ރިޕޯޓް

ރާވިއްކުން ހުއްދަކުރަން ބޭނުންވާ ފަރާތްތަކުގެ ވިންދުތައް 3

އަމަލު ނުކުރުމަށް ނިންމާފައިވާ ރަލާބެހޭ ޤަވާއިދަށް ސަޕޯޓްކޮށް މިބައިމީހުން ބުނާ އަނެއް ވާހަކައަކީ، 1400 އަހަރު ކުރިން ޓޫރިޒަމެއް ނެތެވެ. އޭރާއި މިހާރާއި ތަފާތެވެ. ރާވިއްކުމުގެ ބޭނުމަކީ ޙަރާމް ކަމަކަށް އަރައިގަތުމެއް ނޫނެވެ. ރާވިއްކުމުގެ މަޤްޞަދަކީ ފަތުރުވެރިކަން ކުރިއެރުވުމެވެ. ޤައުމަށް މަންފާއިތުރު ކުރުމެވެ. މިވަރުގެ އިޤްތިސާދެއް ނުދަންނަ 'މުއްލާއިންގެ' ބަސްޤަބޫލުކޮށްގެން ޤައުމު ކުރިއަރުވާނީ ކިހިނެއްތޯއެވެ؟
ޙަޤީޤަތަކީ، މިބައި މީހުންނަކީ މަންފާއަށް އެކަނި ވިސްނާބައެކެވެ. އަދި ދުނިޔެއާއިމެދު އެކަނި ވިސްނާ ބައެކެވެ. 'މުއްލާއިން' ބަލާފަދައިން ކަމުގެ ދެކޮޅުބަލާ ބައެއް ނޫނެވެ. ކީރިތި ޤުރުއާނުގައި ރާ ޙަރާމް ކުރެއްވި އިރު، ރާ ބުއިމަކީ ނުވަތަ ވިއްކުމަކީ މަންފާ ނުލިބޭ ކަމެކޭ ވަޙީއެއް ނުކުރައްވައެވެ. އަދި ކިއެއް އެއީ މަންފާ ލިބޭކަމެއް ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ. ނަމަވެސް، އެއިން ލިބޭ އެކިކަހަލަ ގެއްލުމާ ލިބޭ މަންފާއާއި އަޅާ ކިރާއިރު  މަންފާއަށްވުރެ ލިބޭގެއްލުންތައް މާބޮޑުކަމުގައި ބަޔާންކުރައްވާފައި ވެއެވެ.
"އޭ މުޙައްމަދުގެފާނެވެ! ބަނގުރާއާއި މައިސިރު (ޖުވާ)ގެ ކުޅިވަރާމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެކަމުގައިމެ ބޮޑުވެގެންވާ ފާފަ ވެއެވެ. އަދި އޭގައި މީސްތަކުންނަށް ފައިދާ ވެސް ވެއެވެ. ނަމަވެސް އެއިން ލިބޭ މަންފާއަށްވުރެން ލިބޭ ފާފަ މާބޮޑެވެ..."  (ސޫރަތުލް ބަގަރާ 219ވަނަ އާޔަތް)
ވީމާ 'މުއްލާއިން'ގެ ވިސްނުމާއި ފިކުރު ފޯރުވާހާއި ދުރަށް މިމީހުންގެ ވިސްނުމާއި ފިކުރުވެސް ފޯރުވާނަމަ، އެކަހަލަ އެއްކޮޅަށް ބުރަވާ ވިސްނުމެއް ނުގެންގުޅޭނެކަން ޔަޤީނެވެ. އަނެއްކޮޅުން، ފަތުރުވެރިން ރާއްޖެއަންނަނީ ރާބޯކަށް ނޫނެވެ. ނުވަތަ އޫރުމަސް ކާކަށް ނޫނެވެ. އެތަކެތި ނުވިއްކިޔަސް ފަތުރުވެރިން ރާއްޖެ އަންނާނެކަން ޔަޤީނެވެ. ފަތުރުވެރިން ރާއްޖެ އަންނަނީ ރާއްޖޭގެ ރީތިކަން ދެކިލުމަށެވެ. ގޮޑުދޮށްތަކުގައި ހިތްއުފާކުރުމަށެވެ. ކަނޑުތަކުގައި ފީނާލުމަށެވެ. ދުނިޔޭގެ ފަތުރުވެރި ކަމުގެ ގާތްގަޑަކަށް %10 ހިއްސާކުރާ މިޑުލް އީސްޓްގައި ފާހަގަކޮއްލެވޭ މަތީފަންތީގެ އެތަކެއް ސަތޭކަ ހޮޓަލެއް ރަލާއި އޫރުމަސް ނުވިއްކައި ހިންގަމުން ދެއެވެ. ފަތުރުވެރިން ދުނިޔޭގެ އެކިމަންޒިލް ތަކަށް ޒިޔާރާތްކުރަނީ ރާބޯކަށް ނުވަތަ އޫރުމަސް ކާކަށެއް ނޫނެވެ. އެމީހުން އެހެން ޤައުމުތަކަށް ޒިޔާރާތްކުރަނީ އެޤައުމުތަކުގެ ތާރީޚައި، ދީނާއި އާދަކާދަތައް ދެނެގަތުމަށެވެ. އެތަކެތި މުގުރާކަށެއް ނޫނެވެ. ދުނިޔެވީ އެދުމަކަށްޓަކައި ދީނާއި ތަރިކަ ވިއްކަން މަސައްކަތް ކުރަނީ އަހަރުމެންނެވެ.
ދެން މިމީހުން ބުނާ އެންމެ ދެކޮޅުނުޖެހޭ ވާހަކައަކީ، މިފަދަ ގަވާއިދެއްގެ ސަބަބުން އަޅުގަނޑުމެންގެ އަގީދާ އަށް އަސަރު ކުރަންވީ ކީއްވެތޯއެވެ؟ މަގުމަތީގަ ރާ ހިލޭ ބެހިއަސް އަގީދާ ވަރުގަދަ ބަޔަކު ހަމަ ގައިމުވެސް ނުބޯނެއެވެ. ވީމާ، މިފަދަ ޤަވާއިދުތަކާއި ދެކޮޅަށް އަޑުއުފުލަނީ އަޤީދާ ބަލިކަށި މީހުންނެވެ.
އާއެކެވެ. މަގުމަތީގައި ބަނގުރާ ހިލޭ ބެހިޔަސް އަޤީދާ ހަރުދަނާ އަޅަކު އެ ނުބޯނެއެވެ. ސަބަބަކީ މާތްﷲ އެކަން ޙަރާމް ކުރެއްވީތީއެވެ. ހަމަ އެގޮތަށް ޓޫރިސްޓަކު ދިވެހި ޤައުމަށް ނަޔަސް އަޤީދާ ހަރުދަނާ މުސްލިމަކު ރާވިއްކައިގެން ފައިސާއެއް ނުހޯދާނެއެވެ. އެއީވެސް މާތްﷲ ޙަރާމްކުރައްވާފައި ވާތީއެވެ. އެހާހިސާބަށް ވިސްނުން ނުފޯރީތޯއެވެ؟ ނުވަތަ ތިޔަ ވިދާޅުވާ އަޤީދާއަކީ ކޮބާތޯއެވެ؟ އެއީ ފާފަތަކަށް ހުޅުވިފައިވާ ދޮރުތައް މަދުކަމުން އަދިވެސް އިތުރު ދޮރުތައް ހުޅުވާލުންތޯއެވެ؟ ނުވަތަ ތިޔަ އަޤީދާއަކީ ރަލަކީ އިންސާނާގެ ހަށިގަނޑަށާއި ފުރާނައަށް ގެއްލުންވާ އެއްޗެއްކަން ތިމާ ޤަބޫލުކުރާތީވެ ތިމާ އެކަން ނުކޮށްހުރެ، ތިމާގެ އަމިއްލަ އެދުމަކަށްޓަކައި، ފައިސާ ކޮޅަކަށްޓަކައި އެހެންއިންސާނުން 'މަރުގެ' ތެރެއަށް ވެއްޓިގަތަސް ތިމާ އެކަން 'އޯކޭ'ކޮށްގެން ބަލަން ހުރުންތޯއެވެ؟ ނުވަތަ ތިޔައަޤީދާއަކީ ކާއިނާތުގެ ވެރި އިލާހު ނަހީކުރައްވާފައިވާ ކަންތައްތައް ކުރުންތޯއެވެ؟ ނުވަތަ އެކަންކަމަށް ސަޕޯޓްކުރުންތޯއެވެ؟ އެހެންކަމަށް ވާނަމަ ތިޔަފަދަ އަޤީދާއަކަށް އަޅުގަނޑުމެން ދިވެހި މުސްލިމުން 'ސަލާ'މެވެ. އަލްވަދާއެވެ.
ދިވެހި ވިސްނުންތެރި ރައްޔިތުންނޭވެ! މިބައިމީހުންގެ މިވާހަކަތަކުގެ ފަހަތުގައި ފޮރުވިފައިވާ މަޤްސަދުތަކެއްވެއެވެ. އެއީ މިހާރުވެސް މުއްސަދިން އިތުރަށް މުއްސަދި ވުމެވެ. އަދި އެމީހުންގެ ތެރޭގައިތިބި ބޯ މީހުން އަމާންކަމާއި އޮމާންކަމާއެކުތިބެ ބުއިމަށް އިތުރު ދޮރުތައް ހުޅުވުމެވެ. ޤައުމަށާއި މުޖުތަމައަށް ކޮންމެކަހަލަ ގެއްލުމެއް ލިބުނަސް އެމީހުނަށް ފަރުވާލެއްނެތެވެ. އަދި ކިއެއް އެމީހުންނަކީ މަރަކަށް އާޚިރަތަކަށް ފަރުވާލެއްބަހައްޓާ ބައެއްނޫނެވެ. ވީމާ މިއީ ދިވެހި ރައްޔިތުން އެކަމަށް ސަމާލުވެ ވިސްނަންޖެހޭނެ ކަމެއްކަން ޔަޤީނެވެ. ތިމާމެންގެ ދެދުނިޔޭގެ ފަލާހާ ކާމިޔާބަށްޓަކައެވެ.

 

ލިޔުނީ: ދޮންވެލި

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް