ވާހަކަ

މޮޅު ކުޅުންތެރިއަކަށް ވުމުން ހުރިހާ އުފަލެއް ނުލިބުނެވެ.

ފުޓު ބޯޅައަކީ އަހަރެންގެ ލެއާ ގުޅިފައިވާ ކުޅިވަރެވެ. އެކުޅިވަރަކީ އަހަރެންގެ އާމުދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެވެ. އަހަރެންގެ މޮޅު ކުޅުމުގެ ސަބަބުން، ރާއްޖޭގެ ބޮޑެތި ޓީމުތައް އަހަރެންނަށް ކަޅި އަޅަމުން ދިޔައީ، އެކަމުގެ ސަބަބުން އަހަރެން ފަޚުރުވެރިވާ މިންވަރަށެވެ. ރާއްޖޭގެ މަޝްޙޫރު ކުލަބެއްގެ ފުރަތަމަ އެގާރަގައި އަހަރެން ހިމެނިގެން ދިޔުމަކީ، އަހަރެންގެ ސަޕޯޓަރުން އިތުރުވެގެން ދިޔަ ކަމެއް ކަމެއްގެ ގޮތުގައެވެ.
އަހަންނަށް ލިބިފައިވާ މޮޅު ހުނަރަކީ ބޮޑެތި ޓީމުތަކުގެ އިތުރުން، ރާއްޖޭގެ ބޮޑެތި ޓީމުތަކަށް ކޯޗް ކޮށްދިނުމަށްޓަކައި، ޔޫރަޕްގެ ޤައުމުތަކުން އަންނަ ކޯޗުންނަށް ވެސް އަހަންނަށް ޝައުޤުވެރިވާ ސަބަބެވެ.
އަހަރުގެ ފުޓު ބޯޅަ ސީޒަން ނިމި، އޮފް ސީޒަން ކުރިމަތިވި އިރު، ރާއްޖޭތެރޭގެ ދެރަށެއްގެ މުބާރާތް ކުޅުމަށް އަހަންނަށް ވަނީ ދަޢުވަތު ލިބިފައެވެ. އޭގެ ތެރެއިން އެއްރަށަކީ ރާއްޖޭ މަޝްހޫރު ބޮޑެތި ރަށްރަށުގެ ތެރެއިން ރަށެކެވެ. އެރަށުން އަހަންނަށް ލިބުނު ހުށަހެޅުން އަނެއް ރަށަށް ވުރެ މޫސާރަ ކުޑައެވެ. ނަމަވެސް އަހަރެން ގަސްތު ކުރީ އެރަށަށް ދިއުމަށެވެ. ސަބަބަކީ އެރަށަކީ އާބާދީ ބޮޑު ރަށަކަށް ވުމުން އެރަށުގައި އަހަންނަށް ލިބޭނެ މަޤުބޫލުކަން ބޮޑުވާނެތީއެވެ.
ނޮވެމްބަރު މަހު ފަހު ކޮޅު އަހަރެން އެރަށަށް ދާން މާލެއިން ފުރީމެވެ. އެރަށުގެ ބަނދަރު މަތީގައި ދެޖިންސުގެ ޒުވާނުން އަހަރެން އިސްތިޤުބާލުގައި އައިސް ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން އަހަންނާއެކު ފޮޓޯ ނެގުމަށް ބޭނުންވިއެވެ.
އަހަރެން ކުޅެން ހަމަޖެހިފައިވާ ޓީމުގެ ފަރިތަކުރުން ތަކުގައި އަހަރެން ބައިވެރިވާން ފެށީމެވެ. އަހަރެން ދިޔުމަށްފަހު ފަރިތަކުރުން ތަކުގައި އެންމެ އިސް ކޮށް އުޅެނީވެސް އަހަންނެވެ. އަހަރެމެން ޓީމު ފަރިތަކުރާއިރު އަހަންނަށް ސަޕޯޓްކުރާ ފަރާތްތަކުން ފަރިތަކުރާ ތަނަށް އައިސް ބަލަން ތިބެއެވެ.
އެހެން ގޮތް ގޮތުންވެސް އަހަންނަށް މަޤުބޫލުކަން ލިބެމުން ދިޔައެވެ. ޒުވާން އަންހެން ކުދިންގެ ފަރާތުން ލޯބީގެ ހުށަހެޅުންތައް އެރަށުން އަހަންނަށް ލިބެމުން ދިޔައެވެ. އަހަރެން ބޭނުންހާ ވަގުތެެއްގައި އެކުދިން ތިބެނީ ތައްޔާރަށެވެ. އަހަރެން އުފާވާ ކަންތައް އެޒުވާން އަންހެންކުދިންގެ ފަރާތުން އަހަންނަށް ލިބެމުން ދެއެވެ.
އަހަރެން އެރަށަށް ދިޔަތާ ހަފުތާއެއްގެ ތެރޭގައި މުބާރާތް ފެށިޖެއެވެ. އެއީ ހުކުރު ދުވަހެވެ. މުބާރާތް ހުޅުވާ މެޗްގައި ކުޅެން ހަމަޖެހިފައިވަނީ އެހެން ދެޓީމެކެވެ. އަހަރެން އެދުވަހު ހޭލީވެސް ވަރަށް ލަހުންނެވެ. އަހަންނަކީ ނަމާދު ކުރުމަށް ސަމާލު ކަންދޭ މީހަކަށް ނުވާތީ ހުކުރު ދުވަހެއް ކަމުގައިވިއަސް ހުކުރަށްދާކަށްވެސް ނުތެދުވަމެވެ. ހޭލެވުނުއިރު މެންދުރު ފަހު 1:30 ވީއެވެ.
މެންދުރު ކެއުން ހަމަޖެހިފައިވަނީ އަހަންރެން އުޅޭ ގޭގެ ކައިރީގައި ހުންނަ ހޮޓަލަކުންނެވެ. އަހަރެން ހޮޓަލަށް ވަދެ މޭޒެއްގައި އިށީނީމެވެ. އަހަރެންގެ ފުރަގަހުގައި ކުޑަ ފިރިހެން ކުއްޖަކާއި އޭނާގެ ބައްޕް މޭޒެއް ކައިރީގައި ތިއްބެވެ.
އަހަރެން ސިއްސައިގެންދިޔައީ އެކުޑަ ފިރިހެން ކުއްޖާ ބުނި އެންމެ ޖުމުލައެއްގެ ސަބަބުންނެވެ. އެކުޑަ ކުއްޖާ ދެއްކީ އަހަރެންގެ ވާހަކައެވެ. އޭނާގެ ބައްޕަޔާއި، އަހަންނާއި ބެހޭ ގޮތުން ސުވާލުކުރީއެވެ. އަހަރެންގެ ނަން ބުނުމަށްފަހު، ހުކުރު ނަމާދަށް ގޮސް އަހަރެން ފެނޭތޯ ބެލިންކަމަށް އެކުޑަ ކުއްޖާ ބުންޏެވެ. އަދި އަހަރެން ހުކުރަށް ނުދިޔައީ ކީއްވެގެންތޯ އެކުޑަ ކުއްޖާ އޭނާގެ ބައްޕަ ގާތުގައި ސުވާލު ކުރިއެވެ.  އެކުޑަ ކުއްޖާއާ އޭނާގެ ބައްޕަޔަށް އަހަރެން ހުރި ކަމެއް ނޭންގޭނެއެވެ. އޭނާގެ ބައްޕަ ބުނީ އެންމެ ޖުމުލައެކެވެ. "ދަރިފުޅާ މަޝްހޫރު މީހަކަށް ވުމުން، އެމީހުން ހީކުރަނީ ދީނީ ވާޖިބުތައް އަދާކުރަން ނުޖެހޭނެކެމަށް އަދި އެމީހުންގެ މަޝްހޫރުކަން ބޭނުންކޮށްގެން ދީނުގައި އެންގެވި ނަހަމަގޮތުގައި އެމީހުންގެ ބޭނުންތައް ފުއްދާބައެއް" އޭނާގެ ބައްޕަ މިދިން ޖަވާބާއެކު އަހަރެންގެ ސިކުނޑިއަށް ޖަމާވަމުންދިޔައީ އެހެން ޚިޔާލު ތަކެކެވެ. އޭނާ އެބުނީ ތެދެކެވެ. އަހަރެންގެ މަޝްހޫރުކަން ބޭނުން ކުރަނީ އެފަދަ ނަހަމަގޮތުގައެވެ. އަހަންނަށް ވިސްނިފައި އޮންނަނީ މަޝްހޫރުވުމުން އަހަންނަކީ މީހުން ބަލައިގަންނަ މީހެއްކަމަށް އަހަރެން ހީކުރަމެވެ.
އެވަގުތު ކޮޅުގައި އަހަރެންގެ މިދިއުޅުމާއި ބެހޭގޮތުން އަހަންނަށް ފުރަތަމަވެސް ވިސްނާލެވުނެވެ. އހަރެންގެ ދިރިއުޅުމަކީ ތަރުތީބުވެފައިވާ ހަރުދަނާ ދިރިއުޅުމެއް ނޫންކަން އަހަންނަށް އިޙްސާސް ކުރެވުނީ ކުޑަ ކުއްޖާގެ ބައްޕަ ދިން ޖަވާބުންނެވެ. ތެދެކެވެ. އަހަރެން މޮޅު ފުޓު ބޯޅަ ކުޅުންތެރިއަކަށް ވުމުން އަހަންނަކަށް ދިރިއުޅުމުގެ ހުރިހާ އުފަލެއް ނުލިބެއެވެ.
ޙަޤީޤަތުގައިވެސް އަހަންނަށް ވަރަށް ފުން އަސަރެއް ކުރިއެވެ. އަހަރެން ހޮޓަލުން ނިކުމެ ގެއަށް ގޮސް ވިސްނަން ފެށީމެވެ. ހަމައެކަނި މަޝްހޫރު ކުޅުންތެރިއަކަށް ވުމުން އަހަންނަކީ ނަމޫނާއެއް ކަމަށް މީހުން ނުބަލާނެކަން އަހަންނަށް އެނގުނެވެ.
އެވަގުތުކޮޅަކީ އަހަރެންގެ ހަލަބޮލި ދިރިއުޅުމާމެދު އަހަރެން އެންމެ ފުންކޮށް ވިސްނި ވަގުތެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން އަހަންނަށް އިޙްސާސް ކުރެވުނެވެ. އަހަރެން އަޒުމު ކަނޑައެޅީމެވެ. އަހަންނަކީ ދިރުއުޅުމުގައި ހަރުދަނާ ސިފަތަކެއް ލިބިފައިވާ މީހަކަށް ވުމަށް އަހަރެން މަސައްކަތް ކުރާނަމެވެ.
އެދުވަހު އަޞުރު ނަމާދަށް އަހަރެންނަމާދަށް ދިޔައީމެވެ. އެއީ މިދިޔަ ދިގު ތާޜީޚުގައި ޖަމާޢާތުގެ ނަމާދެއްގައި އަހަރެން ބައިވެރިވި ފުރތަމަ ފަހަރެވެ. އޭގެ ފަހުން އަހަންނަށް ބޮޑު ބަދަލެއް އައިސްފައިވާކަން އަހަރެންގެ ޓީމުގެ ކުޅުންތެރިވެސް ފާހަނގަ ކުރިއެވެ.
މުބާރާތް ނިންމައި މާލެއައިރު އަހަރެންގެ ދިރިއުޅުންވަނީ ބަދަލުވެފައެވެ. ވަގުތައް ނަމާދު ކުރުމެވެ. ވަގުތައް ކުޅެން ދިއުމެވެ. މިހާރުވެސް އަހަންނަކީ މޮޅު ކުޅުންތެރިއެކެވެ.
ދިރިއުޅުމަށްއައި ބަދަލަށްފަހު ފުޓު ބޯޅަ ކުޅުން ހުއްޓާލަކަށް ގަސްތެއް ނުކުރަމެވެ. އެދެނީ އިސްލާމު ދީނުގައިވެސް އަދި ކުޅިވަރު ދަނޑުގައިވެސް  ޘާބިތުވުމެވެ. މިހާރު އަންނަށް ހިތްހަމަޖެހުން ލިބެއެވެ. ދީނުގައި ޘާބިތުވެ ހުރެވޭތީއެވެ. އަންނަށް އެނގި ހާމަވީ މަޝްޙޫރު ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުން އަހަރެންނަށް ހިތް ހަމަޖެހު ނުލިބޭނެކަމެވެ. ހިތުގެ ހިތް ހަމަޖެހުމަކީ އިސްލާމު ދީނުގައި ޘާބިތުވެ ހުރުމާއެކު ދުނިޔެ އާރާސްތު ކުރުމެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ރާއްޖޭގެ ހުރިހާ ފުޓުބޯޅަ ކުޅުންތެރިންނަށްވެސް މިފަދަ ބަޔަކަށް ވުމަށް ގޮވާލަން….. އެންމެންގެ ފާފަ ފުއްސަވާށި… އާމީން…

  2. ވަރަށް ޢިބްރަތްތެރި ވަރަށް ރަނގަޅު ލިޔުމެއް، މިއީ ހަމަ މުބާރާތްތަކަށް ރަށްރަށަށް ކުޅެންދާ ޒުވާނުން އުޅޭގޮތް، ފުޓްބޯޅަ މުބާރާތްތަކުގެ ތާވަލްތައް ރާވާއިރު ނަމާދު ވަގުތާއި ފުށުނާރާގޮތަށް ރޭވުމަށް އެފް.އޭ.އެމް އަށް ގޮވާލަން، އަދި ކުޅިވަރާއިބެހޭ ހުރިހައި ކުލަބް ޖަމްޢިއްޔާތަކަށްވެސް،،،!!

Your email address will not be published. Required fields are marked *

More in ވާހަކަ