އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ރިސާލަތު އަދި ނަމާދު ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގުރާމުގެ ތެރެއިން ރިސާލަތު ޕްރޮގުރާމުގެ ދަންފަޅި ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް ޢާޒިމް ޚާލިދު އެވެ. އަދި ނަމާދު ޕްރޮގުރާމުގެ ދަންފަޅި ނަންގަވައިދެއްވާފައިވަނީ އެ ވުޒާރާގެ ވާޢިޡުންކަމަށްވާ އައްޝައިޚް އަޠީފް އަބޫބަކުރާއި އައްޝައިޚް ޢަލީ ޝަހީދު އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރިސާލަތު ޕްރޮގުރާމަކީ ޢާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
ހަމައެއާއެކު، ނަމާދު ޕްރޮގުރާމަކީ ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމުގެ މަޤްޞަދުގައި މި އަހަރުން ފެށިގެން ކުރިއަށް ގެންދާ އައު ޕްރޮގުރާމެކެވެ. އަދި ސީއެސްސީގެ މުވައްޒަފުންނަށް ބޭއްވި މި ޕްރޮގުރާމުގެ ދަންފަޅިތަކުގައި އެ ކޮމިޝަންގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާކަން ފާހަގަކުރެވޭކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ޕްރޮގުރާމްތަކަކީ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގުރާމްތަކުގެ ތެރެއިން ބޭއްވުނު ޕްރޮގުރާމްތަކެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...