއި ތޫނު ކަޅިރަވައިގެ ޖާދޫގައި އެތައް ބަޔަކު ޖެހޭކަން ސުކޫލް ދައުރުން ފެށިގެން އަހަންނަށް ވަނީ ފާހަގަކުރެވިފައެވެ. އަހަރެން ހިނގާލާފައިދާއިރު، އަހަރެން ފަން އިސްތަށިގަނޑު ވިހުރިލާގޮތުން ވަރަށް ގިނަ ފިރިހެނުންނަށް ކަމުދާކަން އަހަންނަށް އިނގެއެވެ. އަހަރެންގެ މޫނުމައްޗަށް ވައްޓާލާފައިވާ ފަން އިސްތަށިކޮޅު އަހަރެން އަތުން އިރުއިރުކޮޅާ އެއްފަރާތްކޮށްލާ ގޮތް ވަރަށް ގިނަ ފިރިހެނުންނަށް ކަމުދެއެވެ. އަހަންނާއި ހަތަރުކަޅި ހަމަކުރި ގިނަ ފިރިހެނުން ސަމާސާއަކަށް ނަމަވެސް އަހަންނަށް ވަނީ ތަޢުރީފްކޮށްފައެވެ. އަހަރެން އެންމެ ފަޚްރުވެރިވަނީ އަހަންނަށް ލިބިފައިވާ ރަތް ފިޔާތޮށި ކުލައިގެ ތުންފަތާއި ރީތި ދެލޮލުގެ ސަބަބުންނެވެ. މިހުރިހާ ރީތި ސިފަތަކެއް ލިބިފައިވުމުގެ ސަބަބުން މޮޑެލް ކުރުމަކީ އަހަންނާއި އެންމެ ގުޅޭ މަސައްކަތެވެ. އެނޫން ކަމެއް އަހަންނަށް ނުވާނެ ކަން ނޭނގެއެވެ.

” ތީ އެއްވެސް ކަމެއްނޫން.. ތިފަދަ ރީތި، ފުރިހަމަ އަންހެން ކުއްޖަކަށް މޮޑެލްއަކަށް ނޫން.. ސްޕަރ މޮޑެލްއަކަށްވެސް ވެވިދާނެ.. ޝާނީ ބޭނުމިއްޔާ މާދަމާވެސް ހަމަ ފައްޓަންވީ…” އިޝާން އޭނަގެ ކުންފުނީގެ ކާރޑް ދިއްކޮށްލަމުން ބުނެލިއެވެ. އިޝާންއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް މޮޑެލް ކުރުމުގެ ކަންތައް ކުރާ ކުންފުނީގެ އިސްމީހެކެވެ.

” ތިދުވަސް ނައިސްގެން ކެތްމަދުވެފަ މިއިންނަނީ މިހާރުވެސް!.. އަހަރެން ގުޅާފަ މާދަމާރޭ ދާނަން.. ތޭންކްސް ފޮރ ދަ ކޮފީ..” އިޝާންގެ ކާރޑް އަތްދަބަހަށް ލަމުން އަހަރެން ބުނީމެވެ.

އެރޭ ގެއަށް ގޮސް އަހަންނަށް ނިދެނީއެއްވެސް ނޫނެވެ. އަހަންނަށް ވިސްނެމުންދަނީ މޮޑެލްކުރުމާއި ދޭތެރޭގައެވެ. އިރުއިރުކޮޅާ އެނދުން ތެދުވެގެން ގޮސް މޫނު ބަލާ ލޯގަނޑުން އަހަރެންގެ ސޫރައަށް ބަލާލެވެއެވެ. ވަރަށް ރީއްޗެވެ. ފުރިހަމައެވެ. މެގަޒިންގ އެއްގެ ބޭރުގަނޑުގައި އަހަރެންގެ ފޮޓޯއެއް ޖަހާފައި އިންނައިރު، އަދި ކިހާ ފުރިހަމާ ވާނެބާވައެވެ؟ އަހަރެންގެ ހިތަށް އަރައެވެ. އަހަންނަށް ނިދުނީ އެފަދަ ފޮނި ޚިޔާލްތަކުގެ ތެރޭގައި އޮއްވައެވެ.

” ބަރާބަރު ގަޑިއަށް ދޯ ތިއައީ؟” އަހަރެން އިޝާންގެ އޮފީހަށް ވަންއިރު، އިޝާން އިނީ އަހަރެންގެ އިންތިޒާރުގައެވެ.

” މިކަމުގައި ގަޑިއަށް ފަރުވާތެރިނުވެ، ދެން ކޮންކަމެއްގައިތަ އަހަރެން ގަޑިއަށް ފަރުވާތެރިވާނީ؟” ހިނިތުން ވެލަމުން އަހަރެން ބުނީމެވެ.

” ތެދެއް ތިބުނީ. ޝައުޤްވެރިކަން ހުރެގެން ނޫނީ މިކަމެއްނުވާނެ. އާދޭ ފޮޓޯނަގާ ރޫމަށް.” އަހަންނަށް ބަލާލަމުން އިޝާންބުނެލިއެވެ.

އިޝާންގެ ފަހަތުން އަހަރެން ފޮޓޯ ނަގާ ރޫމަށް ވަނީމެވެ. ވަރަށް ފުރިހަމައެވެ. މިޒަމާނުގެ އެންމެ ފަހުގެ ސާމާނުން އެތަން ވަނީ ފުރިހަމަކޮށްފައެވެ. ކެމެރާ ސެޓްތަކާއި ތަފާތު ކުލަކުލައިގެ ލައިޓްތަކުން މުޅިތަން ވަނީ ފުރިފަކަހަލައެވެ. ތަފާތު ސެޓްތައް ހަދާފައި ހުއްޓެވެ. ތަފާތު ބެކްގްރައުންޑްތައް ސިފަވާނެގޮތަށް ކުރެހުންވަނީ ބަހައްޓާފައެވެ. ކުރުކޮށް ބުނާނަމަ، އެއީ މިޒަމާނުގެ އެންމެ ފުރިހަމަ ފޮޓޯނަގާ ސްޓޫޑިއޯއެކެވެ.

” މީ ޗޭންޖިންގ ރޫމް.. ދެން މީނީ އޮފީސް ބައި.. އޮޅިގެންވެސް މިބަޔަށް ނުވަންނާތި..” ސީރިއަސް ރާގެއްގައި އިޝާން ބުނެލިއެވެ.

” ބުނާ ވަރަކަށް އަހަރެން މަސައްކަތް ކުރާނީ.؟” ފަރުވާކުޑަގޮތަކަށް އަހަރެން ބުނީމެވެ.

” ދޭ..ޗޭންޖް ކޮށްލައިގެން އަންނަން. ޝާނީ އަށް ހެޔޮވަރުގެ ކޮސްޓިއުސް އެތާގައި ހުންނާނެ.. ޝާނީ ނިކުންނަންވާއިރަށް އަހަރެން ކެމެރާއަދި ލައިޓިން ހެޔޮވަރުކޮށްލާނަން.” ކެމެރާ ސެޓްކޮށްލަމުން އިޝާން ބުނެލިއެވެ.

އަހަރެން ގޮސް ޗޭންޖިންގ ރޫމަށް ވަނީމެވެ. މިޒަމާނުގެ އަންހެން ކުދިން މޭކަޕްކުރަން ބޭނުންވާ ހުރިހާ ސާމާނެއް އެތަނުގައި ހުއްޓެވެ. އެތަނުގައި ހުރި ހުރިހާ ކޮސްޓިއުމްތައްވެސް ވަރަށް ހިތްގައިމެވެ. ލާފައި ނުލާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އަހަރެން ލީ ކުރިމަތީގައި ޒިބްލާފައި ހުރި، ގަޔަށް ބާރު ކަޅުކުލައިގެ ޓޮޕެކެވެ. ދެން ކަކުލުން ތިރިއަށް ކިރިޔާ ފައިބާ ވަރުގެ ހުދު ސޯޓެކެވެ. ޗޭންޖިން ރޫމުން އަހަރެން ނިކުތުމުން އިޝާން އަހަންނަށް ބަލާލިއެވެ.

” އަސްލު އަހަރެން ހީކުރިވަރަށް ވުރެވެސް ޝާނީ ރީތި. މާރީތި. ހިތްވަރެއް ހުރިއްޔާ ޕެރިސް ހިލްޓަންމެންނާއި ހަމަޔަށް ދާކަށް މާގިނަ ދުވަހެއް ނުނަގާނެ.” އަހަރެން ބޮލުން ފެށިގެން ފަޔަށް ބަލާލަމުން އިޝާން ބުނެލިއެވެ.

އަހަރެންގޮސް ފޮޓޯނަގާ ތަނުގައި ކޮޅަށް ހުއްޓިލީމެވެ. އިޝާން އަހަރެންގެ ފޮޓޯ ނަގަން ފެށިއެވެ. އަހަރެން އިޝާން ބުނި ގޮތްގޮތަށް ޙަރަކާތް ކުރަމުން ގެންދިޔައީމެވެ. ގާތްގަނޑަކަށް ވިއްސަކަށް ގަނޑު ފޮޓޯ އިޝާން ނެގިއެވެ. ދެން މަޑުމަޑުން އިޝާން އައިސް އަހަންނާއި ކައިވެލިއެވެ.

” ޒިބް މިވަރަށް ތިރިކޮށްލީމަ ފޮޓޯތައް އަދި ވަރަށް ރީތިވާނެ!.” އަހަރެންގެ ޓޮޕްގެ ޒިޕްކަހާލަމުން އިޝާން ބުނެލިއެވެ. އިޝާންއަށް ޒިބްކަހާލެވުނީ ތަންކޮޅެއް ބޮޑަށެވެ. އަހަރެން ލަދުން އިސްދަށަށް ޖަހާލީމެވެ.

” ވަރަށް ކެރިގެން މިކަހަލަ ކަންތައްތައްވާނީ.” އަހަރެންގެ ދަތްދޮޅީގައި ހިފާ ހިއްލާލަމުން އިޝާން ބުނެލިއެވެ.

” އިނގޭ ތިކަން. ވަރަށް ކެރިގެން ކުރިމަތިލައިގެންވެސް މިއުޅެނީ.” ޒިބްގެ ކުޑަކުޑަތަންކޮޅެއް މައްޗަށް ޖައްސާލަމުން އަހަރެން ބުނީމެވެ.

ފޮޓޯތައް ނަގާ ނިމުމުން ހުރިހާ ފޮޓޯތަކެއް އިޝާން އަހަންނަށް ދެއްކިއެވެ. އިޝާން ބުނިހެން ފަހުން ނެގިފޮޓޯތައް މާފުރިހަމައެވެ. ހަމަ ގައިމުވެސް ބަލާ މީހުން އަޅައިގަންނާނެއެވެ. އަހަރެން ބޭނުންވާ ގޮތަކީވެސް އެއީއެވެ. ކޮންމެ ގޮތެއްވިޔަސް ބަލާ މީހުން އަހަންނަށް ތަޢުރީފްކުރާނެއެވެ. އެއީ އަހަރެންގެ ކުރިއެރުމެވެ.

” ޝާނީ.. ހާދަ ފާޑެއްގެ ފޮޓޯއެކޭ “މޯލްޑިވިއަން މޮޑެލްސް” މެގަޒިންގެ ބޭރުކަވަރުޕޭޖްގައި ޖަހާފަ އެއިނީ! އަނެއްކާ ހަމައިގަ އިނދެގެން ނެގި ފޮޓޯއެއްތަ އެއީ؟ އަހަރެން ބޭނުމެއްނޫން ޝާނީ މޮޑެލްކުރާކަށް! އަހަންނާއި ރައްޓެހިވެގެން އުޅެން ބޭނުމިއްޔާ ހަމަ މިހާރު ތިކަން ހުއްޓާލާ! ” ގޭގައި ހުއްޓާ ޢާލިމް ގުޅާފައި އިންޒާރު ދިނެވެ.

” ޢާލިމް. މީ އަހަރެންގެ ކެރިއަރ.. މިކަމަށް ހުރަސް އަޅަންޏާ ޢާލިމްވެސް ޖެހޭނީ އަހަންނާއި ދުރަށްދާން.. އަހަރެން މޮޑެލްކުރުން ހުއްޓައެއްނުލާލަން.. އޯ.ކޭ..” އަހަރެން ބުނީމެވެ.

” ތިއަށްވުރެ މާރަނގަޅުވާނެ އެއްވެސް އެއްޗެއް ނުލާ ފޮޓޯ ނެގިޔަސް! މާ މަޝްހޫރުވެފަ އަގުބޮޑުކޮށްވިކޭނެކަން ނޭނގެ! ތިކުރަނީ މޮޑެލެއްނޫން.. ތިމޮޔަވަނީ.. ތިހެން އުޅެގެން ‘ރީތި ފޮޓޯއެއް’ ނެގުނީމަ ހުންނާނީ މޮޅަށް މޮޑެލްކުރެވިފަ! އެދުވަހަކުން ރީތި ތަސްވީރެއް އޮންނާނީ ޙަޔާތުގައި ކުރެހިފަ! ލަދެއް ނުގަނޭތަ ތިހެން އުޅޭކަށް؟” ޢާލިމް ރުޅިއައިސްފައި ބުނެލިއެވެ.

” އަހަރެން އުޅެންޖެހޭ ގޮތާއި، ކުރަންޖެހޭ ކަންތައް އިނގޭނީ އަހަންނަށް. އަހަންނަށް ލިބިދާނެ ކިތައްމެ ފިރިހެނަކުވެސް. ބަލަން ހުއްނައްޗޭ ދުވަސް ކޮޅަކުން އަހަރެން ފަހަތުން އާދޭސްކުރަމުން ދުވަނީ ކިތައް މީހުންތޯ؟ އޯ.ކޭ. އައި. ޑޯންކް ކެއަރ…” އަހަރެން ހާސްވާކަށް ނުޖެހެއެވެ.

” އެހެންތަ؟ އަހަންނަށް ހީވަނީ ތިއުޅެނީ އެހެން ގޮތަކަށް މަޝްހޫރު ނުވެވިގެންހެން.. މިހާރު ތިހުރީ ތިކަމަށް ދެވި ހިފާފަ. އެކަމު ފަހުން ޝާނީ ހިތާމަ ކުރާނެ..” ޢާލިމް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

” އޯ.ކޭ. ވަޓް އެވަރ.. ބަޓް އަފްޓަރ ދިސް ޕްލީސް ޑޯންޓް އެވަރ ކޯލްމީ!” އެހެން ބުނުމަށްފަހު އަހަރެން ފޯން ބޭއްވީމެވެ.

ތެދެކެވެ. އަހަންނަށް ކުރިއެރުން އޮތީ މޮޑެލް ކޮށް ގެނެވެ. އެއީ މައްސަލައެއް ހެއްޔެވެ؟ އަނެއްކޮޅުން އަހަރެންގެ ހިތްވަރެއް ހުރިއްޔާ ދުނިޔޭގެ މަޝްހޫރު މޮޑެލްއަކަށް ވެވިދާނެއެވެ. އޭރުން މިކުޑަކުޑަ ރާއްޖެއަށްވެސް އެލިބުނީ ކިހާ ރީތި ޝަރަފެއް ހެއްޔެވެ؟ މިއުޅެނީ ފިރިހެނުންގެ ވިސްނުން އަދިވެސް ވަރަށް ހަންޏެވެ. އެހެން އަދި ފޮޓޯއެއް ނަގާފައި އިނުމުން މީހާގެ އަގެއް ނުވެއްޓޭނެއެވެ. އަނެއްކޮޅުން އަހަންނަކީ ގޯސް އަންހެން ކުއްޖެއްވެސް ނޫނެވެ. މާލޭގެ މަގުމަތީގައި އެގޮތަށް ހެނދުން އަޅައިގެން ހިނގަނީ ކިތައް އަންހެން ކުދިން ހެއްޔެވެ؟ އަޅެ، ރޭގަނޑު ނުކުމެ ބަލާލާށެވެ. ބައިވަރު ފެންނާނެއެވެ. އަހަރެންގެ ފޮޓޯއެއް މެގަޒިންގެ ބޭރުގައި އިނުން އެއީ ދެން މާބޮޑު އިޝޫއެއް ހެއްޔެވެ؟ ޒަމާނާއި އެއްވަރަށް ތަރައްޤީ ނުވާނަމަ، ދުނިޔޭގައި އުޅޭނެކަމެއްނެތެވެ.

” ޔޫ ލުކް ސްޕާރބް އިން ދެޓް ފިކް.. އަހަރެންވެސް ބޭނުން އަހަރެންގެ ރިސޯރޓްގެ މެގަޒިންގެ ކަވަރޕޭޖްގައި ޝާނީގެ ފޮޓޯއެއް ޖަހަން.. ހަވްމަޗް ޑޫ އައިހޭވްޓް ގިވް ޔޫ ފޮރ ދެޓް؟” އިރުކޮޅެއްފަހުން ރާއްޖޭގެ މަޝްހޫރު ރިސޯރޓް އޯނަރަކު އަހަންނަށް ގުޅާފައި އަނހާލިއެވެ.

އަހަރެން އަގު ބުނީމެވެ. އެއަގަށް އޭނާ އެއްބަސްވިއެވެ. ފަހުންވެސް ދިހަ ވަރަކަށް ފޯން ކޯލް އައެވެ. މުޅިންވެސް ނަން މަޝްހޫރު ވިޔަފާރި ވެރިންނެވެ. ދެން ފުލުފުލުން އެސް.އެމް.އެސް އަންނަން ފެށިއެވެ. ހުރިހާ އެސް.އެމް.އެސްގައިވެސް ހުރީ އަހަންނަށް ތަޢުރީފްކޮށްފައެވެ. ބައެއް މީހުން އަހަންނަށް ލޯބިވެސްހުށަހެޅިއެވެ. ދެތިން މަސް ފަހެވެ. މޮޑެލް ކުރުމުގެ ދާއިރާގައި އަހަރެން ކުރިއަށް ދާން ފެށިއެވެ. މުޅި ރާއްޖޭގައި ނަން މަޝްހޫރު މީހަކަށް އަހަރެން ވިއެވެ. ހެނދުނު ހެނދުނާ ޕޮރޮގްރާމްއާއި ހެއްޔަންބޯގެ ޚާއްޞަމެހެމާނަކަށް އަހަރެން އެރުވިއެވެ. އަހަރެން އުފަލުން ގޮތެއް ނެތެވެ. މޮޑެލް ކުރުމުގެ ދާއިރާގައި ކުރިއަށް ދެވޭތީއެވެ.

” މީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. ރަނގަޅަށް މަސައްކަތް ކުރެވިއްޖެއްޔާ މީގެން މިލިޔަނެއްހާ ރުފިޔާ ލިބޭނެ.. ވާނެތަ ޝާނީއަށް؟” އިޝާން އާއި އަހަރެން ތިބީ އޮފީހުގައެވެ.

” އައެމް ރެޑީޓް ޓޭކް އެނީ ޗެލެންޖް.” ހިނިތުންވެލަމުން އަހަރެން ބުނީމެވެ.

” ދެޓްސް މައި ގާރލް..” އަހަރެންގެ ކޮލުގައި ހިފާލަމުން އިޝާން ބުނެލިއެވެ.

އެހެން ބުނުމަށްފަހު އިޝާން ދިޔައީއެވެ. ދެން އަހަރެންގެ ފޯން ރިންގްވާންފެށިއެވެ. ރިންގްވިތަނާހެން ޗާރޖްހުސްވެގެން ފޯން ނިވިއްޖެއެވެ. ދެން ބަލާލެވުނީ ސްޓޯޑިއޯ ތެރެއެވެ. ޗާރޖަރެއް ފެންނަ ހިސާބުގައިވެސް ނެތެވެ. ހިތަށް އެރިއެވެ. އޮފީސްބައިގެ ތެރޭގައި ޗާރޖަރެއް އޮވެދާނެއެވެ. އިޝާންއާއި އަހަރެން ބޭނުންކުރަނީ އެއްވައްތަރެއްގެ ދެފޯނެވެ.

އަހަރެން ގޮސް އޮފީސް ބަޔަށް ވަނީމެވެ. އިޝާންގެ މޭޒުމަތީގައި ޗާރޖަރެއް އޮތެވެ. އަހަރެން ގޮސް މޭޒުކައިރީގައި މަޑުކޮށްލީމެވެ. ދެން ފޯން ޗާރޖްކުރަން ފެށީމެވެ. ދެން އިޝާންގެ މޭޒުމައްޗަށް ބަލާލީމެވެ. މޭޒުމަތީގައި މުޅިންވެސް އޮތީ އަހަރެންގެ ފޮޓޯތަކެވެ. ކޮމްޕިއުޓަރގެ ސްކްރީން ސޭވަރއަށްވެސް ލާފައިވަނީ އަހަރެންގެ ފޮޓޯތަކެވެ. އެފޮޓޯތަށް ބަލާލުމަށްޓަކައި އަހަރެން އިޝާންގެ ގޮނޑީގައި އިށީނީމެވެ. ދެން ކޮމްޕިއުޓަރ މައުސްއަށް ކްލިކު ކޮށްލީމެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. ކޮމްޕިއުޓަރ ޑެސްކްޓޮޕް ބެކްގްރައުންޑަށް ލާފައި އިން ތަޞްވީރު ފެނުމުންނެވެ. އަހަރެން ޗޭންޖިންގ ރޫމްގައި އުޅެނިކޮށް ނަގާފައި އިން ތަޞްވީރެކެވެ. އިޝާން އެތަޞްވީރު ހޯދީ ކިހިނެއް ހެއްޔެވެ؟ އެފަދަ ތަޞްވީރެއް މީހަކަށް ފެނިއްޖެނަމަ، އަހަރެންގެ އަގު ވެއްޓުނީއެވެ. ހިތަށް އެރިއެވެ. އެކަހަލަ ބައިވަރު ތަޞްވީރު ހުރެދާނެއެވެ. ރަނގަޅަށް ކޮމްޕިއުޓަރ ސާރޗްކޮށްލީމެވެ. ކަމަކު ދާކަށް ނެތެވެ. މިވީ ހުރިހާ ދުވަހު ޗޭންޖިންގ ރޫމްގައި އަހަރެން ކުރި ހުރިހާ ކަމެއްގެ ތަޞްވީރުތައް ހުރީ އިޝާންގެ ކޮމްޕިއުޓަރަށް ސޭވްކޮށްފައެވެ. ނުވިތާކަށް އަހަރެން ކުރި ހުރިހާ ކަމެއްގެ ވީޑިއޯވެސް ރިކޯރޑްކޮށްފައި ހުއްޓެވެ. އެއިން އެއްވެސް އެއްޗެއް ލީކުވެއްޖެނަމަ، އަހަރެން އަންނައުނު ލައިގެން މީހުންގެ ތެރޭގައި އުޅުމުގެ ބޭނުމެއްނެތެވެ. އަހަރެންގެ އަގެއް ޤަދަރެއް ނޯންނާނެއެވެ. ދެން ފެނުނީ މޭޒުމަތީގައި ބާއްވާފައިވާ ފޮޓޯއަލްބަމެކެވެ. އަހަރެން އެއަލްބަމް ހުޅުވާ ބަލާލީމެވެ. އަލްބަމްގައި ހުރީ މުޅިންވެސް ރީތި ދިވެހި އަންހެން ކުދިންގެ ފޮޓޯއެވެ. ކޮންމެ އަންހެން ކުއްޖެއްގެ ފޮޓޯގަނޑުގެ ތިރީގައި އިނގިރޭސިން “ޑަން” ތާރީޚަކާއިއެކު، ޖަހާފައިވާ ހުދު ކުލައިގެ ގަނޑު ކޮޅެއް ލާފައި އޮތެވެ. އެންމެ ފަހުގެ ފޮޓޯއަކަށް އޮތީ އަހަރެންގެ ފޮޓޯއެވެ. އެފޮޓޯ ގަނޑުގެ ތިރީގައި ހުދު ގަނޑުކޮޅެއްގައި “ނެކްސްޓް” ޖަހާފައި އޮތެވެ. މިވާ ގޮތް އޮޅުން ފިލީ ދެނެވެ. އަވަސް އަވަހަށް ހުރިހާ އެއްޗެއް އަހަރެން ޑިލީޓް ކޮށްލީމެވެ.

އަހަރެން ތެދުވެގެން ގޮސް ޗޭންޖިންގ ރޫމް ބަލާލީމެވެ. އިޝާން ވަރަށް ވެސް ހުޝިޔާރެވެ. ވަރަށް ބޮޑަށް ވިސްނައިގެން ބަލައިގެން ނޫނީ އިޝާން ހަރުކޮށްފައިވާ ސްޕައި ކެމެރާތައް އެއްވެސް މީހަކަށް ނުފެންނާނެއެވެ. ހުރިހާ ކެމެރާތަކެއްވެސް ހުރީ ހީނުކުރާފަދަ ތަންތަނުގައެވެ. ސްޓޯޑިއޯގެ އެތަން މިތަނުގައި އެކަލަ އެތައް ކެމެރާއެއް ހަރުކޮށްފައި ހުއްޓެވެ. ސެޓްތައް ޑިޒައިން ކޮށްފައިވާ ގޮތާއި، އޭގައިވާ ކުރެހުންތަކުން އެއިން ތަނެއްގައި ކެމެރާއެއް އިނަސް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެކަންކޮށްފައިވަނީ އެހާވެސް މޮޅަށެވެ.

” ހާދަ ހާސްވެފަ..؟” އިޝާންއައިސް އަހަރެންގެ ކޮނޑުގައި ކޮށްޓާލަމުން ބުނެލިއެވެ.

” ދެން ބޭނުމެއްނޫން މިތާގައި މަސައްކަތް ކުރާކަށް..” ރުޅިވެރި ރާގަކަށް އަހަރެން ބުނީމެވެ.

” އޮފީސް ބަޔަށްވަދެފަ ދޯ ތިއައީ.. އަހަންނަށް އިނގޭ އެކަން.. ވަރަށް ސަޅިފޮޓޯ ތަކެއް ފެނުނުދޯ.. އެޑިލީޓްވެސް ކޮށްލިންދޯ.. ޝާނީ މާސީރިއަސްކޮށް އިނުމުން އަހަރެން އެތަނަށް ވަތްކަންވެސް ނޭނގުނުދޯ.. ޝާނީ އެތަނުން ތެދުވުމުގެ ކުރިން ބޭރަށް ނިކުމެލާފައި މިއައީ.. އެކަމަކު ވަރަށް ދެރަ. އެހުރިހާ ވީޑިއޯއަކާއި ތަޞްވީރު ތަކުގެ ބެކަޕް މިއޮތީ..” އިޝާންގެ ޖީބުން އެކްސްޓަރނަލް ހާޑް ޑިސްކެއް ނަގާ ދިއްކޮށްލަމުން ފަޚްރުވެރިކަމާއިއެކު ބުނެލިއެވެ.

” އެހެންތަ؟ މިކަމުގައި އިޝާން ގޮވައިގެން ކޯޓަށްވެސްދާނަން.” އަހަރެން ވަރަށް ރުޅިއައެވެ.

” އެއްކަމެއްވެސް ނުކުރެވޭނެ. މިއޮތީ ކޮންޓްރެކްޓް. މީގަ މިއޮތީ ޝާނީގެ ސޮއި. ސޮއިކުރިއިރުވެސް ބުނިން ވިސްނާފަ ސޮއިކުރާށޭ..” ކޮންޓްރެކްޓް ނަގާ ދައްކާލަމުން އިޝާން ބުނެލިއެވެ.

ތެދެކެވެ. އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ކޮންޓްރެކްޓްގެ ހަތްވަނަ މާއްދާގައި ވަނީ އެހެންނެވެ. މޮޑެލްކުރުމުގެ ތެރޭގައި ދިމާވާ އެއްވެސް މައްސަލައެއްގައި، އެއްވެސް ޙާލަތެއްގައި ކޯޓަށް ނުވަތަ ޝަރީޢަތަށް ދިއުމުގެ އެއްވެސް ބާރެއް އަހަންނަށް ނޯންނަކަމެވެ. އަހަރެން ކުރާ ނުވަތަ ކުރި ހުރިހާ ކަމަކީވެސް ހިތުން ރުހިގެން ކުރި ކަންތައްތައްކަމުގައެވެ. މޮޑެލްކުރާހިތުން ބަލާނުލާ އަހަންނަށް ސޮއިކުރެވުނީއެވެ. އަނެއްކޮޅުން، މައްސަލަ ޖައްސާކަމުގައިވާނަމަ، ހަލާކުވާނީ އަހަންނެވެ. އިތުރަށް، ބަދުނާމްވާނީވެސް ހަމަ އަހަންނެވެ. މިހާރު ބާރު އޮތީ އިޝާން އަތުގައެވެ. އެފޮޓޯތަކާއި ވީޑިއޯތަކުގެ ފައިދާ އިޝާންއަށް ނެގިދާނެއެވެ. ޢާއްމުންގެ ތެރެއަށް އެތަކެތި ލީކުވުމަށްވުރެ، އިޝާންގެ އަތުގައި ހުރުންވެސް އަހަންނަށް ހެވެވެ. އޭރުން ހުރިހާ މީހުންނަކަށް ނުފެންނާނެއެވެ. އެކަމު އަހަރެން އުޅެންޖެހޭނީ ބޯހާސްކަމެއްގެ ތެރޭގައެވެ. ހަމަ ނިދިވެސް ދެން އަހަންނަށް ނުލިބޭނެއެވެ. އަހަންނަށް ވިސްނޭނީ އެކަމާއި ދޭތެރޭގައެވެ. މިއޮތީ ޢާލިމް ބުނި ދުވަސް އައިސްފައެވެ. އަހަރެން އުޅެން ޖެހޭނީ އިޝާންގެ ދަށުވެގެންނެވެ. ހިތަށް އަރައެވެ. މިކަމުން ސަލަމާތްވާނީ ކޮން އިރަކުބާވައެވެ؟ ފޮޓޯގްރާފަރުންނަކީ އެހާ މަކަރުވެރި ބައެއްކަމެއް ކުރިން އަހަރެން ނުދަންނަމެވެ. އެކަން އިނގުނުނަމަ މޮޑެލްކުރަން ކީއްހެއްޔެވެ؟ ފޮޓޯއެއްވެސް ނަގާކަށް ތަނަކަށް އަހަރެން ދުވަހަކުވެސް ނުދިޔައީމުހެވެ.

=ނިމުނީ=

ގުޅުންހުރި

3 ޚިޔާލު

  1. ވަރަށް ރީތި ވާހަކައެއް.. މިފަދަ ވާހަކަތަކުން ޢިބްރަތް ހޯދާށެވެ.

  2. ehaaa reeecheh noon. ekamves den okey..

  3. މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ދެފަހަރު ކައްޓްއް ނުޖެހޭނެއެވެ.

Your email address will not be published. Required fields are marked *

More in ވާހަކަ