ހުޅުމާލެ ފޭސް ދޭއްގައި ދެ މިސްކިތެއް އެޅުމަށްޓަކައި މިއަދު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު އެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
ހުޅުމާލެ ލޮޓް ނަންބަރު 22221 ގައި އަޅާ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 27,920 އަކަފޫޓެވެ. އަދި ލޮޓް ނަންބަރު 22242 ގައި އަޅާ މިސްކިތަކީވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 20,720 އަކަފޫޓެވެ.
މާލެ ސަރަހައްދުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ގިނަ މިސްކިތްތަކެއްގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މި ދެ މިސްކިތް އެޅުމަށް ބިން ހަވާލުކުރުމާއެކު، ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ ސަރަހައްދުތަކުގައި އަޅަމުންދާ މިސްކިތްތަކުގެ އަދަދު އިތުރުވެގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...