މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންމެ ފަހުން ނެރެފައިވާ މާލީ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 82 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 73 މިލިއަން ރުފިޔާއާ އަޅާބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.
އޮގަސްޓް މަހަށް އެކަނި ބަލާއިރު، މިއަހަރުގެ އޮގަސްޓް މަހު މުދަލު ޒަކާތުގެ ގޮތުގައި 8.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބިފައިވަނީ 7.4 މިލިއަން ރުފިޔާއެވެ. މިއީވެސް ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެގޮތުން މިހާރު ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 11,191.95 ރުފިޔާއެވެ. މިއީ ރިހީގެ ގްރާމަކަށް 18.81 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ އަދަދެވެ. މީގެ ކުރިން މުދަލު ޒަކާތުގެ ނިޞާބު ހުރީ 9,264.15 ރުފިޔާގައެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ޤައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ. މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަންޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...