ރާއްޖޭގެ ޚަބަރު ހުޅުމާލޭގައި ހިލޭ ޤުރުއާން ކްލާސްތައް ހިންގުމަށް އަލް އަސްރާއެކު އެޗްޑީސީން ސޮއިކޮށްފި

ހުޅުމާލޭގައި ހިލޭ ޤުރުއާން ކްލާސްތައް ހިންގުމަށް އަލް އަސްރާއެކު އެޗްޑީސީން ސޮއިކޮށްފި

ހުޅުމާލޭގައި ހިލޭ ޤުރުއާން ކްލާސްތައް ހިންގުމަށް އަލް އަސްރާއެކު އެޗްޑީސީން ސޮއިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭގައި ހިލޭ ޤުރުއާން ކްލާސްތައް ހިންގުމަށްޓަކައި، އަލް އަސްރު ޖަމްޢިއްޔާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

އެޗްޑީސީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. އަދި އަލް އަސްރުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ސަމޫހް އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، އަލް އަސްރުގެ ފަރާތުން ހުޅުމާލޭގައި ހިލޭ ޤުރުއާން ކްލާސްތަކާއި ދީނީ ދަރުސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ޤުރުއާން ސެޝަން ކުރިއަށްގެންދެވޭނެއެވެ. ކޮންމެ ސެޝަނެއްގައި 15 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ ކްލާސްތަކުގައި ކިޔަވައިދޭނެ ޓީޗަރުން ހަމަޖެއްސުމާއި، އެ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަލް އަސްރު ޖަމްޢިއްޔާގެ ފަރާތުންނެވެ. މިއީ އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

އެޗްޑީސީގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމަކީ ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެޗްޑީސީގެ އަމާޒެއް ކަމުގައި ވިދާޅުވެފައިވެއެވެ.

ޓެގް

އަލް ޢަޞްރް އެޗްޑީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.