އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގެ ބައިވެރިން މިއަދު މެލޭޝިޔާއަށް ފުރައިފިއެވެ. މި ކޯހަކީ މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ކުރިއަށްދާނެ ކޯހެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައިވަނީ އިމާމުންނާއި ޚަޠީބުންގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް މުވައްޒަފުންނަށެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބައިވެރިންގެ ޢިލްމީ ފެންވަރު މަތިކުރުމެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ކޯހުގެ ބައިވެރިންނަށް މެލޭޝިޔާގެ އިސްލާމީ އެކި މުއައްސަސާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.
މި ކޯހުގެ ތެރެއިން އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޝަންއާ ގުޅޭ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި 2024 ވަނަ އަހަރުވެސް މެލޭޝިޔާއިން އިމާމުންނަށް މިފަދަ ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ހޯއްދަވައިދެއްވާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
މި ކޯހަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދީނީ ދާއިރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...