ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައު ވެބްސައިޓު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި އައު ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާ ބެހޭ މަރުކަޒަށް ތަޢާރަފުކުރެވުނު އެންމެ ފެންވަރު ރަނގަޅު، އަދި އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ވެބްސައިޓެކެވެ. މި ވެބްސައިޓުގެ ޒަރީއާއިން މަރުކަޒުން ހިންގާ ކޯސްތަކާއި، ޤުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހައިން ލިބިގެންދާނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ވެބްސައިޓަކީ ޤުރުއާނާ ބެހޭ މަރުކަޒުގެ ޚަބަރުތަކާއި މަޢުލޫމާތު އާންމުންނާ ހަމައަށް އެންމެ ފަހުގެ އަޕްޑޭޓްތަކާއެކު ގެނެސްދޭނެ މުހިންމު ވަސީލަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.
މިގޮތުން، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމާއި، ޙާފިޡުންގެ ދަސްވެނިވުމުގެ ޚާއްސަ ރަސްމިއްޔާތު ބޭއްވުން ފަދا މުހިންމު މަސައްކަތްތަކެއް މިހާތަނަށް ވަނީ ކުރެވިފައެވެ. މި އައު ވެބްސައިޓަކީވެސް މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...