އަމިއްލަ ފަރާތްތަކުން އަޅަން ހަވާލުވާ މިސްކިތްތަކުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ފަށަން ލާޒިމުކޮށް، މިސްކިތެއް އަޅަން ދޭ މުއްދަތު 2 އަހަރަށްވުރެ ގިނަ ނުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
އިސްލާމީ ވުޒާރާއިން މިފަދަ އުޞޫލެއް ކަނޑައަޅުއްވާފައިވަނީ، އަމިއްލަ ފަރާތްތަކުން މިސްކިތް އެޅުމަށް ބިން ހޯދުމަށްފަހު، މަސައްކަތް ނުފަށައި ނުވަތަ ނުނިންމައި ގިނަ ދުވަސްތަކެއް ވަމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
މި އައު ސިޔާސަތުގެ ދަށުން، މިސްކިތް އެޅުމަށް ބިން ލިބޭތާ 6 މަސްދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭނެއެވެ. އަދި މި މުއްދަތުގައި މަސައްކަތް ނުފަށައިފިނަމަ، މިސްކިތް އެޅުމަށް ދޫކޮށްފައިވާ ބިން އަނބުރާ ސަރުކާރަށް ނެގޭނެއެވެ. މީގެއިތުރުން، މިސްކިތުގެ އިމާރާތް ތެރޭގައި އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް ނުވަތަ މުދާ ގުދަން ކުރުން ފަދަ ކަންކަން ނުކުރެވޭނެއެވެ.
އައު ސިޔާސަތުގެ ދަށުން، މިސްކިތް އެޅުމަށް ހުށަހަޅާ ފަރާތްތަކުން މަޝްރޫޢު ފެށުމުގެ ކުރިން މާލީ ޤާބިލްކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. އަދި މިސްކިތް ނިމުމުން ސަރުކާރާ ހަވާލުކުރަން ޖެހޭނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، މިހާރު މިސްކިތް އެޅުމަށް ހުއްދަ ދެވިފައިވާ ފަރާތްތަކާއި އަލަށް ހުށަހަޅާ ފަރާތްތަކުން ވެސް މި އައު އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ. މި ސިޔާސަތަކީ ރައްޔިތުންނަށް ދިމާވެފައިވާ ނަމާދުކުރުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް އެކުލަވާލެވިފައިވާ ސިޔާސަތެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...